...

Support Us

ކޮލަމް ނޫވިލު

ދަރަނިބޮލަކަށްވެ ޤައުމު ހިންގުމަށްވުރެ ފައިދާ ބޮޑީ އިސްތިއުފާ!

ކުޑައިރު މީހުން ކިޔާތީ އިވެނީ ދަރަނިބޯއެވެ. އެކަމަކު އެހެން ބުނެފިއްޔާ އަސްތާ އެ ދެން ވަރަށް ދަށްވީއެވެ. ރަހައާއި ބާރު ކެނޑި ހައްޕުޑަށްވީއެވެ. ނުވިތާކަށް ބާކީވެސްވާނެއެވެ. ނަމަވެސް ހަމަ އެ ބަހަށް ބޭރުތެރޭގައި ކިޔަނީ އެހެން ނަމެކެވެ. ލޯނެވެ. އެކަމަކު އެއީ ދިވެހި ބަހެއްނޫނެވެ. އިނގިރޭސި ބަހެކެވެ. އެއްޗަކީ ހަމަ ދަރަންޏެވެ.

ދެން އިވެންފެށީ ލޯނުގެ ވާހަކަ އެކި ނަންނަމުގައި ކިޔާތީއެވެ. ފަހަރުގައި ދަރަނިބޯ ކިއުން މިހާރުވެސް ހަމަ ހުތުރީ ކަމަށް ވެދާނެއެވެ.

ގައިމުވެސް އެންމެ ދުވަސްވީ މީހާއިން ފެށިގެން ކުޑަކުއްޖާއާ ހަމައަށްވެސް ލޯނޭ ބުނީމަ އެއީ ދަރަނިކަން ސާފުވެއެވެ. ޤައުމަކުން ދިނަސް އެހެން ބަޔަކު ދިނަސް އެ ކުރެވޭ މުއާމަލާތެއްގައި "ގްރާންޓް" ޖަހައިފައި ނުވާނަމަ ދެން ހުންނާނީ ފާޑުފާޑު މަޅިމަޅީގެ ދަރަންޏެވެ.

ލޯނު ނެގުމާ ފަހަރެއްގައި ވެސް ދެކޮޅީކީ ނޫނެވެ. ދެކޮޅު ހަދަނީ ދައްކަންޖެހޭ މިންވަރާއި މުއްދަތު ސާފު ބަހުން، ހާމައަށް ލިޔެފައި ނެތް ލޯނުތައް ނަގާތީ، އެކަމާއެވެ. އަދި އެހެން ކަންކަމަށް ޝަރުތުކޮށް ޤައުމުގެ އިސްތިގުލާލާއި މިނިވަން ކަމަށް ބާރުފޯރުވޭ ގޮތްގޮތަށް މަޅިފަތިޖަހާފައި ހުންނަ ލޯނާ ވެސް ދެކޮޅީއެވެ. ހަގީގަތުގައި އެއީ އެކިއެކި ނަންނަމުގައި ފައިސާ ދީގެން ގައުމު ވާވައްދާލަނީއެވެ.

ދިވެހި ބަސް ފަގީރީ ކަންނޭނގެއެވެ. ލޯނު، ބަޖެޓް ސަޕޯޓް، ޓްރެޝަރީ ބިލް، ޓްރެޝަރީ ބޮންޑު، ލައިން އޮފް ކްރެޑިޓް މި ހުރިހާއި އެއްޗަކަށް ވެސް ދިވެހި ބަހުން ކިޔެން އޮތީ ހަމަ އެއް ނަމެކެވެ: ދަރަންޏެވެ. ހިތަށް އަރަނީ އިނގިރޭސި ބަހުގައި ވެސް ރުކުގެ އިހަލުގައި ގަންނަ ހުރިހާ އެއްޗަކަށް ވެސް "ކޮކަނެޓް" ކިޔައިލައިގެން ފުއްދައިލެވޭ ކަމެވެ.

ތަފާތު އެކި ނަންނަމުގައި މިދެވޭ ލޯނުތައް ދީ އުޅުމުގެ މައިގަނޑު އުސޫލަކީ ދާދި އެކައްޗެކެވެ. އެއީ ރަހުނެއް މަތިކޮށްފައި ފައިދާ ހިމެނުމާއެކު ކަނޑައެޅޭ މުއްދަތެއްގައި އަނބުރާ ދައްކަން ފައިސާ ނުވަތަ ފައިސާއަށް ވާވަރަށް ތަކެތި ދިނުމެވެ. މި ހިސާބުން ދަރަނިބޯވީއެވެ. މިފަދަ ދަރަނި ދީ އުޅެނީ އެކި ކަންކަމާ މަތިކޮށްފައި، އެކި މުއްދަތަށެވެ.

މީގެ ތެރޭގައި އާލަމީ ވަބާ، ކޮވިޑް19 އަށްވުރެ ވެސް ނުރައްކާ ލޯނު ހުރެއެވެ. އެއީ ވަކި މުއްދަތެއް ނެތި ދޭ "ހެޔޮފުޅުކަމުގެ" ލޯނެވެ. ހަމަ ކޮންމެ އިރަކުވެސް އަނބުރާ ހޯދަން ބުނެފާނެއެވެ. ނުދެވިއްޖެނަމަ ގޯތިގެދޮރާއި ހަރުމުދަލާއި އަނބިދަރީންވެސް ދޭންޖެހޭ ވަރަށް ފިއްތާލެވިދާނެއެވެ. އެކަމަކު ކޮވިޑް19 ރޯގާ ޖެހޭ ގިނަ މީހުން އިރާދަކުރެއްވީތީ މަރެއްނުވެއެވެ. ނަމަވެސް މި ލޯނު ދަންތުރައިގައި ޖެހުނު މީހަކުވެސް، އެއްޗެއް ވެސް ސަލާމަތެއް ނުވާނެއެވެ. އަސްތާ މައާފުކުރައްވާށެވެ. މި ދެއްކެނީ، ލައިން އޮފް ކްރެޑިޓް ދަރަނީގެ ވާހަކައެވެ.

ކޮންމެ ނަމެއް ކިޔަސް ލޯނު ދީއުޅެނީ ރަހުނެއް ހުރެ އަދި ފައިސާގެ މިންވަރެއްވެސް ދަރަނި ނަގާ ފަރާތުގައި ހުރުމުންނެވެ. އަދި ދަރަންޏަށް ފައިސާ ދެވޭ ކަމަކުން ސީދާ ނުވަތަ ނުސީދާކޮށް ނަމަވެސް ފައިސާ އަނބުރާ ލިބޭނެކަމާއި އެކު ދަރަނި ދެއްކޭނެ މަގުތައް ހުރިކަން، ލޯނު ދޭ ފަރާތަށް ހުށަހަޅައި ޔަގީންކޮށްދިނީމައެވެ. މިވަރުންވެސް ގަރަންޓާރ އާއި ރަހުނު ކުރެވޭ އެއްޗެއްގެ މައްޗަށް އެއްވެސް އިތުރު ބައެއްގެ ބާރެއް، ނުފޫޒެއް، ނޯންނަ ވަރަށް ޔަގީންކޮށްދޭން ވެސް ޖެހެއެވެ.

ޤައުމެއްގެ ހާލަތުން ވިސްނައިފިނަމަ ލޯނު ނެގުމަކީ އެޤައުމެއްގެ އެންމެނާއި މުޅި ދައުލަތް (ހުރިހާ ރައްޔިތުންނާއި ރަށްރަށާއި ކަނޑުފަޅާއި ޤައުމު ހިމެނޭ ސަރަހައްދު) ތާއަބަދަށް ޝާމިލުވާންޖެހޭ ދަރަންޏެކެވެ. ކަން މިހެން އޮއްވާ ދަރަނިދޭ ފަރާތުން ވަދެ އެ ޤައުމެއްގެ، އެތެރެގޭތެރޭގައި ތިބެ ގޮތް ނިންމައިދީ އަދި އުނގުވިޔަފާރި ކުރަންވެސް ފަށައިފި ނަމަ ގޯހުންގޯހަށް ހިނގައިދާނެއެވެ. އެހެނީ އިޤްތިސާދީ ގޮތުން އެވެރިންނަށް ވިކި ހުސްވާއިރު ބޯޑަރު ބަލަހައްޓާން ތިބޭނީ ވެސް ހަމަ އެވެރީންނެވެ.

މިކަމަށް އެވެރީން ދައްކަން އޮތް ބަހަނާ އާއި އުޒުރު ކިތަންމެހާވެސް ރަނގަޅެވެ. އެވެރީންގެ ދަރަނި ލާރިކޮޅު ނުލިބިދާނެތީއެވެ. ނޫނީ އެހެން ބަޔަކު ވަދެ ކަލޭމެން ނިކަމެތިކޮށްލައި ދަރަނި ނުދެއްކި، ރަހުނު ނަގާ ހިސާބަށް ގޮސްދާނެކަމުގެ ބިރު ހީވާ ފަދަ އެތައް ބަހަނާއެކެވެ. އަދި ބައެއް ފަހަރު ލޯނެއް ދޭއިރު ލޯނާއި އެއްވެސް ގުޅުމެއް ނެތް އެތައް ކަމެއް މަތިކޮށް، އެތައް ބާރުތަކެއް ލޯނު ދޭ ފަރާތަށް ފަހިވާ ގޮތަށް ޝަރުތުކޮށްވެސް އުޅެއެވެ.

ނުފަރިތަކަމުން މި ދުއްވެނީ ތަންކޮޅެއް ދުރުންނެވެ. ނަމަވެސް ކައިރިކޮށްލާނަމެވެ. ރާއްޖޭގައި އޮތް ވަރަށް ވަތަނީ މީހުން ދިރިއުޅޭ ބޮޑު ތިލަދުންމަތީގެ އައްސޭރިފަށަށް ބައިނަލްއަޤްވާމީ ފެރީ ދަތުރުތަކެއް ފައްޓަން އުޅޭ ވާހަކައެވެ. މިހެން ބުނުމުން ސިފަކުރެވެނީ، ޔޫރަޕު ޓޫރިސްޓުން އަންނަ ފަސެންޖަރލައިނާ އާއި އޭގެ އިންތިޒާމު ތަކަށްވުރެ ބޮޑަށް ރާއްޖެއަށް ގަސް އިންދަން ގެންނަ ގެރިގުޔާއި ފިޔާ، އަލުވި، ބިސް ހިފައިގެން ދަތުރުކުރާ ކައްޕަޅިއޭ ކިޔާ އުނޅަދުފަހަރުގެ ފެރީ ނިޒާމެކެވެ. ނުވަތަ ކައިރި ޤައުމުތަކުގައި ކޯރު ހުރަސްކޮށް ދުއްވާ، ތޮއްޖެހި ފުރިބަރާވެފައި ހުންނަ ފެރީ އުޅަނދުގެ ނިޒާމެކެވެ.

އަގުހެޔޮ ފެރީ ދަތުރާއި ހެޔޮފުޅުކަމުގެ ލޯނު ފައިސާ، ދަރަންޏަށް ދެއްވާ ފަރާތުން ފޮނުވައިގެން އެ ފެރީތަކުގައި އަންނަ އުނގު ވިޔަފާރިވެރިންގެ މަޅީގައި ޖެހި ރާއްޖޭގެ ދަނޑުވެރިކަމާއި އުފެއްދުންތެރި ކަމަށް ހުއްޓުން އަރާނެ ވާހަކައެވެ.  އެވެރީންގެ އަތްދަށުވެ ހަފުސްއަރައި މުޅި ޤައުމުގެ އެންމެން ފަތިހު ފަތިސްނަމާދަށްވުރެ ކުރީގައި ޔޯގާ ހަދަން ފަށާ ހިސާބަށް ވެސް ފަހަރުގައި ދާންޖެހިދާނެ ވާހަކައެވެ.

