ކުއްލިއަކަށް ދޮރުގައި ތަޅައިގެން އަޑު އިވުނެވެ. އެ އަޑަށް ޝެހެނާޒްވެސް ސިއްސައިގެން ދިޔައެވެ. ނިކަން ބާރަށް ޝެހެނާޒް ގޮވައިލީ ނަވާޒްއަށެވެ.
އެއާއި އެކު އެއަޑު ދިޔައީ ގަދަވެގެންނެވެ. ބަދިގެ ތެރޭގައި ހުންނައިރު ކޮރިޑޯގެ ނިމޭ ހިސާބުގައި ހުރި އެކޮޓަރީގެ އެތެރެއިން މީހަކު ތަޅާކަން ޔަޤީނެވެ. ދޮރަށް އައި ގުޑުމާއި އެކު މާޔާގެ ލޮލުގައި އަޅައިގަތީ އެދޮރުގެ ބޭރުން އަޅުވާފައި ހުރި ތަޅެވެ. ނަވާޒް ކޮޓަރިން ނިކުމެ އެދިމާލަށް ދުއްވައިގަތެވެ. ތަޅު ހުޅުވައި އެތެރެއަށް ވަން ނަމަވެސް އެތެރެއިން މީހެއްގެ ހިލަމެއް ނުވެއެވެ.
"މާޔާ، މިވަގުތު ގޮސްލަން ވީނު، ދެން ފަހަރަކުން ވާނެ ކޮފީއަކަށް އަރަން މިގެއިން ބޭރުން، އޭރުން ހަމަޖެހިލައިގެން ވާހަކަ ދައްކާލެވޭނި،" ޝެހެނާޒްގެ މޫނުމަތިން ކަންބޮޑުވުން ފޮރުވަމުން ހިނިތުންވެލިއެވެ. މާޔާއަށް ހީވީ އެތަނުން ނިކުންނަން އޭނާއަށް ހުއްދަ ލިބުމަކީ މިވަގުތު އޭނާއަށް ލިބުނު އެންމެ ބޮޑު މިނިވަންކަން ހެންނެވެ. ޝެހެނާޒްއަށް ޝުކުރު އަދާކޮށްފައި އޭނާ ނިކުމެ ނިކުމެ ހުއްޓާ ފެނުނީ އެތަނުން ނިކުމެ އެދިމާލަށް އައި ނަވާޒްއެވެ.
"މިއަދު މިގެއަށް ވަނީ ކާކު؟" ނަވާޒްގެ ކިބައިން ހަރުކަށިކަން ފެނުނީ އަލަށެވެ. އެ ސިފަ އެއީ ނަވާޒްގެ ކިބައިގައި ނުވާ ސިފައެކޭ މާޔާއަށް އޮތީ ހީވެފައެވެ. އެދެމަފިރިންގެ ވާހަކަ އަޑު އެހުމުގެ އެއްވެސް ހައްޤެއް ނޯންނާނެއޭ ނަފްސު ހަނދާންކޮށްދެން ފެށުމުން މާޔާ އަވަސްވެގަތީ ދާށެވެ. އެކަމަކު ޝެހެނާޒްގެ ޖަވާބާއި އެކު މާޔާގެ ދެފައި ބިމުގައި ތަތްލެވީއެވެ.
"މިކިއަލް"
ފަސްއެނބުރި ބަލައިލެވުނުއިރު ފެނުނީ ނަވާޒް އެއް އަތް ޝެހެނާޒް އާއި ދިމާލަށް އުފުލާލައިފައި ހުއްޓާލިތަނެވެ. ދެން އެއަތުން އަމިއްލަ ނިތްކުރީގައި ޖަހާލިއެވެ.
