ރަޝިއާގައި ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް އެ ޤައުމުގެ ރައީސް ވްލަޑަމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން ރަޝިއާގެ ސަރުކާރުގެ އިސްވެރިންނާ އެކު މިއަދު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ވެކްސިންއެއް ރަޖިސްޓަރކޮށްފައި ވަނީ މިއަދު ހެނދުނު ރަޝިއާގައި ކަމަށެވެ. އަދި ވެކްސިން ޓެސްޓުކޮށް، ޕުޓިންގެ ދަރިކަނބަލަކަށް ދީފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
ރަޝިއާއިން އުފެއްދި ވެކްސިންގެ ރައްކާތެރިކަމާ މެދު ތަޖުރިބާކާރުން ސުވާލު އުފައްދަވާފައިވާއިރު، އެ ޤައުމުން ބުނެފައި ވަނީ މި ވެކްސިން އަކީ ރައްކާތެރި ވެކްސިން އެއްކަން ކަށަވަރުވެފައިވާ ކަމަށެވެ. ވެކްސިން ބަރާބަރަށް މަސައްކަތް ކުރާ ކަމަށާއި، އެއިން އިމިއުނިޓީ އުފެދޭ ކަމަށް މިއަދުގެ ބައްދަލުވުމުގައި ޕުޓިން ވަނީ ވިދާޅުވެފަ އެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯގެ ގަމެލެޔާ އިންސްޓިޓިއުޓުން އުފެއްދި މި ވެކްސިން އަށް "ސްޕަޓްނިކް 5″ ގެ ނަމުން ނަންދީފައިވާ ކަމަށް އެ ޤައުމުގެ މީޑީއާތަކުން ބުނެ އެވެ. ސްޕަޓްނިކް އަކީ 1957 ވަނަ އަހަރު ސޯވިއެޓް ޔޫނިއަނުން ޖައްވަށް ފޮނުވާލި ދުނިޔޭގެ ފުރަތަމަ ސެޓެލައިޓުގެ ނަމެވެ.



advertisment