...

Support Us

މި ހިތްދަތިކަމުގައި އައްޑޫ މީހުން އަސް ދުއްވާނީ ކިހިނެއް؟

މި ހިތްދަތި ދުވަސްވަރު ކުއްލިއަކަށް އިވުނީ އައްޑުއަށް ބަޔަކު އަސް ގެންދަން އުޅޭ ވާހަކައެވެ. ބައެއް މީހުންނަށް ހައިރާންކަމާއި އުފާވެރިކަން ލިބުނު ޚަބަރެކެވެ.

ދެން އިވުނީ ވިލިގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓު މުއްދަތެއް ނެތްގޮތަށް ބަންދުކުރި ވާހަކައެވެ. އެއީ ހިތާމަޔާއި ހިތްދަތިކަން މުޅި އައްޑުއަތޮޅަށް ފެތުރިގެންދިޔަ ޚަބަރަކަށްވިއެވެ.

އައްޑުއަށް އަސް ގެންދަން އުޅޭ އުފެއްދުންތެރި، ވިސްނުންތެރި، ހިތްވަރު ގަދަ ޒުވާނުންނަށް ޝުކުރުވެރި ވާންޖެހެއެވެ. ޝުކުރިއްޔާއެވެ!

ފިލްމުތަކުން ފެންނަ އަސް، ރާއްޖޭގައި އަމުދުން ނުގެންގުޅޭ އަސް، އައްޑުއަށް ގެންގޮސް ދުއްވައި، އޭގެ ފަހަތުން ދުވެ، އެއަށް ވިނަކާންދީ ބޯންދީ ހެދުމަކީ ކިހައިބޮޑު އުފަލެއް އެކުލެވިގެންވާ ފަޚުރުވެރިކަމެއްތޯއެވެ؟

ރާއްޖޭގައި އަސް ގެންގުޅެނީ ކިތައް އަތޮޅުގައިތޯ ބަލާއިރު އަސް ގެންގުޅެނީ ހަމައެކަނި އައްޑޫގައި ކަމަށް ވަންޏާ، އެއީ އަތޮޅަށް ލިބޭ ކިހާބޮޑު ފަޚުރަކަށް ވާނޭހެއްޔެވެ؟

އަސް ދުއްވަން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އައްޑުއަށް ދާން ޖެހުނަސް، އައްޑޫގެ ގިނަބަޔަކު ވަޒީފާ ހޯދަން ދަތުރުކުރަން ޖެހިފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށެވެ. އާއިލީ ގުޅުން ބަދަހި މީސްމީހުން އަނބިދަރިންނާއެކު ހިޖުރަ ކުރާނީ މާލެއަށެވެ. އުޅޭތަނުގެ ކުލި ދެއްކޭނީ އާއިލާގެ ތިން ހަތަރު މީހުން ކުރާ ބުރަ މަސައްކަތުންނެވެ.

ގަމުން އިނގިރޭސި ސިފައިން 1976 ގައި ފޭބިފަހުން އައްޑޫ ރައްޔިތުން ދަނީ ވަޒީފާ ހޯދުމަށް އަތޮޅާއި އަތޮޅުން ބޭރުގައި ވޭނީ ހަނގުރާމައެއް ކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެއް އަތޮޅެއްގެ އެންމެ ގިނަ މީހުންގެ ގޮތުގައި އުޅެނީ އައްޑޫ މީހުންނެވެ.

ތެދުވެރި ދިރާސާއެއް ހަދައިފިނަމަ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ލިބުނު ބަޔާންކުރަން ދަތި ގެއްލުމުން އެންމެ ބޮޑު ލޮޅުމެއް އަރައި ހާލުގައި ޖެހުނީ އައްޑޫ ރައްޔިތުންނަށްކަން ވެސް ސާބިތުވާނެއެވެ.

ރިސޯޓުތަކުން ކަނޑާލާފައި ފޮނުވާލުމުން ވަޒީފާއެއް ނުލިބި ދާންވީ ދިމާއެއް ނޭނގިފައި އެތައް ސަތޭކަ ބަޔަކު އައްޑޫގައި އެބަތިއްބެވެ.

ޝަންގްރިއްލާ ވިލިގިލި ބަންދު ކުރުމުގެ ކުރިން ޖޫން މަހުގެ ތެރޭގައި ކެނަރީފް (ހެރެތެރެ) ރިސޯޓު ވަނީ ބަންދުކޮށްފައެވެ. އަތޮޅުގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދިޔަ އެތައް ސަތޭކަ ބައެއްގެ ވަޒީފާ ގެއްލިގެންދިޔައިރު އަތޮޅުން ބޭރުގައި ވަޒީފާ އަދާކުރަމުންދިޔަ އެތައް ސަތޭކަ ބައެއްގެ ވަޒީފާ ވެސް ވަނީ ގެއްލި ނިކަމެތިވެ، މަގުމަތިވެފައެވެ.

މިއީ އައްޑުއަށް އަދި ރާއްޖެއަށް ވެސް ގެއްލުން ބޮޑު އަދި ހިތްދަތި ދުވަސްވަރެކެވެ.

ގަމުގައި އިނގިރޭސީން ވައިގެ ބަނދަރެއް ހެދުމުގެ ކުރިން ގަމަކީ އައްޑޫގެ އިގުތިސާދުގެ އެންމެ އުފެއްދުންތެރި ރަށެވެ.

އިނގިރޭސީން ގަމުގައި ތިބި އިރު އެއީ ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު މަރުކަޒެވެ. ގަމުގެ އެއާޕޯޓު ހެދުމަށާއި ގަން ބިނާކުރުމަށް އިނގިރޭސީން އެތައް ބިލިއަން ޕައުންޑެއް ޚަރަދުކުރިއެވެ.

ގަމުން އިނގިރޭސީން ފޭބި ފަހުން ގަން ހިންގާނެ ގޮތެއް އެނގުނު ބަޔަކު، ވެރިއަކު އަދި އެފަދަ ސަރުކާރެއް ވެސް ނެތެވެ. ރާއްޖޭގައި އޮތް ދެވަނައަށް އެންމެ މޮޅު އެއަރޕޯޓު ތަރައްގީކޮށް ހިންގޭނެ ގޮތެއް ނުވިއެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟ ހުސް ވައުދެވެ.

ގަމުގެ ރަންވޭގައި އަސް ދުއްވުމަށްވުރެ އަތޮޅަށާއި ގައުމަށް ފައިދާ ބޮޑުވާނީ ގަމުގެ އެއާރޕޯޓު ބައިނަލްއަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމެވެ. މިލިއަން މިލިއަން ޑޮލަރ ހަރަދުކޮށްގެން ހަދާފައިވާ ޝަންގްރިއްލާއާއި ހެރެތެރެއާއި އައްޑޫގެ އެހެން ރިސޯޓުތަކަށާއި ހޮޓާތަކަށާއި ގެސްޓު ހައުސްތަކަށް ފަތުރުވެރިން ގެނެވޭނޭ ނިޒާމެއް ގާއިމުކުރުމެވެ. އެކަން ކުރަން އައްޑޫގައި ޕޮލިސް ޓްރޭނިން ސެންޓަރެއް ބިނާކުރުން ލާޒިމެއްނޫނެވެ.

އައްޑުއަށް ބޭނުންވަނީ ޕޮލިސްޓްރޭނިން ސެންޓަރެއް ނޫނެވެ. އައްޑުއަށް ބޭނުންވަނީ އަހެއްނޫނެވެ! އައްޑޫގެ ހުރިހާ އުމުރެއްގެ މީހުންނަށް ބޭނުމީ "ވަޒީފާ"ގެ ފުރުސަތެވެ.

މިއީ ސަރުކާރުގެ ހިންގުންތެރިކަމާއި އޯގާތެރިކަމާއި ރޭވުންތެރިކަން ރައްޔިތުންނަށް ދައްކައި ހާމަކުރަންވީ ވަގުތެވެ.

ނިންމާލުމުގެ ކުރިން ހަތިފުށީ ޝާކިރުގެ ޅެމެއްގެ ބައިތެއް ވެސް ވިދާޅުވާށެވެ!

"ޖާހިލުން މޮޅު ނަން ނަމުން އަދު ދައްކަމުންދާ ހުވަފެނަށް،
ޖާހިލުން ގޮތުގައި ތަބަޢަނުވެ އުޅެވެނީ ވިސްނުން ހުރިއްޔާ"

މި ހިތްދަތިކަމާއި ނިކަމެތިކަމުގައި ތިބެ އައްޑޫ ރައްޔިތުން އަސް ދުއްވާނީވެސް ކިހިނެއްހެއްޔެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.