Support Us

މަނަދޫގައި ރެކޯޑުކުރި ދޮހޮއްކޮބޭގެ އެންމެ މަޝްހޫރުވި ދެ ލަވައަކީ މިއީ

މަޝްހޫރު ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮ ނުވަތަ ފޮތުނަމުންނަމަ ޢަބްދުﷲ މޫސާގެ އިތުރު ތަޢާރަފެއް އަދިވެސް ދިވެހީންނަކަށް ބޭނުމެއް ނުވާނެއެވެ. އެއީ 20 ވަނަ ގަރުނުގެ ދިވެހިރާއްޖޭގެ އެންމެ މޮޅު ލަވަކިޔުންތެރިޔާއެވެ. ހަރުމޮނިޔަމު ކުޅުއްވަމުން ލަވަ ވިދާޅުވި ދެވަނައެއް ނެތް މޫސީގާރެކެވެ. ދިވެހީންގެ ކުދި ބޮޑު އެންމެންގެ ހިތްތަކުގެ ލޯބި ހޯއްދަވާފައިވާ އެންމެންގެ "ދޮހޮއްކޮބޭ" އެވެ.

ދޮހޮއްކޮބޭ ވިދާޅުވެފައިވާ ކޮންމެ ލަވައަކީ ޝާއިރީގޮތުން ވެސް މޮޅު ލަވައެވެ. އެ ލަވަތައް ހައްދަވާފައި ވަނީ ރާއްޖޭ އެންމެ ޢިލުމުވެރި، އަދި ފަންނުވެރި ޝާއިރުންނެވެ. ދޮހޮއްކޮބޭއަކީ ވިދާޅުވާ ލަވައެއްގައިވިއްޔާ ފެންވަރެއް ހުންނަންވާނެ ކަމަށް ވިދާޅުވެ ޢަމަލީގޮތުން އެކަން ދެއްކެވި ބޭފުޅެކެވެ. އަމިއްލަފުޅަށް ޅެމުގެ ފެންވަރު ވަޒަންކުރެއްވޭ ވަރުގެ ވެސް ބޭފުޅެކެވެ. ދޮހޮއްކޮބޭ ވިދާޅުވި މަޝްހޫރު ލަވަތަކުގެ ތެރެއިން ވަރަށް މަޝްހޫރު ދެލަވައެއް މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ވަނީ ރެކޯޑުކުރެވިއެވެ. މިކަން ގިނަ ބަޔަކަށް ނޭނގި އޮވެދާނެއެވެ.

މަނަދޫގައި ހުރި ނ. އަތޮޅުގޭގައި ދޮހޮއްކޮބޭ އަޑުން ރެކޯޑުކުރި ދެ ލަވައަކީ ދިވެހީންގެ ތެރޭގައި 1970 ގެ އަހަރުތަކުން ފެށިގެން އަދިއަދަށް ވެސް މަތީ ދަރަޖައެއް ހޯދާފައިވާ "މުނިޔާގެ ފޮޓޯ" އާއި "ނަނާ ހުވަފެން ދުށީމޭ" އެވެ.

"މުނިފޫހި ތިބާ އެރިތަން ފެނިފާ ދުނިޔޭގެ ނުދާނޭހެ ދެންފިލާ، މުނިޔާގެ ފޮޓޯ ދުރުގާ ހުރެގެން ދައްކާ ގޮތަކުން ދެން ސާދިލާ" މި ލަވައަކީ އައްޝައިޚު ޢުމަރު ޢީސާ (ޢީސާ ކަލޭފާނުގެ ދޮންމަނިކު) ގެ ޅެމެކެވެ. އެއީ ކުޅަދާނަ ޅެންވެރިޔެކެވެ. އެހާމެ މޮޅު ލިޔުންތެރިޔެކެވެ. ރީތި ވާހަކަތައް ދިވެހި ބަހަށް ތަރުޖަމާކުރެއްވި ދެވަނައެއް ނެތް މުތަރުޖިމެކެވެ. އަދަބީގޮތުން ފެންވަރުހެޔޮ އުފެއްދުންތަކެއް އުފެއްދެވި ކުޅަދާނަ މޮޅު އަދީބެކެވެ.

ދޮހޮއްކޮބޭ ވިދާޅުވެފައިވާ "ނަނާހުވަފެން” މި ލަވައަކީ ފަރިއްސެކެވެ. "ނަނާހުވަފެން ދުށީމޭ، ދަރާވާހިނދު ދުނިޔޭން- ބާރަކައި މީހަކުގެ ނުމެލައި، އާރަކަށް މާމުއި ފެތޭތީއޭ" މި ފަރިހި ހެއްދެވީ ކޮންމެ ބޭފުޅެއްކަމެއް ސީދާ ދަންނަވާކަށް ނޭނގެއެވެ. މި ފަރިއްސާ ބެހޭގޮތުން ވާރިދުވަމުން އައިސްފައިވާ ރިވާޔަތްތަކަށް ބަލާއިރު މި ފަރިހި ހެއްދެވި ކަމަށް ބުނެވޭ އެއް ބޭފުޅަކީ އަނގައިންނުބުނާގޭ ކަޅުތުއްތެވެ. އަނެއް ބޭފުޅަކީ ސަރޫރު ހޮއްކޮއެވެ. ކޮންމެ ބޭފުޅަކު ހައްދަވާފައިވީ ނަމަވެސް މިއީ ދިވެއްސަކު ހަދާފައިވާ އެންމެ ފުރިހަމަ އެއް ޅެމެވެ. މި ދެންނެވި ދެ ބޭފުޅުންނަކީ ވެސް ވަރަށް މަޝްހޫރު ފަރިހިތަކާއި ޅެންތައް ހެއްދެވި ކުޅަދާނަ ދެ އަދީބުންނެވެ.

"މުނިޔާގެ ފޮޓޯ" އާއި "ނަނާހުވަފެން ދުށީމޭ" މި ދެލަވަ ދޮހޮއްކޮބޭ ވިދާޅުވިއިރު ބެރު ޖެއްސެވީ ނ. މަނަދޫ ލިލީ ޢަބްދުލް ޢަޒީޒު ޤާސިމާއި، ނ. ވެލިދޫ އަފި، ޤާސިމް ޢީސާ (ކާސިންފުޅު) އެވެ. މި ދެ ލަވަ މަނަދޫގައި ރެކޯޑު ކުރެއްވީ ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ބަދުރުއްނަޞީރު (ބަދުރުބޭ) އެވެ. ދޮހޮއްކޮބޭގެ ރީތި ހިތްގައިމު އަޑުން މި ދެ ލަވަ ދިވެހިރާއްޖޭގެ އަޑުން ފޮނުވަން ފެށުމާއެކު އެ ދުވަސްވަރު މި ދެ ލަވައަށް ވަރަށް ބޮޑު ސަމާލުކަމަކާއި މަޝްހޫރުކަމެއް ލިބިގެން ދިޔައެވެ. އެ ދުވަހުން ފެށިގެން އަދިއަދަށްދާންދެން ވެސް މި ދެ ލަވަ އޮތީ ދިވެހީންގެ ދިވެހިލަވައިގެ "ރީތި އަބަދުވެސް ރީތި" ލިސްޓުގައެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *