ލ. އަތޮޅު ތެރޭގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކަށް، ދޯނި ގަތް ފައިސާ ނުދައްކާ ކަމަށް ބުނެ ބަޔަކު އެ ދޯންޏަށް ތޫނު ހަތިޔާރު ހިފައިގެން އެރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކައިރީގައި މަސްވެރިކަން ކުރަމުން ދިޔަ "ފަސްކުރި" ނަމަކަށް ކިޔާ 98 ފޫޓުގެ މި މަސް ދޯންޏަށް އިއްޔެ ރޭ 30 މީހުންގެ ބޮޑު ގްރޫޕަކުން އަރައި އެ ދޯނި ވަނީ އެ އަތޮޅު ގަމު ތުނޑި ފަޅަށް ވައްދައިފަ އެވެ.
ގދ. ތިނަދޫގައި ދުއްވާ މި ދޯންޏަކީ ސުނާމީގެ ފަހުން ތުނޑީގައި ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ ކަލައިދޫ މީހެއްގެ އަތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އޭނާގެ ތިމާގެ މީހެއްގެ ނަންމަތީގައި މީގެ ތިން އަހަރު ކުރިން ބައްލަވައިގަތް ދޯންޏެކެވެ. ނަމަވެސް އެ ދޯނި ގަތުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލް ކުރައްވަމުން ނުގެންދާތީ އެ ދޯނި ވިއްކި ފަރާތުން އެ ދޯންޏާ މިހާރު ވަނީ ހަވާލުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ތޫނު އެއްޗެއްސާ އެކު އެ ދޯންޏަށް ބަޔަކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ގަމުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 23 އަހަރުގެ ފިރިހެނެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން އެ ދޯންޏަށް އެރި ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައިނުވާ ކަމަށާއި އެމީހުން އެ ދޯންޏަށް އެރުވި ކަމަށް ތުހުމަތުކުރެވޭ ތޫނު ހަތިޔާރު އެ ދޯނީގެ ތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ހިއްސާކޮށްފައި ވަނީ އެމްއެންޑީއެފުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދޯނި ވިއްކި ފަރާތް ކަމުގައިވާ ލ.ގަމު، ތުނޑި، އިހުރާމް، އިދުރީސް ހުސެއިން "އަދިވެސް" އަށް މައުލޫމާތު ދެމުން މިއަދު ބުނީ އޭނާއާ އެކު 30 މީހުން އިއްޔެ ރޭ އެ ދޯންޏަށް އެރި ނަމަވެސް އެއްވެސް ކަހަލަ ތޫނު ހަތިޔާރެއް އެ ދޯންޏަށް އަރުވާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު 30 މީހުންނާ އެކު ލޯންޗެއްގައި ގޮސް އެ ދޯންޏަށް އެރިން. އެހެން ނަމަވެސް އެއްވެސް ވަރަކަށް ބިރު ދައްކާ ހަދާފައެއް ނުވާނެ. ކުޑަމިނުން ހަޑި ހުތުރު ބަހުން އެއްޗެއް ބުނެ އެކަަހަލަ އަމަލެއްކޮށްފައެއް ވެސް ކޮށްފައިނުވާނެ. ތޫނު ހަތިޔާރު ދޯންޏަށް އެރުވި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް،" އިދުރީސް ބުންޏެވެ. "އެ ދޯނީގައި އޭރު ހުރި ކެޕްޓަނާ ސީދާ އަޅުގަނޑު ވާހަކަ ދެއްކީ. އަޅުގަނޑު ބުނިން މިއީ ދޯނީގެ ވެރިފަރާތޭ، މި ދޯންޏަކީ އެއްބަސްވުމެއްގެ ދަށުން ވިއްކާފައިވާ ދޯންޏެއް ކަމުގައިވާއިރު ދޯނި ގަތް ފަރާތުން ދޯންޏަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އެއްބަސްވުމާ ހިލާފްވެފައިވާ ވާހަކަ. އެހެންވެ އެއްބަސްވުމެއް ނެތޭ މިހާރު. ކައްޕި އަޅުގަނޑު ދެއްކި ވާހަކަތައް ގަބޫލް ވެސް ކުރި."
އިދުރީސް ބުނީ އެއްބަސްވުމެއްގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ހަތް މިލިއަން ރުފިޔާ ދައްކާ ގޮތަށް އެ ދޯނި ވިއްކި ފަހުން ތިން އަހަރު ވެގެން ގޮސްފައިވާއިރު އޭނާއަށް މިހާތަނަށް ލިބިފައި ވަނީ ހަތް ލައްކަ ތިން ހާސް ރުފިޔާ އެކަނި ކަމަށެވެ. އަދި ދޯނީގައި އަޅާފައިވާ އިންޖީނުގެ އިންސްޓޯލްމަންޓް ފައިސާ އެމްޓީސީސީއަށް ދައްކަން ޖެހެނީ ވެސް ދޯނި ގަންނަ ފަރާތުން ކަމަށް އެ އެއްބަސްވުމުގައިވާނެ ކަމަށާއި އެ ފައިސާ ވެސް އެ ފަރާތުން ދައްކާފައިނުވާތީ އިތުރު ދަރަނިތަކެއް އޭނާގެ ބޮލުގައި އަޅަން ޖެހިފައިވާ ކަމަށް ވެސް އިދުރީސް ބުންޏެވެ.
"އަޅުގަނޑު ތ. ހިރިލަންދޫގައި ހުއްޓާ ޖާބިރު ވަޑައިގަތީ ޖާބިރުގެ ޔޮޓުގައި އަޅުގަނޑު ބަލާ. އެ ދޯނި ގަތުމަށް އަޅުގަނޑުގެ ކައިރިން އެދިވަޑައިގަތީ ވެސް ޖާބިރު. ނަމަވެސް އެ ދޯނި ވިއްކި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޖާބިރުގެ ތިމާގެ ބޭފުޅެއް. ހަތް މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ދައްކާ ނިންމާ ގޮތަށް އެއްބަސްވުމުގައި އޮންނާނީ. އެހެން ނަމަވެސް ހަތް ލައްކަ ތިން ހާސް ރުފިޔާ އެކަނި ދައްކާފައިވަނީ. އެހެންވެ އެއްބަސްވުމާ އެއްގޮތަށް އަމަލް ކޮށްފައިނުވާތީ ދޯނި ގެނައީ،" އިދުރީސް ކިޔައިދިނެވެ.
މި މައްސަލާގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް އަދިވަނީ ޖާބިރުގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
މި މަސްދޯނި ގަމު ތުނޑިއަށް ވެއްދުމަށްފަހު، ދޯނި ފުރިއަނުދީ ހިފަހައްޓާފައި އޮތުމުން އެ ދޯނީގެ ފަޅުވެރިން ދޯނި ދޫކޮށް އެރަށުން ފުރައިގެން ދާން ދެކޮޅު ހެދުމާ ގުޅިގެން، ދޯނީގެ ވެރިފަރާތުން ގަމު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ ޝަރީޢަތް ވަކި ގޮތަކަށް ނިމެންދެން އެ ދޯނީގެ ވެރިފަރާތާ އެ ދޯނި ހަވާލުކުރުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.
އެއާއެކު އެ ދޯނީގެ ފަޅުވެރިން އެރަށުން އިއްޔެ ހަވީރު ފުރީ ކޯޓު އަމުރުގެ ދަށުން އިދުރީސްގެ ހާޒިރުގައި އެ ދޯނީގައި ހުރި ފަޅުވެރިންގެ ތަކެތި ބޭލުމުން، އެރަށު އެހެން މަސް ދޯންޏެއްގައެވެ.



advertisment