Support Us

ވާހަކަ: ޔުކްތާ – 14

އާރިޒު ދިޔުމުން ޔުކްތާވެސް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާއަށް ނިދަންއުޅެއުޅެ ނިދޭ ގޮތެއް ނުވިއެވެ. އާދަޔާ ޚިލާފު ނުތަނަވަސް ކަމެއް އޭނާ ހާސް ކުރުވައެވެ. އެވާހަކަތައް ކިޔައިނުދީ ހުރުމަކީ އާރިޒަށް ވެވޭ ޚިޔާނާތެކެވެ. އޭނާގެ އޯގާތެރިކަމަށް ވެވޭ ބޭވަފާއެކެވެ. އެހެންކަމުން އޭނާ އެވާހަކަ ކިޔައިދޭނޭ ގޮތެއް ވިސްނިއެވެ. އޭނާ ވިސްނިވަރަކަށް އުނދަގޫވެ ދާހިތްލަމުން ދެއެވެ. ހަމައަކަށް އެޅިލުމަށްޓަކައި އޭނާ ފާޚާނާއަށްވަނެވެ. އަދި ވަރަށް ގިނައިރުވަންދެން ފެންވެރިއެވެ. އެއަށްފަހު ނިދަން އޮށޯތެވެ. ނަމަވެސް ނިދުމުގެ ކުރީން އޭނާ ބޭރަށް ނިކުމެލީ އާދައިގެ މަތީން ދޮރުތައް ރަނގަޅަށް ތަޅުލެވިފައި ވޭތޯ ޔަގީން ކޮށްލުމަށެވެ. ބެލްކަނި ކައިރިއަށް ދިޔައިރު ހަނދުވަރުގެ އަލިން މުޅިތަނަށް ގުދުރަތީ ހިތްގައިމުކަން ފެތުރިފައިވެއެވެ. ކުރިން އެއަލިން އެއްވެސް އަސަރެއް ނުކުރާ ޔުކްތާއަށް  މިރޭ އާދަޔާ ޚިލާފު ހިތްހަމަ ޖެހުމެއް ގެނެސް ދިނެވެ. އެހެންކަމުން އޭނާ އިސްތަށިގަނޑު ރޫޅާލައިގެން ބެލްކަނީގައި މަޑުކޮށްލީ އިސްތަށިގަނޑު ހިކެންދެންނެވެ.

އޭނާގެ ޚިޔާލުން އާރިޒު އިރުކޮޅަކަށްވެސް ވަތްކެއް ނުވެއެވެ. އެކަމުން އޭނާއަށް ނުހަނު އުފާލިބެއެވެ. ނަމަވެސް ސިއްރު ކުރެވިފައިވާ ހާދިސާ ހިތަށްވަދެ އޭނާ މާޔޫސް ކުރުވައެވެ. އެއީ އޭނާގެ ޒުވާންކަމާއި އިއްފަތް ފޭރުނު ހިތްދަތި ހާދިސާއެވެ. އޭނާއަށް ހީވަނީ އެކަންތައް އަދިވެސް ފެންނަހެންނެވެ. އޭނާއާއި އާރިޒުގެ ދިރިއުޅުމާއި ގުޅުމަށް ހީނަރުކަން ގެންނަހެންނެވެ. އޭނާގެ ލޮލުން ބޭ އިޚުތިޔާރުގައި ކަރުނަ އައީ އެ ހާދިސާ ހަނދާން ވުމުންނެވެ. އޭނާއާއި އާރިޒުގެ  ދިރިއުޅުމަށް އެހާދިސާ އިން ނޭދެވޭ އަސަރު ކުރާތީއެވެ.

ކުއްލިއަކަށް އޭނާ ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެވުނީ މީހަކު އޭނާގެ ކޮނޑުގައި އަތްލުމުންނެވެ.

"މީ މަށޭ. ޔުކްތާ ކީއްވެތަ އެހާބޮޑަށް ބިރުގަންނަނީ." އާރިޒު އޯގާތެރިކަމާއެކު އެހިއެވެ.

"އަޅުގަނޑު…. ހީކުރީ." ޔުކްތާއަކަށް ވާހަކައެއް ނުދެއްކެއެވެ. އޭނާއަށް ވަނީ ރޮވިފައެވެ. އޭނާ ހުރިހާ އެއްޗެއް ކިޔައިދޭން ބޭނުންވެއެވެ.

"ހީކުރީ ކާކުކަމަށް؟ ޔުކްތާ ކަމެއް ސިއްރު ކުރާހެން ވަރަށް ހީވޭ. އަހަރެން ގާތު ނުބުނެވޭ ވަރުގެ ބޮޑުކަމެއް ދިމާވެފައި އޮތީތަ؟" އާރިޒު އޭނާ އަތުގައި ހިފާލިއެވެ.

"އަޅުގަނޑު އެވާހަކަ ކިޔައިދީފިއްޔާ އަޅުގަނޑު ދެކެ ރުޅި ދުރުވާނެ. އަޅުގަނޑު މީ އެއްވެސް މީހަކު ލޯބި ނުވާނެ ވަރަށް ހަޑި މީހެއް. އަޅުގަނޑުގެ ހަގީގަތް އެގިލައްވައިފިނަމަ އަޅުގަނޑުދެކެ އެންމެންވެސް ފޫހިވާނެ." އޭނާއަށް އަބަދުވެސް ހީވަނީ އޭނާދެކެ މީހުން ފޫހިވާނެކަމެވެ.

"ނޫން. އަހަރެން ޔުކްތާ ދެކެ ފޫއްސެއް ނުވާނެ. އާނ އެކަމަކު އަހަރެން ފޫހިވާނީ އަހަރެންނާ ކަންތައްތައް ސިއްރު ކުރަންޏާ. އަހަރުމެންނަކީ ދުނިޔެ އުމުރަށް އުޅޭން ނިންމާފައިވާބައެއް. އަހަރުމެންނަކީ ދެމަފިރިން. އެހެންކަމުން އެއްވެސް ސިއްރެއް އޮވެގެން ވާނެކަމަކަށް މަށެއް ގަބޫލެއް ނުކުރަން." އާރިޒު ޔުކްތާގެ އަތުގައި ހިފާ އުނދޯލީގައި ބޭންދިއެވެ.

"އަޒީއްތަ ދުރުވިފަހުން އަޅުގަނޑު ދާ އެއްވެސް ތަނެއް ނުހުރޭ. މަންމަ ބަލިވުމުން ގޭތެރޭގެ ހުރިހާ ކަމެއް ބެލީ އަޅުގަނޑު. އޭރު އުޅުނު މަންމަގެ ރައްޓެހިމީހާ ރައޫފަކީ އަޅުގަނޑަށްވެސް ވަރަށް ރަނގަޅުމީހެއް. އެކަމަކު އެމީހާ ފަހުން އަޅުގަނޑަށް އޭނާގެ…. އޭނާގެ ހަށިގަނޑުން ދައްކަން ނުޖެހޭ ތަންތަން ދައްކަމުން ދޭ. އަޅުގަނޑު އަޅާ ނުލަނީ އެއީ އޭނާއަށް ނޭނގި ވާކަމެއް ކަމަށް ހީކޮށް. އެކަމަކު އެއް ދުވަހަކު އަޅުގަނޑު ޓީވީ ބަލަން ހުއްޓާ އެމީހާ އައިސް އަޅުގަނޑާއި ބެހުނީ. އެފަހަރު އަޅުގަނޑު ދުއްވައި ގަތީމަ ސަލާމަތް ވެވުނު. އަދި އެވާހަކަ އެމީހާ ހުއްޓާ މަންމަގާތު ބުނިން. ނަމަވެސް މަންމަ ގަބޫލެއް ނުކުރި. އޭރުވެސް އެމީހާ ނުލަފާގޮތަކަށް އަޅުގަނޑާއި ދިމާއަށް ހެނީ. ޔުކްތާ ހިތްވަރުކޮށްފައި އެވަހާކަ ކިޔައިދޭން ފެށިއެވެ. އޭރު އޭނާ ހުރީ ލޯމަރައިގެންނެވެ. ދެއަތް ދެއަތާ މޮޑެމުންނެވެ. އެވާހަކަ ކިޔައިދޭން އޭނާ ލަދުގަންނަނީއެވެ.

"އެކީއްވެ މަންމަ ގަބޫލުނުކުރީ؟" އާރިޒު ހުރީ ހައިރާންވެފައެވެ. އޭނާ ޔުކްތާއަށް ކަޅިޖަހާނުލާ ބަލަމުން ދެއެވެ. އޭރު ލޯމަރާފައިވާ ޔުކްތާގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ލަދުގަތުމެވެ.

"އަޅުގަނޑުގެ އެއްވެސް ރައްޓެއްސެއް ނުހުރޭ. ގާތްމީހަކީވެސް ހަމައެކަނި އަޒީއްތަ. އަޒީއްތަ ނެތްކަން އެނގިހުރެވެސް އަޅުގަނޑު ދުވެފައި ދިޔައީ އެގެއަށް. އެގެއަށް ދެވުމުން ހިތްހަމަޖެހޭތީ. ވަރަށް ގިނައިރު ކޮށްފައި ގެއަށް އައިއިރު ބަޔަކު ވާހަކަ ދައްކާއަޑަށް  ބަލާލިއިރު އެނުލަފާ މީހާއާއި އެކު މަންމަ އޮތީ އެނދުގައި."

"އޭރު ބައްޕަ ކޮބާ؟" އާރިޒު ހުރީ ޔުކްތާގެ ވާހަކަ ޝައުގުވެރިކަމާއެކީ އަޑުއަހާށެވެ.

"ބައްޕަ ވަރަށް ގެއަށް ނާންނާނެ. އަޅުގަނޑު ބައްޕަ ގާތު އެވާހަކައެއް ނުބުނަން. އަޅުގަނޑަށް އެނގޭ ބައްޕަވެސް ގަބޫލެއް ނުކުރާނެކަން. ދުވަސްކޮޅެއް ފަހުން މަންމަ ނިޔާވެއްޖެ. މަސްދުވަސް ވަންދެން ބައްޕަ ރަށުން ނުފުރާ އަޅުގަނޑު ގާތު ހުރި. ނަމަވެސް ބައްޕަ ރަށުގައި ނެތްރެއަކު އަޅުގަނޑު ނިދާފައި އޮއްވާ މީހަކު އަތް ލިހެންހީވި. އަޅުގަނޑަށް ހޭލެވުނު އިރު އެނުބައި މީހާ އަޅުގަނޑުގެ އަނގަޔަށް ފޮތިގަނޑެއް ކޮށްޕާ ވަރަށް ބާރަށް ހިފެހެއްޓީ." ޔުކްތާއަކަށް ކުރިއަކަށް ނުގެނެދެވުނެވެ. އޭނާއަށް ގިސްލެވެނީއެވެ. ކަރުތެރެ ބެދެނީއެވެ.

"ޔުކްތާ… ދެރަނުވޭ." އާރިޒަކަށް ޔުކްތާގެ ހިތާމަތައް ބަލާކަށް ނުހުރެވުނެވެ. އޭނާ ޔުކްތާ ގެނެސް ގަޔާ ކައިރި ކޮށްލިއެވެ. އޭނާގެ ދެއަތުން ޔުކްތާގެ ހަށިގަނޑު ވަށާލިއެވެ. އަބަދަށް ހިމާޔަތްތެރިކަން ދޭނަމޭ ބުނާކަހަލަ ގޮތަކަށެވެ. އޭނާއަށް އިހުސާސް ކުރެވުނީ ޔުކްތާގެ ހަށިގަނޑުގައިވާ އާދަޔާ ޚިލާފު ހޫނެވެ. ފާހަގަ ކުރެވުނީ ޔުކްތާގެ ހަށިގަނޑުގައިވާ މަޑުމަޑު ތުރުތުރު އެޅުމެކެވެ.

"އެމީހާ އަޅުގަނޑުގެ ހެދުން އިރާލީ. އަދި… އަދި އަޅުގަނޑަށް އަނިޔާކުރީ…. އަޅުގަނޑުގެ އިއްފަތް ފޭރިގަތީ… ދުވަހަކުވެސް އަޅުގަނޑަށް އެހާބޮޑު ތަދެއް އަދި މިހާތަނަކަށް ނުލިބޭ. އަޅުގަނޑަށް ނުވެސް ތެދުވެވުނު. މުޅި ހަށިގަނޑުގައި ރިހޭތީ.  އެއީ ނުބައި މީހެއް. މިހާތަނަށްވެސް އަޅުގަނޑުގެ ހިތުގައި އެކަންތައް ހަރުލާފައި އެބަހުރި. މިހާރުވެސް އެހިތި ވޭން އަޅުގަނޑަށް އިހުސާސްވޭ. އަޅުގަނޑު އެހާލުގައި އޮއްވާ ބައްޕަ އަޅުގަނޑު ނިވާކޮށްދިނީ." އޭނާ އަށް ގިސްލެވެއެވެ.

"ދެން ބައްޕަ މައްސަލައެއް ނުޖައްސާތަ؟" އޭނާ ރައޫފުދެކެ ރުޅިއައެވެ.

"އެއީ މުއްސަންޖެއް. ރަށުގެ ވެރިންނާ ގުޅިގެން ހުރި ނުފޫޒު ގަދަ މީހެއް. އަޅުގަނޑުމެން ކަހަލަ ނިކަމެތިންގެ މައްސަލަ ނުބެލޭނެ ކަމަށް ބައްޕަ ކުރިމަތީގައި އެމީހާ އެއްބަސްވި. އެންމެފަހުން އަޅުގަނޑު ބަނޑު ބޮޑުވީ. އެންމެ ތޭރަ އަހަރުގައި. އަޅުގަނޑަށް އެއީ ފުރަތަމަ ކިހިނެއް ވާކަމެއް ކަމެއްވެސް ނޭނގޭ. ރައްޓެހިން ނުތިބުމުގެ އިތުރަށް މަންމަ ފަރާތުންވެސް އެކަހަލަ ކަންތަކެއް އެގިފައެއްނެތް. އެމީހާ އަޑު އެރުވީ އެއީ ބައްޕަގެ ދަރިއެއްކަމަށް. މަންމަ ނިޔާވީ ބައްޕައާއި އަހަރެން ގުޅުން އޮންނާތީ އޭގެ ހިތާމައިގައި ކަމަށް. ރަށުގެ މީހުންގެ މަލާމާތާއި އެކަހެރި ކުރުމާއި ނަފުރަތުގެ ނަތީޖާ އަކަށްވީ ބައްޕައަށް ވާބަލި ޖެހުން. އަޅުގަނޑު ބަނޑު ބޮޑު ހާލުގައި ބައްޕަ ބަލަމުން ދިޔައީ ބައްޕަގެ ދޯނީގެ ގޭމީހުން ކައިރީގައި މަސް ކައްކައިގެންނާއި މަސައްކަތް ކޮށްދީގެން. އެވަރުންވެސް އެމީހުން ދެނީ ހަމައެކަނި ކާއެތިކޮޅު. އެންމެ ފަހުން އަޅުގަނޑު ވިހެއީ އެކަނިމާއެކަނި. އެވަގުތު އަޒީއްތަ ނައިނަމަ އަޅުގަނޑު މަރުވީސް ކަންނޭނގެ."

