އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ބައި ލައްކައަށް ވުރެ މައްޗަށް އަރައިފި އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން އިންޑިއާގައި 961 މީހުން މަރުވެފައިވާއިރު، 58،000 އަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިއާއެކު އިންޑިއާގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2.6 މިލިއަނަށްވުރެ މައްޗަށް އަރައިފަ އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 51،045 އަށް އަރައިފަ އެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއަކީ ތިންވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ޤައުމެވެ. އަދި މި ބަލިޖެހިގެން ހަތަރުވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިންޑިއާއިންނެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބަލިން 1.8 މީހުން ރަނގަޅުވެ، މިހާރު ފަރުވާދެމުންދަނީ ހަތް ލައްކައެއްހާ މީހުންނަށް ކަމަށެވެ.
އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސަރޗާއި ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ބުނީ އޮގަސްޓް 16 އާއި ހަމައަށް އެ ޤައުމުގައި 30 މިލިއަން ސާމްޕަލް ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އިންޑިއާގައި ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެ ޤައުމުގެ ހުޅަނގު މަހާރަޝްތްރާ ސްޓޭޓްގަ އެވެ. އެ ސްޓޭޓުގައި އެކަނިވެސް 595،865 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 21.6 މިލިއަނަށްވުރެ މައްޗަށް އަރައިފަ އެވެ.



advertisment