...

Support Us

ކޮލަމް: ނޫވިލު

އަމިއްލައަށް ހިސާބު ބެލުމުން ނުކުންނަ ނުރަނގަޅު ނަތީޖާ

ދިމާވާ ގިނަ ކަންކަމުގަ އާއި އުފެދޭ މައްސަލަތަކަށް ކޮންމެވެސް ހައްލުތަކެއް އިންސާނުން ހޯދައި، ދެނެގަނެއެވެ. ކުރިންސުރެ ވާރުތަވަމުން އައިސްފައިވާ ގޮތްތަކެއް ނުވަތަ ހާލަތަށް ބަދަލުވަމުން އައިސްފައިވާ ހައްލުތަކެއް އިންސާނުންނާއެކު ހިނގަމުން އަބަދުވެސް އާދެއެވެ. އަދި ޒަމާނާއެކު އަލަށް އުފަންވާ ޒާތުގެ ކަންކަމުގެ ހައްލުވެސް އެފަދަ ދާއިރާތަކުގެ އިލްމީ ފަންނުވެރިން ތާއަބަދު، ކެނޑިނޭޅި މުރާޖާކުރަމުން ގެންދެއެވެ.

އަލަށް އުފަންވާ ޒާތުގެ ކަންކަމަށްވުރެ ބޮޑަށް ގިނަ އިންސާނުންގެ ފިތުރަތާއި މި ޒާޖުގައި ހައްލު އެނގޭ ނުވަތަ ރަނގަޅު ގޮތް ވަރަށް ސާފުކޮށް އެނގެން އޮންނަ ކަންކަމުގައި ވެސް ނުރަނގަޅު ގޮތްގޮތަށް ނޫންނަމަ ނުބައިމަގު އިހްތިޔާރު ކުރެވޭ ފަހަރު ވެސް ގިނައެވެ. ކަން މިހެންވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް ސަބަބަކީ ތިމާ އެކަމެއްގައި ޝާމިލުވާ ކަންކަމުގައި ކަންކުރަން އޮންނަ ގޮތް ދޫކޮށްލައި އަމިއްލަ ގޮތަކަށް ހިސާބު ބެލޭތީއޭ ބުނެވިދާނެއެވެ. އާއިލި މައްސަލަތަކުގައި ނުވަތަ ސިޔާސީ ބާރުވެރިކަން ހޯދުމުގެ ރޭހުގައެވެ. ފައިސާ އާއި ތަނަވަސްކަން އިތުރުކުރުމުގެ މަޤްސަދުގެ އިތުރުން މަޝްހޫރުކަން ހޯދުން ފަދަ ކަންކަމުގައި ހިލާފު އުފެދި މަޝްރަހު ގޯސްވެއެވެ. ނަމަވެސް އިންސާނުންގެ މެދުގައި އުފެދޭ ކުދިކުދި މައްސަލަތަކުން ފެށިގެން ބޮޑެތި ކަންކަމުގައިވެސް އިހްލާސްތެރިކަމާއި ދޫދިނުން އިސްކުރެވިއްޖެ ނަމަ، މާގިނަ އިލްމުތަކެއް ލިބިގެން ނޫނަސް ގިނަ މައްސަލަތަކުގެ ހައްލު އޮންނާނީ ދާދި ކައިރީގައެވެ.

ބައެއްގެ ދެމެދަށް ހިޔާލު ތަފާތުވުމެއް އަތުވެއްޖެނަމަވެސް އިހުލާސްތެރިކަމާއެކު ދޫދިނުމުން މަސްރަހު އޮމާންވެއެވެ. އަދި ފިނި ސިކުނޑިއަކާ އެކު މައްސަލައަށް ވިސްނައި ހައްލުހޯދޭނެއެވެ. އިސްލާމް ދީނުގައި ވަކިވަކި ފަރުދުންގެ ގުޅުންތަކާއި މުއާމަލާތް ބަހައްޓަންވި ގޮތްތައް ވަރަށް ސާފުކޮށް އެނގެން އެބަހުއްޓެވެ. ތާއަބަދު ދެވޭ ޙުތުބާތަކުންނާއި ދަރުސްތަކުން ކެނޑިނޭޅި މިއަޑުތައް ކަންފަތުގައި ޖެހިޖެހި ހުރެއެވެ. މިފަދަ ނަސޭހަތުގެ ބަސްތައް އަޑުނުއިވޭ ހަމަ އެންމެ ދިވެއްސަކުވެސް މިފަސްގަނޑުގައި ނޫޅޭނެއެވެ.

ޝައްކެވެސް ނެތެވެ. އާދަމްގެފާނާއި ހައްވާގެފާނަށްފަހު ދެން ކޮންމެ އިންސާނަކުވެސް ފުރަތަމަ ވަނީ ދަރިޔަކަށެވެ. ދަރީންނަށް އެންގެވީ އެއްވެސް ޝަރުތެއް ނެތި، ދޫދިނުމާއެކު މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. މި ކުޑަކުޑަ އަމަލުން އެކަނިވެސް އާއިލާއެއްގެ ހަމަޖެހުމުގެ ބޮޑު ބައެއް ނިވާކުރެވުނީއެވެ. ނުވަތަ މައްސަލަ ޖެހުން މަދު ބަޔަކަށް ވެވުނީއެވެ. އަމަލުތައް މިފަދައިން ބެހެއްޓޭ ނަމަ އޭގެ ހެޔޮ އަސަރު މުޅި މުޖްތަމައިންވެސް ފެންނާން ހުންނާނެއެވެ. އަދި އޭގެ ސަބަބުން ލޯތްބާއި ކުލުނުގެ މީރުވަހާއި ރަހަ އެންމެންނަށް ލިބި އުފާވެރިކަން އާންމުވެގެންދާނެ ކަމީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫނެވެ.

ނަމަވެސް ލުއިފަސޭހަ އަދި އެންމެންނަށް އެނގޭ ގޮތްތައް އެކަހެރިކުރެވި ދިމާ އިދިކޮޅަށް އަމަލުކުރަން ފެށިއްޖެނަމަ ހަސަދަ ފިތުނަ އާއި ދެކޮޅުވެރިކަން ދަރިދަރިކޮޅަށް ދާންދެންވެސް ހިނގަހިނގާ ހުރެދާނެއެވެ. ކަން މިހެން ދިމާވާ މައިގަނޑު ސަބަބެއް ކަމަށް ވިސްނެނީ އަމިއްލަޔަށް ހިސާބު ބެލުމުގެ ވިސްނުން ގެންގުޅެވޭތީއެވެ. ޔައުނީ މައިންބަފައިންގެ ފަރާތުން ކަމެއްވެފައި ނުވަތަ ކޮށްފައި އޮތަތީވެ އޭގެ ބަދަލު ނޫނީ އެކަމެއްގެ ހިސާބު ތިމާ އަމިއްލަ އަށް ނިންމަން ހިތަށްއަރަނީއެވެ.

ދާދި ފަހުން މީސްމީޑިއާ އިން ގިނަ ބަޔަކަށް ފެނި އާންމުވި، މަގުމަތީގައި ނިދަން އޮތް ދުވަސްވީ މައެއްގެ ފޮޓޯ އަކާއި، ކުނިކަހާ ފިހިގަނޑަކުން ދަރިއަކު މަންމައަކަށް ހަމަލާދޭ ވީޑިއޯއެއް ފެނި ގިނަ ބައެއްގެ ހިތަށް ނުހަނު އަސަރުކުރުވިއެވެ. ލިބުނު މައުލޫމާތު ކުށް ނޫންނަމަ މި އަމަލުތަކަކީ ބަނޑުއަޅައިވިހެއި ދަރީންގެ ފަރާތުން ލިބުނު ނިކަމެތިކަމެކެވެ. ހިތުތެރެއަށް ކޮންމެވެސް ނުރަނގަޅު ވަހުމްތަކެއް ވަދެ މައިމީހާގެ މައްޗަށް ނަފުރަތު އޮވެ ހިސާބު ބެލެނީއެވެ. ނޫންނަމަ މިއީ ކިހިނެއް ވާނެކަމެއް ހެއްޔެވެ؟ ނަމަވެސް ދީނުގައި އެކަން އޮތީ އެހެނަކުން ނޫނެވެ. ދަރިފަސްކޮޅެއްގެ ކޮންމެ ހިސާބަކުން ފެށި ނަމަވެސް އިންސާނިއްޔަތު ބިނާކުރަން އޮތް ރަނގަޅު ގޮތް އިހްތިޔާރުކުރުމުން، އަމާންމަގު ފެނި ދަތުރު އަމާންވެ އޮމާންވެއެވެ. އެއީ އެކަކު އަނެކެއްގެ ހިސާބު ބެލުން ނެތްކަން ޤަބޫލުކުރުމެވެ. އެހެނީ ﷲ އެންގެވީ މައިންބަފައިންނަށް ވަކީން އަދި ދަރީންނަށްވެސް ވަކީންނެވެ. ފަހަރެއްގައިވެސް، އެކަކު އަމަލުކުރި ގޮތަށް ބަލާ ހިސާބު ބެލުމަށްފަހު އަނެކަކު އަމަލު ކުރުމަކަށް ނޫނެވެ. އެންމެ އިންސާފުވެރި ހިސާބަކުން ﷲ ތައާލާ އެކަމެއްގެ ހިސާބު ބައްލަވާނެކަން އަބަދުވެސް ހިތުތެރޭގައި ގަދައަޅާ ބާއްވައިފިނަމަ އެމީހަކަށް ލުއިލިބި ހަމަޖެހުންވެސް ލިބުނީއެވެ. މި ދެންނެވި ދަރީން ފުރާފުރިހަމަވެ، މައިންބަފައިންނަށް ވަންދެންވެސް ބަހާއި އަމަލު ބަހައްޓަންވީ ގޮތް އެނގި މައްސަލަތަކުގެ ހައްލު ހިތުދަސްވާނެއެވެ.

