Support Us

ކޮލަމް: އަލި

ފަށުވި ޢިބާރާތް: ކިހިނެއް ކުރާ ކަމެއް؟ 3

އިބާރާތް ކުރުމުގައި ޖަޒުބާތު ކެކޭ ހެން ހިތްތަކާ ގުޅޭހެން އިބާރާތް ކުރެވޭނީ އިބާރާތް ކުރާ އެއްޗެއްގެ އިބާރާތާ މެދު ވިސްނުމުންނެވެ. އިބާރާތް ކުރުމުގެ އިބާރާތާ މެދު ވިސްނާ ނަމަ އިބާރާތް ވުޖޫދުވާނީ ރިތިކަމާއި ނަލަކަމުގެ ގަހަނާއެއްގެ ގޮތުގައެވެ. ފަށުވި ފޭރާމުގެ ރީތި ލިބާހެއްގެ ގޮތުގައެވެ. ޝައްކެއް ނެތެވެ. ރީތި އިބާރަތަކީ ހިތުގެ ހިނިތުންވުމެވެ. އެހެން ވީމާ، "ފަށުވިކޮށް ރީތިކޮށް އިބާރާތް ކުރާނީ ކިހިނެއްތޯ؟" ވަރަށް ގިނަ ދަރިވަރުންނާއި އާންމު އެތައް ފަންނެއްގެ މީހުން ސުވާލު އުފައްދައެވެ. އެކަމުގައި ހުރި ޖާދޫއަކީ ކޮބައިތޯއެވެ. އެހެންވީމާ މި ލިޔުމުގެ އަޅުގަނޑު ދެން ނަޒަރު ހިންގައިލަން ގަސްތު ކުރަނީ ފަށުވިކޮށް އިބާރާތް ކުރުމުގެ މައްޗަށެވެ.

"ފަށުވި" މި ލަފުޒުގެ މާނައަކަށް ބަސްފޮތުގައި އޮތީ ފަށުވި ފަނީގެ ދަވައިން އުފެދޭ ހިމަ ފަށްތަކެއްގެ ގޮތުގައެވެ. "ފަށުވިކަން" މި ލަފުޒުގެ މާނައަކަށް ދިވެހި ބަސްފޮތުގައި 5 މާނައެއް ލިޔެފައިވެއެވެ. ފުރަތަމަ މާނައަކަށް އޮތީ "ފަށުތްވާއި ފަށުވި ފޮތީގައި ހުންނަ އަސްލު ގޮތް" މި މާނައެވެ. ދެން ހުރީ މަޖާޒީ މާނައިގައި ރީތި އޮމާންކަން، ޗާލުކަން، ނަލަކަން، ބަލާޣާތްތެރިކަން މި މާނަތަކެވެ. މި މާނަތަކަށް ބަލާ އިރު އަދަބުގައި "ފަށުވިކަން" މިއީ ކޮން އެއްޗެއްކަން ދޭހަ ކުރަން އުނދަގުލެއް ނުތްވެވެ. އެހެނީ އެއީ ލިޔުމެއްގައި ނުވަތަ ލިޔުމީ އުފެއްދުމުގެއްގައި ހުންނާން ޖެހޭ ރިތިކަމާއި ނަލަކަމާއި ޗާލުކަމާއި ބަލާގާތްތެރިކަން ކަން ސާފުވެއެވެ. މި ނުކުތާގައި އިތުރަށް އެއްޗެއް ދެން ދަންނަވާ ހިތްވަނީ ބަލާޣާތްތެރިކަމަކީ ކޮބައިކަން ބަޔާންކޮށް ދިނުމަށް ފަހުގައެވެ. އެއީ މި މައުޒޫގައި މި އިސްތިލާހަކީ ކޮންމެހެން އެނގެން ޖެހޭ އިސްތިލާހެކެވެ. ލަފުޒުގެ އަސްލަކީ ޢަރަބިބަހުގެ "ބާލާޣާ" އެވެ. ދިވެހިބަހުގެ އަދަބިއްޔާތުގެ ތެރޭ މި އިސްތިލާހުގެ ބޭރުފުށުގެ މާނައެއް ކަމަށް ދިވެހި ބަސްފޮތުގައި އޮތީ "އަދަބީ ކަންކަމުގައި ހުންނަ ކުޅަދާނަކަން" މި މާނައެވެ. "ބަލާޣާތްތެރިކަން" މި އިސްތިލާހުގެ މާނައަކަށް އޮތީ "އަދަބީ ކަންތައްތަކުގައި ކުޅަދާނަކަން ހުރި ކަން" މި މާނައެވެ.