"ދެން މިހާރު ދަރިފުޅުކޮބާ؟"

"ހަމަ އެވަގުތު ދަރިފުޅު މަރުވެއްޖެ. ދުވަސްކޮޅެއް ފަހުން ބައްޕަވެސް ނިޔާވީ. ވަރަށް ނިކަމެތި ހާލެއްގައި އުޅެނިކޮށް އަޅުގަނޑު މިގެއަށް ގެނައީ." އޭރުވެސް ޔުކްތާއަށް ވާހަކަ ދެއްކެނީ ނުހަނު އުނދަގުލުންނެވެ. އޭނާއަށް ވަނީ ނުހަނު އަސަރު ކޮށްފައެވެ. އޭނާއަށް ހުރިހާ އެއްޗެއް ކިޔައިދެވުމުން ހިތް ހަމަޖެހުނެވެ. އަށް އަހަރު ވާންދެން ހިތުގައި ހުރި ހުރިހާ އުދާސްތަކެއް ބޭރު ކޮށްލެވުނީތީ ހަމަޖެހުން ގެނުވިއެވެ. އޭނާ ލޯހުޅުވާލިއެވެ. އަދި އާރިޒާ ދިމާއަށް ބަލާލިއެވެ. ނަމަވެސް އާރިޒުގެ ބަހެއް ނުލިބުމުން އޭނާ ކަން ބޮޑުވިއެވެ.

"އޭގެ ފަހުން އަޅުގަނޑަކަށް ރަނގަޅަކަށް ނުނިދޭ. ފިރިހެނުން ދެކެވެސް ބިރުގަނޭ. އެމީހުންނަކަށް އިތުބާރެއް ނުކުރެވޭ." އޭނާ ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ.

"އަހަރެން ދެކެވެސް ބިރުގަނޭތަ؟" އާރިޒް ޔުކްތާ ކުރިއަށްވުރެންވެސް ގާތް ކޮށްލިއެވެ.

"ނޫން. ދުވަހަކުވެސް މީހަކަށް ކިޔައިނުދޭ އަދި ޝަރީއަތުގައިވެސް ނުބުނާ މިވާހަކަ މިބުނެވުނީ ކީއްވެ ކަމެއް ނޭނގެ." އޭނާ އާރިޒު ބަލާތީ ރަކިވެ ހުރެ ބުންޏެވެ.

"އެއީ ކީއްވެގެންކަން ފަހުން އެނގޭނެ،" އާރިޒު ޔުކްތާގެ މޫނާއި ކައިރި ވެލިއެވެ. ނަމަވެސް ޔުކްތާއަށް އަވަހަށް ދުރަށް ޖެހިލެވުނެވެ. އެވަގުތުކޮޅު އާރިޒުގެ އަތުތެރޭގައިވީތީ އޭނާ ހައިރާންވިއެވެ. އޭނާ އެކަމަށް އުޒުރުވެރި ނުވެވުނީތީ ލަދުވެސް ގަތެވެ. އާރިޒަށް ޔުކްތާ އަދިވެސް ޖެހިލުންވަނީކަން އެނގުނެވެ. އެހެންކަމުން އޭނާ ކެތްތެރި ކަމާއެކު ޔުކްތާއަށް އޯގާތެރިވާނެއެވެ.

"ޔުކްތާ މިރޭ ކެއިންތަ؟ އަހަރެން އަނެއްކާވެސް ބަނޑުހައިވެއްޖެ."  އެހާދިސާ އިން ސިނކުޑި ސަލާމަތް ކުރުމަށްޓަކައި އޭނާ އޮޅުވާލިއެވެ.

