Support Us

ބަނޑޭރި ޙަސަންމަނިކުފާނުގެ ވާހަކަ

ބަނޑޭރި ޙަސަން މަނިކުފާނަކީ ހައްދުއްމަތީ އިސްދޫ ޢަލީ ރަސްގެފާނުގެ ޙަސަން ރަސްގެފާނުގެ، ޢަލީ މަނިކުފާނުގެ، ޙަސަން މަނިކުފާނެވެ. މަންމައަކީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު)ގެ، އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ، އަލްވަޒީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ، ޙައްވާބީފާނުގެ، ފާޠިމާފާނެވެ. ބަނޑޭރި ޙަސަން މަނިކުފާނަކީ އައްޑު އަތޮޅު ހިތަދޫއަށް އުފަން ބޭފުޅެކެވެ. ބަނޑޭރި ޙަސަން މަނިކުފާނު އުފަންވެވަޑައިގަތީ މީލަދީން ގާތްގަނޑަކަށް 1800 ވަނަ އަހަރުގައި ކަމަށް ބުނެވެއެވެ.

ބަނޑޭރި ޙަސަން މަނިކުފާނަކީ ދުޅަހެޔޮ، ރޫފަވެތި ހަށިގަނޑެއްގެ ވެރިއެކެވެ. ތޫނުފިލި ދޮން ދިވެއްސެކެވެ. ކުޅަދާނަ ބަސްމޮށުންތެރިއެކެވެ. އެ ޒަމާނުގައި އެފަދަ ދެވަނައެއް ނެތް މޮޅު ޝާޢިރެކެވެ. ތަފާތު ފަންނުތަކުން އަރާހުންނެވި ހިތްއަލި ބޭފުޅެކެވެ. ހަރުދަނާ ބުއްދިވެރި ފަލުސަފާވެރިއެކެވެ. ނަސަބާއި ހަސަބުގެ ގޮތުންނާއި ޢިލްމީ ޤާބިލުކަމުގެ ސަބަބުން ނަން އަރާހުރި މަގުބޫލު ޝަޚުސިއްޔަތެކެވެ.

ބުނެވޭގޮތުގައި ބަނޑޭރި ޙަސަން މަނިކުފާނު ކިޔަވާ ވިދާޅުވީ ބައްޕަ (ޢަލީ މަނިކުފާނު)ގެ އަރިހުންނާއި، އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނުގެ އަރިހުންނެވެ. އަދި ޅަ އުމުރުފުޅުގައި ދެ ފަހަރެއްގެ މަތިން އުތުރުކަރަ (އިންޑިއާ) އަށް ވަޑައިގެން ޢިލްމު އުނގެނިވަޑައި ގެންނެވިއެވެ. ބަނޑޭރި ޙަސަން މަނިކުފާނަކީ ދިވެހިރާއްޖެއާއި މި ސަރަޙައްދުގެ ޖޯގުރަފީ ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

"ބަނޑޭރި ހަސަން މަނިކުފާނު"ގެ ނަންފުޅުން މަޝްހޫރު ވެފައިވަނީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްޥަލްގެ ބޮޑު ބަނޑޭރިކަމުގައި ހުންނެވުމުންނެވެ. އެ ރަދުންގެ ރަސްކަމުގައި 1832 ވަނަ އަހަރު އެތެރެ ކޮއިލުގެ މަތިގެ ބިނާކުރެއްވިއިރު އެ މަސައްކަތުގެ މޭސްތިރިއަކީ އަދި ރަދުންގެ އޮފީސްކަމުގައިވާ މަތިގޭގެ ބަނޑޭރިއަކީ ބަނޑޭރި ޙަސަން މަނިކުފާނެވެ. އޭރު އެ މަނިކުފާނު ހުންނެވީ ކަކާ ބޭކަލެއްގެ ދަރަޖައިގައެވެ.

ބަނޑޭރި ޙަސަން މަނިކުފާނުގެ އަދަބީ މަސައްކަތްޕުޅުތަކަކީ އެދުވަސްވަރު ރަދުންގެ އަރިހުގައި ހުންނެވި ހުންނެވުމުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކެކެވެ. ބަނޑޭރި ޙަސަން މަނިކުފާނުގެ އެންމެ އަގުހުރި ޚިދުމަތަކީ އެ މަނިކުފާނު ހެއްދެވި "އަރިއަތޮޅު އަރުމާދު" އާއި "ދިޔޯގެ ރައިވަރު" މި ދެ ރައިވަރު ޅެންބައިގެ ދެ ފޮތެވެ. ބަނޑޭރި ޙަސަން މަނިކުފާނަކީ ދިވެހި ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތްތެރިޔާއެވެ.

އަރުމާދު ރައިވަރު ބަޔަކީ މުޢީނުއްދީން ރަދުން އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ސަފަރުނާމާއެވެ. އަރުމާދު ފޮތުގައި 169 ރައިވަރު އޮވެއެވެ. މި ރައިވަރުބައި ރަދުންގެ ހިރިޔާފާތުރާދަށަށް ހުށަހެޅުއްވިއެވެ. ދިޔޯގެ ރައިވަރު ބަޔަކީ އަރުމާދު ރައިވަރު ޅެންބަޔާ ރަދުން ހިތްޕުޅާ ހަމަކުރައްވައި، ރަދުންގެ އެދިވަޑައިގަތުމަކަށް ރައިވަރު ޅެބަޔަކުން ލިޔުއްވާފައިވާ ޚިޔާލީ ވާހަކައެކެވެ.

ދިޔޯ ކިޔަނީ ރީތި އަންހެނުންނަށެވެ. ދިޔޯގެ ވާހަކައިގައި އުޅެނީ ވަރަށް ރީތި އަންހެން ދެބޭންނެވެ. ދައިތާފުޅު ދިޔޯ އާއި ކޮއްކޯފުޅު ދިޔޯއެވެ. ދެ ބޭން ވެސް މަސައްކަތްކުރައްވަނީ ދުނިޔޭގެ ވެރިކަން ހޯއްދެވުމަށެވެ. އެއީ މާސީނު (ޗައިނާ) އާއި ސިޔާމު (ތައިލެންޑް) ގެ ރަނިކަމެވެ. ކޮއްކޯފުޅު އުޅުއްވަނީ އެފްރިކާގެ މުސިންބީ (މޮޒަންބީކް) ގައެވެ. ދައިތާފުޅު އުޅުއްވަނީ އިންޑިއާގެ ލަކަނޫގައެވެ. މި ވާހަކައިގައި މޮޒަންބީކުގައި އިންނެވި ކޮއްކޯފުޅު ދިޔޯ ފަންސާސް ނައުގައި ސިފައިންނާއި ހަތިޔާރާއެކު ވަޑައިގެން ދައިތާފުޅު ދިޔޯގެ ލަޝްކަރާ ކަނޑުމަތީން ބައްދަލުކުރައްވައެވެ. އަދި އެ ލަޝްކަރުގެ ނާތައް އަންދާ ލައްވައި ދައިތާފުޅު ބަލިކުރައްވައެވެ. ދިޔޯގެ ވާހަކައިގައި 331 ރައިވަރު އޮވެއެވެ.

އިހުގެ އަދީބުން ކުރެ ރައިވަރު ހެއްދެވުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް އަދީބުކަމުގައިވާ ބަނޑޭރި ޙަސަން މަނިކުފާނު ލިޔުއްވި އަރުމާދު (އަރުމާޒު) ރައިވަރު ބަޔާއި، ދިޔޯގެ ރައިވަރުބަޔަކީ އެ ޒަމާނުގެ ދިވެހިބަހުގެ އެންމެ މަތީ ފަޞާޙަޠާއި ބަލާޣަތު ފެންނަން އޮތް ދެ ފޮތެވެ.

ދިވެހި އަދަބިއްޔާތުގެ ރަންތަރި ބަނޑޭރި ޙަސަން މަނިކުފާނު އަވަހާރަވެފައިވަނީ އުމުރުން ގާތްގަނޑަކަށް 60 އަހަރުފުޅުގައި މީލާދީން 1860 ވަނަ އަހަރުހާ ތަނުގައެވެ. ފަސްދާނު ލެވިފައިވަނީ ހިތަދޫ ތަކުރުފާނު މިސްކިތު ގޯތީގެ ތެރޭގައެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

ރިފަރެންސް:

ބޮޑުފެންވަޅުގޭ ސީދީ. (1992). ކަންޒުލް އަދަބު – މަލަސް 40. މާލެ، ދިވެހިރާއްޖެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

އަޙްމަދު ޝަފީޤު. (1997). ޢިލްމީ ޚިދުމަތްތެރިން-1. މާލެ، ދިވެހިރާއްޖެ. މުދައްރިސުންގެ ތަޢުލީމީ މަރުކަޒު

ޞަފުވާން ޝަފީޤު. (2019). ތަހުލީލީ ނަޒަރަކުން ބަނޑޭރި ޙަސަން މަނިކުފާނާއި ވަންހަ. އާފަތިސް. ނެގީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *