Support Us

ވާހަކަ: ޔުކްތާ – 13

ތިން ތައްޓަށް ނޫޑުލިސް އެޅުމަށްފަހު ސަމްސާ ލައިގެން އާރިޒުމެން ކާންފެށިއެވެ. ކުއްލިއަކަށް ސިޓިންރޫމުގައި އަޅުވާފައިވާ ޓީވީން ބާބީގެ ކޮންމެވެސް ކާޓޫނެއްގެ އަޑުއިވިގެން އާރިޒުގެ ހުއްދަ ހޯދައިގެން ޝިޔާ ދިޔައީ ތަށި ހިފައިގެން ސިޓިންރޫމަށެވެ. މިއީ އާރިޒު ބޭނުން ވީގޮތްވެސް މެއެވެ. އޭނާ އަބަދުވެސް އެދެމުން ދަނީ ޔުކްތާއާއި އެކަނިވެލުމަށެވެ. ޔުކްތާއާއި ވާހަކަ ދެއްކުމަށެވެ. އޭނާގެ ލޯބި ކޮންމެވެސް ގޮތަކުން ޔުކްތާއަށް އަންގައި ދިނުމަށެވެ. ޔުކްތާއަކީ އޭނާގެ އަނބިމީހާނަމަވެސް ޔުކްތާއާއި ސީދާ އެވާހަކަތައް ދައްކަން އޭނާ ޖެހިލުންވެއެވެ. އެދެމީހުންވެސް ކައިވެނި ކޮށްފައިވަނީ މަންމައަށްޓަކައެވެ. ނަމަވެސް މިހާރު މަންމަ ނެތުމުން ޔުކްތާ ދެކޮޅު ހެދުމުގެ ފުރުސަތު އެބައޮތެވެ. ޔުކްތާ ދެކޮޅުހަދާފާނެތީ އޭނާ ޖެހިލުންވެއެވެ.

ކަނާތަށް ފުން ޒަޚަމުވެފައިވާތީ ޔުކްތާއަކަށް ކަނާތުން ކެވޭ ގޮތެއް ނުވިއެވެ. މިކަން އާރިޒަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާ ޔުކްތާއަށް އެހީވިއެވެ. ޔުކްތާއާއި ޖެހިގެންހުރި ގޮނޑިއަށް އޭނާ ޖެހިލިއެވެ. އަދި ޔުކްތާގެ ތަށިން ނޫޑުލިސް ނަގާ ޔުކްތާއަށް ކާންދޭން އުޅުނެވެ. ނަމަވެސް ސީދާ ޔުކްތާގެ ކަޅިއަށް ބަލަހައްޓައިގެން ހުރި އާރިޒުގެ އަތުން ކާހިތްވީނަމަވެސް އޭނާ ލަދުގަތެވެ. އޭނާ އަދިވެސް އާރިޒްދެކެ ޖެހިލުންވެއެވެ.

"މިއީ ވިހައެއް ނޫނޭ ނުކައި ބިރުން ހުންނާކަށް." ޔުކްތާ ނުކާން އުޅުމުން އޭނާ ސަމާސާ ކޮށްލިއެވެ.

"ވިހައަކަށް ވާތީއެއްނޫން. އަޅުގަނޑު….. އަޅުގަ….." އޭނާ އިސްޖަހާލިއެވެ.

އާރިޒަށް ޔުކްތާގެ އިސްޖަހާލުމުން އެއީ ހެޔޮފާލެއްގެ އަސަރުކަން ދެނެގެންފިއެވެ. ޔުކްތާ ތީ އަހަރެންގެ ބެލުމުގެ ޒިންމާގައި މަންމަ ހަވާލު ކޮށްފައި އިން ކުއްޖެއް. ބަލިވުމުން ބައެއް ފަހަރު އެހެންމީހުންގެ އެހީތެރިކަން ބޭނުންވާނެ. ބޮޑާނުހާކާ ކާން ހިނގާ…."

އާރިޒުގެ ކޮންމެ ޖުމްލައެއް ޔުކްތާއަށް އަސަރު ކުރުވައެވެ. އާރިޒުގެ ކޮންމެ ބަހަކުން އޭނާގެ މުޅި ހަށިގަނޑަށް ދުވަހަކުވެސް ނުވާކަހަލަ އިހުސާސެއް ކުރެއެވެ. އޭނާ ކުޑަ ކުއްޖެއް ފަދައިން ބަސް އަހައިގެން އާރިޒް އަތުން ކައެވެ. އަދި ބޭސްވެސް ބޮއިފިއެވެ. މި މުހިންމު ވަގުތު އެތަނަށް ވަދެވުނީ އަނޫއަށެވެ. އަނޫއަށް ފެނުނު މިމަންޒަރުން ނުހަނު ފުން އަސަރެއް ކުރިއެވެ. ޔުކްތާއާމެދު އުފެދިފައިވާ ނަފުރަތުގެ ހުޅުގަނޑު ހިތުގައި އަނދައިގަތެވެ.

"މިހާރުދެން ރައްޓެހިންގެ ހާލު ބަލާލުމެއްވެސް ނެތްދޯ." އަނޫ އާރިޒާ ޝަކުވާ ކުރިއެވެ.

"އަނޫ ބަލިވީތަ؟ ނާންގަންޏާ ކިހިނެއް އެނގޭނީ." އާރިޒްވާހަކަ ދެއްކިއެވެ.

"ފޯނު އޮތީ  ނިވާލާފައި. އޮފީހަށް ގުޅީމަ ބުނީ ޗުއްޓީގަޔޯ."

"ޔުކްތާ ބަލިވެގެން ގޭގައި މަޑުކޮށްލީ."

"މިހާރު ކައްކަނީވެސް އާރިޒުތަ؟"

"އާނ. އަނބިކަނބުލޭގެ ބަލިވީމާ ނޯކަރަށް ވާންވެސް ޖެހޭނެނުދޯ ޔުކްތާ." އާރިޒް ސަމާސާ ކޮށްލީ ޔުކްތާއަށެވެ.

މިއީ އަނޫއަށް ކެތްކުރެވޭވަރު ކަމެއްނޫނެވެ. އޭނާގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު އާލާވިއެވެ. ނަމަވެސް ވިހަ ހިނިތުން ވެލުމަކުން އޭނާ ނިކުމެގެން ދިޔައީ އިރުކޮޅަކު މަޑުކޮށްލުމަށް ފަހުގައެވެ.

އާރިޒު ޗުއްޓީ ނަގައިގެން ހަފްތާއެއް ވަންދެން ގޭގައި މަޑުކުރިއެވެ. އެ ތިންމީހުން އެކުގައި ޓީވީބެލުމާއި ކެއުމުގައެވެ. ޝިޔާއާއެކު ކުޅުމާއި ކިޔަވައިދިނުމުގައެވެ. އެމީހުން އެކުގައި ޖޯކުކިޔައެވެ. ބިރުވެރިވާހަކަ ކިޔައެވެ. އެކުގައި ހީސަމާސާ ކުރެއެވެ. އާރިޒުގެ މިއޯގާތެރިކަމާއި ސަމާސާ މިޒާޖު އޭނާގެ ނިދާފައިވާ އަންހެންވަންތަ އިހުސާސް ހޭލައިފިއެވެ. އާރިޒުދެކެ އިންތިހާއަށް ލޯބިވެސް ވެވިއްޖެއެވެ. އަދި ފުރަތަމަ ފަހަރަށް މީހަކަށް އިތުބާރު ކުރެވެން ފަށައިފިއެވެ.

*****

ޗުއްޓީ ހަމަވުމުން އޭނާ އޮފީހަށް ނިކުތެވެ. ނަމަވެސް ދެމީހުންނަށްވެސް އިހުސާސް ކުރެވެމުން ދިޔައީ ފަޅުކަމެވެ. ފޫހިކަމެވެ. އެކަކު އަނެކަކަށް ކުރެވޭ އިންތިޒާރެވެ. އާރިޒު ގެއަށް އާދެވުނީ އިރު އޮއްސުނު ފަހުންނެވެ. އޭރު ޔުކްތާ އުޅެނީ ޝިޔާ ނިންދެވުމުގައި އަވަދިނެތިއެވެ. ޝިޔާ ބޮޑާ ހާކަނީ ވާހަކަ ކިޔުމަށެވެ. ޔުކްތާއަށް އެތައް ވާހަކައެއް މިހާރު ކިއިއްޖެއެވެ. ނަމަވެސް ޝިޔާ ފިކުރާވާ ވާހަކައެއް ނުކިޔުނެވެ.

"ތިއުޅެނީ ބައްޕަ ލައްވާ ވާހަކަ ކިޔުއްވަންދޯ؟"

އެންމެފަހުން އާރިޒު އެނދުގައި އޮށޯންނަމުން ބުންޏެވެ. ޔުކްތާ އުޅެންޏާ ކޮޓަރިއަށް ކުރިން ވަންނަ މީހަކަށް އާރިޒު ނުވާތީ ޔުކްތާ ހިނގައިގަތީ ނިކުންނާށެވެ. ނަމަވެސް އާރިޒު ޔުކްތާގެ އަތުގައި ހިފިއެވެ. ޔުކްތާއަށް ހުއްޓުން އެރިއެވެ. އަދި އޭނާ އާރިޒުގެ އަތަށް ބަލާލިއެވެ.

"ސޮރީ." އާރިޒު އޭނާގެ އަތުން ދޫކޮށްލިއެވެ. ޔުކްތާއަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އެމީހުންގެ ގުޅުން ކިތަންމެ ރަނގަޅު ނަމަވެސް ދުވަހަކުވެސް އާރިޒް އޭނާގެ އަތުގައިވެސް ހިފާލާފައި ނުވާތީ މިއަދު އޭނާއަށް އާދަޔާ ޚިލާފު އިހުސާސެއް ހަށިގަނޑުގެ އެންމެ އެތެރޭގައި ހިނގައިގެންފިއެވެ. އޭނާ ހުއްޓުން އަރާގޮތްވެސް ވިއެވެ. އެކަމަކު މީގެ ކުރިން އެހެން ފިރިހެނަކު އޭނާ އަށް ބަލާލިއަސް އުނދަގޫވެއެވެ. ރުޅިއާދެވެއެވެ.

"ވާހަކަ ނިމެންދެން ޔުކްތާވެސް ޝިޔާގެ މިފަރާތުގައި އޮވެލާ. ދޯ ޝިޔާކޯ."

ޔުކްތާ އޮށޯތެވެ. އޭރު އަނެއް ފަރާތުގައި އޮތް އާރިޒު ވާހަކަ ކިޔަނީއެވެ. އޭނާ ކިޔަމުންދާ ވާހަކައިގައި އުޅެނީ ރީތި އަންހެން ކުއްޖެކެވެ. ވާހަކައިގެ އުޅޭ އަންހެން ކުއްޖާގެ ހުރިހާ ސިފަތަކެއްވަނީ ޔުކްތާއާ ގުޅުވާލާފައެވެ. މިއީ ގަސްދުގައި އޭނާ ހެދިގޮތެކެވެ. އޭނާއަށް ކޮންމެވެސް ވަރަކަށް ޔުކްތާ އޭނާއާއިމެދު ވިސްނާކަން އެނގެއެވެ. އެހެންކަމުން މަޑުމަޑުން ޔުކްތާ ގާތް ކުރުމަށްޓަކައި އޭނާ ވިސްނަމުން ދެއެވެ. ޔުކްތާއަށް އެއީ ސީދާ ޔުކްތާއަށް ނިސްބަތްކޮށް ދައްކާ ވާހަކަކަން ޔަގީނެއް ނުވެއެވެ. ބައެއް ފަހަރު އެއީ އޭނާއަށް ހެންވެސް ހީވެއެވެ. އޭނާވަނީ އާރިޒާއި ނުހަނު ގަޔާވެފައެވެ. އާރިޒުގެ ކޮންމެ ޖުމްލައެއްވެސް އޭނާ ހަނދާން ހުރެއެވެ. އާރިޒުގެ ކޮންމެ ހަރަކާތެއްވެސް އޭނާ ނުހަނު ޝައުގުވެރިކަމާއެކު ދެކޭހިތްވެއެވެ. ވާހަކަ ކިޔާ ނުނިމެނީސް ޝިޔާ ނިދައިފއެވެ.

"އެޒުވާން ރަސްގެފާނު އެރީތި އަންހެން ކުއްޖާގެ އަތުގައި ހިފި. އަދި ލޯބިވާ ވާހަކަވެސް ބުނެފި." އާރިޒަށް ޝިޔާ ނިދާފައި އޮތްކަން ޔަގީންވުމުން ވާހަކައިގެ މައުޟޫޢު ބަދަލުކޮށްލިއެވެ. އަދި ޝިޔާގެ ބޯމަތީން އޭނާގެ ކަނާއަތް ގެންގޮސް ޔުކްތާގެ ވާއަތުގައި ހިފާލިއެވެ.

