ޣައްޒާ އަސްކަރީގޮތުން ހިސާރު ކުރުމުގެ ޕްލޭނާ ގުޅިގެން އިޒުރޭލު ސަރުކާރު ބައިބައިވެ، ނަތަންޔާހޫގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު މާލީ ވަޒީރު ދީފިއެވެ.
އިޒުރޭލުގެ މާލީ ވަޒީރު ބެޒަލިލް ސްމޮޓްރިޗް ބުނީ ހަނގުރާމައިގެ އަސްލު އަމާޒުތަކުން، ސަރުކާރު ފަހަތަށް ޖެހިއްޖެ ނަމަ، އެއީ އިޒުރޭލުގެ ވުޖޫދަށް ކުރިމަތިވެދާނެ ބޮޑު ނުރައްކަލެއް ކަމަށެވެ.
އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަލާމަތީ ކެބިނެޓުން ޣައްޒާ އަތުލުމުގެ ޕްލޭނެއް ފާސްކުރުމާ ގުޅިގެން ނަތަންޔާހޫގެ ސަރުކާރު ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ. ސްމޮޓްރިޗް ވަނީ، އެ ޕްލޭނާ މެދު ރުޅިވެރިކަން ފާޅުކޮށް، ސަރުކާރު ވައްޓާލައި އަވަސް އިންތިޚާބެއް ބާއްވާނެ ކަމުގެ އިންޒާރު ދީފައެވެ.
އިޒުރޭލުގެ ދައުލަތުގެ ބްރޯޑްކާސްޓަރު، ކާން ބުނި ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ސްމޮޓްރިޗް ވަނީ، ހަނގުރާމައިގެ އަސްލު އަމާޒުތަކުން ސަރުކާރުން ފަހަތަށް ޖެހިއްޖެ ނަމަ އެއީ އިޒުރޭލުގެ ވުޖޫދަށް ކުރިމަތިވެދާނެ ބޮޑު ނުރައްކަލެއް ކަމަށް ބުނެފައެވެ.
"އަހުރެންގެ ނަޒަރުގައި އަހުރެމެންނަށް ހުރިހާ ކަމެއް ހުއްޓުވައި ރައްޔިތުންނަށް ގޮތެއް ނިންމަން ދޫކޮށްލެވޭނެ،" ސްމޮޓްރިޗް ބުންޏެވެ.
ސްމޮޓްރިޗް ބުނީ ޣައްޒާގެ ހަނގުރާމައިގެ ސަބަބުން މޮޅީ ކޮން ބައެއްކަން ޔަޤީންވާނޭ ކާމިޔާބީއަކާ ހަމައަށް އިޒުރޭލުގެ ސިފައިން ގެންދަން ބޮޑުވަޒީރު ނަތަންޔާހޫ ބޭނުންވާ ކަމަށް، މިހާރު ގަބޫލު ނުކުރެވޭ ކަމަށެވެ. އިޒުރޭލު ސިފައިން ފުރިހަމަ ކާމިޔާބީއެއް ހާސިލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އުންމީދުގައި ކުރިން، ކަންބޮޑުވުންތަކަށް އަޅާނުލި ނަމަވެސް މިހާރު ބޮޑުވަޒީރުގެ ލީޑަޝިޕަށް އިތުބާރު ގެއްލިފައިވާ ކަމަށްވެސް ސްމޮޓްރިޗް ބުންޏެވެ.
މީގެ ދެ ދުވަސް ކުރިން މި ޚިޔާލުތަފާތުވުންތައް އިތުރަށް ވަރުގަދަވީ ޣައްޒާގެ މައްޗަށް އަސްކަރީ ކޮންޓްރޯލް ގާއިމްކޮށް، ހަމާސްގެ އަތްދަށުން ޣައްޒާ މިނިވަން ކުރުމަށް ނަތަންޔާހޫ ރާވާފައިވާ ޕްލޭން ސަލާމަތީ ކެބިނެޓުން ރުހުން ދިނުމުންނެވެ. ނަތަންޔާހޫ ބުނީ އަމާޒަކީ ޣައްޒާ ދިގު މުއްދަތަކަށް ހިފުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ހަމާސް އަށް ވެސް އަދި ފަލަސްތީނުގެ އޮތޯރިޓީއަށް ވެސް ޖާގައެއް ނުލިބޭ މަދަނީ ވެރިކަމެއް ގާއިމުކުރުން ކަމަށެވެ.
މީގެ އިތުރުން ދީނީ ސިހުޔޫނީ ޕާޓީގެ އެމް.ކޭ ޒުވީ ސުއްކޮޓް ވެސް ވަނީ ހަނގުރާމައިގެ އަމާޒުތައް ދޫކޮށްލައިފިނަމަ ސަރުކާރު ވައްޓާލުމަށް ވޯޓު ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ސުއްކޮޓް ބުނެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ޙާލަތަށް އެނބުރި ގޮސް، ހަނގުރާމައިގެ އަމާޒުތައް ދޫކޮށްލައިފިނަމަ އެއީ އިޒުރޭލުގެ ވުޖޫދަށް ނުރައްކަލަކަށް ވާނެ ކަމަށެވެ. މިފަދަ ޙާލަތެއްގައި އަވަސް އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.
އަދި އިޒުރޭލުގެ ތެރޭގައި ވެސް، މި ޕްލޭނާއި މެދު ހިތްހަމަނުޖެހި، ވަރުގަދަ ދެކޮޅުވެރިކަމެއް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި އަސްކަރީ އޮފިޝަލުންނާއި ރަހީނުކޮށްފައިވާ މީހުންގެ ޢާއިލާތައް ވެސް ހިމެނެއެވެ.
ނަތަންޔާހޫ މީގެ ކުރިން ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ބުނީ، އިޒުރޭލުން ރާވާފައިވަނީ، މުޅި ޣައްޒާ އެއްކޮށް ހިސޯރުކޮށް އެންމެ ފަހުން "ޢަރަބި ބާރުތަކާއި ޣައްޒާ ހަވާލު ކުރުމަށެވެ." އަދިވެސް، މި އާ ޕްލޭނާ ބެހޭ ގޮތުން ސާފުނުވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.



advertisment