ދިވެހި އަދަބީ ބަސްތަކުގެ ބައިތަކުގެ ތެރެއިން އެއްބަޔަކީ "ފަށުވި އިބާރާތް" ނުވަތަ "ފުންބަސް" މިއެވެ. މީގެ މާނައަކަށް އޮންނަނީ ބޮޑަށް ވިސްނައިގެން ނޫނީ މާނަ އަތުލައި ނުގަނެވޭ ބަސްކަމުގައެވެ. ބަލާޣާތުގެ މަފްހޫމުގައި ފަށުއި އިބާރާތް ނުވަތަ ފުން ބަހަކީ އަޅުގަނޑު ހިތުން ލާމެހިފައިވާ އަދަބީ ފިކުރެކެވެ. އެހެނީ ފަށުވި ޢިބާރާތަކީ ފުން މަފްހޫމެއް އޭގެ ފޭރާން ފަށުވި ފޭރާން ފަދައިން ވަކި ތަރުތީބަކުން ބުގިސްވެފައިވާ ލަފުޒުތަކެކެވެ.

ވީމާ، އަދަބުގައި ބަލާޣާތްތެރިކަމުގެ ފުޅާ މާނައެއް ކަމަށް ވިސްނެނީ ތިމާ ލިޔާ ލިޔުމެއްގައި ހުންނަ ރީތިކަމާއި ފަށުވިކަމާއި ޗާލުކަމާއި ނަލަކަމުގެ ސިފަތައް ބަޔާންކޮށް ނެރެ ހާމަ ކުރުމަށް ޓަކައި ބޭނުން ކުރާ ހުނަރުވެރިކަން ކަމުގައެވެ. އަދަބީ ހުނަރުވެރިކަމޭ ވެސް ދެންނެވި ދާނެއެވެ. އެއީ ހުނަރަކުން ބަލާޣާތުގެ މޫރިތިކަން ގެނައުމުގެ ފުރިހަމަ ގާބިލިއްޔަތު ހިމެނޭ ފިޠުރީ ހުނަރެކެވެ. މި ހުނަރު ބައެއް މީހުންގެ އުފެދުމުގައި ހުރެއެވެ. އަނެއްބަޔަކު މި ހުނަރު ލިބިގަންނަނީ ފޮތްތެރިކަމުންނާއި މާހައުލުންނާއި ޢިލްމާއި ޙިލްމުގެ ތެރެއިންނެވެ.

ފަށުވިކޮށް އިބާރާތް ކުރުމުގައި ތަފާތު އުކުޅުތައް ހުރެއެވެ. އޭގެ ތެރެއިން ކާމިޔާބު އެއް އުކުޅަކީ ނަކަލު ކުރުމެވެ. އާދެ މޮޅަށް ލިޔެފައިވާ ލިޔުންތަކާއި އަދަބީ ތަކެތީގައި ހުންނަ ކަންކަން ނަކަލުކޮށް ހިތު ދަސްކުރުމެވެ. ހަމަ އެހެންމެ މުއްސަނދި ބަސްކޮށާރެއް ބިނާ ކުރުމާއި އަދަބީ ލިޔުންތައް މުރާޖާ ކުޅައުމާއި ތަޤުރީރު އަޑުއެހުމާއި ތަރުޖަމާ ކުރުމާއި ކޮށްފައި ހުންނަ ތަރުޖަމާތައް ކިޔުމާއި ބުއްދިވެރި ބަސްތަކާއި ފުންފުންކޮށް ހުންނަ ކުރު ބަސްތަކާއި އިބާރާތްތައް ގިނަގިނައިން ކިޔުމާއި އޭގެ މައްޗަށް ފިކުރު ހިންގުމާއި ސިފަކުރުމުގެ ފޭޑީޔަށް ތަކެތި ލިޔުމާއި އެ ފަދަ ލިޔުންތައް ކިޔުމާއި އަދަބީ އުފެއްދުންތަކަށް ކިޔައިފައި ހުންނަ އެއްކޮޅު އަދި ދެކޮޅުގެ ފާޑު ކިޔައި އެއާ މެދު ފުންކޮށް ވިސްނުމާއި އޭގެ ބަސްކޮށާރާއި ރާގާއި އަޑާއި ފޭޑިޔަށް ވިސްނުން ފަދަ ކަންކަން ހިމެނެއެވެ. ދެން މި ބަލައިލަނީ މި ބަޔާން ކުޅަ ކަންކަމުގެ ތެރެއިން ބައެއް މުހިންމު އަސާސްތަކުގެ މައްޗަށެވެ.

ނަކަލު ކުރުން

ނަކަލު ކުރުމަކީ ކޮބައިކަން ދަނެގަންނަށް އިސްވެ ބެލީ ދިވެހި ބަސްފޮތެވެ. ބަސްފޮތުގައި އޮތީ އަސްލާ އެއް ގޮތަށް އެއްޗެއް ހެދުން ނުވަތަ ލިޔުން ކަމުގައެވެ. ލިޔެފައިވާ ލިޔުމެއް އެހެން އެއްޗަކަށް ނެގުން ވެސް އެއް މާނައަކަށް އެބަ އޮތެވެ. ތިންވަނަ މާނައަކަށް އޮތީ ހެދިގެން އުޅުން މި މާނައެވެ. މިސާލެއް އޮތެވެ. މި ސުރުޚީއަށް ބާރު ލިބޭ ވަރަށް ގިނަ ވާހަކަތަކެއް ޑރ. ޙަސަން ޙަމީދުގެ ލިޔުއްވުމަކުން ދުށީމެވެ. އޭނާ އެ ވާހަކަތައް ގެންނަވައިފައި އޮތީ "ފަށުވިކޮށް އިބާރާތް ކުރަން ދަސްކުރާ ގޮތް" މި ސުރުޚީއަށް އޭނާ ލިޔުއްވި ލިޔުއްވުމެއްގައެވެ. ޙަސަން ޙަމީދު ވިދާޅުވެފައި ވެއެވެ. "ނަކަލު ކުރުމަކީ އަށާވަރަނަ ގަރުނާއި ނަވާރަވަނަ ގަރުނުގައި އެމެރިކާގެ ކިޔަވާ ކުދިންނަށް އިބާރާތް ކުރަން ދަސްކޮށް ދިން އާންމު ގޮތެވެ. އެ ގޮތް ވެފައި ވަނީ އަތު ލިޔުމާއި ބަހުގެ ގަވާއިދާއި ލިޔުމުގައި ބޭނުން ކުރާ ޚާއްޞަ ނިޝާންތައް ދަސްކޮށްދޭން ފަސޭހަ އަދި ބޭނުންވާ ނަތީޖާ ހަލިކޮށް ނެރެވޭ ގޮތަކަށެވެ".

ނަކަލު ކުރުމުގެ ތެރެއިން ފަށުވިކޮށް އިބާރާތް ކުރުމުގެ ހުނަރަކީ މަޝްހޫރު ވަރަށް މަޝްހޫރު ހުނަރެކެވެ. އެއީ ހުނަރު ބޭނުން ކޮށްގެން ކާމިބާޔު އަދީބުންތަކެއް އުފަންވި ހުނަރެކެވެ. ދުނިޔޭގެ ނޯބެލް އިނާމް އެތައް އަދީބަކަށް ލިބުމުގެ ސިއްރު ކަމުގައިވި ހުނަރެއް ވެސް މެއެވެ. ފަހުގެ ޒަމާންތައް ދުށީ ނަކަލު ކުރުމަކީ ދަށް ކަމެއްގެ ގޮތުގައެވެ. އޭގެ ސަބަބުން ފައިދާއެއް ނުކުރާނޭ ކަމުގައެވެ. ނަތީޖާ ސާފެވެ. ބަހުން ތަކެތި ރީތިކޮށް ފަށުވިކޮށް ބަޔާންކޮށް ނެރެ ހާމަކުރަން ދަންނަ މީހުން މަދުވީއެވެ. ބަލާޣާތާއެކު ފަށުވިކޮށް އިބާރާތް ކުރަން ދަންނަ ކޮންމެ މީހެއްގެ ހަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ނަކަލު ކުރުމުގެ ހުނަރަށް ބަރޯސާވެވިފައި ވާނޭ ކަމަށް ގަބޫލުކުރެވެއެވެ.

ދިވެހިބަހުން ރީތިކޮށް ފަށުވިކޮށް އިބާރާތް ކުޅައުމުގައި ވެސް ނަކަލު ކޮށްގެން ހިތު ދަސްކުރަން ރަނގަޅު ކިތަންމެ އިބާރާތެއް އެބަ ހުއްޓެވެ. ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނު ރަޙިމަޙުﷲ ލިޔުއްވި " ސިޔަރަތުއް ނަބަވިއްޔާ"ގެ ދިވެހި ތަރުޖަމާ އެކަނި ވެސް މި މަގަށް ނުކުންނާން ބޭނުން ވާ މީހަކަށް ފުދެއެވެ. އެއީ ދިވެހިބަހުގެ އަދަބާއި ބަލާޣާތުގައި ވަސްމީރު ގުލްދަސްތާއެކެވެ. ލަފުޒުތައް ގެތި ތަރުތީބު ކުރެއްވަން ގެންގުޅުއްވައިފައި ހުރި ތަފާތު ނަޒަރުތަކާއި އަދަބުގައި އޮންނަ ތަކުރާރު ކުރުމުގެ އުކުޅު ބޭނުން ކުރެއްވުމާއި ފުން ލަފުޒާއި ފުން އިބާރާތް ބޭނުން ކުރައްވައިފައިވާ ދޭހަޔަށް ފަސޭހަ ހިތަށް ލުއި ހައްޓަށް އަރާމު ޖުމުލަތަކާއި ބަސްކޯޅިތައް ކޯޅިކޯޅިން ގުޅިލައިމެހިފައިވާ ހަމަތައް އެއީ އަޖައިބުވަނިވި އުސްލޫބެކެވެ.