"ޔުކްތާ…. އަހަރެން މިވާހަކަ ބުނާނެ ގޮތެއް ވަރަށް ވިސްނައިފިން. ކޮންމެ ގޮތަކަށް ވިސްނިޔަސް ބުނަން ޖެހެނީ އެއްވާހަކައެއް. އަހަރެން ޔުކްތާދެކެ ވަރަށް ލޯބިވޭ. ޔުކްތާވެސް އަހަރެން ދެކެ ލޯބިވާކަން އަހަރެންނަށް އެނގޭ." އާރިޒު ޔުކްތާގެ އަތަށް މަޑުމަޑުން ފިތާލިއެވެ. ޔުކްތާ ދުއްވައިގަތީ ލަދުންނެވެ. އޭނައަށް އާރިޒާ ކުރިމަތިލާކަށް ނުކެރެއެވެ. އޭނާ ދުވެފައި ބޭރަށް ނިކުތެވެ.

އާރިޒު ހީކުރީ ޔުކްތާ ނުރުހުނީ ކަމަށެވެ. އެހެންކަމުން ވަރަށް ފިކުރު ބޮޑުވެ ޝިޔާގާތު އޮތީއެވެ. ކާގޭގައި އާރިޒުގެ ކެއުމަށް އިންތިޒާރު ކުރަމުންދިޔަ ޔުކްތާ ދިހައެއް ޖެހުމުންވެސް އާރިޒުގެ ޚަބަރެއް ނުވުމުން އާރިޒު އޭނާއާމެދު ހިތްހަމަ ނުޖެހުނީކަން އެނގިއްޖެއެވެ. އޭނާއަށް އެވަގުތު ނިކުމެވުނީތީ ވަރަށް ދެރަ ވެސް ވެއްޖެއެވެ. ފަހަރުގައި އޭނާ ނިކުތުމުން އާރިޒު ހިތްހަމަ ނުޖެހުނީ އޭވެސް ހީވާން ފަށައިފިއެވެ. ޔުކްތާ އާރިޒުގެ ޚަބަރެއްވޭތޯ ޝިޔާގެ ކޮޓަރިއަށް ދިޔައެވެ. އޭރު އޭނާގެ ނަޒަރު ހުއްޓުނީ ޝިޔާއާއެކު ނިދިފައި އޮތް އާރިޒަށެވެ. އޮފީހުން އައިގޮތަށް ހެދުންވެސް ބަދަލު ނުކޮށް އެގޮތަށް ނިދިފައި އޮތް މައުސޫމު ގޮތް ފެނުމުން އޭނާގެ ލޯބި އިތުރުވެގެން ދިޔައެވެ. އޭނާ މަޑުމަޑުން ގޮސް އާރިޒުގެ ނުހަނު ގާތުގައި ހުއްޓިއްޖެއެވެ. އަދި ވަރަށް ގާތުން އާރިޒުގެ  މޫނަށް ބަލާލިއެވެ. މިހުރިހާ ދުވަހުވެސް އޭނާ އާރިޒުގެ މޫނަށް ބަލާކަށް ނުކެރެއެވެ. ހަތަރުކަޅި ހަމަކުރަން ޖެހިލުންވެ ލަދު ގަނެއެވެ.

އޭނާއަށް ފާހަގަ ކުރެވުނީ އާރިޒުގެ ރީތިކަމާއި ފުރިހަމަކަން އެކަންޏެއް ނޫނެވެ. އޭނާއަށް އެމޫނުން އޯގާތެރިކަމާއި އަޅާލުން ފެނުނެވެ. އޭނާއަށް ހިމާޔަތާއި ރައްކާތެރިކަން ދޭނެހެންވެސް ހީވިއެވެ. އެއީ ކުރީގެ ހާދިސާތައް ހަނދާން ވުމުންނެވެ. މަގުމަތީގައި ބަޔަކު އޭނާއަށް ފުރައްސާރަ ކުރިރޭ އޭނާ ސަލާމަތް ކޮށްދިންގޮތް އޭނާ ހަނދާންވިއެވެ. ވިލިގިއްޔަށް ދިޔަދުވަހު ފަޔަށް އަނިޔާ ލިބުމުން އޯގާތެރިވީ ގޮތް އޭނާއަށް ސިފަވިއެވެ. އަދި އެންމެ ހާލުގައިޖެހި ބަލިވިރޭ އޭނާގެ އަބުރު ރައްކާތެރިކޮށްދީ ފުރާނަ ސަލާމަތް ކޮށްދިން ރޭ ހަނދާންވުމުން އޭނާގެ ލޮލުން ކަރުނައައެވެ. އޭނާއަށްޓަކައި ދުވަހަކުވެސް މީހަކު އޯގާވެރިވެދީފައެއް ނުވެއެވެ. އެހެންކަމުން އޭނާގެ ލޯބީގެ ޝުއޫރު އޭގެ އިންތިހާއަށް ހިނގައްޖެއެވެ. އަދި އެނދުން އެއްއަތް ބޭރަށްގޮސް އެލިފައިވި އާރިޒުގެ އަތުގައި އޭނާ ހިފާލިއެވެ. އަދި އެއަތް އެނދުގައި ބާއްވާލާ ބޭރަށް ނިކުންނަން ހިނގައިގަތެވެ. ނަމަވެސް އޭނާ ސިއްސައިގެން ގޮސް ހުއްޓެވުނީ އާރިޒު ގޮވާލުމުންނެވެ.

"ޔުކްތާ. އެހެންވީމާ ޔުކްތާވެސް އަހަރެންގެ ވާހަކައާއި އެއްބަސް ވެވުނީދޯ." އޭނާ އައިސް ޔުކްތާގެ އަތުގައި ހިފާލިއެވެ.

"އަދި ކޭންވެސް ނުބައްލަވަމެއް ނޫންތޯ. އަޅުގަނޑު ތައްޔާރުކޮށްގެން ހުންނަތާ ވަރަށް އިރުވެއްޖެ." ޔުކްތާ އިސްޖަހާލިއެވެ.

އެދެ މީހުންކެއީ އެކުގައެވެ. ނަމަވެސް ކުރީގައި ދެއްކިކަހަލަ މަޖާ ވާހަކަތަކެއް ނެތެވެ. ދެމީހުންވެސް ވަނީ ހިމޭންވެފައެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ އާރިޒު ކެއުން ނިންމައިގެން ދިޔައީ ކޮޓަރިއަށެވެ. ޔުކްތާއަށް ވަރަށް ވަގުތު ބޭނުންވާނެކަން އޭނާ އަށް އެނގޭތީއެވެ. ކޮޓަރިއަށް ވަދެވުމާއެކު ފޯނު ރިންގުވިއެވެ.

"އަހަރެން ހީކުރީ ނިދަނީ ކަމަށް." އެކޮޅުން ވާހަކަ ދެއްކީ އަނޫއެވެ.

"ނޫން. ކިތަންމެ އަވަހަށް ކޮޓަރިއަށް ވަނަކަސް ނުއެއް ނިދޭ."

"ދެން ކޮޓަރިއަށް ވަންނަނީ ކީއްކުރަން. މަންމަ ނިޔާވިޔަސް ބޭރަށް ނިކުމެލާ ހަދަން ވާނެއެއްނު."

"އޭރުން ޝިޔާޔާ ޔުކްތާ އެކަނި ވާނެއެއްނު. އަދިވެސް ޔުކްތާ ނިދިހެން ހިއެއްނުވޭ."

"ދެން އެހެންވީއިރު ތިދައްކާ ވާހަކަ އަޑު އިވޭނެދޯ." އަނޫ ޔަގީން ކުރަން ބޭނުންވަނީ އެދެމީހުންގެ ގުޅުން ރަނގަޅުތޯއެވެ.

"ޔުކްތާ ވާނީ އޭނާގެ ކޮޓަރީގައި. ފަހަރުގައި ޝިޔާ ގާތުވެސް އޮވެދާނެ." އެއްވެސް ޚިޔާލެއްނެތި އޭނާއަށް ބުނެލެވުނެވެ.

"އެހެންވީއިރު އާދެބަލަ. އަހަރެން މިގުޅީވެސް ވަރަށް ބޮޑުކަމަކުއޭ. މިއުޅެނީ ވަރަށް އަވަހަށް މެރީކުރަން. އެހެންވެ އޭނަޔާ ބައްދަލު ކޮށްލަން ވާނެނު. އާދޭ ސަލްސާއަށް. އަހަރެމެން މިތިބީ މިތާނގައި." އަނޫ ގަސްތުގައި  ދޮގުހެދީއެވެ.

އެތާނގައި އިނީ އަނޫގެ ރައްޓެހި ކުއްޖަކާ އިންނަން އުޅޭ ކުއްޖާއެވެ. ނަމަވެސް އާރިޒު ގެނައުން އޭނާ ނުހަނު ބޭނުންވެއެވެ. އޭނާ އާރިޒު ދެކެ އިންތިހާއަށް ލޯބިވެއެވެ. އާރިޒު އަންނަން ވާއިރަށް އަނޫ އެކުއްޖާ  ފޮނުވާލިއެވެ. އަދި އޭނާ ދިޔައީ މަންމަ ހޮސްޕިޓަލަށް ގެންދިއުމުން ކަމުގައި ބުނެ އޮޅުވާލިއެވެ. އަދިވެސް އަނޫއަކީ އާރިޒުގެ ގާތް ރައްޓެއްސެއްކަމަށް ބަލައެވެ. އޭނާގެ ގިނަ ވާހަކަތައް އަނޫއާއި ހިއްސާކުރެއެވެ. ނަމަވެސް ޔުކްތާގެ ވާހަކަ އޭނާ އެއްވެސް ވަރަކަށް ކިޔައި ނުދީވޭތޯބަލައެވެ. ނަމަވެސް އަނޫ ބޯބަހައްޓައިގެން އަހާ ބައެއް ސުވާލުތަކުން އެ ދެމީހުންގެ މާބޮޑު ގުޅުމެއް ނޯންނަކަން އޭނާއަށް އެނގެއެވެ. އޭނާވެސް ފުރުސަތުގެ ބޭނުން ހިފާނެ ގޮތެއް ރާވަމުންދެއެވެ.

*****

ޖެހިގެން އައި ދުވަހެވެ. ޔުކްތާ ވަނީ ފިކުރު ބޮޑު ވެފައެވެ. ޔުކްތާ ވިސްނަމުން ދިޔައީ އޭނާގެ ކަޅު އަނދިރި މާޒީ އާރިޒަށް އަންގާނެ ގޮތެކެވެ. ނާންގާ ހުއްޓާ އާރިޒަށް ކޮންމެވެސް ގޮތަކުން އެނގިއްޖެނަމަ އޭނާދެކެ އާރިޒު ފޫހި ވެދާނެކަމެވެ. އާރިޒަށް އެކަންތައް ކިޔައިދީފި ނަމަ އޭނާ ގަބޫލުކުރާނެ ބާވައެވެ.

އާރިޒު ވިސްނަމުން ދިޔައީ ޔުކްތާގެ ބަލީގެ ހަގީގީ މައްސަލަ ހޯދާނެ ގޮތެވެ. އުމުރުން ތޭރަ އަހަރުގައި ޔުކްތާއަށް ކުއްޖެއް ލިބުނު ގޮތެވެ. ކުދިކުދި ކަންތަކާ ޔުކްތާ ޖެހިލުންވެ ބިރު ގަންނަނީ ކީއްވެ ކަމެވެ. އެރޭވެސް ކުރީ ރެއެކޭ އެއްގޮތަށް އާރިޒު ކައި ނިމުނުއިރުވެސް  ދެމީހުންގެ މެދަކު ދައްކާނެ ވާހަކައެއް ނެތެވެ. ޔުކްތާއަށްވެސް ދައްކާނެ ވާހަކައެއް ނެތީ އޭނާ ހާސްވާތީއެވެ. ކަމެއް ސިއްރު ކުރުމުން އޭނާއަށް ދަތި ވަނީއެވެ. އާރިޒު ކައިގެން ދިޔައީ ކޮޓަރިއަށެވެ. ދުވާލު މަސައްކަތުގައި އުޅެފައިވުމުން އޭނާ ވަނީ ތާޒާވެލަން ބޭނުން ވެފައެވެ. ނަމަވެސް މިރޭ އޭނާ ކޮންމެވެސް ގޮތަކުން ޔުކްތާގެ އެވާހަކަ އަހާނެއެވެ. ޔުކްތާގެ މާޒީ އޮޅުން ފިލުވާނެއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *