Support Us

ނަމޫނާ ތަރިއެއް: އިންސާނިއްޔަތަށްޓަކައި ރިޝްފާގެ ޚިދުމަތް

"ދޭށެ މިބުނާ ލޯބި" މި ލަވައިން ދިވެހި ފިލްމީ ދާއިރާއަށް ނުކުތް ޒުވާން ތަރި އާމިނަތު ރިޝްފާއަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެހެން ފަންނާނުންނާ ވަރަށް ތަފާތު މިޒާޖެއްގެ މީހެކެވެ.

ފިލްމީ ދާއިރާއިން ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދައިފައިވާ ރިޝްފާއަކީ ފިލްމީ ދާއިރާގެ އިތުރުން ތަފާތު ގިނަ ކާރިސާތަކާ ގުޅިގެން ދިވެހި ރެޑްކްރެސެންޓުން ގޮވާލި ކޮންމެ ވަގުތެއްގައި އަތުކުރި އޮޅާލައި ނުކުމެ ގައުމަށާއި ރައްޔިތުންނަށް ވަރުބަލި ކަމެއް ނެތި ރެއާއި ދުވާލު ވޮލަންޓިއާކޮށް މަސައްކަތް ކުރަމުން ގެންދާ ހިވާގި ޒުވާނެކެވެ. އެހެން މީހުންނާ ރިޝްފާ ތަފާތުވަނީ ފިލްމީ ދާއިރާގެ ފަންނާނެއް ނަމަވެސް އިންސާނިއްޔަތު ކަމަށް އޭނާ ހުންނަ ލޯތްބެއްގެ ސަބަބުން، ހިލޭ ސާބަހަށް އެތައް ކަމެއްގައި ބައިވެރިވެ އުޅޭތީ އެވެ.

މާލޭގެ މީހުންނަށް 2014 ވަނަ އަހަރުގެ ކުރީކޮޅު ދިމާވި ބޯފެނަށް ޖެހުމުގެ ކާރިސާއިން ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ގައުމަށް ހިދުމަތް ކުރަން ނިކުތް ރިޝްފާގެ ހިދުމަތް ތަފާތު އެފަދަ އެތައް ކާރިސައެއްގައި ވަނީ ފެނިގެން ގޮސްފަ އެވެ.

ރިޝްފާ ބުނި ގޮތުގައި ގައުމަށާއި ރައްޔިތުންނަށް ވަކިން ހާއްސަކޮށް ކާރިސާތަކުގައި ހާލުގައި ޖެހޭ ފަރާތްތަކާ ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާ ކަމެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގައި އެ ބަލި ކޮންޓްރޯލް ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަވަދިނެތި އުޅެމުން އަންނަ ރިޝްފާ ބުނިގޮތުގައި ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން ނުކުތީ އެފަދަ ކާރިސާތަކުގައި މީހުންނަށް އެހީވުމަކީ އުފަލެއް ކަމުގައި ދެކޭތީއެވެ.

"އަބަދުވެސް އެފަދަ ކާރިސާތަކުގައި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއް،" ރިޝްފާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ރެޑް ކްރެސެންޓްގައި މިހާތަނަށް އޭނާ މަސައްކަތް ކުރަމުން އައިއިރު އެންމެ ދެރަވި ދުވަހަކީ މިދިޔަ އަހަރު ހެންވޭރުގައި ހުރި ވޯކްޝޮޕެއްގައި އަލިފާން ރޯވެ، އަންހެނަކު މަރުވެ، ކައިރީގައި ހުރި އެތައް އިމާރާތެއް އަނދައިގެންދިޔަ ހާދިސާއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުރި ކެފޭއެއްގައި ރޯވެ އެސްބީއައި ހުންނަ 10 ބުރީގެ އިމާރާތުގައި ރޯވެ ރޭ ހިނގި ހާދިސާއާ ގުޅިގެން ވެސް ރިޝްފާ ވަނީ އެ ސަރަހައްދުން މީހުން ރައްކާތެރި ތަންތަނަށް ގެންދިއުމުގަ އާއި އެހީއަށް ބޭނުންވެފައިވާ ފަރާތްތަަކަށް އެހީވުމުގައި ކަމާ ބެހޭ ފަރާތްތަކުން ކުރަމުން ގެންދިޔަ މަސައްކަތުގައި އަވަދިނެތި ހަރަކާތްތެރިވެފަ އެވެ.

ރެޑް ކްރެސެންޓްގައި މަސައްކަތް ކުރަމުން އަންނަ ސޯބިރާ އަހުމަދު އަދިވެސް އަށް ކިޔައިދިން ގޮތުގައި ރިޝްފާއަކީ ވަރަށް ހިތްތިރި، މީހުންނާ ވަރަށް ގުޅޭ ކުއްޖެކެވެ. އިންސާނިއްޔަތަށް ވަރަށް ލޯބި ކުރާ، އޭނާ ކުރާ ކަމެއް ވަރަށް ކުރާ ހިތުން ކުރާ ހިވާގި ކުއްޖެކެވެ.

"ރިޝްފާ އަކީ އަބަދުވެސް އެހެން މީހުންގެ ހައްގުތައް ހޯދައިދޭން ވަރަށް ފައިޓް ކުރާ ކުއްޖެއް. އެކުގައި މަސައްކަތް ކުރާއިރު ވެސް އެހާމެ މަޖާ، ވަރަށް ފްރެންޑްލީ ޑައުންޓުއާތްވާނެ. ކޮންމެ މީހަކާ ވެސް ގުޅޭ، ކޮންމެ ކަހަލަ ސިޓުއޭޝަނަކަށް ވެސް ހަމަ ވަރަށް ފިޓް، އެހެންވެ ރިޝްފާއާ އެކު ވަރަށް ފަސޭހަ ވޯކްކުރަން،" ސޯބިރާ ބުންޏެވެ.

ރިޝްފާގެ ފިލްމީ ހަޔާތް

ރިޝްފާ ވަނީ މިހާތަނަށް ނުވަ ފީޗާ ފިލްމް ކުޅެ، އެއް ކުރު ފިލްމް ކުޅެފަ އެވެ. މީގެ އިތުރުން ނުވަ ޓީވީ ސީރީޒް ކުޅެފައިވާއިރު 20 ލަވައެއް އޭނާ ވަނީ ކުޅެފަ އެވެ. ކޮވިޑާ ގުޅިގެން ފިލްމީ ދާއިރާގެ މާ ބޮޑު ހަރަކާތްތަކެއް ނުފެނު ނަމަވެސް ރިޝްފާ ކުޅެފައިވާ ދެ ފީޗާ ފިލްމެއް މިހާރު ވެސް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އެއީ އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އަދި ނިއުމާ މުހައްމަދުގެ "ކަޅަކި" އެވެ.

ދިވެހި ފިލްމް އެވޯޑްސްގައި ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އިތުރުން ބެސްޓް ނިއު ކަމާގެ އެވޯޑްގެ ރިޝްފާއަށް ވަނީ ލިބިފަ އެވެ.

ރިޝްފާ ވަނީ ގިނަ ޓީވީ ޝޯތަކެއްގެ އިތުރުން ސްޓޭޖް ޝޯތައް ވެސް ހޯސްޓްކޮށްދީފަ އެވެ.

ފިލްމީ ދާއިރާގެ އިތުރުން ރެޑް ކްރެސެންޓްގައި ވަރަށް ބުރަކޮށް އުޅުނު ނަމަވެސް އާއިލާއަށާއި ރައްޓެހިންނަށް ވީވަރަކުން އޭނާ ވަގުތު ހުސްކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1101
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *