...

Support Us

ކަމެއް އިޞްލާޙްކުރެވޭނީ ނިޔަތުގައި އިޚްލާޞްތެރިކަމެއް އޮތިއްޔާއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރަނީ ޤާނޫނުއަސާސީގެ 148 (ހ) ގައި ބަޔާންވެގެންވާ ގޮތުގެ މަތީން، ޖުޑިޝަލް ސަރވީސަސް ކޮމިޝަނުގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މިކަން ކުރެވެނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވުމުންނެވެ. އެހެން ކޯޓުތަކުގެ ފަނޑިޔާރުން ޢައްޔަނުކުރަނީ ޖުޑީޝަލް ސާރވިސް ކޮމިޝަނުންނެވެ. މި މާއްދާގެ (ނ) ގައިވާ ގޮތުން، ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް ޢައްޔަނުކުރެވޭ ބައެއް ނޫނެވެ. އެހެން ނަމަވެސް، ފަނޑިޔާރަކަށް މަޤާމުގައި ދެމިހުންނެވޭނީ އެންމެ ގިނަވެގެންވެސް، ޢުމުރުން ހަތްދިހަ އަހަރުފުރެންދެނެވެ. މިހެން މިކަން އޮތް ނަމަވެސް، މި މާއްދާގެ (ރ) ގައިވާ ގޮތުން، ޤާނޫނުއަސާސީއަށް ޢަމަލުކުރާންފަށާ ތާރީޚުން ފެށިގެން 15 އަހަރުވާންދެން، 5 އަހަރަށްވުރެ ދިގުނޫން މުއްދަތެއް ކަނޑައަޅައި ފަނޑިޔާރަކު ޢައްޔަނުކުރުމަކަށް ޤާނޫނުއަސާސީ ހުރަސްއަޅާފައެއް ނެތެވެ.

ޤާނޫނުއަސާސީގެ 285 (ހ) ގައި، ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށިއިރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން، މި މާއްދާގެ ދަށުން ގޮތެއް ކަނޑައަޅަންދެން މަޤާމުގައި ދެމި ތިބެވޭނެ ކަމަށް ކަނޑައަޅާފައި އޮވެއެވެ. އަދި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށި ތާރީޚުން ފެށިގެން ދެ އަހަރުގެ ތެރޭގައި، ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކުރާ ޖުޑިޝަލް ސަރވިސް ކޮމިޝަނުން، ފަނޑިޔާރުންގެ ކިބައިގައި ހުންނާންވާނެ ކަމަށް ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން ކަނޑައަަޅަންވާނެ ކަމަށް ބަޔާންކޮށްފައި އެބައޮތެވެ.

މިކަން މިހެން އޮއްވާމެ، 27 ޖުލައި 2010 ގައި، ޖޭ.އެސް.ސީ އިން ވަނީ އޭރު ތިއްބެވި، ގާތްގަނޑަކަށް ހުރިހާ ފަނޑިޔާރުން، ޢުމުރަށް (70 އަހަރަށް) ޢައްޔަނުކޮށްފައެވެ. މިކަން މިހެން ހިނގައި ދިޔައީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭރު އެމްޑީޕީން އެކަމަށް ވަރަށް ފާޑުކިޔައި ހެދި ނަމަވެސް، އެމްޑީޕީއަށް ވެރިކަން އަތުޖެހޭ ހަމަ ކޮންމެ ފަހަރަކުވެސް، ކަންކުރަމުން ދިޔައީ، އަދި މިހާރުވެސް ކުރަމުން ދަނީ، ހިތުހުރި ގޮތަކަށެވެ. ޤާނޫނުއަސާސީއަކަށް، ޤާނޫނަކަށް ޢަމަލުކުރާތަނެއް ނުފެނެއެވެ. ޗާޓުން ބޭރުންނެވެ.

