މަޝްހޫރު ރޫޓު ފިހާރައިގެ 5.2 މިލިއަން ރުފިޔާ އާއި ގިނަ އަދަދެއްގެ ޗެކްތަކެއް ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ވަގުތު، ފޮށިގަނޑެއްގައި ހުރި އެ ފައިސާތައް ފޭރިގަންނަން ބަޔަކު މިދިޔަ އާދިއްތަ ދުވަހު މަސައްކަތް ކުރި މައްސަލާގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި 20 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރޫޓް ފިހާރައިގެ ފައިސާތަކަކާއި ޗެކްތައް ބޭންކަށް ޖަމާކުރަން ގެންދާ ވަގުތު ބަޔަކު އެ ފައިސާތައް ފޭރިގަންނަން މަސައްކަތް ކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެ މަންޒަރު ވަރަށް ސާފުކޮށް ފެންނަ ވީޑިއޯގައި، ރޫޓުގެ ރީނދޫ ވޭން ފައިސާ ފޮށިގަނޑު ހިފައިގެން ބޭންކް އޮފް ސިލޯނަށް ކައިރިކުރި ވަގުތު ދެ ސައިކަލްގައި ހަތަރު މީހަކު އައިސް ވޭނުގެ ކުރީގައި މަޑުކުރެއެވެ. ފޭރުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުން ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު އިނީ މާސްކު އަޅައިގެންނެވެ.
މިދިޔަ އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ރޫޓްގެ އެ ވޭން އައިސް ބޭންކް ކައިރިއަށް މަޑުކުރުމާއެކު ސައިކަލްގެ ފަހަތުގައި އިން މީހަކު ފައިބައިގެން ގޮސް ވޭނު ތެރޭގައި ހުރި ފޮށިގަނޑު ދަމައިގަންނަން މަސައްކަތްކުރެއެވެ. ފޭރޭ އެހެން މީހުން ވެސް އެތަނަށް ގޮސް މޫނަށް ސްޕްރޭ ޖެހުމުން ރޫޓުގެ މުވައްޒަފުން ދުރަށްޖެހިލުމާއެކު، ފޭރޭ މީހަކު ވޭންތެރެއަށް ވަދެ، ފޮށިގަނޑު ނެރެ ދިއްކޮށްލި ވަގުތު ބޭންކު ތެރެއިން ނުކުތް ސިކިއުރިޓީ އޮފިސަރަކު ގޮސް އެ ފޮށިގަނޑުގައި ހިފައިގަނެ، އޭގެ މައްޗަށް ވެއްޓިގަނެއެވެ. އަދި ރޫޓުގެ މުވައްޒަފަކު ވެސް ފޮށިގަނޑުގައި ހިފަހައްޓައެވެ. އެއާއެކު ފޭރޭ މީހުން ފިލަން ދުއްވައިގަތުމުން ރޫޓުގެ މުވައްޒަފުން ވެސް އެ މީހުން ފަހާ ދުއްވައިގަތެވެ. ނަމަވެސް މި އެންމެން ވެސް ވަނީ އަތުނުޖެހި، ސައިކަލްތަކުގައި ފިލައިފައެވެ.
ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާކޮށް ކުރާ "ރޫޓު"ގެ މި ފައިސާތައް ހުރީ ސިނގިރޭޓު ހުސްކުރި ބޮޑު ފޮށިގަނޑެއްގައެވެ.
ރޫޓުގެ މަސްއޫލުވެރިއެއް ކަމަށްވާ އަބްދުއްރާފިއު (ރާއްޕެ) "އަދިވެސް" އަށް ވިދާޅުވީ ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔައީ 5.2 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އާއި ގިނަ އަދަދެއްގެ ޗެކް ކަމަށެވެ. އަދި ފޭރޭ މީހުން އަތުން އެ ފައިސާ ފޮށިގަނޑު ސަލާމަތްވީ ބޭންކުގެ ސިކިއުރިޓީ އޮފިސަރުގެ ގުރުބާނީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



advertisment