މި ފަސް އަހަރު ނިމުމުގެ ކުރިން މަދުވެގެން ހަތް ސްކޫލް ހުޅުމާލޭގައި އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ތިން ފިޔަަވަހީގައި އާބާދީ އިތުރުވަމުންދާއިރު އެކިއެކި ހިދުމަތްތައް ހޯދަން ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު މާލޭ އަންނައިރު ކޮންމެ ދުވަހަކު ސްކޫލަށް ކުދިން ގެންނަން ވެސް އެތައް ބަޔަކު މާލެ އަންނަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި އިތުރު ސްކޫލްތައް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހުޅުމާލޭގައި މިހާރު ހުރި ސްކޫލްތަކާ އެކު 22 ސްކޫލެއް ހުޅުމާލޭގެ ޕްލޭންގައި ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"22 ސްކޫލް އަންނަ އިރުގައި މިއަހަރާ އެކީގައި ބާކީ މިއޮތް ހަތަރު އަހަރު އަޅުގަނޑުމެން ބަލާނަން މެކްސިމަމް ކިތައް ސްކޫލްތޯ ހެދެނީ ބަލަން. މަދުވެގެން ހަތް ސްކޫލް ނޫނީ 10 ވަރަކަށް ސްކޫލް ހަދާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ 1،500 އެއްހާ ކުދިންގެ އާބާދީއެއްގެ ސްކޫލަކަށް ސްކޫލް ވާންޖެެހޭއިރު މިކަމަށް ވަރަށް ބޮޑު ބަޖެޓެއް ދާނެ ކަމަށެވެ.
މީގެ އިތުރުން ޕާސްޕޯޓް ހެދުމާއި އައިޑީކާޑު ހެދުމާ އެފަަދަ އެކިއެކި ހިދުމަތް ހޯދަންް ހުޅުމާލެއިން މާލެއަށް ކޮންމެ ދުވަހު އެތައް ރައްޔިތުން އަންނަ ކަމަށާއި މި ހުރިހާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ސާވިސް ސެންޓަރެއް ހުޅުމާލޭގައި ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ބޭނުންވާނެ ކަމަށާއި އެކަމުގެ ސަބަބުން ޓްރެފިކް މޫވްމަންޓް ކުޑަވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ބްރިޖް ބޭނުންކުރަން ޖެހޭ ސަބަބުތައް މަދުވެގެން އެބަދޭ. ހުޅުމާލޭގައި ހުރެގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ހުޅުމާލޭން މިފަދަ ހުރިހާ ހިދުމަތްތައް ލިބޭ ގޮތް ހަދައިދޭނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލޭގެ ފޭސް ދޭއްގައި މިވަގުތު ހުރީ ސަލާހުއްދީން ސްކޫލް އެކަންޏެވެ. އެ ސްކޫލްގައި މިވަގުތު ވެސް 2000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދާއިރު މިދިޔަ އަހަރުން ފެށިގެން ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ ހުރަވީ ސްކޫލުގައި ވެސް ފޭސް ދޭއްގައި އުޅޭ ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.



advertisment