Support Us

ހިތުގައި ނުޖައްސާ! ފަހުން ދެރަވާނެ!

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

ދުޅަހެޔޮ ޞިއްޙަތެއް ލިބުމަކީ ހާސް ނިޢުމަތެވެ. އަދި އެއީ އަހަރެމެން ކޮންމެ މީހަކުވެސް އެންމެ އެދޭ އެއް އެދުމެވެ. ދުޅަހެޔޮކަން އަންގައިދޭ އެންމެ އަސާސީ އެއް މިންގަނޑަކީ ތިމާގެ ހިތުގެ ދުޅަހެޔޮ ކަމެވެ. ހިތުގެ ދުޅަހެޔޮކަން ބަލައިލުމަށް ހިތުވިންދު ޗެކްކޮށްލާށެވެ. ހިތް މަސައްކަތް ކުރަނީ ރަނގަޅު މިންވަރެއްގައި ނަމަ ލޭދައުރުކުރާ މިންވަރު ރަނގަޅުވާނެއެވެ. ވިންދުޖަހާވަރު ބެލުމަކީ ހިތުގެ ހިނގުން ބެލުމަށް އެންމެ ފަސޭހަ އެއްގޮތެވެ. އަދި ގިނައިން ވިންދު ބަލާ ވަރަކަށް މިކަން ކުރަންފަރިތަވެ، ފަސޭހަ ވާނެއެވެ. ބައެއް ކަހަލަ ހިތުގެ ބަލިތައް ޖެހިފައިވާ މީހުން ނޫން އެހެން އެންމެންގެވެސް ހިތުގެ ހިނގުމާއި ހިތުވިންދު އެއްވަރު ވާނެއެވެ.

ތިމާގެ ހިތުވިންދަކީ ހަށިގަނޑުގައިވާ ލޭހޮޅިތަކުން ލޭދައުރުވާ މިންވަރެވެ. އަދި މިއީ ވަރަށް ފަސޭހައިން ބެލިދާނެ އެއްޗެކެވެ. ހިތުން ލޭފޮނުވަނީ އަޔޯޓާ ނަމަކަށް ކިޔާ ލޭހޮޅިއަކަށެވެ. އަޔޯޓާ އިން ލޭދައުރުކުރަނީ އާޓަރީ ނަމަކަށް ކިޔާ ކުދި ލޭހޮޅިތަކަކަށެވެ. މި އާޓަރީ ތަކުން ހަށިގަނޑުގެ ހުރިހާ ހިސާބުތަކަށް އޮކްސިޖަން ހުންނަ ލޭ ފޯރުކޮށްދެއެވެ. މިގޮތަށް ލޭ ފޯރުކޮށްދޭއިރު ލޭގައި ހުންނަ އޮކްސިޖަން ހަށިގަނޑުގެ ތަފާތު އެކި ގުނަވަންތައް މަސައްކަތްކުރުމަށް ބޭނުންކޮށްފައި، ބޭނުންނުކުރާ ކާބަންޑައި އޮކްސައިޑް ލޭގެތެރެއަށް ދޫކޮށްލައެވެ. ކާބަންޑައި އޮކްސައިޑް ހިމެނޭލޭ ދެން ދައުރުކުރަނީ ހިތަށެވެ. އެއީ ވެއިން ނަމަކަށްކިޔާ ލޭހޮޅިތައް މެދުވެރިކޮށެވެ. ހިތުން ލޭ ފޮނުވައިލާ ކޮންމެ ފަހަރަކު އާޓަރީތަކުގައި ލޭ ދައުރުކުރުމަށް މިކިޔެނީ ހިތުގެ ވިންދެވެ.

ތިމާ މާބޮޑު ހަރަކާތްތެރިކަމެއް ނެތި ހުންނައިރު ހިތުގެ ވިންދު ހުންނަ މިންވަރު (ރެސްޓިން ހާޓް ރޭޓް) އަކީ ތިމާގެ ޞިއްޙަތާއި ހިތުގެ މަސްތަކުގެ ވަރުގަދަކަން ކަށަވަރުކޮށްދޭ އެއްޗެކެވެ. ރެސްޓިން ހާޓް ރޭޓް ހޯދުމަށް އެންމެ ރަނގަޅު ވަގުތަކީ ހެނދުނު ނިދިން ހޭލާ ވަގުތެވެ. އެއީ، އެވަގުތު މީހާ ހުންނާނީ ތާޒާކަންމަތީގައި ކަމަށްވާތީއެވެ.

ހިތުވިންދު ބަލައިލުމަށް އަތުގެ ކުޑުހުޅު ކައިރިން ނުވަތަ ކަރުގެ އެއްފަރާތުން ހިތުގެ ވިންދު ހޯދާށެވެ. ވިންދު ހޯދުމަށް އަތުގެ ޝަހާދަތްއިނގިއްޔާއި މެދު އިނގިލި ބޭނުންކުރާށެވެ. ގަޑިއެއްގެ އެހީގައި 10 ސިކުންތު ވަންދެން ތިމާގެ ހިތުގެ ވިންދު ބަލާށެވެ. 10 ސިކުންތުގެ ތެރޭގައި ތިމާގެ ހިތުގެ ވިންދު ޖަހަނީ ކިހާވަރަކަށް ހެއްޔެވެ. މިނެޓެއްގެތެރޭގައި ތިމާގެ ވިންދު ޖަހާމިންވަރު ހޯދުމަށްޓަކައި މި އަދަދު ހަޔަކާ ގުނަކުރާށެވެ. އެއީ ތިމާގެ ރެސްޓިން ހާޓް ރޭޓް އެވެ. މިޔަށް 'ރެސްޓިން ޕަލްސް ރޭޓް' އޭވެސް ކިޔައެވެ. ވިންދު ބެލުމުގައި އުޅަނބޮށީގެ ކުރިމަތިންނާއި ކަތުރުކަށިގަނޑުގެ ތިރިންވެސް ހިތުގެ ވިންދު ބަލައެވެ. ފަހަކަށްއައިސް ވިންދުބަލާ ތަފާތުވައްތަރުގެ އާލާތްތައް ހުރެއެވެ. އެފަދަ އާލާތްތަކުން ވިންދުބަލަން ފަސޭހައެވެ. ހިތުގެ މަސައްކަތް ރަނގަޅުނަމަ ރެސްޓިން ހާޓް ރޭޓް ދަށްވާނެއެވެ. މިހެން މިދެންނެވީ ޞިއްޙަތު ރަނގަޅު ހިތެއްނަމަ ޖަހާ ކޮންމެ ވިންދަކުން ހަށިގަނޑުގެ ތެރެއަށް ފޮނުވާލަދޭ ލޭގެ މިންވަރު ގިނަވާނެއެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ލޭ ފޯރުކޮށްދިނުމަށް އެހިތް ކުރަންޖެހޭ މަސައްކަތް މަދުވާނެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ އެދެވޭ ބައެއް ބަދަލުތަކާއެކު ހިތުގެ ދުޅަހެޔޮކަން އިތުރުކުރެވިދާނެއެވެ. ހިތުގެ ބައްޔަށް ހުށަހެޅޭ މިންވަރު ދަށްކުރެވިދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހާޓް އެޓޭކް ޖެހޭ މީހުންގެ 50 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އަވަހަށް އެކަން ހުއްޓައިލާށެވެ. މާބޮޑަށް ފަލަވެ ބަރުދަން އިތުރު ނަމަ ހިތުގެ ބަލިތައް ޖެހުން ގާތެވެ. ބަރުދަން ލުއިކޮށް ބަރުދަން ހުންނަންޖެހޭ ވަރަށް ބެހެއްޓުމަށް މަސައްކަތް ކުރާށެވެ. ލޭމައްޗަށް ދިއުމާއި ކޮލޮސްޓްރޯލް މައްޗަށްދިއުން އަދި ހަކުރުބައްޔަކީ ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ. ގަވާއިދުން ޑޮކްޓަރަށް ދައްކައި ޗެކަޕް ހަދާށެވެ. ހިތުގެ ބަލީގެ 55 އަހަރުން ދަށުގެ ފިރިހެނަކު ނުވަތަ 65 އަހަރުން ދަށުގެ އަންހެނަކު އާއިލާގައި ހުރިނަމަ ތިމާއަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އާއިލާގައި އެފަދަ މީހަކު ހުރިތޯ ބެލުން މުހިންމެވެ. ލޮނާއި ހަކުރު އަދި ސެޗޫރޭޓެޑް ފެޓް އެކުލެވޭ ބާވަތްތައް ކެއުން ވީވަރަކުން މަދުކުރާށެވެ. ޓްރާންސް ފެޓް އެކުލެވޭ ބާވަތްތައް އެއްގޮތަކަށްވެސް ކެއުމުގައި ނުހިމަނާ ވޭތޯ ބަލާށެވެ. މިންހެޔޮ ކާނާ ކެއުމަކީ ހިތުގެ ބަލިތަކުން ދުރުހެލިކޮށްދޭ ކަމެކެވެ.