Support Us

ބޮންޑާ- ފުޓުބޯޅަ ދަނޑުން މަސް ކަނޑަށް، މިހާރު ބޮޑު ކެޔޮޅެއް

މާސިންގާ މުޑަހަނދިތަކާއި ފާނަތަކާއި ކަންނެލިތައް ހިފައިގެން ފޮޓޯތަކުން އެ ފެންނަނީ ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ނޫން ދެވަނަ މީހެއް ނޫނެވެ. އެކަމަކު، ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކެއްގެއާއި ގައުމީ ޓީމުގެ ވެސް މެދުތެރެ ބެލެހެއްޓި އިތުބާރު ކުޅުންތެރިޔާގެ ހުނަރު މިހާރު ފެންނަނީ ދަނޑުމައްޗަކުން ނޫނެވެ. އަދި ކިޔެއްތަ، ކަނޑުމަތިންނެވެ.

ބޮންޑާ (11) ގައުމީ ޓީމުގައި: ވަރަށް އިތުބާރު މިޑްފީލްޑަރެއް

ފުޓުބޯޅަ ކެރިޔަރު 2001 ގައި ފަށައި، އައި.އެފް.ސީ، ނިއުރޭޑިއަންޓް، ވީބީ، ވެލެންސިއާ އަދި ޓީސީގައި މޮޅު ކުޅުމެއް ދެއްކި އަދި 2008ގެ ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދި ގައުމީ ޓީމަށްވެސް ކުޅުނު ބޮންޑާ 2016 ގައި ވަނީ ފުޓުބޯޅައާ ދުރުވެފައެވެ. އޭގެފަހުން ދަނޑުމައްޗަށް ނުކުންނަން އޭނާ ވަނީ މުޅިން ފޫހިވެފައެވެ.

އައްޑޫ ސިޓީ ހިތަދުއަށް އުފަން ބޮންޑާ އަކީ މިހާރު ފުޓުބޯޅަ ކުޅުންތެރިއެއް ނޫނެވެ. ކޯޗެއް ވެސް ނޫނެވެ. ބޮންޑާ މިހާރު އެއީ ކެޔޮޅެކެވެ. ލޯންޗު ކެޕްޓަނެކެވެ. އޭނާ މިހާރު ގިނަ ވަގުތު އުޅެނީ ކަނޑުމަތީގައެވެ. މަސްވެރިކަމުގައެވެ. ފަރުމަސްވެރިކަމުގައެވެ. އެކަމަކު އެއީ މުޅިން ތަފާތު މަސްވެރިކަމެކެވެ؛ ސްޕޯޓްސް ފިޝިންއެވެ.

"އަހަރެންނަކީ މިހާރު ފުޓުބޯޅައާ ބެހޭ މީހެއް ނޫން. އަހަންނަކީ މިހާރު މަސްވެރިއެއް، ކެޔޮޅެއް،" އުމުރުން 38 އަހަރުގެ ކެޔޮޅު ބުންޏެވެ. "ރާއްޖޭގައި ފުޓުބޯޅައެއް ނެތް މިހާރަކު."

ފުޓުބޯޅަ ވާހަކަ ބާއްވާށެވެ.

ބޮންޑާ ބުނާ ގޮތުގައި ފުޓުބޯޅަ ކުޅުނު ދުވަސްވަރުވެސް އޭނާގެ އެންމެ ބޮޑު ހޮބީ އަކީ މަސްވެރިކަމެވެ. އެހެންވެ ރާއްޖޭގައި އޭނާ މަސްވެރިކަން ނުކުރާ އަތޮޅެއް ނޯންނާނެ ކަމުގައި ބޮންޑާ ބުންޏެވެ.

ރާއްޖެ އައި ރައްޓެއްސެއްގެ ފަރާތުން ލިބުނު ފުރުސަތެއްގައި ބޮންޑާ ވަނީ 2017 ގައި އޮމާނަށް ގޮސް، އެތަނުގެ މަސްވެރި އުޅަނދެއްގައި ވެސް މަސްބާނަން އުޅެފައެވެ. އޮމާންގައި އުޅުމަށްފަހު އެނބުރި ރާއްޖެ އައިސް، ދެ ކުދިންނާއި އަންހެނުން ކައިރީގައި ރަށުގައި އުޅެމުން މިހާރު ވަނީ "ފޮ-ކާސްޓް މޯލްޑިވްސް"ގެ ނަމުގައި ކުޑަ ކުންފުންޏެއް ހަދައި، މަހަށްދާން ލޯންޗެއް ވެސް ގަނެފައެވެ. އަށާވީސް ފޫޓުގެ "ފޮ-ކާސްޓް" ލޯންޗު އޭނާ ގަތީ އަށް ލައްކަ ރުފިޔާއަށެވެ.

ބޮންޑާގެ މަސްވެރިކަމުގެ ހުރިހާ ފޮޓޯއަކާއި ވީޑިއޯތަކެއް އޭނާ ވަނީ ފޭސްބުކާއި އިންސްޓާއަށް ލައިފައެވެ.

މަސްވެރިކަމަށް ދެވިހިފާފައި ހުރި ބޮންޑާގެ އެންމެ ބޮޑު އަމާޒަކީ ޓޫރިސްޓުންނެވެ. ރާއްޖޭގައި މަސްވެރިކަން ކުރަން ބޭނުންވެގެން ބުކިންސް ހަދައިގެން އެކި ގައުމުތަކުގެ ޓޫރިސްޓުން ބޮންޑާ ކައިރިއަށް އާދެއެވެ. އެ މީހުންނަށް ބޮންޑާ ދޭ ހިދުމަތަކީ އައްޑޫގައި އެ މީހުން ތިބޭ ހަފުތާއެއްހާ ދުވަހު، މަސްވެރިކަމުގެ ދަތުރުތައް ކޮށްދީ، އަމިއްލައަށް މަސްބޭނުުމުގެ ތަޖުރިބާކޮށްދީ، ބޮޑެތި، ބިޔަ މަސްތަކާއެކު ނަގާ ފޮޓޯތަކުން އެ މީހުންގެ އިންސްޓަގްރާމާއެކު ހިތްވެސް ފުރާލަދިނުމެވެ.

"(ކޮވިޑްގެ) ކުރިން އަބަދުވެސް އަންނާނެ ގެސްޓުން. އެ މީހުން އަންނަނީ ހަމަ މަސްވެރިކަންކުރަން. ބޮޑެތި ސައިޒުގެ މަސް އެ މީހުންނާ ބާނާނީ. މިޑްލް އީސްޓާއި ޔޫރަޕުން ވެސް އަންނާނެ. ހަތަރު ފަސް ދުވަހަކު މަސްވެރިކަން ކުރަން (އައްޑޫގައި) އުޅެފައި އެ މީހުން ދާނީ،" ބޮންޑާ ކިޔައިދިނެވެ. "ކޮވިޑްގެ ސަބަބުން ބޯޑަރު ބަންދުވުމާއި ގެސްޓް ހައުސްތައް ބަންދުވުމާ ގުޅިގެން މިހާރު ގެސްޓުން ނާދޭ. މި ކަން ހައްލުވާނެ ދުވަހަކަށް މި ބަލަނީ."

ބޮންޑާ ބުނާ ގޮތުން އޭނާގެ ލޯންޗުގައި ހަތަރު ވަރަކަށް ގެސްޓުންނާއެކު ކުރާ 10 ގަޑިއިރުގެ މަސްދަތުރަކަށް 600 އިން ފެށިގެން 1200 ޑޮލަރާ ދެމެދު ލިބެއެވެ. އަގު ކަނޑައަޅަނީ ކުރަން ބޭނުންވާ މަސްވެރިކަމުގެ ބާވަތަށް ބަލައިފައެވެ. އެއީ ދޮށި އުކުމާއި، ވަދު ދެމުމާއި، ފެއްތުން ފަދަ ތަފާތު ވައްތަރުގެ މަސްވެރިކަމެވެ. ބޮންޑާމެން އެންމެ ގިނައިން ކުރަނީ ކާސްޓިންއެވެ. އެއީ ދޮށި އުކުމެވެ.

ސްޕޯޓްސް ފިޝިން އަކީ ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު މަސްވެރިކަމެކެވެ. އެކަމަށް ހާއްސަ އުޅަނދުފަހަރާއި، ދޮއްޓާއި ބުޅި އާއި ކަންވާރާއި އެމުގެ އިތުރަށް މަސްވެރިކަމުގެ ހެދުންތައް ވެސް މިހާރު ހުންނަނީ ތައްޔާރުކޮށްފައެވެ. ވަރަށް ގިނަ ގައުމުތަކުގައި ސްޕޯޓްސް ފިޝިންގެ މުބާރާތްތައް ވެސް ބާއްވައެވެ. މި ގޮތުން 2019 ވަނަ އަހަރު ޖުލައިގައި ސައުދީ އަރަބިއްޔާގައި ބޭއްވި "ރެޑްސީ އިންޓަނޭޝަނަލް ސްޕޯޓްސް ފިޝިން ޓޯނަމަންޓު"ގެ އޮބްޒާވަރުންގެ ގޮތުގައި ބޮންޑާއާއި އޭނާގެ އެކުވެރިން ވަނީ ބައިވެރިވެފައެވެ. ދުނިޔޭގެ އެކި ގައުމުތަކުން 28 ޓީމެއް އެ މުބާރާތުގައި ވާދަކުރިއެވެ.

ބޮންޑާ (ކަނާތުން ތިންވަނައަށް) ރެޑްސީ އިންޓަނޭޝަނަލް ސްޕޯޓްސް ފިޝިން ޓޯނަމަންޓުގެ އޮފިޝަލުންނާއެކު

"އެ މުބާރާތުގައި މަސްވެރިކަން ކުރަން ވެސް ފުރުސަތު ލިބުނު. ޓީމުވެސް ތައްޔާރުކުރިން. އެކަމަކު ފަހު ވަގުތު ދިމާވި ކަމެއްގެ ސަބަބުން، އަހަރުމެން ހަތަރު މީހުން ގެންދިޔައީ އޮބްޒާވަރުންގެ ގޮތުގައި،" ބޮންޑާ ބުންޏެވެ. "އެއީ ސްޕޯޓްސް ފިޝިންގައި ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކާ ބައްދަލުވެލުމަށް ލިބުނު ރަނގަޅު ފުރުސަތެއް. މުބާރާތް ބާއްވާ ގޮތާއި ކަންކަން އެނގި ވަރަށް ބޮޑު ތަޖުރިބާއެއް ލިބުނު ފުރުސަތެއް އެއީ."

ބޮންޑާ ކުރިއަށްގެންދާ "ފޮ-ކާސްޓް މޯލްޑިވްސް" އަށް ގެންނަ ގެސްޓުން ގޮވައިގެން އައްޑު އަތޮޅުގެ އެތެރެވަރިއަށް ނުކުމެ، އެ މީހުން ބާނަނީ އާދަޔާޚިލާފަށް ބިޔަ މަހެވެ. މުޑަހަންޖާއި ފާނަ އާއި ބޮޑުކަންނެއްޔާއި ކުރުމަހާއި އެފަދަ އެތައް ބާވަތެކެވެ.

"ގެސްޓުން ބޭނުންވަނީ އެމީހުން އަމިއްލަ އަތުން މަސް ބާނައިފައި އެތަން ފޮޓޯ ނަގައި ވީޑިއޯކޮށްފައި އިންސްޓަގްރާމަށްލާން. ފޮޓޯ ނަގައިފައި ކަންނެލި ފިޔަވައި އެހެން ހުރިހައި މަހެއް ދޫކޮށްލަނީ،" ބޮންޑާ ބުންޏެވެ. "އެމީހުން ބޭނުމެއް ނުވޭ މަސްތައް މަރާކަށް. ދުނިޔޭގައި ގިނަ ގައުމުތަކުގައި އެ ގޮތަށް އެކަން ކުރަނީ. އެހެންވެ ފޮޓޯ ނަގާލައިފައި މަސްތައް ދޫކޮށްލަނީ. އެކަމަކު ކަންނެލިތައް ރަށަށް ގެންނަން."

އަނބުރާ ކަނޑަށް ދޫކޮށްލަން ގެސްޓުން ބޭނުންވި ނަމަވެސް، ބާނާ ކަންނެލިތައް ރަށަށް ގެންދަންޖެހޭ ސަބަބެއް ކަމަށް ބޮންޑާ ބުނަނީ ދިރިއޮއްވައި އެސޮރުމެންގެ ތުނބުން ބުޅި ނައްޓަން އުނދަގޫވުމާއި ކަންވާރު ހަލާކުވުން ފަދަ ކަންކަން ވާތީއެވެ.

"އެހެންވެ ނަގާގޮތަށް އޭތި ޖެހޭ މަރާލަން،" ބޮންޑާ ކިޔައިދިނެވެ.

ރަށަށް ގެންދާ ކަންނެލިތައް އެއީ، ގެއަށާއި ރައްޓެހިންނަށެވެ. ނޫނީ ވިއްކާލަނީއެވެ.

ބޮންޑާ ބުނިގޮތުގައި ދޮށި އުކައިގެން އޭނާ މިހާތަނަށް ބޭނި އެންމެ ބޮޑު ކަންނެލީގައި 90 ކިލޯ ހުއްޓެވެ. އެންމެ ބިޔަ މުޑަހަނދީގައި 47 ކިލޯ ހުއްޓެވެ.

ކޮވިޑްގެ ސަބަބުން ގެސްޓުން ނަޔަސް، ކަނޑުމައްޗަށް ނާރައި ބޮންޑާއަކަށް ނުހުރެވެއެވެ. އެހެންވެ ރައްޓެހިންނާއެކު މިހާރު ވެސް ކޮންމެ ދުވަހަކު މަހަށްދެއެވެ. މިހާރު މަސްވެރިކަން ކުރަނީ އާމްދަނީވެސް ހޯދުމުގެ ވެސް ބޭނުމުގައެވެ.

"މިއަދުވެސް ދިޔައިން މަހަށް. 35 ކަނޑުމަސް ބޭނިން،" ބޮންޑާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *