Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 24

ޝީތު އެ ފޯނު ގެންދިޔައީ ޔަޤީނުންވެސް އޭގެން މާޔާއަށް ކަމެއް އެނގިދާނެތީ ކަމުގައި ވެދާނެއެވެ. މަންމަގެ ފޯނު އޮއްވާ އެ ފޯނު ހުޅުވައި ބަލާލުމުގެ ޚިޔާލެއްވެސް މާޔާ ނެތެވެ. ދަބަހަށް އެއްޗެހި އަޅައި އަލަމާރީގެ ތެރޭގައި ފޮރުވާލުމަށްފަހު މާޔާ ވިސްނަމުން ދިޔައީ އެގެއިން ނިކުތުމުގެކުރިން ފޯނު ހޯދޭނެ ގޮތެއް އޮތްތޯއެވެ. އޭނާއަށް ވިސްނުނީ މާޒީން އޮފީސް ނިމިގެން އައިސް ޝީތު އާއި އެކު ބޭރަށް ނިކުންނަ ވަގުތު އެކޮޓަރިއަށް ވަދެ ފޯނު ނެގުމަށެވެ. އެކަމަކު ކަންތައްވީ މާޔާ ހިތަށް އެރި ގޮތަކަށް ނޫނެވެ.

އެމީހުން ދިޔަފަހުން މާޔާ ގޮސް ބެލިއިރު އެކޮޓަރި ހުރީ ތަޅުލާފައެވެ. އިތުރަށް އެ ފޯނު ހޯދާނެ އެއްވެސް ގޮތެއް މާޔާގެ ސިކުނޑިއަކު ނުވިއެވެ. އޭނާ ގޮތްހުސްވެ ކޮޓަރީގައި އޮވެ ރުޔެވެ. މިވަގުތުގެ ބޭނުން ހިފައި ގެއިން ނިކުންނަން އޭނާގެ ވިސްނުމަށް ނައީ ހުރިހާ ކަމަކަށްވުރެ ބޮޑަށް މަންމަގެ ފޯނު މުހިއްމުވީމައެވެ.

މާޔާ ސިހުނީ ކޮޓަރި ދޮރުގައި ޓަކިދިން އަޑު އަހާފައެވެ. ދެލޯ ފޮހެލާފައި ތެދުވެ ގޮސް ދޮރު ހުޅުވިއިރު ހުރީ ޝީތުއެވެ. އޭނާ އެހީ އެތެރެއަށް ވަދެވޭނެތޯއެވެ. މާޔާ އެއްފަރާތްވުމުން ޝީތު އެތެރެއަށް ވަންނަމުން އެދުނީ މާޔާ ކައިރީ އިށީނުމަށެވެ.

މާޔާ އައިސް އެނދުގައި އިށީންއިރު ހިތް އޮތީ ތެޅިތެޅިއެވެ. ޝީތުގެ މޫނުމަތިން ފެންނަ އޯގާތެރިކަމުގެ ފަހަތުގައިވަނީ ކިހާ ވަރެއްގެ ހީލަތްތެރިކަމެއްބާއޭ ހިތަށް އެރިއެވެ. މާޔާ އައިސް އިށީނުމާއި އެކު އެއާއި ޖެހިގެން ޝީތު އިށީނެވެ.  އެއްޗެއް ބުނަން އުޅޭ ފަދައިން ތުންފަތް ހަރަކާތްކޮށްލާފައި ފެނުނީ ޝީތު އިސްޖަހާލިތަނެވެ. ހީވަނީ ވާހަކައެއް ދައްކަން ބޭނުންވެ ނުބުނެވިގެން އުޅޭހެންނެވެ.

