ކޮވިޑް-19 ވުޖޫދަށް އައި ގޮތް ހޯދުމަށް ތައިލެންޑްގެ ސައިންސުވެރިންގެ ޓީމެއް ވާ ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިހާތަނަށް 20.5 މިލިއަން މީހުން ޕޮޒިޓިވްވެ، 748،000 މީހުން މަރުވެފައިވާ ކޮވިޑް-19 އަށް ކުރެވުނު ފުރަތަމަ ދިރާސާތަކުން ދައްކާ ގޮތުގައި މި ބަލި ޖެހެން މެދުވެރިވި ކޮރޯނާ ވައިރަސްގެ އަސްލަކީ ވާލެވެ. ކޮރޯނާ ވައިރަސްއާއި އެންމެ ގާތްކުރާ ވައިރަހެއް މިހާތަނަށް ފެނިފައިވަނީ ޗައިނާގެ ދެކުނު ޔުނާން ޕްރޮވިންސުން ފެންނަ ހޯސްޝޫ ވާލުންނެވެ.
ތައިލެނޑްގައި ހޯސްޝޫ ވާލުގެ 19 ވައްތަރެއް ދިރިއުޅޭއިރު ތައިލެންޑުގެ ސައިންސްވެރިންގެ ޓީމުން ބުނެފައި ވަނީ މި ބާވަތްތައް އައު ކޮރޯނާ ވައިރަހަށް އަދި ޓެސްޓުކޮށްފައި ނުވާ ކަމަށެވެ. ޓެސްޓުކުރުމުގެ މަސައްކަތުގައި މި ޓީމުން ވަނީ ތައިލެންޑްގެ މަޝްހޫރު ސައި ޔޮކް ނޭޝަނަލް ޕާކު ކައިރީގައި ހުންނަ ހޮހޮޅަތަކަށް ގޮސް، 200 އެއްހާ ވާ ތަފާތު ތިން ހޮހޮޅައަކުން ހިފޭނެ ގޮތަށް ދާ ދަމައިފަ އެވެ. އަދި ތައިލެންޑުގެ ރެޑްކްރޮސް އިމަރޖިން އިންފެކްޝަސް ޑިޒީޒް ހެލްތު ސެންޓަރުން ވަނީ ވާލުގެ ކުޅު، ލޭ އަދި ބޮޑުކަމުދާ ތަކެތި ނެގުމަށްފަހު ވާތައް ދޫކޮށްލައިފަ އެވެ.
މި ދިރާސާ ކުރަމުންދާ ތައިލެންޑްގެ ޓީމުގެ ޑެޕިއުޓީ ޗީފް ސުޕަޕޯނަކީ ވާ އަދި ވާލާ ގުޅުންހުރި ބަލިތަކާ ގުޅޭގޮތުން 20 އަހަރަށް ވުރެ ގިނަ ދުވަހު ދިރާސާކޮށްފައިވާ ބޭފުޅެކެވެ. ތައިލެންޑްގެ ވާލުން ކޮވިޑް-19 ޖެހެން މެދުވެރިވާ ވައިރަސް ފެންނާނެ ކަމަށް ޤަބޫލުކުރާ ކަމަށާއި، މި ބައްޔަކީ ސަރަހައްދީ ރޮނގުން ހުއްޓުވޭނެ ފަދަ ބައްޔެއް ނޫން ކަމަށް ސުޕަޕޯން ވަނީ ވިދާޅުވެފަ އެވެ. އަދި ވާލުގެ ޒަރިއްޔާއިން މިބަލި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ފެތުރިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅޭގޮތުން ނޭނގޭ އެތައް ކަމެއް ހުރިއިރު، މި ދިރާސާގެ ސަބަބުން މި ބަލި އުފެދިގެން އައި ގޮތް ހޯދިދާނެ ކަމަށް ތައިލެންޑްގެ މި ޓީމުން އުއްމީދުކުރެ އެވެ.



advertisment