"އެއިން އެއްވެސް މީހަކު ނުވައްދާށޭ ނުބުނަންތަ؟"
ނަވާޒްގެ ހިތްހަމަނުޖެހުން ގުޅިފައިވަނީ މިކިއަލް އެގެއަށް އައުމާއެވެ. މިކިއަލްގެ ނަން އަހާފައި މާޔާގެ ހިތަށް އެރީ އެމީހުން ދައްކާ މިކިއަލް އާއި އޭނާ ދަންނަ މިކިއަލް އަކީ އެކަކު ބާވައެވެ. މާޔާ ހުރިތަން ފެނިފައި ނަވާޒް ޝެހެނާޒް ކައިރީ އެތެރެއަށް އަންނާށޭ ބުނެލިއެވެ. ޝެހެނާޒް ހިނގައިގަންނަމުން މާޔާއަށް ބަލައިލިގޮތުން އެ ބުނަނީ އޭނާ އެތަނުން ދާށޭކަން އެނގެއެވެ. މާޔާ އަނެއްކާވެސް ހިނގައިގަތެވެ. އެގެއިން ނިކުމެ އޭނާއަށް ފުންނޭވާއެއް ލެވުނެވެ.
** **
ކޮޓަރި ތެރޭ އެކަނިވުމުން މާޔާއަށް ވިސްނުނީ މިއަދު ދިމާވި ކަންތައްތަކާއި އެވެ. ޝެހެނާޒްގެ ދިރިއުޅުން އޭނާއަށް ސިފަކުރަން އުދަނގުލެއް ނުވިއެވެ. ޝެހެނާޒް އާއި އެކު ހޭދަވި ބައިގަޑިއިރުތެރޭ ހީވަނީ ޝެހެނާޒްގެ މުޅި ދުވަސް ހޭދަވަނީ ހިތާމަކުރުމުގައި ހެންނެވެ. ކޯޓު ފަޓްލޫނުގައި މަޑުމައިތިރިކޮށް ފެންނަ ނަވާޒް އަކީ ބޭރުފުށުން ރީތިމީހެއް ފިޔަވައި އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ. އެދެމަފިރިންގެ ދިރިއުޅުމުގައި އެއްވެސް ހަމަޖެހުމެއް ނުވާއިރު އެގޭތެރޭގައި ބަންދުވެފައި އިނީ ކާކުބާއޭ ހިތަށް އެރިއެވެ. ** **
ޖެހިގެން އައި ދުވަހު މާޔާއަށް އެގޭތެރެ ހީވީ ފަޅުތަނެއްހެންނެވެ. އެންމެ ފަހަރަކުވެސް ޝީތު ނޫނީ މާޒީން އޭނާގެ ލޮލަކަށް ނުފެނުނެވެ. އެމީހުން ކޮބައިތޯ ބެލުމަށްވުރެ މާޔާ އިސްކަން ދިނީ މިކިއަލްގެ ޚަބަރެއްވޭތޯއެވެ. މިކިއަލްއަށް ގުޅާ ގުޅާ ވަރުބަލިވީއިރުވެސް ފޯނު ނުނެގުމުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާގެ ހިތަށް ރާމީންގެ ނަން އައީ އޭގެފަހުންނެވެ. މިކިއަލް އާއި އެއްވަރަށް ރާމީންއަށް އެ މައުލޫމާތު އެނގޭނެކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ.
"ހަލޯ" ބަރު އަޑެއް ކަންފަތުގައި ޖެހުމުން މާޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެކަމަކު އެއީ ރާމީންގެ އަޑުކަން މާޔާއަށް އެނގެއެވެ. ޖަވާބު ދޭން ތުންފަތް ހަރަކާތްކޮށްލި ނަމަވެސް އަރުތެރެ ހިކިގެން ގޮސް އަޑެއް ނުނިކުތެވެ.
"މާޔާ" ރާމީންގެ ދުލުން އޭނާއަށް ގޮވާލި އަޑު އަހާފައި ލޭގެ ތެރޭ ކަރަންޓް އޮއިވަރެއް ދުވެލިހެން ހީވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި މާޔާ ހަމަޖެހިލިއެވެ. ރާމީންއަށް އޭނާ ގޮވާލިއެވެ.
ރާމީންގެ ހާލު އަހާލިއެވެ. ރާމީން ރަނގަޅޭ ބުނލިއިރު އަޑަށް އައި ބަދަލު މާޔާއަށް އެނގުނެވެ. އޭނާއަށް ހުރެވުނީ ގުޅި ސަބަބު ބުނަން ނުކެރިފައެވެ. ކަމެއް ޖެހުމުން ނޫނީ ހަނދާންނުވަނީއޭ ރާމީން ހިތަށް އަރާނެއޭ ހީވެ މާޔާ ޖެހިލުންވިއެވެ. ދެމީހުންގެ ނޭވާގެ އަޑު ފިޔަވައި ދެން ދިޔައީ ހިމޭންވަގުތުކޮޅެކެވެ. ކަރުކެހިލާފައި ރާމީން އިސްވެ ވާހަކަ ދެއްކިއެވެ.
"އައި ހިޔަރޑް އެބައުޓް ޔުއަރ މަމް." ރާމީން ބުނެލިއެވެ. ފޯނުގައި ނިކަން ބާރަށް މާޔާއަށް ހިފަހައްޓާލެވުނެވެ. މަންމަގެ ނަން އަހާފައި އޭނާއަށް ހީވީ ދެފައިން ވަރުދޫވިހެންނެވެ. އެނދުގައި އިށީދެވުނެވެ. އަނެއް އަތުން ބެޑްޝީޓް މުށުތެރެއަށް ލައި ބާރުކޮށްލެވުނެވެ.
"ރާމީން، އަހަރެން ބޭނުން އަހަރެންގެ ބައްޕަ އާއި ބެހޭ ހުރިހާ މައުލޫމާތެއް އެނގެން، މިތަނުގައި އަހަރެންގެ އެއްވެސް މީހަކު ނެތް." އިސްޖަހާލެވުނުއިރު ދެލޮލުން ކަރުނަ ތިއްކެއް ފޫދިގެން އައިސް މާޔާގެ ކޯތާފަތަށް ވެއްޓުނެވެ.ނޭފަތް ދަމާލާފައި މާޔާ މަސައްކަތްކުރީ ނުރޮއިވޭތޯއެވެ.
"ބައްޕަގެ ފަރާތުން މާޔާ އުއްމީދުކުރަނީ ކޮންކަމަކަށް؟ މާޔާއަށް އެހީތެރިވެވޭނެ ހާލުގައި ހުރި މީހެއް ނޫން، މާޔާ، ހަޔާތުގައި ބައެއް މީހުންނާއި ދުވަހަކުވެސް ދިމާނުވުމަކީވެސް ނިއުމަތެއް، ކެއްތެރިވޭ، އަހަންނަށް އެނގޭ މިހެން ބުނެލާ ބަހަކުން އަދި މާޔާއަށް ލިބޭނެ ހިތްހަމަޖެހުމެއް ނުވާނެކަން، އެކަމަކު ވަގުތަކީ ވަރަށް މުހިއްމު އެއްޗެއް، ﷲގެ އިޒުނަ ފުޅާއި އެކު މާޔާއަށްވެސް އަދި ފަސޭހަ ދުވަސްތަކެއް މިންވަރުވެގެންދާނެ، " ހިތްވަރުދިނުމުގެ ގޮތުން ރާމީން ބުނެލިއެވެ. ރާމީންގެ ކޮންމެ ލަފްޒަކުން މާޔާގެ ހިތް ދިޔައީ ބަލިކަށިވަމުންނެވެ.
"ރާމީން، އާދޭސްކޮށްފައި މިބުނީ، އަހަރެން ބޭނުން ބައްޕަ ދެކިލަން. އެންމެ ފަހަރަކު ނަމަވެސް." މާޔާއަށް ގިސްލެވުނެވެ. އޭނާ އަށް ރޮވުނެވެ. ރާމީން ދެކޮޅު ވެދާނެކަމަށްޓަކައި އޭނާ ބިރުގަތެވެ.
އެދުވަހު މަންމަ އޭނާގެ ކައިރީ ބައްޕަގެ ކައިރިއަށް ދާށޭ ބުންޏެވެ. މާޔާއަށް އެހީތެރިނުވެވޭ ހާލުގައި ހުރިނަމަ އެންމެ ނުރައްކާތެރި ވަގުތު މަންމަ އެހެން ނުބުނީހެވެ. އެކަމަކު އެދުވަހު ނަޞީބު ދިމާކުރިގޮތުން އެދެމައިން ސަލާމަތްވެ ނިކުމެވުނެވެ. އޭގެފަހުން މަންމަވެސް އެވާހަކަ ދެއްކުން ހުއްޓާލީއެވެ. ފަހަރެއްގައިވެސް އެދެމައިންގެ ގުޅުމަށް ބުރު އަރާނެކަން ވިސްނިފައި ނުވާތީއެވެ.
"އަހަރެން ފޮނުވާނަން އެޑްރެސް، އެކަމަކު މާޔާ ޖެހޭނެ ކަމަކަށް ވައުދުވަން." ރާމީން ހުށައެޅީ ޝަރުތާއި މެދު މާޔާ ހައިރާންވިއެވެ. އޭނާ އަހުދުވާންވީ ކޮންކަމަކާއި ބާއޭ ހިތަށް އެރިއެވެ.މަޑުމަޑުން ހޫމް އަޅުވައިލެވުނީ ކޮންމެ ކަމެއް ރާމީން ބުނި ކަމުގައި ވިއަސް އެއްބަސްވުމުގެގޮތުންނެވެ.
"ޔޫ ވިލް ނެވަރ ގޯ ދެއަރ އެލޯން، އަހަރެން ބުނާނަން މިކިއަލްގެ ގާތު މާޔާ ގެންގޮސްދޭށޭ، މިކިއަލް އާއި އެކު ނޫނީ މާޔާ ގޮސްގެން ނުވާނެ،" ރާމީން ބުނެލިއެވެ. މާޔާ ހައިރާންވިއެވެ. ބައިވަރު ސުވާލުވެސް އުފެދުނެވެ. އެކަމަކު އޭނާ އެއްބަސްވި ގޮތާއި ޚިލާފްވާން ބޭނުމެއް ނޫނެވެ. އޭނާ އެއްބަސްވީ ޝަރުތަކާއި ނުލައެވެ.
** **
އެރޭ މާޔާ ފެންފުޅިއެއް ބަލައި ބޭރަށް ނިކުން ވަގުތަކީ އިއްތިފާޤަކުން ޝީތު އާއި މާޒިން ގެއަށް އައިސް ވަގުތެވެ. އެދެމީހުން ކުރެ އެއްވެސް މީހަކު މާޔާ ފެނުނުކަމަށްވެސް ނުހަދައި ގޮސް ކޮޓަރިއަށް ވަންތަން ފެނި މާޔާ ބޮލުގައި ރިއްސާލިއެވެ. އޭނަ އާއި މެދު އެއްވެސް ފަރުވާލެއް ނެތް ބަޔަކު އޭނާއަށް ހިޔާވަހިކަމާއި އެހެނިހެން ޟަރޫރީ ކަންތައް ފުރިހަމަކޮށްދިނުމުގެ ފަހަތުގައި ވަރަށް ބޮޑު ކަންތައްތަކެއްވާނެއޭ ހިތަށް އެރިއެވެ. އެކަމަކު ޝީތު އައިސް ދެއްކި އޯގާތެރިކަމެއްގެ ސަބަބުން އޭނާގެ ހިތުން އެގެއިން ނިކުމެގެން ދިއުމުގެ ޚިޔާލުވެސް ބޭރުކޮށްލެވުނީތީ މިއީ ދެރަވި ފުރަތަމަ ފަހަރެވެ.
ކޮޓަރިއަށް ވަދެފައި މާޔާ އަވަހަށް މަންމަގެ ފޯނު ނަގައި ހުޅުވާލިއެވެ. ޝީތު ބުނިގޮތުން ނަމަ މަންމަ އެންމެ ފަހުން ބައްދަލުކުރީ ބައްޕަ އެހެން މީހަކަށްލިބިފައި ހުރި ދަރިއަކާއި އެވެ. އެހެންވީއިރު މަންމަގެފޯނުން އެމީހެއްގެ މެސެޖެއް ނަމަވެސް އޮންނަންވާނެއެވެ.
އެ ފޯނު ހުޅުވައި ބެލިއިރު މާޔާއަށް އެއްވެސް ކަމެއް ނުފެނުނެވެ. ކޯލް ލޮގު އަދި މެސެޖު ތައް ވަނީ ކްލިއަރ ކޮށްލާފައެވެ. މާޔާއަށް އެނދުގައި އިށީނދެވުނީ ޝަހާދަތް ކިޔާލަމުންނެވެ. ޝިތު ދެއްކި ވާހަކަ އޭނާއަށް ޤަބޫލުކުރެވުނީތީ އިނދެވުނީ ފޫހިވެފައެވެ.
** **
ދެދުވަސް ވެގެން ދިޔައިރު ރާމީންގެ މެސެޖެއް ނައެވެ. އެޑްރެސް ފޮނުވައިދިނުމަށް މާޔާ ހަނދާންކޮށްދިނުމުންވެސް ޖަވާބެއް ނައެވެ. މިކިއަލް ފޯނު ނުނަގާތީ ރާމީން ވަކި ޖަވާބެއް ނުދެނީކަން މާޔާއަށް އެނގެއެވެ. އޭނާއަށް އެޑްރެސް ނުފޮނުވަނީ އެކަނި ދާނެތީކަންވެސް އެނގެއެވެ.
އޮފީސް ނިމިގެން ގެއާއި ދިމާލަށް އާއިރު މާޔާއަށް ހީވަނީ ބަނޑުގައި ރިއްސަނީހެންނެވެ. ހިނގާއިރު ރިހުން ގަދަވެފައި އިރުކޮޅަކު ނެތި ދެއެވެ. މާބޮޑު އަޅާލުމެއް ނުބެހެއްޓީ އެއީ މާބަނޑު ދުވަސްވަރު ދިމާވާ ކަންތަކޭ ހިތަށް އަރާފައެވެ. އަނެއްކަމަކީ އޭނާ ވިހަން ދެ މަސް ދުވަސް އޮތީމައެވެ. އެކަމަކު ގެއާއި ހަމަޔަށް އައުމުގެކުރިން ރިހުން ގަދަވާންފެށިއެވެ. ދުވާރުމަތީ މާޔާއަށް ހުރެވުނެވެ. ކުރިއަށްވެސް އަދި ފަހަތަށްވެސް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ.
އޭނާގެ ހާލާއިމެދު އެއްވެސް މީހަކު ފިކުރުކުރާހެން ހިއެއް ނުވެއެވެ. ބަނޑުގައި އަތް އަޅާލައިގެން ހުރެވުނުއިރުވސް ދުވާރުމަތިން ދިޔަ އެއްވެސްމީހަކު އޭނާ ކައިރީ ވީ ކިހިނެއްތޯ އަހާލަން އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ.
"މާޔާ" މާޔާގެ އަތުގައި ހިފާލާފައި އޭނާއަށް ގޮވައިލީ މިކިއަލްއެވެ. މިކިއަލްގެ މޫނު ފެނިފައި މާޔާއަށް ތަކުލީފް ލުއިވެގެން ދިޔަހެން ހީވިއެވެ. އޭނާގެ ހިތުން ބިރު ފިލައި ދިޔައެވެ.
"މި.. ކި" އެއްއަތުން މާޔާއަށް އަތްލެވުނީ މިކިއަލްގެ ޓީޝާޓްގައެވެ. މަންޒަރު ފުސްވެ އަނދިރިވާގޮތްވިއެވެ. މިކިއަލްގެ ދެއަތުން މާޔާގެ ގައިގައި ހިފަހައްޓާލިކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.