މައިންބަފައިންނަށް އެންގެވީވެސް ހަމަ ހިސާބު ބެލުން ﷲއަށް ވަކީލުކޮށް ދަރީންނަށް އިހުމާލުނުވެ ހެޔޮގޮތުގައި ތަރުބިއްޔަތުދީ، ހެޔޮ މަގު ދައްކާ ހެޔޮކޮށްހިތުމަށެވެ. ދެފަރާތްވެސް އޭގެ ޒާތުގައި ހަމަހަމައެވެ. މައްސަލަ އުފެދުން ނެތިދިޔައީއެވެ. އަލިފާން ރޯވެއްޖެނަމަ ފެން އެޅުމުން ނިވެއެވެ. ނުވަތަ، ފެނާއި އިތުރު އެއްޗަކާ އެއްނުވާހާ ހިނދަކު ފެނުގައި އަލިފާނެއް ނުހިފައެވެ. ހަމަ މިމޭރުމުން އިންސާނުންގެ ހިތަށްވެސް ނުބައިހައި ގޮތްތައް ނުވައްދާހާ ހިނދަކު ހައްލު ނޭނގޭ އެއްވެސް މައްސަލައެއް ދިމަލެއްނުވާނެއެވެ.

މުޖުތަމައެއްގެ މަސްލަހަތުގެ ބޮޑު ބައެއް ބިނާވެގެންދަނީ ވަކިވަކި ފަރުދުންގެ ގުޅުންތަކުގެ މަށްޗަށެވެ. އަދި އާއިލާތަކުގެ ބޭރުން، ދޭދޭ ފަރުދުންގެ ގުޅުންތައްވެސް ފައިސަލާ ކުރާނެ އެންމެހާ ގޮތްތައް އެއްވެސް އޮޅުމެއް ނެތް މިންވަރަށް ސާފުވާން އިސްލާމްދީނުގައި ނުވަތަ އިސްލާމީ މި މުޖުތަމައުގެ ތެރޭގައި އެނގެން އެބަހުއްޓެވެ. ހަމައެކަނި ބޭނުންވަނީ ސާފު ހިތަކާއި ނުގުޑާ ފަދަ އަޒުމެއް ތެދުވެރިކަމާއެކު ގަބޫލްކުރުމެވެ. އަމިއްލަ އެދުން އިސްކޮށް ހިތް އެދޭހާ ގޮތްގޮތަށް ކަންކަން ނިންމަން އުޅުމެއްނޫނެވެ.

