Support Us

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 2024:

ޢަބްދުއްލަޠީފު: ތެދުވެރިކަމާއި ހީވާގިކަމާއި އިޚުލާޞްތެރިކަމުގެ ނަމޫނާއެއް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ ޝަރަފުވެރި އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ބޭފުޅުންގެ ތެރޭގައި ޢަބްދުއްލަޠީފް ޙުސައިނަކީ ވެސް ވަރަށް ޚާއްސަ ބޭފުޅެކެވެ. ޢަބްދުއްލަޠީފް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ މިނިސްޓްރީ އޮފް ހެލްތުގައި، ޑޮމިސިލިއަރީ ވަރކަރެއްގެ ގޮތުގައި 1967 ގައެވެ. ޖުމްލަ 43 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ ފެބުރުވަރީ 2010 ގައެވެ.

ޢަބްދުއްލަޠީފް، ދައުލަތަށް ޚިދުމަތް ކުރެއްވި މި ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް ހެލްތުގެ ޑޮމިސިލިއަރީ ވަރކަރގެ މަގާމާއި ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަން އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ މައިކްރޮސްކޯޕިސްޓް ކަމުގެ މަގާމާއި، ސީނިއަރ މައިކްރޮސްކޯޕިސްޓް ކަމުގެ މަގާމާއި، އިންސްޕެކްޓަރު ކަމާއި ސީނިއަރ އިންސްޕެކްޓަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޢަބްދުއްލަޠީފް ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއަރ އިންސްޕެކްޓަރު ކަމުގެ މަގާމުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢަބްދުއްލަޠީފް ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އިމަރޖެންސީ ހާލަތްތަކުގައި ރާއްޖެތެރެއިން ގެންނަންޖެހޭ ބަލިމީހުން މާލެއަށް ގެނައުމަށްފަހު ބަލިމީހާއަށް ދޭންޖެހޭ ބޭސްފަރުވާގެ ކަންތައްތައް ހަމަޖެއްސެވުމާއި، މާލޭގައި ހުރި ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަން، ގަވާއިދާ އެއްގޮތަށް ހިފެހެއްޓިފައިވޭތޯ ބެއްލެވުމުގެ މަސައްކަތް ހިމެނެއެވެ.

ޢަބްދުއްލަޠީފް ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހެލްތުން ގަލޮޅު ބޯޅަދަނޑުގައި ހިންގެވި ކޮލެރާ ރޯގާ ކޮންޓްރޯލް ކުރެއްވުމުގެ މަސައްކަތާއި، މިނިސްޓްރީ އޮފް ހެލްތާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަން އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގައި ޑަބްލިޔޫ.އެޗް.އޯ.ގެ ދަށުން ހިންގި މެލޭރިއާ ޕްރޮޖެކްޓުގެ މަސައްކަތާއި، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި، 2007ވަނަ އަހަރު ނެގި އާންމު ސިއްރު ވޯޓުގެ މަސައްކަތް ހިމެނެއެވެ.

ޢަބްދުއްލަޠީފަކީ، ތެދުވެރިކަމާއި ހީވާގިކަމާއި އަދި އިޚުލާޞްތެރިކަމާ އެކުގައި މެދުނުކެނޑި ސަރުކާރަށް ޚިދުމަތް ކުރެއްވި އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދެވި ނަމޫނާ ބޭފުޅެކެވެ. އަދި މެދުނުކެނޑި ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 40 އަހަރުވުމުން، ދެވަނަ ޕެންޝަން ލިބިވަޑައިގަތުމާ ގުޅިގެން، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ދެއްވި ލިޔުންވެސް ޢަބްދުއްލަޠީފަށް ލިބިވަޑައިގެންފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *