Support Us

ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ ހަރަދުގައި ކަރަންޓުލުމުގެ މަސައްކަތް ފަށައިފި

ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ ހަރަދުގައި ކަރަންޓުލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މިއަދު ކުރަން ފަށައިފައި ވަނީ ކަރަންޓު ދިނުމަށްޓަކައި ބަހައްޓަންޖެހޭ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތެވެ.

ސްޓެލްކޯ އިން މި މަސައްކަތް އަމިއްލަ ހަރަދުގައި ފެށީ އެ ޕްރޮޖެކްޓުގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައި ވަނީ އެ ނެޓްވޯކަކީ އެޗްޑީސީން ބްރައުންސް ސީއެމްއީީސީއަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް ސްޓްލެކޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގައި ސްޓެލްކޯގެ ޒިންމާއަކީ ދެ ކުންފުނީގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުގެ ޑިޒައިންތައް ބަލައި ފާސްކޮށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.