ކުދި ދަރީންގެ ކުރިމަތީގައި މައިންބަފައިންނަށް (ކާފަ، މާމަމެނަށް) އިހާނެތިކޮށް ހިތުމުން އެތަން ދުށް ދަރީން ބޮޑެތިވެ އެމީހުންގެ މައިންބަފައިންނަށްވެސް ހަމަ އެ ދުވަސްތައް ތަކުރާރުވެފައި ހުރީކީ މަދެއްކޮށްނޫނެވެ. ދޫދިނުމެއްނެތި އަމިލަޔަށް ހިސާބު ބަލާތަން ފެނި ކުދި ދަރީންވެސް އެމަގުން ކަންކުރަން ދަސްކުރަނީއެވެ. އަދި މި ނުރަނގަޅު އާދަ ތަކުރާރުވެ ރަނގަޅު ގޮތް ނޭނގި ގެއްލިދަނީއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ޖެހިފައިވާ ބޮޑެތި މައްސަލަތައްވެސް ހަމަ މިފަދައެވެ. ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވައިދުތައްވެސް އާންމު އެންމެންނަށް އެނގޭ ހަމަ އާއި އުސޫލުން ކަންކުރާނެ ގޮތް ލިއެފައި ދެން ފެންނަނީ ހަމަޔާއި އުސޫލުގެ ބޭރުން، ބާރުވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި ތިމާ ޝާމިލުވާ ކަންކަމުގައި އަމިއްލަޔަށް ހިސާބު ބަލާފައި ކަންކަން ނިންމާތަނެވެ. ހިތްސާފުކޮށް ބޭއްވުމުގެ ބަދަލުގައި އެކިއެކި އެއްޗެއްސާ އެއްކޮށް ހިތް ކިލަނބުކޮށްލާތަނެވެ. އޭގެ ސަބަބުން ފިތުނައިގެ އަލިފާން ހިފާ ގޮތް މެދުވެރިވެއެވެ. މަސްލަހަތު ގެއްލި ނުބައި މަގަށް ކައްސާލައި، އިތުބާރު ގެއްލި ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރޭތަންވެސް އާދެއެއެވެ. މިކަން އެންމެ ބޮޑަށް ފެނިފައި ވަނީ ޕާޓީތަކުގެ އެންމެ އިސް މަގާމު ދިފާއުކުރުމުގެ ވާދަވެރިކަމުގެ ތެރެއިންނެވެ.

ލިއެވުނު ޤަވައިދާ އެއްގޮތަށް ކަންކޮށްގެން ހޮވޭ މީހާގެ ކިބައިގައި ހުރި "ނިކަމެތި" ސިފައަކުން ނާޖާއިޒު ފައިދާ ނަގައި ވަރަށް އިހާނެތިކޮށް ހަދައި ބޭރުކޮށްލެވުނު ގޮތާއި، ލިއެފައިވާ އުސޫލާ ޚިލާފަށް ތަބަކަކަށް ލާފައި މަގާމު ދިނުމުން ވީގޮތާއި ބާރުވެރިކަން ލިބުމުން ހިތަށްއެރި ގޮތަކަށް ކަންކުރަން ނިންމުމުން އޭގެ ހިތި ފެނިފައިވެސް އެބަހުއްޓެވެ. އަދި އެފަދަ ނޭއްގާނީ އަމަލެއްގެ ސަބަބުން މުހިންމު، މޮޅު މީހުންގެ މަތީން ރައްޔިތުން ހަނދާން ނެތިދިއުންވެސް އޮންނާނީ ދާދި ކައިރީގައެވެ.

އަދި ވަކީން ދެރައެއްނޫނެވެ. ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމުގެ ކުރީން އެބައިމީހުން ކަންކުރާނެ ގޮތްތައްވެސް ލިއެ އާންމުކުރެއެވެ. މެނިފެސްޓޯއެއްގެ ނަމުގައެވެ. ނަމަވެސް މީކީ ކުޑަކޮށްވެސް އެއަށް އަމަލުކުރަން ވެގެން ކުރާ ކަމަކަށް ވެފައެއް ނެތެވެ. މެނިފެސްޓޯ އަކީ ގިނަ ބައެއްގެ ބައިވެރިވުމާއެކު ލިޔާ އެއްޗެކެވެ. ނަމަވެސް ބާރު ލިބުމުން އެކަން ހަނދާން ނެތި އަމިއްލައަށް ކަންކަން ނިންމައި، ހިތުތެރޭގައި ހިސާބު ބަލާ ހަމަޖައްސާލެވެނީއެވެ.

ހައްތަހާވެސް މި ލިއެވެނީ ބޭރު ފުށަށް ފެންނަން ހުންނަ ކަންކަމަށް ވުރެ ބޮޑަށް އިންސާނުންގެ އެތެރެހަށީގައި ހިނގާ ކަންކަމުގެ ސަބަބުން އުފެދޭ މައްސަލައިގެ ވާހަކަ ކަމަށްވާތީވެ ތަފްސީލްކޮށް ލިއެލުމުގެ ޤާބިލްކަންވެސް ނެތީއެވެ. މައާފަށް އެދެމުން ކޮންމެވެސް މިންވަރެއްގެ ވާހަކަކޮޅެއް ލިޔެލެވޭތޯ ބަލާނަމެވެ.

ދެން އޮތީ ތަނަވަސްކަން ނުވަތަ ފައިސާގެ ސަބަބުން އުފެދޭ ނުތަނަވަސްކަމުގެ ވާހަކައެވެ. ވަރަށް އާންމުކޮށް އަދި ގިނައިން ދިމާވާ ކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް މީކީ ފަހަރެއްގައިވެސް ސާފުކޮށް ހައްލު ފެންނަން ނެތް ކަމެއްނޫނެވެ. އެހެނީ ކުޅަ މަސައްކަތެއްގެ އަގު ނޫން ނަމަ ވާރުތައަކުން، ވިޔަފާރިއަކުން ލިބެންއޮތް ނުވަތަ ދޭން އޮތް ހައްގެއް އަދާކުރުމުން ނިމޭ ކަމެކެވެ. މިއާ ހިލާފަށް ހިތުތެރެޔަށް ވެއްދޭ ދަހިވެތިކަމެއް އިސްކުރެވި ޢިހުލާސްތެރިކަން ފިލައިގޮސް އަނެކުންގެ ޙައްގަށް އަރައިގަނެ، އަމިއްލައަށް ހިސާބު ބަލައި ހިތުތެރޭގައި ހުކުމް ކުރެވެނީ އެވެ. އޭގެ ސަބަބުން ދެން އުފެދެނީ ހަސަދަ ފިތުނައާއި ދެކޮޅުވެރިކަމެވެ. ދެވަނަ ސަބަބަކީ ތިމާގެ ކިބައިގައި ކުޅަދާނަކަން ނެތް މިންވަރަށް ބޭނުންވެ، ނެތް ފެންވަރަށް އެދެވުމުންވެސް މިފަދަ ނަތީޖާއާ ކުރިމަތިލާންޖެހިދެއެވެ.

އެކަކަށްވުރެ އަނެކަކުގެ މަޝްހޫރު މަގްބޫލުކަން އިތުރުކުރުމުގެ ރޭހުގައިވެސް ދެކޮޅުވެރިކަން އުފެދި މައްސަލަޖެހެއެވެ. މަޝްހޫރު މަގްބޫލްކަން އިތުރުކުރުމަކީ އިންސާނުންގެ މެދުގައި މުހިންމު ކަމެކެވެ. ނަމަވެސް ހެޔޮ ގޮތުގައި ހެޔޮ ކަންކަމަށެވެ. ފަހަރެއްގައިވެސް އެކަކު އަނެކަކާ ޒާތީވުމަކަށް ނޫނެވެ. އިންސާނީ ދަރިފަސްކޮޅުގެ ކުރިއެރުމަށެވެ. އިލްމީ ގޮތުންނާއި ތަނަވަސްކަން އިތުރުކުރުމުގެ ގޮތުންނެވެ. ދޭދޭ ފަރުދުންނާއި ޤައުމުތަކުގެ މެދުގައިވެސް ކަން އޮތްގޮތަކީ މިއީ އެވެ. މަޝްހޫރުވުމުގެ ފަހަތުގައި އޮންނަންވާނީ ހައްތަހާވެސް ރަނގަޅު މިސާލު ނަމޫނާ ތަކެކެވެ.

އިހުލާސްތެރިކަމެއް ނެތި އަމިއްލަ މަސްލަހަތު އިސްކޮށްގެން އަމިއްލައަށް ހިސާބު ބަލައި ހުކުމްކޮށް ޙަގީގަތް ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެއީކީ ދުވަހަކުވެސް ފޮރުވޭނެ އަދި ކާމިޔާބު ކުރެވޭނެ ކަމެއް ނޫނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.