ކުރީ ޒަމާނުގައިވެސް މިރާއްޖޭގައި ސަރުކާރުތައް ނުކުޅެދި ރައްޔިތުން ބިކަވާން ފެށީމާ ވޯރާ ވިޔަފާރިވެރިން ނޫނީ ބުންބާ މީހުންނޭ ކިއުނު ބަޔަކަށް މި ރާއްޖޭގެ ވިޔަފާރި ދީ އެވެރީންގެ އަތްދަށުވި ވާހަކަ އަޑުއަހަމެވެ. މީކީ ދުނިޔޭގައި އަލަށް ކުރާ ކަމެއްވެސް ނޫނެވެ. ދާދި ފަހުން އިންޑޮނޭޝިއާ އާއި މެލޭޝިއާއަށް ޔަހޫދީން އެޅި އިޤްތިސޯދީ ބޮންތަކުގެ އަޑު އަދި ނުކެނޑެއެވެ. ވަކީން ހާއްސަކޮށް އިންޑޮނޭޝިޔާ ރުފިޔާގެ އަގު ވެއްޓި ތުނި ކަރުދާހަށް ބަދަކޮށްލިތަން ނުފެންނަ ދިވެއްސަކުވެސް މަދުވާނެއެވެ.

ހެޔޮފުޅުކަމުގެ ލޯނާއި އަގުހެޔޮ ފެރީން ރާއްޖެއަށް އަންނަ މީހުންގެ އުނގު ވިޔަފާރި އާއި އެހެނިހެން ހަރަކާތްތަކުން ފުރަތަމަކޮޅު ފެންނަން ފަށާ މަންޒަރުތައް ވަރަށް ސާފުވެފައި އޮމާންވެސް ވާނެއެވެ. ވަކިވަކި ގިނަ ރައްޔިތުންތަކަކަށް ފައިދާވާތަނެވެ. ތަރުކާރީ އާއި މޭވާގެ ބާވަތްތައް މާ އަގުހެޔޮކޮށް މި ޤައުމުތެރޭގައި ދައުރުވާން ފަށައި ދިވެހީންގެ ގިނަ ބަޔަކު އެއަށް ބަރޯސާވާތަނެވެ. ދެން އެވެރީންގެ، ކޮލިޓީ ދަށް އުފެއްދުންތަކުގެ ވިޔަފާރި ރާއްޖެއަށް ގިނަވެ، ބާޒާރުގެ ކޮންމެވެސް މިންވަރެއްގެ ކޮންޓްރޯލެއް އެވެރިން ނަގާނެއެވެ. މީގެ އިތުރުން މާބޮޑު ލިއެކިއުމެއް ނެތި ރާއްޖެ އެތެރެވާ މީހުން ގިނަވުން ވެސް ދާނީ މަޑުމަޑުން މައްޗަށެވެ. ފިލްމެއް ނަމަ ނުބައިބައި މީހުންގެ ރޯލުވެސް އެކުއެކީގައި ހިނގަމުންދާ އުސޫލުންނެވެ.

މުޖުރިމުންނާއި މަސްތުވާ އެއްޗެހި މިޤައުމަށް އެތެރެކުރާ މަގުތައް ދާދި އަވަހަށް އިތުރުކޮށްލާނެއެވެ. މިކަމާއި ކަންބޮޑުވެގެން އެއްޗެއް ބުނަން ބަލާއިރު ހެޔޮފުޅުކަމުގެ ދަރަނީގައި ޖެހި އަނގަ ހުޅުވާލެވޭނެ ޖާގައެއްވެސް ނޯންނާނެއެވެ. ނަތީޖާ އަކަށް ވަނީ މިޤައުމުގެ އިޤްތިސާދާއި ބާރުވެރިކަމުގެ ބޮޑު ބައެއް އެވެރީންގެ އަތަށް ދެވި، ގޮތް ހުސްވެ، އިސް ޖަހާލައިގެން ތިބެންޖެހުމެވެ. ނުވަތަ އެ ދަރަނީން ސަލާމަތްވާން ވެގެން ދަރަނީގެ މައްޗަށް ދެރުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ތިބުމޭ އެންމެ ބުއްދިވެރީ ބުނާ ބަސްވެސް އެހާ ހިސާބުން ހަނދާންވާނެ އެވެ.