"މާޔާ، އަހަންނަށް ހީވާ އެއްޗެއް ބުނަންތަ؟" ޝީތުގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. މާޔާ ބޯޖަހައިލީ ކޮންމެ އެއްޗެއް ބުނުމުގެ ހުއްދަ ޝީތުއަށް ވެޔޭ ބުނާ ފަދައިންނެވެ. އުނގުތެރޭ ދެއަތް ބާއްވައިގެން އިންދާ އޭނާގެ ދެއަތުގައި ޝީތު ހިފާލިއެވެ.

"އަހަންނަށް ހީވަނީ މާޔާގެ މަންމަ މަރުވީކީ ނޫންހެން." ޝީތުގެ ވާހަކައިން މާޔާއަށް ސިހުމެއް ނުލިބެއެވެ. ޝީތު އެއް އަތުން މާޔާގެ ކޮލުގައި އަތް ޖައްސާލަން އުޅުމުން މާޔާއަށް ތެދުވެވުނެވެ. ކުރީ ރެއަކު ޝީތު ދެއްކި ވާހަކަ އަޑު އެހީ މާޔާގެ ކަންފަތުންނެވެ. އެރޭ ހީވީ މާޔާގެ މަންމަ މަރާއި ޝީތު އާއި ގުޅުމެއްވާހެންނެވެ.

"ޑޮކްޓަރު ބުނުއްވި ހިތް ހުއްޓިގެންނޭ." މާޔާގެ ހަނދާނަށް އައީ މަންމަގެ މޫނު ބަލަން ހުއްޓާ ޑޮކްޓަރު އައިސް މާޒީން އާއި ދެއްކި ވާހަކައެވެ.

"އެގްޒެކްޓްލީ." ޝީތު އަޑަށް ބާރުލާފައި ބުނެލިއެވެ. ޝީތު އާއި ފުރަގަސްދީގެން ހުރެފައި މާޔާއަށް ބަލައިލެވުނެވެ.

"އިންސާނާ މަރުވަނީ އޭނާގެ ހިތް ހުއްޓިގެން، އެކަމަކު އެކަން މެދުވެރިވާ ސަބަބެއް ނޭނގޭނެ އެކަކަށްވެސް، އެކި މީހުންގެ ހިތް ހުއްޓެނީ އެކި ސަބަބާއި ހުރެ،" ޝީތު އައިސް ދައްކަން ފެށި ވާހަކައިން މާޔާގެ ބޮލުގައި ރިއްސައިގަތެވެ. ޝީތުއަށް އިތުބާރުކުރަން ދަތިވެފައި ބަލަން ހުރެވުނެވެ.

"މަންމަ އެންމެ ފަހުން ބައްދަލުކުރީ މާޔާގެ ބައްޕަ މިހާރު ބަލަމުން ގެންދާ މީހާއާ، އެކަން މަންމަގެ ފޯނު ރިކޯޑުން އެނގޭ، އަން މިއޮތީ މަންމަގެ ފޯނު،" ފަހަތު ޖީބުން ނަގައި ޝީތު ދިނީ ޝަރުމީލާގެ ފޯނެވެ. އެ ފޯނު ޝީތުގެ އަތުން މާޔާއަށް ޖަހައިގަނެވުނެވެ. ފޯނު ލޮކު ކޯޑަކާއި ނުލައި ހުޅުވޭތަން ފެނުމުން މާޔާ ހައިރާންވިއެވެ. މަންމަގެ ފޯނަކީ އެހާ ފަސޭހައިން އަތްލެވޭ އެއްޗަކަށް ވެފައި ނުވަނީ އެ ފޯނުގެ ލޮކުގެ ސަބަބުންނެވެ.

"އަހަރެން ތިއޮތީ ތީގެ ލޮކު ދުއްވާލާފައި." ޝީތު ބުނެލިއެވެ.

"އަހަންނަށްވުރެ ބޮޑަށް މަންމަ އާއި މެދު ޝީތު ތިޔަ ވިސްނާ ސަބަބެއް އަހަންނަކަށް ނޭނގެ، އެކަމަކު އަހަރެންގެ ހިތް ބުނަނީ އަހަންނަށް ނޭނގޭ ބައިވަރު ކަންތަކެއް އެބަވެޔޭ." މާޔާ އަށް ހީވަނީ އޭނާ ފިކުރު ބޮޑުވެ އަނބުރައިގަންނަން އުޅޭހެންނެވެ.

"އަހަންނަށް މައެއްގެ އުނިކަން ފިލައި ދިޔައީ މާޔާގެ މަންމަ އައިފަހުން، ޝީ އިޒް މައި މަމް ޓޫ،" ޝީތު މޭގައި އަތް ޖައްސައިލީ އެ މޭތެރޭގައިވާ ހިތުގައި ޝަރުމީލާއަށް ޚާއްސަ މަޤާމެއްވާކަން ދެއްކުމަށެވެ. މާޔާއަށްވުރެ ބޮޑަށް ޝަރުމީލާ އާއި މެދު ވިސްނީ ޝީތުކަން މާޔާއަށް ޤަބޫލުކުރެވެންޖެހޭނެއެވެ. އެއީ މަންމަ އަނބުރައިގަނެގެން ގެންދެވުނުއިރު އޭގެ ސަބަބުވެސް އެނގުނީ ޝީތުގެ މަސައްކަތުންނެވެ.

"އެކަމަކު އަހަރެން އަޑު އެހިން ކުރީ ރެއަކު ޝީތު ދެއްކި ވާހަކަ." މާޔާ އާއި ދިމާލަށް ޝީތު ބަލައިލީ ދެބުމަ ކައިރިކޮށްލަމުންނެވެ. ހުރިހާ ކަމެއް ސިއްރު ނުކުރެވިގެން އެންމެ ފަހުން މާޔާގެ ދުލުން ބޭރުވިއެވެ. އެހެން ނަމަވެސް އޭނާގެ ދުލުން ބޭރުވި ބަސްތަކާއި މެދު އޭނާ ހިތާމައެއް ނުކުރެއެވެ.

"އައި ގޮޓް މޭޑް." ޝީތު އަމިއްލަ ނިތުގައި އަތް ޖައްސާލިއެވެ. އެރޭ ޔޫނުސް ގުޅައި ރޮއި އާދޭސްކުރުމުން ޝީތު ހިތުގައި ހަމްދަރުދީ އުފެދުނެވެ. ޝަރުމީލާ އާއި މެދު އެފަދަ މޭރުމަކުން އޭނާއަށް ވާހަކަ ދެކެވުނީ އައިސް ހުރި ރުޅީގައެވެ.

"ހުވާ ކޮށްފައި މިބުނީ މީހަކު ނެތިގެން އަހަރެން އެންމެ ދެރަވަނީ މާޔާގެ މަންމަ ނެތިގެން،" ޝީތު ދެލޮލުން ވިދައިގެން ކަރުނަތައް އޭގެ ހެއްކަކަށް ފުދެއެވެ.

"ޝީތުއަށް އެނގޭ ހުރިހާ ކަމެއް އަހަންނަށް ކިޔައިދީ،" އަމުރުވެރި ރާގަކަށް މާޔާއަށް ބުނެވުނެވެ. އޭނާއަށް ޤަބޫލުކުރެވެނީ އޭނާ އިން ހާލުން ކިތަންމެ ކަމެއް ވަންހަނާވެފައިވާނެހެންނެވެ.

"އަހަންނަކަށް ނޭނގެ މަންމަ އެމީހާ އާއި ބައްދަލުކުރީ ކީއްވެކަމެއް، އިއްތިފާޤުން އަހަރެމެންނަށް ވަދެވުނުއިރު މަންމަ ނިކުންނަނީ، އެއީ މާޒިންވެސް ދަންނަ މީހެކޭ އެއީ، މަންމަ އޮފީހަށް ގެންގޮސްދިނީ މާޒީންގެކާރުގައި، އޭގެ ފަނަރަ މިނެޓް ނުވަނީސް އެނގުނީ މަންމަ ހޮސްޕިޓަލަށް ގެންދާކަން، މާޒީން އަށް ގުޅީ އެ އޮފީހުގައި އުޅޭ މީހަކު،" ޝީތު ކިޔައިދެމުން ދަނިކޮށް މާޔާ ކުއްލިއަކަށް ހުއްޓުވިއެވެ.

"އެއީ މާޒީން ދަންނަ މީހަކު ކަމުގައި ވަންޏާއި މާޒީން ކައިރީ ބުނޭ އަހަރެން އެމީހާ އާއި މީޓްކުރަން ބޭނުންވާ ވާހަކަ، އަހަރެން އެނގެން ބޭނުން މަންމަ އާއި އޭނަ އާއި ދެކެވުނީ ކޮން ވާހަކައެއްކަން." މާޔާ އެދުނެވެ. ޝީތު ވިސްނާލާފައި މާޔާ އާއި ކުރީ ސުވާލެކެވެ.

"ފުލުހަށް ހާޟިރުކޮށްގެން އޭނަ ކިޔައިނުދިން ވާހަކައެއް މާޔާއަށް ކިޔައިދޭނެހެން ހީވޭތަ؟" ޝީތު އަހާލިއެވެ. ޝަރުމީލާގެ މަރާއި ގުޅޭގޮތުން ތަހުގީގެއް ހިނގަމުންދާކަން މާޔާއަށް އެނގުނީ ދެނެވެ. އެއީ އެކަން ބަލައިދެން ޝީތު އެދިގެން ކަމުގައި އޭނާ ހާމަކުރިއެވެ. ޝީތު އެދުނީ މާޔާ ކައިރީ ކެއްތެރިވުމަށެވެ. އޭނާއަށް އެނގޭ ހުރިހާ ކަމެއް ކިޔައިދޭނަމޭ ބުންޏެވެ. އަދި މާޔާ އަކީ ހިތްވަރު ގަދަ މީހަކަށް ވުމަށް އެދުނެވެ.

****

އެގެއިން ނުނިކުމެ މަޑުކޮށްލަން މާޔާ ބޭނުންވީ މަންމަގެ ހައްޤުގައެވެ. ވަކީލުން ހަމަޖައްސައި ބޮޑު ތަހުގީގެއް ކުރާނެ ޤާބިލްކަމެއް އޭނާގެ ނެތެވެ. ދުވަސްތައް ހޭދަވީ އެސްފިޔަޖަހާލުންހާ އަވަހަށެވެ. މާޔާއަށް ދިން ޕްރޮޖެކްޓް ނިންމުމުގައި އޭނާ މަސްއޫލުވެ އުޅުނެވެ. އޮފީސްތެރޭގައި މާޔާއަށް ހެޔޮއެދޭ ބަޔަކު އުފެދުނެވެ. އޭގެތެރެއިން އެންމެ ޚާއްސައީ ނަވާޒްއެވެ.

އިރުއޮއްސެނިކޮށް އޮފީސް ނިމުނު ދުވަހެވެ. ގިނަވަގުތު ގޮނޑީގައި އިނުމުން މާޔާއަށް ހުރީ ތެދުވެ ހިނގައިގަންނަން ދަތިވެފައެވެ.

"މާޔާ ރަނގަޅުތަ؟" ކޮނޑުގައި މީހަކު އަތްބައްވާލުމާއި އެކު މާޔާ ސިހުނު ވަގުތު ކަންފަތުގައި ޖެހުނީ ނަވާޒްގެ ހިތްގައިމު އަޑެވެ. އެދިމާލަށް މާޔާ އެނބުރުނުއިރު އޭނާގެ މޫނުވަނީ ހިނިތުންވުމުން އުޖާލާވެފައެވެ. ހުރިހާ ރިހުމެއް ފިލައި ޝިފާ ލިބުނު ފަދައެވެ.

"ރަނގަޅު." މާޔާއަށް އަވަހަށް ބުނެވުނެވެ.

"ވަރަށް ވައިގަދަ، ހިނގާ އަހަރެން ގެންގޮސްދޭނަން." ނަވާޒްގެ އެހީތެރިކަން ލިބުމަކީ މިހާރު އާދައެކެވެ. ގިނަ ދުވަސް ދުވަހު މާޔާއަށް އާދެވެނީ ނަވާޒްގެ ކާރުގައެވެ. ބައެއް ފަހަރު އޭނާ ފެނޭތޯ ނަވާޒް މަޑުކުރާހެންވެސް ހީވެއެވެ. މާޔާ ހީލުމުން އެއީ ނަވާޒްއަށް ލިބުނު ހުއްދައެއްކަމުގައި އޭނާއަށް ހީވިއެވެ. އަންނާށޭ ބުނެފައި އޭނާ ހިނގައިގަތީ ކާރާއި ދިމާލަށެވެ.

މާޔާ އެރީ ކާރުގެ ފަހަތަށެވެ. އެކަމަކު އޭނާ އިނީ ލޯގަނޑުން ނަވާޒްގެ މޫނު ފެންނަހެންނެވެ. ކުރިމަތީގައި ހުރެ ނަވާޒްގެ މޫނަށް ބަލާނެ ހިތްވަރެއް އޭނާގެ ނަފްސަކު ނެތެވެ. އެހެން އިންނައިރު މާޔާގެ ސިކުނޑި ދަތުރުކޮށްފައި ގެންދަނީ އޭނާގެ ހިތަށް ހަމަޖެހުމާއި އުފާ ލިބޭ ޚިޔާލީ މަންޒިލްތަކަށެވެ. ނަވާޒް އާއި އެކު އޭނާއަށް ވަގުތު ހޭދަވަނީ އަމިއްލަ ސިކުނޑީގައި އަތުރާލެވޭ ޚިޔާލީ ވާހަކަތަކުންނެވެ. އޭނާގެ ހިތަކީ އެއްވެސް އިމެއް ނެތި ލޯބިވާން އެނގޭ އެއްޗެކެވެ. ފުރަތަމަ މިކިއަލްއެވެ. ދެން ރާމީންއެވެ. އެއަށްފަހު ނަވާޒްއެވެ. އޭނާގެ ހިތް ކިތަންމެ ބައވަރު ފިރިހެނުންނަކަށް ލެނބުނަސް އޭނާ އަކީ ނަފްސު ދެކެ ލޯބިވާން އެނގޭ މީހެކެވެ.

"ޝިޓް." ނަވާޒް ދެއަތުން ސަރަކައިގައި ޖަހާލިތަން ފެނި މާޔާއަށް ޚިޔާލީ ދުނިޔެއިން ނިކުމެވުނެވެ. ކާރު އޮތް ފަޅި ނޫން އަނެއްފަޅިއަށް ކާރު ކއިރިކޮށްލަމުން އެހެން ބުނިއިރު ހީވަނީ ނަވާޒްއަށް ގޯސްކަމެއް ކުރެވުނީހެންނެވެ. މަގުމައްޗަށް މާޔާއަށް ބަލައިލެވުނީ ނަވާޒްއަށް ނުބައި މަގަކުން ދެވުނީތޯ ހިތަށް އެރުމުންނެވެ. އެކަމަކު މާޔާއަށް ފެނުނީ ނަވާޒް މަޑުކުރުމުން ކާރަށް އައިސް އެރި އަންހެނެކެވެ.

