މާލެއިން ގެއްލިގެން ހޯދުމަށް އިޢުލާންކުރި އަންހެން މީހާ ރަހީނުކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު، 33، މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އެ ރޭ 11 ޖަހަން ކައިރިވެފައި ވަނިކޮށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދަނިކޮށް، އޭނާ ފެނުނީ އިއްޔެ ހެނދުނު އޭނާ ދިރިއުޅޭ ގޭގެ ސިޑިމަތީގައި އޮއްވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
ފުލުހުން މިއަދު ބުނީ ޝިރުމީނާ ރަހީނު ކުރި މައްސަލާގެ ތުހުމަތުގައި އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޝިރުމީނާ ގެއްލުނީ ބަޔަކު އޭނާ ރަހީނުކުރުމުން ކަމަށް އާއިލާ އިން ބުނުމުންނާއި އޭނާއަށް ބަޔަކު އަނިޔާކޮށްފައިވާ ނިޝާންތައް ހަށިގަނޑުގައި ހުރުމުން އޭނާ ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަދި ޝިރުމީނާއަށް ބިރުދައްކައި ބްލެކްމެއިލް ކުރުމަށްފަހު އޭނާގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ބެލެވޭތީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.



advertisment