ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރުގެ ކުރިން ދެކުނު އެފްރިކާގެ އަސްލު ރަށްވެހިން ތަޙައްމުލު ކުރަމުންދިޔަ ނަސްލީ އިމްތިޔާޒަށްވުރެ އިސްރާއީލުން ފަލަސްޠީނުގެ ބިމުގެ ރަށްވެހީންނާ ދެކޮޅަށް ގެންގުޅޭ ނަސްލީ އިމްތިޔާޒު މާ ބޮޑަށް ވެސް ނުބައެވެ.
ހޮލެންޑްގައި ހުންނަވާ ދެކުނު އެފްރިކާގެ ސަފީރު ފޮސިމޯޒީ މެޑޮންސެލާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެކުނު އެފްރިކާގެ ރައްޔިތުންނަށް އިސްރާއީލުން ގެންގުޅޭ ލާއިންސާނީ ނަސްލީ އިމްތިޔާޒު ފެނެއެވެ. އަދި އަޑު ވެސް އިވެއެވެ. އެއީ އަޅުގަނޑުމެންގެ ޤައުމުގައި ކަޅު މީހުންނާ ދެކޮޅަށް ހިންގައިފައިވާ ނަސްލީ އިމްތިޔާޒުގެ ނިޒާމަށްވުރެ މާ ބޮޑަށް ހައްދުފަހަނަޅައިފައިވާ ނިޒާމެކެވެ."
އޭނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ހޮލެންޑްގެ ވެރިރަށް ހޭގްގައި ބައިނަލްއަޤްވާމީ އިންސާފު ކޯޓުން ބަލަމުންދާ އިސްރާއީލުގެ ނަސްލީ އިމްތިޔާޒާ ބެހޭ ޚާއްޞަ އަޑުއެހުމުގެ މިއަދުގެ ޖަލްސާގައެވެ. މި ކޯޓުގައި މި ކަމާ ބެހޭ ގޮތުން ބާއްވަމުންދާ އަޑުއެހުންތަކުގައި 52 ޤައުމަކުން ވާހަކަދައްކާނެއެވެ.
ހޯމަދުވަހު މި ކޯޓުގައި ވާހަކަފުޅުދެއްކެވީ ފަލަސްޠީނުގެ ޚާރިޖީ ވަޒީރާއި ފަލަސްޠީނުގެ ޤާނޫނީ ޓީމުންނެވެ.
ފަލަސްޠީނުގެ ބިންތައް ހިފައިގެން އޮތްއޮތުމުގެ ސަބަބުން އުފެދިފައިވާ ޤާނޫނީ މަސްއަލަތަކާމެދު މަޝްވަރާ ދިނުމަށް ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިއްޔެ ފެށި އަޑުއެހުންތަކުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލަސްޠީނުގެ ޚާރިޖީ ވަޒީރު އަލްމާލިކީ ވިދާޅުވިއެވެ. "ނަސްލުހޭދުގެ ޖަރީމާތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ." އޭނާ ވިދާޅުވިގޮތުގައި "މި ކަންތައްތައް އަވަހަށް ނިމުމަކަށް ގެނައުމަށް ޓަކައި އިސްރާއީލަށް ޢަމަލުކުރުން ލާޒިމުކުރާ އަޚްލާޤީ އަދި ޤާނޫނީ އެތައް ކަންތައްތަކެއް ވެއެވެ."
މާލިކީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިސްރާއީލުން ވަނީ 1967ގެ ފަހުން ފަލަސްޠީނު ބިމުން އެ ބިމުގެ އަހްލުވެރިންގެ ތިންބައި ކުޅަ ދެބައި މީހުން ބޭރަށް ފައްސައިލައިފައެވެ. އެއަށްފަހު އިސްރާއީލުން ވަނީ އިތުރު ބިންތައް ހިފައިފައެވެ."
ދެ މިންގަނޑުން ފަލަސްޠީނު މީހުންނާމެދު މުޢާމަލާތުކުރުން ހުއްޓައިލުމަށް އޭނާ ގޮވައިލެއްވިއެވެ.
ބައިނަލްއަޤްވާމީ ކޯޓުގައި ވަކާލާތު ކުރައްވާ ފަލަސްޠީނުގެ ޓީމު ވިދާޅުވާގޮތުގައި އދ ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަލަސްޠީނާއެކު ވާހަކަދެއްކުމާ އިސްރާއީލު ދެކޮޅު ހަދައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ތިން މުނާސަބަތެއްގައި ވަނީ ފަލަސްޠީނު ދައުލަތް ޤަބޫލު ނުކުރާނެކަމަށް ބުނެފައެވެ.
ކޯޓުން މި މަސއަލަ ބަލަން ފެށީ އދ ގެ ޢާންމު ޖަމްޢިއްޔާއިން 2022 ގައި ކޯޓުގެ ޤާނޫނީ ލަފައަކަށް އެދި މި ކޯޓަށް އަމުރުކުރުމުންނެވެ.