އެމީހަކު އެރީ ނަވާޒް އާއި ޖެހިގެން އިންނަ ސީޓަށެވެ. ނަވާޒް ކައިރީ އެއްޗެއް ބުނަން އުޅެފައި ފަހަތުގައި މީހަކު އިންހެން ހީވެ ބަލާލިއެވެ. އެމީހާގެ ބޮލުން ފެށިގެން ނިކަން ރަނގޅަށް މާޔާއަށް ބަލައިލެވުނެވެ. އިސްތަށިގަނޑު ފަންވެފައި އޮތީ ޒަމާނީ ކުލައެއް ޖައްސާފައެވެ. ދެލޮލުގައި އަނދުން އަޅައި ތުންފަތުގައިވަނީ ކުލަ ޖައްސާފައެވެ. ކަންފަތް ވަނީ ދެތިން ހަތަރު ތަނަކުން ތޮރުފާފައެވެ. މޫނުގެ ހަން އޮމާންވެފައި އަލިކަމުން އެއީ ރާއްޖެ އަށް އުފަން މީހެއް ނޫންކަން އެނގެއެވެ.

"ހޫ އިޒް ޝީ؟" މާޔާއަށް ބަލަން އިނދެފައި އެ އަންހެންކުއްޖާ އަހާލިއެވެ. އެއާއި އެކު ފަސްއެނބުރި ނަވާޒްވެސް ބަލައިލިއެވެ. އޭނާ އަނގައަށް ގޮތެއް ހަދައިލިއެވެ. ނަވާޒްއަށްވެސް ދޫ ނެރެވުނެވެ. ނަވާޒް ބުނާނީ ކީކޭބާއޭ ހިތަށް އަރައި އިންދާ ނަވާޒް ދިން ޖަވާބާއި އެކު މާޔާއަށް ހީވީ އޭނާގެ މޫނުމަތީ ޖެހިހެންނެވެ.

"އެއީ އޮފީސްކުއްޖެއް، މާޔާ، މީޓް މައި ވައިފް، ޝެހެނާޒް." މާޔާގެ މޫނު ހުދުވެގެން ދިޔައެވެ. ޝެހެނާޒް ފުރަތަމަ ފަހަރަށް އޭނާއަށް ބަލަން އިނދެ ހިނިތުންވިއެވެ. މާޔާއަށް ހިނިތުންވެވުނީ ގަދަކަމުންނެވެ.

"ނައިސް ޓު މީޓް ޔޫ." ޝެހެނާޒް އިސްވެ ސަލާމްކުރަން އަތް ދިއްކޮށްލިއެވެ. އެއަތުގައި މާޔާ ހިފާލަމުން ނަވާޒްގެ މޫނަށް ބަލައިލެވުނެވެ. ކުއްލިއަކަށް ޝެހެނާޒް ފެނުމުން ނަވާޒްގެ މޫނުންވެސް ފެންނަނީ ކަންބޮޑުވުމެވެ.

"އަހަރެމެންނާއި އެކު ކޮފީއަކަށް މަޑުކޮށްލަން ވީނު." ޝެހެނާޒް އިސްވެ މާޔާއަށް ދައުވަތު ދިނެވެ. ނަވާޒްގެ މޫނުން އަނެއްކާވެސް ނުރުހުންވުން ފެނިގެން ދިޔައެވެ. މާޔާ މަނާކުރަން އުޅެނިކޮށް ޝެހެނާޒް ބުނީ ނަވާޒްގެ ކައިރީގައެވެ.

"ވައި ޑޯންޓް ޔޫ ޓެލް ހަރ؟" ނަވާޒް އަށް އެއީ އިންޒާރެއް ފަދައެވެ. އޭނާ މާޔާ ކައިރީ އެގެއަށް ވަދެލާފައި ދާން އެދުނެވެ. މާޔާއަށް އިންކާރުކުރާކަށް ނުކެރުނެވެ.

ގެއަށް ވަދެފައި ނަވާޒް އަވަސްވެގަތީ ކޮޓަރިއަށް ވަންނާށެވެ. ވަރުބަލިވެއްޖެކަމުގައި ބުނެފައި ނަވާޒް ބަހަނާ ދެއްކީ އެމީހުންނާއި އެކު މަޑުނުކުރެވޭނެކަމެވެ. ޝެހެނާޒް މާބޮޑު ކަމަކަށް ނުހަދައެވެ. ގޭތެރެއިން ފެންނަ ތަނަވަސްކަން ފިޔަވައި އެ ހަތަރު ފާރުގެ އެތެރެއިން ލިބޭ އެއްވެސް ހިތްހަމަޖެހުމެއް ނުވެއޭ ޝެހެނާޒް ބުނެލީ ނަވާޒް ގޮސް ގެއްލުމުންނެވެ. މުޅި ދުވަހު ގޭގައި އެކަނި އިނދެ އިނދެ ބައްޔަކަށް ނުވެއްޖެއްޔާ ރަނގަޅޭ ޝެހެނާޒް ބުނެލިއެވެ.

ކޮފީއެއްގެ ބަދަލުގައި ކިރު ތައްޓަކަށް މާޔާ އެދުނެވެ. ޝެހެނާޒް ހައިރާންވެފައި ބަލައިލުމުން މާޔާ އިޝާރަތްކޮށްލީ އޭނާގެ ދޫ ކުރުތާގެ އެތެރެއިން އެހާ ބޮޑަށް ފާޅުނުވާ ބަނޑަށެވެ. އެއާއި އެކު ޝެހެނާޒް އައިސް އަތްޖައްސާލީ މާޔާގެ ބަނޑުގައެވެ.

"އައި ތިންކު ހީ އިޒް މޫވީން." ޝެހެނާޒް ފެންކަޅިވާން ނެގީ މަދު ސިކުންތުކޮޅެކެވެ.

"ކިހާ އުފާވެރި އިހްސާސެއް." މިފަހަރު ޝެހެނާޒްގެ މޫނުމަތިން ހިނިތުންވުން ފިލައި ދިޔައެވެ. މާޔާއަށް އެހެން ނުބުނެވުނު ނަމައޭ ހިތަށް އެރިއެވެ. މާޔާ އާއި ދުރަށް ޖެހިލަމުން ޝެހެނާޒް ބުނެލީ އޭނާވެސް ހިތްދަތިވި ވާހަކައެކެވެ.

"އައި ފެލްޓް ދެޓް ޓޫ، އެކަމަކު އޭގެ ދުވަސްކޮޅެއްފަހުން އެނގުނީ މޭބީގެ ހާޓް ފެއިލްވާކަން، އޭގެ ފަހުން ޖެހުނީ ބޭބީ ނަގަން." ޝެހެނާޒް އަށް ކަރުނަތައް ހިފަހައްޓާނުލެވުނެވެ. ނުވެސް ދަންނަ މީހަކު ކުރިމަތީ އޭނާގެ އިހްސާސްތައް ބަންޑުންކޮށްލާނީ ހާދަ ކެއްތެރިކަން ކުޑަވެފައި ހުރުމުންނެވެ. އެއީ މި ހަތަރު ފާރުތެރޭ ބަންދުވެފައި އިންނަންޖެހޭތީ ކަމުގައި ވެދާނެއެވެ. ނޫނީ އޭނަ އާއި މަދު ވަގުތުކޮޅަކަށްވެސް ވާހަކަ ދައްކާލުމަށް ނަވާޒްއަށް ފުރުޞަތު ނުވާތީކަމުގައިކަމަށް ވެދާނެއެވެ.

ކުއްލިއަކަށް ދޮރުގައި ތަޅައިގެން އަޑު އިވުނެވެ. އެ އަޑަށް ޝެހެނާޒްވެސް ސިއްސައިގެން ދިޔައެވެ. ނިކަން ބާރަށް ޝެހެނާޒް ގޮވައިލީ ނަވާޒަށެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *