އަޅުގަނޑު ކިރިޔާ ހަނދާން ހުންނަހާ ކުޑައެވެ. އޭރުގެ އެއް ހަނދާނަކީ އަތޮޅު އޮފީސް ކުރިމަތީގައި ހުންނަ އަތޮޅު އިސްޓޯރަށް މާމައާއެކު އެއްޗެހި ގަންނަން ދާ ހަނދާނެވެ. އެންމެ ދާހިތްވަނީ ހަވީރު ގަޑީގައެވެ. އޭރު އެ ގަޑީގައި ބޮޑު އިންޖީނެއް އަތޮޅުގޭގައި ހިންގާފައި ހުންނާތީއެވެ. ކުޑަ ކުދިންތައް އެ އިންޖީނު ހިންގާތަން ބަލަން ގޮސް ތިބެއެވެ. އޭރު ވެސް އަތޮޅުގޭގައި ބަނޑޭރި އުޅުއްވައެވެ. އަޅުގަނޑު ސުކޫލުގައި އުޅުނުއިރު ވެސް އަތޮޅުގޭގައި ބަނޑޭރި އުޅުއްވައެވެ. އެންމެން ވެސް ކިޔަނީ ބަނޑޭރިއެވެ. ރަށު މީހުންނާއި އަތޮޅު މީހުން ވެސް ކިޔަނީ ބަނޑޭރިއެވެ. ބަނޑޭރީގެ އަސްލުނަމެއް އަޅުގަނޑަކަށް އޭރަކު ނޭނގެއެވެ.
އެއީ ނ. މަނަދޫ، ހުސްނުހީނާގޭ އިބްރާހީމް މޫސާއެވެ. ސްކޫލު ދައުރަށްފަހު އަތޮޅު އޮފީހުގައި އަޅުގަނޑު ކުޑަ ދުވަސްކޮޅަކު އުޅުނީމެވެ. އޭރުންސުރެ އަޅުގަނޑު ކިޔަނީ އިބްރާހީމްބެއެވެ. ނ. އަތޮޅު އޮފީހުގެ ބަނޑޭރިއެއްގެ ވަޒީފާއިން އިބްރާހީމްބެ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޖަނަވަރީ 13، 1964 ގައެވެ. އޭރު އަދި އަޅުގަނޑު އުފަންވެސް ނުވެއެވެ. އިބްރާހީމްބެ 44 އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 މޭ 2008 ގައެވެ. އުމުރުން 65 އަހަރުވުމުން ޤާނޫނީ ގޮތުން ކުއްލިއަކަށް ޚިދުމަތުން ރިޓަޔަރ ކުރައްވަން ޖެހިވަޑައިގަތުމުން މިފަދަ ގިނަ ބޭފުޅުންނަށް އެކަންވީ ބޮޑު ބައްޔަކަށެވެ. ވަރަށް ބޮޑު ހިތްދަތިކަމަކަށެވެ. އެއީ އެ ބޭފުޅުން ހީފުޅު ކުރައްވައިގެން ތިއްބެވި ދުވަހެއް ނޫނެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިގެން ދިވެހި ދައުލަތުން ދެއްވާ އިނާމު އިބްރާހީމްބެއަށް މި އަހަރުގެ މިނިވަން ދުވަހު ލިބިވަޑައިގަތެވެ. ޚިދުމަތުގެ އަގުވަޒަންކުރައްވައި ދައުލަތުން ދެއްވި ފިލައާއި މެޑެލި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުން އިބްރާހީމްބެއާ ހަވާލު ކުރެއްވި މަންޒަރު ބަލަން އިންއިރު އަޅުގަނޑުގެ ހަނދާންތައް ގެންގޮސްދިނީ މީގެ 30 އަހަރު ކުރިއަށެވެ. ނ. އަތޮޅު އޮފީހުގައި އަޅުގަނޑު މަސައްކަތްކުރި ދުވަސްވަރަށެވެ. އިބްރާހީމްބެއާ އެކު މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުނުފަހުން އެ ގާތްކަން އަބަދުވެސް އޮވެއެވެ. އިބްރާހީމްބެއަކީ އޭރުވެސް ބަނޑޭރިއެވެ. ފަހުން ސަރުދާރެއްގެ ވަޒީފާއަށް ބަދަލުކުރެއްވިޔަސް އޮންނަނީ ބަނޑޭރީގެ ނަމެވެ. އަތޮޅު އޮފީހާއި އަތޮޅުގޭގައި ޖެހުނުހާ މަސައްކަތެއްގައި އުޅުއްވައެވެ. ވަޒީފާގައި އޭރު ވެސް ފެނުނީ މުރާލިކަމާއި ހީވާގިކަމެވެ. ސާފުތާހިރުކަމާއި ބަސްމަދުކަމެވެ. މީހުންނަށް އިހުތިރާމުކުރުމާއި ހިތްހެޔޮކަމާއި ހިނިތުންވުމެވެ.

އަތޮޅުވެރިންގެ އިތުރުން އަތޮޅުވެރިޔާގެ އާއިލާގެ ބޭފުޅުން އަތޮޅުގޭގައި ތިއްބަވާނަމަ އެ ބޭފުޅުންގެ ކަންތައްތައް ވެސް ބަލަހައްޓަވައެވެ. އަތޮޅުގޭގެ ހުރިހާ ކަމެއް ތަރުތީބުން ގެންދަވައެވެ. ސަރުކާރުގެ ޢިއްޒަތްތެރިއަކު ވަޑައިގެންފިނަމަ އެ ބޭފުޅެއްގެ ކަންތައްތައް ވެސް ބަލަހައްޓަވައެވެ. އަތިރިމައްޗަށް ދުރުވެ މަސް ބައްލަވައިގަންނަވައެވެ. ބައެއް ފަހަރު ބަދިގެ ތެރެއިން ވެސް ފެނެއެވެ. އަތޮޅުވެރީންނަށާއި އަތޮޅުގެއިން ފަރީއްކޮޅު އޮންނަ ބޭފުޅުންނަށް ފަރިއްކޮޅަށް ދަންނަވައެވެ. އެ ބޭފުޅުންނަށް ފަރިއްކޮޅު އަރުވައެވެ. ތަށިމަތި ބަލަހައްޓަވައެވެ. އަތޮޅުގެއިން ކެއުން ނޯންނަ އަޅުގަނޑުމެން ކަހަލަ ޒުވާނުންނަށް ބަނޑޭރިއަކަށް އިބްރާހީމްބެ ކަހަލަ ހިތްހެޔޮ ބޭކަލަކު ހުންނަވާކަމީ ނަސީބެކެވެ.
އިބްރާހީމްބެއަކީ މަސައްކަތު މީހަކު އަތުނުޖެހިގެން އުޅޭ ވަގުތެއްގައި ނަމަ މަސައްކަތު މީހެކެވެ. ޕިޔޯނެއް ނެތްތަނުގައި ޕިޔޯނެކެވެ. އަތޮޅުގެއާއި އަތޮޅު އޮފީހާއި ގޯތިތެރެ ވެސް ބައެއް ފަހަރު ކުނި ކަހަން ހުންނަވިކޮށް ފެނެއެވެ. މީހަކު ހޯދާލަން ވެއްޖެ ނަމަ ގިނަ ފަހަރަށް އަތުޖެހެނޭނީ އިބްރާހީމްބެއެވެ. މީހަކަށް އެއްޗެއް ހަވާލުކޮށްލަން ނޫނީ ފިހާރަޔަކުން އެއްޗެއް ގަނެލަން ފޮނުވަން ޖެހުނަސް އެންމެ ފަސޭހައިން އަތުޖެހޭނީ އިބްރާހީމްބެއެވެ. ވެރިއަކު ކަމެއް ކުރުމަށް ވިދާޅުވެގެން ޝަކުވާއެއް ކުރެއްވި އަޑެއް ނާހަމެވެ. އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ދުވަސްކޮޅުގައި ސަލާމެއް ހެއްދެވި ކަމެއް ނޭނގެއެވެ. ޗުއްޓީއެއް ނެންގެވި ހަނދާނެއް ނުވެއެވެ. އެފަދަ ވަޒީފާއެއްގައި 44 އަހަރު ޚިދުމަތް ކުރެވޭނީ މަސައްކަތުގެ އަޚުލާޤެއް ހުރެގެންނެވެ. އެތައްއެތައް އަތޮޅުވެރިންނަކާއި އެކި ދުވަސްވަރު އަތޮޅު އޮފީސް ހިންގެވުމާ ހަވާލުވެ ތިއްބެވި ތަފާތު ޚިޔާލާއި މިޒާޖުގެ ވެރިންނާއެކު ހާދިމެއްގެ ގޮތުގައި ދެގޮތެއް ނުވެ މަސައްކަތް ކުރެވޭނީ މުރާލިކަމަކާއި ހީވާގިކަމެއް ހުރެގެންނެވެ. އަދި ކީއްތޯއެވެ. ވަރަށް މަތީ ދަރަޖައަކަށް ކެތްތެރިކަން ވެސް ހުރެގެންނެވެ.

ދިވެހި ދައުލަތުން މިއަދު އިބްރާހީމްބޭގެ ޚިދުމަތަށް ޝުކުރުވެރިވެ، އެ ޚިދުމަތް ބަލައިގަންނަވައި އަގުވަޒަން ކުރައްވައިފިއެވެ. އެކަމުން އިބްރާހީމްބެއަށް ލިބިލެއްވި އުފާ ނުހަނު ބޮޑެވެ. ފުރޮޅުލީ ގޮޑިއެއްގައި އިންނަވައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާ ސަލާމްކުރެއްވި ވަގުތު އިބްރާހީމްބޭގެ މޫނުމަތިން ފެނުނީ އެ އުފާވެރިކަމެވެ. އެ ހިތްހަމަޖެހުމެވެ.
އިބްރާހީމްބެއަށް ފުރިހަމަ ޞިއްޙަތަކާއި ބާއްޖަވެރި ހަޔާތެއް މިންވަރުކޮށް ދެއްވާށިއެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment