Support Us

ކޮވިޑް-19 ޖެހިގެން އިންޑިއާގައި މަރުވި މީހުންގެ އަދަދު 47،000 އިން މައްޗަށް

އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 47،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

އިންޑިއާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 66،999 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 942 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެ އެވެ. އެއާއެކު އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު އިނގިރޭސިވިލާތަށްވުރެ މައްޗަށް އަރައި، އެ ޤައުމު ވަނީ ކޮވިޑް ލިސްޓުގައި ދުނިޔޭގައި ހަތަރުވަނަ އަށް އަރައިފަ އެވެ.

އިންޑިއާގައި ހަލުވި ދުވެލީގައި ކޮވިޑް-19 ފެތުރެމުންދާއިރު އެ ޤައުމުގެ ފަޤީރު ހިސާބުތަކުގައި ކޮވިޑުން ރައްކާތެރިވުމަށް އަމަލުކުރަމުން އައި ގޮތްތައް ދޫކޮށްލައި، އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫއަވެފައިވާ ކަމަށް ރޮއިޓަރޒް އިން ކުރި ތަޙުޤީޤަކުން ދައްކަ އެވެ. އެގޮތުން އިންޑިއާގެ އައްސާމް ސްޓޭޓް ކައިރީގައި އޮންނަ ކުޑަ އަވަށެއްގައި ދަނޑުވެރިކަން ކުރާ މީހުން މަސައްކަތްކުރަމުން ދަނީ މާސްކު ވެސް ނާޅައި، އަދި ގައިދުރުކަންވެސް ނުބަހައްޓައި ކަމަށް އެ ސަރަހައްދަށް ޒިޔާރަތްކުރި ރޮއިޓަރޒްގެ ރިޕޯޓަރުން ބުންޏެވެ.

ފާއިތުވި ހަފްތާތަކުގެ ތެރޭގައި ރޮއިޓަރޒްގެ ރިޕޯޓަރުން ވަނީ އިންޑިއާގެ ގިނަ އަދަދެއްގެ ފަޤީރު އަވަށްތަކަށް ޒިޔާރަތްކޮށް، އެތަންތާނގައި ދިރިއުޅޭ މީހުންނާއި އިންޓަވިއުކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ބުނާގޮތުގައި ކޮވިޑް-19 އަކީ މީހުން ހީކުރާވަރުގެ ނުރައްކާތެރި ބައްޔެއް ނޫނެވެ.

އިންޑިއާގެ ކުދި އަވަށްތަކުގެ މީހުންގެ އަމަލުތަކާމެދު އެ ޤައުމުގެ ސިއްޙީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެ ޤައުމުގެ ތަރައްޤީ ހިސާބުތަކުގައި ވެސް ގިނަ އަދަދެއްގެ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެގޮތުން އިންޑިއާގެ އިތުރު ކެބިނެޓް މިނިސްޓަރެއްވެސް އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ޝްރިޕާދް ނައިކް ކޮވިޑަށް ޕޮޒިޓިވްވިކަން ޓްވިޓަރ މެދުވެރިކޮށް އިޢުލާންކުރައްވަމުން ވިދާޅުވީ އޭނާގެ ހާލަތު ރަނގަޅު ކަމަށާއި، ހޯމް އައިސޮލޭޝަންގައި ހުރުމަށް އިހުތިޔާރުކޮށްފައިވާ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި އޭނާއާ ބައްދަލުވި މީހުން ކޮވިޑަށް ޓެސްޓުކުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ގިނަ ވަޒީރުންތަކެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *