ހުލުމާލެއިން ދިރިއުޅުމަށް ގަވާއިދާ ހިލާފަށް ބިން ދޫކުރަމުން ގެންދާ ކަމަށް ބުނާ ވާހަކަ ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.
އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިޢުލާން ކުރުމަކާ ނުލާ އެޗްޑީސީން ބިންތަކެއް ވިއްކަން އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ހަބަރަކީ "ހަގީގަތާ ހިލާފަށް ފަތުރާފައިވާ ހަބަރެއް" ކަމަށާއި އެކަމާ އެކޯޕަރޭޝަނުން ކަންބޮޑުވާ ކަމަށެވެ.
"މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، އިޢުލާންކުރުމެއް ނެތި ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް މި ކޯޕަރޭޝަނުން ކުރިއަށް ގެންގޮސްފައިނުވާނެ،" އެޗްޑީސީން ބުނެ އެވެެ.
އެޗްޑީސީން ބުނީ ދިިރިއުޅުމުގެ ބޭނުމަށް އެ ކޯޕަރޭޝަނުން ބިން ވިއްކުމުގެ އެއްވެސް މުއާމަލާތެއް ކުރިއަށް ގެންދާނީ އާއްމުކޮށް އިޢުލާންކޮށް، ހުޅުވާލެވިފައިވާ ބީލަން ޕްރޮސެސްއެއްގެ ތެރެއިން ކަމަށެެވެ.
މިގޮތުން މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ދިރިއުޅުމަށް ބިން ވިއްކުމަށް އިއުލާންކޮށްގެން ހުޅުވާލައިފައިވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި މިއިން ކޮންމެ ފަހަރަކު ވެސް ބިން ގަތުުމުގެ ބީލަން ޕްރޮސެސް ކުރިއަށްދާނެ ގޮތް ބީލަމަށް ހުޅުވާލި އިއުލާނާ އެކު އެ ކޯޕަރޭޝަންގެ ވެބްސައިޓްގައި ހިމަނާފައިވާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
"ހުޅުމާލެ ތަރައްގީކޮށް ހިތް ފަސޭހަ ތަނަކަށް ހެދުމަށް، އެޗްޑީސީން ހެޔޮ ނިޔަތުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އިތުބާރަށް ކިލަނބުކަން އަންނަ ގޮތަށް، ކަމުގެ ހަގީގަތް ބެލުމެއް ނެތި ހަަބަރު ގެނެސްދިނުން މި ކޯޕަރޭޝަނުން ކުށްވެރިކުރަން،" އެޗްޑީސީން ބުނެ އެވެ.
ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް އެފަދަ މައުލޫމާތުތައް ނުގެނެސްދިނުމަށް އެޗްޑީސީން އިލްތިމާސްކޮށްފައިވެ އެވެ.



advertisment