ދިވެހިރާއްޖޭގައި، އަދި ދުނިޔޭގެ އެހެން ޑިމޮކްރެޓިކް ވެރިކަން ހިނގާ ޤައުމުތަކުގައިވެސް، ފަނޑިޔާރުން ފިޔަވައި އެހެން ހުރިހާ އިންތިޚާބީ މަޤާމުތަކަކީ ޤާނޫނުގައި ކަނޑައެޅިފައިވާ ދައުރަކަށް އިންތިޚާބުކުރެވޭ، ނުވަތަ ޢައްޔަނުކުރެވޭ މަޤާމުތަކެކެވެ. ބައެއް ޤައުމުތަކުގައި ހަތަރު އަހަރަށެވެ. އަނެއްބައި ޤައުމުތަކުގައި ފަސް އަހަރަށެވެ. ކުރިންވެސް ދެންނެވި ފަދައިން، ދިވެހި ރާއްޖޭގައި ފަނޑިޔާރުންނަކީ ޢުމުރުން 70 އަހަރުވަންދެން މަޤާމުގައި ދެމިތިބެވޭ ބައެކެވެ. އެހެން ނަމަވެސް، ފާއިތުވެދިޔަ 12 އަހަރުގެ ތެރޭގައި އުއްތަމަ ފަނޑިޔާރުކަން ހަތަރު ބޭފުޅަކު ކުރައްވައިފިއެވެ. މިހާރު އުއްތަމަ ފަނޑިޔާރަކަށް އެ ހުންނެވީ ފަސް ވަނަ އުއްތަމަ ފަނޑިޔާރެވެ. އެވަރު ނުވިއަސް، ފަނޑިޔާރުންގެ ބެންޗަކީވެސް އެއްވެސް އިތުބާރެއް އޮތް މަޤާމެއް ނޫނެވެ. މިއަދު ދިވެހި ރާއްޖޭގައި، ފަނޑިޔާރުންނެކޭ، ސިޔާސީ އެހެން މަޤާމެކޭ އެއްވެސް ތަފާތެއް ނެތެވެ.

ސުވާލަކީ، ރައީސުލްޖުމްހޫރިއްޔާއަކު ފަސް އަހަރަށް އިންތިޚާބުކުރެވިފައި، މަޖިލިސްގެ މެމްބަރުން ފަސް އަހަރަށް އިންތިޚާބުކުރެވިފައި، ކައުންސިލަރުން ތިން އަހަރަށް އިންތިޚާބުކުރެވިފައި، މުއްދަތެއް ނެތި، އެއްވެސް ވޯޓަކާއި ނުލައި ޢުމުރުން 70 އަހަރުވަންދެން ފަނޑިޔާރުން މި ޢައްޔަނުކުރެވެނީ ކީއްވެހެއްޔެވެ؟ ޤާނޫނީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަތަރު އަހަރު، ނުވަތަ ފަސް އަހަރަކީ ތަރައްޤީގެ އެޖެންޑާއެއް ތަންފީޒުކުރުމަށް އެކަށޭނަ މުއްދަތެކެވެ. އަދި ސަރުކާރެއްގެ މުއްދަތު، ފަސް އަހަރުގެ ދެ ދައުރަށްވުރެ ދިގުވުމަކީ، އެ ޤައުމެއްގައި ކޮރަޕްޝަނާއި ވައްކަން އަށަގަތުމަށް މަގުފަހިވާކަމެކެވެ. އަދި ސިޔާސީ މީހުން ޖަވާބުދާރީ ކުރުވުމަށް ހުރަސްތައް ކުރިމަތިވާ ކަމެކެވެ. އެހެން ކަމުން، ކޮންމެ ފަސް އަހަރަކުން، ސަރުކާރު ޖަވާބުދާރީކުރުމަށް ރައްޔިތުންނަށް ފުރުޞަތެއް ދިނުމަކީ، ކޮރަޕްޝަނާއި ވައްކަން މަަދުވެ، ޤައުމުގެ ހިންގުމަށް އައު ވިސްނުންތަކެއް ގެނެސް، ހިންގުން ހަރުދަނާވެގެންދާ ކަމެކެވެ. ނަމަވެސް، ރައްޔިތުމީހާގެ ވޯޓަކީ ޤައުމުގެ މަޞްލަޙަތުގެ ކުރިއަށް އަމިއްލަ މަޞްލަޙަތު އިސްކޮށް، ވިއްކާއެއްޗެއް ކަމުގައިވާނަމަ، ޤާނޫނުން ކަނޑައަޅާފައިމިވާ މަތިވެރި މަޤުޞަދުތައް ޙާޞިލުވާނީ ކިހިނަކުން ހެއްޔެވެ؟

ފަނޑިޔާރުންނަކީ ވެސް، ކޮންމެ ފަސް އަހަރަކުން ރައްޔިތުން ކައިރިއަށް ގޮސް ވޯޓަށް ސަލާންޖަހަން ޖެހޭ ބައެއްނަމަ، ޢަދުލު އިންޞާފު ޤާއިމުކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެނީ، ފަނޑިޔާރުންނަށްވެސް އޭރުން ޖެހޭނީ، ސިޔާސީ އެހެން ބޭފުޅުން ފަދައިން ރައްޔިތުންގެ ފަރާތުން އަންނަ ނުފޫޒުތަކާއި ޕްރެޝަރުތަކުގެ އިތުރުން، ސަރުކާރުގެ ތެރެއިންނާއި ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިންނާއި، އެމަޖިލީހުގެ ވަކިވަކި މެމްބަރުންގެ ފަރާތުންނާއި، މިނިވަން މުއައްސަސާތަކާއި ތަފާތު ޕްރެޝަރ ގްރޫޕުތަކުން އަންނަ ނުފޫޒުތަކާއި ޕްރެޝަރުތަކަށް ޝަރީޢަތްތައް ދީލާލާށެވެ. އެހެންވެއްޖެނަމަ، ޢަދުލެއް އިންޞާފެއް އޮންނާނެހެއްޔެވެ؟ އެހެން ކަމުން، ޢުމުރަށް ނުވަތަ 70 އަހަރު ފުރެންދެން ފަނޑިޔާރުން މަޤާމުގައި ބައިތިއްބަނީ މިދެންނެވި ފަރާތްތަކުގެ ބާރާއި، ނުފޫޒާއި ޕްރެޝަރކުރުން ތަކަށް "އިންސިއުލޭޓް" ކުރުމަށްޓަކައެވެ.
ޤާނޫނުގައި، ފަނޑިޔާރުންނަކީ "އިންސިއުލޭޓް" ކުރެވިފައިވާ ނުވަތަ ޙިމާޔަތްދީފައިވާ މުސްތަޤިއްލު ބައެއް ކަމަށް ކަނޑައަޅާފައި އޮތަސް، އަދި ފަނޑިޔާރުންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޤާނޫނުއަސާސީ އާއި ޤާނޫނުތަކަށް އެކަނި ރިޢާޔަތްކޮށްގެން ފައިޞަލާކުރަންޖެހޭ ބައެއް ކަމަށް ކަނޑައަޅާފައި އޮތަސް، މިކަން ޢަމަލީ ގޮތުން ހިނގާތަނެއް ނުފެނެއެވެ. މިހެން މިކަން ހިނގާތަން ނުފެންނަނީ ޤާނޫނު އަސާސީން ދީފައިވާ މަޤާމުގެ ޔަޤީންކަމާއި ޙިމާޔަތް، ސަރުކާރާއި މަޖިލީހުގެ ތެރެއިން ނިގުޅައިގަންނަމުންދާތީއެވެ. ތަފާތު ތުހުމަތުތައް އުފަންކޮށް، ބަހަނާ ތަކާއި އިލްޒާމްތައް އިސްތަށިފުޅުގައި އަޅުވައި، އެބޭފުޅުންގެ މަޤާމުތަކުން އެކަހެރިކޮށް، އެއްލާލަނީ އެކަންޏެއް ނޫނެވެ. ރައްޔިތުންގެ ކުރިމަތީގައި އެބޭފުޅުންގެ އަބުރުކަތިލައި، ޢިއްޒަތްވެސް ވެއްޔާއި މޮޑެ، މުޖުތަމަޢުގައި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ޙައްޤުންވެސް މަޙުރޫމްކޮށްލަނީއެވެ. ތިމާމެން އެދޭގޮތް ނޫން ގޮތަކަށް ޙުކުމެއް ކޮށްފި ކޮންމެ މީހަކަށް ދެވޭ އިންޒާރެއްގެ ގޮތުންނެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި މިއަދު މި ޤައުމުގެ ފަނޑިޔާރުގެތަކަށާއި ފަނޑިޔާރުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް އަދި އިންޑިއާގެ އިރުޝާދުގެ ދަށުން، އަދި ފަރުދާގެ ފަހަތުން ޖުޑިޝަލް ސަރވިސް ކޮމިޝަނާއި ޤައުމު ހިންގަވަމުންގެންދަވާ މުޙައްމަދު ނަޝީދެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ވަރަށް މުހިއްމު އިޞްލާހެއް ހުށަހަޅުއްވާފައެވެ. އެއީ ޤާނޫނު އަސާސީގައި ޖުޑިޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށެވެ. މި ހުށަހެޅުން ވަނީ މަޖިލީހަށް ބަލައިގެންފައެވެ.  ރައީސް ނަޝީދު ޑިމޮކްރެސީގެ އުޞޫލުތަކަށް ލޯބިކުރައްވާ ވަރާއި، ބާރުތައް ވަކިކުރެވިފައި އޮންނަ ހިންގުމުގެ ނިޡާމަށް އިޙްތިރާމްކުރައްވާ ވަރާއި، ފަނޑިޔާރުގެ އިޞްލާހްކުރެއްވުމަށް އޮތް އިޚްލާޞްތެރިކަމާއި، އަމިއްލަ އެދުމެއް ނެތް މިންވަރު މިފަހަރު އެނގިގެންދާނެއެވެ. ޝައްކެއްނެތެވެ. ކަމެއް އިޞްލާޙްކުރެވޭނީ ނިޔަތުގައި އިޚްލާޞްތެރިކަމެއް އޮތިއްޔާއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.