ދައުލަތް ހިންގަން ތިއްބަވާ ވެރީން ނުކުމެ ރައްޔިތުންގެ ކުރިމަތީގައި، މިއީ ވަސީލަތް މަދު، އާމްދަނީ، ނުލިބޭ ޤައުމެކޭ އަޑަށް ނެތް ބާރުލައިފައި ވިދާޅުވެ، ލޯނަށް ބަރޯސާވެގެން ދަރަނިބޮލަކަށްވެ ޤައުމު ހިންގުމަށްވުރެ ފައިދާ ބޮޑީ އިސްތިއުފާ ދެއްވައިފައި ގެޔަށް ވަޑައިގަތުމެއް ނޫންތޯއެވެ؟ އަދި ފަހުން ކޮންމެ ފަދަ ވާހަކަފުޅެއް ދައްކަވަން ނަމަވެސް ނުވާވަރުގެ ކަމަކާ ދުރަށް ވަޑައިގަތުން ރައްކާތެރިވެފައި ބުއްދިވެރިއެވެ.

ޝައްކެއްވެސް ނެތެވެ. އާމްދަނީ ލިބޭނެ އަދި އިތުރުކުރެވޭނެ ވަސީލަތްތަކަކީ އަބަދުވެސް އެބަޔަކު އަމިއްލަޔަށް އުފައްދާ އާލާކުރަންޖެހޭ ކަންކަމެވެ. ހާއްސަކޮށް ވެރީންގެ ކިބައިގައި އެފަދަ ޤާބިލުކަން ހުންނަން ލާޒިމެވެ. އެހެނީ ދެމަފިރިއަކާއި ދެ ދަރީން ދިރިއުޅޭ ކުޑަ ގެއަކަށް ބެލިއަސް އެ ދެމަފިރީން ނުދަރައި ދަރީންނާއި ގެދޮރު ހެޔޮ ގޮތުގައި ބެލެހެއްޓުން ފިރިމީހާގެ މައްޗަށް ވާޖިބެވެ.

ހެޔޮފުޅުކަމުގެ ދަރަންޏާއި އަގުހެޔޮ ފެރީން ޤައުމުގެ ދުރު މުސްތަގުބަލަށް ކުރަނީ ފައިދާތޯ ނުވަތަ ވަނީ އަޅުވެތިތޯ ބެއްލެވުމަށް ގައުމުގެ ވެރީން މާ ބޮޑަށް ވިސްނަވާނެކަން ވެސް ހަމަ ޔަގީނެވެ. ނަމަވެސް ވަގުތީ އުފަލަށް އިސްކަންދީގެން ކުރިޔަށްދާން ވިސްނައިފި ނަމަ ދާއިމީ އުފަލެއް ނުލިބި އަޅުވެތިކަމާއި ދަރަނިވެރިކަން އެބަޔަކާ އަރާ ހަމަކުރާނެއެވެ. އޭރުން ވާނީ ހަގީގީ ދަރިބޮލަކަށެވެ. ނޫންތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
81

3 Responses

  1. ރަނގަޅު ގޮތާއި ފައިދާ އެންމެނައްވެސް އެނގޭ..
    ވެރިކަމުގެ ދަހިވެތި ކަމުގަ ޤައުމު ވިކުނަސް މީހާ ވިކުނަސް މިހުރިހާ ލޯނާއި ދެންވެސް ހުރި މަޅިތަކެއްގަ ބެދި ބޮނޑިބޮނީ
    ރައްއިތުން ހޭލުންތެރި ވީމަ ނޫނީ މިކަމެއްނުހުއްޓޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.