އެތައް އިރެއްފަހުން މާޔާއަށް ލޯ ހުޅުވައިލެވުނެވެ. އެކަމަކު އޭނާގެ ބަނޑުގެ ރިހުން ގަދަވެފައިވާކަން އެނގެއެވެ. ދެފައި ތުރުތުރުލައެވެ. އޭނާގެ ޚިދުމަތުގައި ދެ ނަރުހަކު ތިއްބެވެ. އެމީހުންގެ ގައުނުން އޭނާއަށް އޮވެވުނީ ވިއްސާކޮޓަރީގައިކަން އެނގުނެވެ.
ނަރުހަކު އޭނާގެ އަތަށް ދިނީ ފޯމެއްގައި ސޮއިކޮށްލާށެވެ. އެއީ ދަރިފުޅުގެ ހާލު ދެރަވާތީ އޮޕަރޭޝަންއަކަށް ދަނީކަމުގައި ބުނެދިނެވެ. މާޔާ ކަންބޮޑުވިއެވެ. ކުއްލިއަކަށް މިވީ ކިހިނެއްކަމެއް އޭނާއަކަށް ނުވިސްނެއެވެ. ދުވަސް ނުފުރާ ކުއްޖާ ނެގުމުން އަންނާނެ މައްސަލަތަކާއި ގޮންޖެހުންތައް އޭނާއަށް ކޮންމެވެސް ވަރަކަށް އެނގެއެވެ. ދަރިފުޅު އުފަންވާއިރަށް މާޔާއަށް އެއްވެސް ތައްޔާރީއެއް ވެވިފައެއް ނެތެވެ. އެންމެ ކުޑަމިނުން ރަޖާއެއްވެސް ހޯދިފައެއް ނެތެވެ. އޭނާއަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. އެކަމަކު ޑޮކްޓަރުން އަޅާ ކޮންމެ ފިޔަވަޅަކީ މައިމީހާ އާއި ދަރިފުޅަށް އެންމެ ރަނގަޅުގޮތްކަމުގައި ހިތަށް ވިސްނައިދެމުން އެ ފޯމުގައި ސޮއި ކުރަމުން ދަނިކޮށް ނަރުސްކުއްޖަކު ބުނި އެއްޗަކުން އޭނާ ދިޔައީ ސިއްސައިގެންނެވެ.
"ފިރިމީހާވެސް އެދެނީ އޮޕަރޭޝަން އަވަސްކުރުމަށް."
މާޔާގެ ފިރިއަކު ނުހުންނަކަމެއް އެމީހުންނަކަށް ނޭނގޭނެއެވެ. މިކިއަލް ފެނިފައި އެއީ ފިރިމީހާއޭ ހީވީކަމުގައި ވެދާނެއެވެ. އެކަން މިކިއަލްއަށް ބުނެވެން އެބައޮތެވެ. އިތުރު މީހަކު ނެތުމުން މާޔާ އެކަނި ދޫކޮށްފައިދާން މިކިއަލްއަށް ނުކެރުނީކަމުގައި ވެދާނެއެވެ.
އިތުރު އެއްޗެއް ނުބުނެ މާޔާ ސޮއި ކޮށްލިއެވެ. އޮޕަރޭޝަންއަށްފަހު ދަރިފުޅު އުފަން ސެޓްފިކެޓް ހައްދަން ފޯމު ފުރާ ހިސާބުން އެމީހުންނަށްވެސް އެނގޭނެކަން އެނގެއެވެ. އޭގެ އިރުކޮޅެއްފަހުން މާޔާ ސްޓެޗަރ އެއްގައި ނެރެ ގެންދިޔައީ ތިއޭޓަރަށެވެ. އޭނާއަށް މިކިއަލް ފެނިފައި ހިނިތުންވެވުނެވެ. އެއީ އޭނާއަށް އެހީތެރިވެދިނީތީއެވެ. މިއަދު އޭނާގެ ދަރިފުޅު ފެނުމުގެ ނަޞީބު ލިބުނަސް ލިބޭނީ މިކިއަލްގެ ހެޔޮކަމުންނެވެ. (ނުނިމޭ)