"ފުރިޖްގައި އައިސް ކުރީމް ހުންނާނެ. އަޅުގަނޑު ގެނެސް ދީފާނަން." ޔުކްތާ ދިޔަތަން އާރިޒު ބަލަން ހުއްޓެވެ. އޭނާ އެރީތި ކުއްޖާއަށް އެހެން ހެދި ރައޫފު ދުލެއް ނުކުރާނެއެވެ.  މިއަދު ވަނީ ގިނަބައެއްގެ މަސައްކަތުން ހެޔޮބަދަލެއް އައިސްފައެވެ. އޭނާއަށް އަދުލު އިންސާފު ލިބޭނެކަން ޔަގީންކަން އެބައޮތެވެ. ރަށްރަށުގައި ނުފޫޒުން ވެރިކަން ކުރަމުންއައި މީހުންގެ އަމަލުތައް ބެލުމަށްޓަކައި ސަރުކާރުގެ ފަރާތުން މިހާރުވަނީ ކައުންސިލަރުން ހަމަޖައްސާފައެވެ.

އެދެމީހުން މިހާރު ދައްކާ ވާހަކަތައް ގިނަވާން ފަށައިފިއެވެ. ޝިޔާއާއެކު ކުޅެ ސަކަރާތް ޖަހާ ވަގުތުތައް ގިނަވާން ފަށައިފިއެވެ. ޔުކްތާއަށް އާރިޒުގެ ކުރީގެ ދިރިއުޅުން ކިޔައިދިނެވެ. އާރިޒު މީހަކާ އިންކަމާއި އޭނާއަށް ބަނޑުބޮޑުވިކަމެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެކުއްޖާގެ ކެރިއަރ އިސްކުރަން ޖެހުނީތީ އާރިޒު ދޫކޮށްލީއެވެ. އެކަމާ އާރިޒު އަންހެންކުދިން ދެކެ ފޫހިވިއެވެ. ގެއަށް ގެންގުޅެން ގެންނަ ބައެއްކުދިންގެ ޢަމަލުތައްވެސް އޭނާއަށް ފެނެއެވެ. ބައެއްކުދިން ފާޑަކަށް އާރިޒާއި ހިތާވެއެވެ. ގިނަ އަންހެން ރައްޓެހިން އޭނާގެ ވެއެވެ. ނަމަވެސް ކައިވެންޏަކާ ހަމައަށް ދާވަރުގެ ކުއްޖެއް ނުފެނެއެވެ. މަންމައަށްޓަކައި އަނޫއާއި ކައިވެނި ކުރަން އުޅުނު ނަމަވެސް އެކަންތައް ނިންމާލަން ޖެހުނީ ޔުކްތާ އައުމުންނެވެ.

އާރިޒް އަދިވެސް އަނޫ ދެކެނީ ގާތް ރަހުމަތް ތެރިއެއްގެ ގޮތުން ކަމަށް ވާތީ އަނޫ އެގެއަށް އާދެއެވެ. އަދި ގިނަ އިރުވަންދެން ވާހަކަ ދައްކަން ތިބެއެވެ. ޔުކްތާއަށް މިކަމުން އުނދަގޫވެއެވެ. ނަމަވެސް އެވާހަކަ އާރިޒުގާތު ބުނާކަށް ނުކެރެއެވެ. އާރިޒު ބޭރަށް ނިކުތީ ފޯނެއް އައިސް ގެންނެވެ. ވަގުތުގެ ބޭނުން ހިފީ އަނޫއެވެ. ޔުކްތާ ގާތަށް ގޮސް ޔުކްތާއާއި އާރިޒްގެ ގުޅުން ކުރިއަކަށް ނުގެންދެވޭނެ ކަމަށް ބުންޏެވެ. އަނޫ ދުވަހަކުވެސް އާރިޒު ދޫނުކުރާނެ ކަމަށާއި ޔުކްތާ ދުވަސް ކޮޅަކުން ބޭކާރު ވާނެކަމަށް އޭނާ ދޮގުވާހަކަ ދެއްކިއެވެ. އަނޫގެ ވާހަކައިން އާރިޒާ ޔުކްތާއާއި ގުޅުން އެހާރަނގަޅުނޫންކަން އަނޫ ބުނުމުން ޔުކްތާ ދެރަވިއެވެ. ސަބަބަކީ އާރިޒުގެ ފަރާތުން ނޫން ގޮތަކަށް އެކަމެއް އަނޫއަކަށް ނޭނގޭނެއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *