...

Support Us

ކޮލަމް ގަލަންދާނު

ދިވެހިން އަދިވެސް ތެދުވެ ހިންދެމިލާނެއެވެެ. އެހެނަސް…

ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ސަރުކާރެއް އޮންނަ ނިޡާމެއް ޤާއިމުކޮށްފައި އޮންނަނީ، އެ ނިޡާމުގައި އެންމެ ބާރުވެރި ފަރާތަކީ ރައްޔިތުން ކަމުގައި ކަނޑައަޅައިފައެވެ. މިގޮތުން، ރައްޔިތުންގެ ޢާއްމު ވޯޓަކުން އިންތިޚާބުކުރާ ރައީސަކީ ވަރަށް ބޮޑެތި ޒިންމާ ތަކަކާއި މަތިވެރި އަމާނާތްތަކެއް ޙަވާލުކުރެވޭ ބޭފުޅެކެވެ. އަޅުގަނޑުމެން ޢަމަލުކުރަމުން މިދާ ޤާނޫނުއަސާސީގައި، ރައީސުލްޖުމްހޫރިއްޔާ އާއި ޙަވާލުކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ސަރުކާރުގެ އެންމެ މަތީ ވެރިޔާ (Chief Executive) ކަމާއި، ދައުލަތުގެ އެންމެ މަތީ ވެރިޔާ (Head of State) ކަމާއި، ސިފައިންގެ އެންމެ މަތީ ވެރިޔާ (Commander in Chief) ކަން ހިމެނެއެވެ.

ދައުލަތުގެ މި ދެންނެވި އެންމެ މުހިއްމު ތިން މަޤާމް، 17 ނޮވެމްބަރު 2018މ. ގައި ރައްޔިތުން ޙަވާލުކުރީ އިބްރާހީމް މުޙައްމަދު ޞާލިޙް އާއެވެ. ޙަވާލުކުރީ، އަމިއްލަ ސިޔާދަތީ ބާރުގައި، ބާރު ދުވެއްޔެއްގައި ދުވެދުވެ އޮތް، މުސްތަޤިއްލު މިނިިވަން ޤައުމެކެވެ. ޤައުމުގެ ޖީ.ޑީ.ޕީ (ޕަރ ކެޕިޓާ) ހުރީ 12،000 އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ. ދައުލަތުގެ މާލިއްޔާގައި 900 މިލިޔަން ޑޮލަރުގެ ރިޒާވް ހުއްޓެވެ. ޑޮލަރުގެ ބްލެކް މާކެޓެއް ނެތެވެ. މަސައްކަތްތައް ފުނިޖެހިގެން، މަސައްކަތްކުރާނެ މީހުން އޮތީ ނުލިބިފައެވެ. ހުސްނުވާ ޞިއްހީ ނިޡާމެއްގެ ދަށުން ބޭސްފަރުވާގެ ޚިދުމަތް، އެއްވެސް އިސްތިސްނާއެއް ނެތި، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބިލިބި ހުއްޓެވެ. ވިޔަފާރީގެ ކާރޫބާރު ބޮޑުކަމުން، މަގުން ހިނގާބިނގާވާން އޮތީ ދަތިވެފައެވެ. އިންޞާފު ހޯދަންދާނެ މިނިވަން ޖުޑިޝިއަރީއެއް އޮތެވެ. މިއީ ރައީސް ޞޯލިޙާ ރައްޔިތުން ޙަވާލުކުރި ޤައުމުގެ އިޤްތިޞާދީ/ އިޖްތިމާޢީ ޙާލަތުގެ ކުރު ތަޢާރަފެކެވެ.

އިސްވެ މިދެންނެވި ކަންކަމަށް ރިޢާޔަތްކުރާއިރު، ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުކުރެވުނު ޒިންމާތަކާއި މަސްއޫލިއްޔަތުތަކަކީ އެމަނިކުފާނާ ޙަވާލުކުރެވުނު ވަރަށް ބޮޑު އަމާނާތެކެވެ. އެހެންކަމުން، މި އަމާނާތް އަދާކުރަންވާނީ، ރައްޔިތުންނަށް އަނިޔާވެރި ނުވެ، ޤައުމަށް ޚިޔާނާތްތެރިނުވެ، ޣައްދާރުނުވެ، ރައްޔިތުންނަށް ލާބައާއި މަންފާ ކުރަނިވި ގޮތުން، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި އެއްގޮތަށެވެ. ފަހަރެއްގައިވެސް، ކުރެވުނު ކަމެއް، ކުރެވުނު ގޮތަކަށް ނުވަތަ 'އަމާބުނީތީ ފަރަށްދާ އުޞޫލުން’ނެއް ނޫނެވެ. ނަމަވެސް، ކަންވީ އެހެނެއް ނޫނެވެ.

ވެރިކަމަށް ދެ އަހަރުވެސް ނުވަނީސް، މިއަދު، މިޤައުމު މިއޮތީ މަރަށް ފުރާނައަށް ތެޅިތެޅިއެވެ. ޚާރިޖީ އަދި ދިފާޢީ އެއްވެސް ކަމެއް އަމިއްލަ އަށް ނިންމުމުގެ ފުރިހަމަ ބާރެއް އިޚްތިޔާރެއް ނެތެވެ. އަމިއްލަ ޤައުމުގެ މަޞްލަޙަތަށްވުރެ އިސްކުރަން ލާޒިމުވެފަ އޮތީ އަވައްޓެރި، "ހަކުރުދޭ ބޮޑުބޭބެގެ" މަޞްލަޙަތެވެ. މިވަރަށް އަމިއްލަ ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލު މި އޮތީ ބޮޑުބޭބެއަށް ވެދުން ކުރެވިފައެވެ.

އިޤްތިޞާދަށް ބަލާއިރު، އަހަރެމެންގެ ހަނދާނުގައި ޤައުމާ ކުރިމަތިވި އެންމެ ބޮޑު ޞިއްޙީ ވަބާއިން އަރައިނުގަނެވި މިތިބީ، މިވަބާ މެނޭޖްނުކުރެވި، ޒިންމާތަކާއި އަމާނާތްތަކަށް ޚިޔާނާތްތެރިވުމުގެ ސަބަބުން ކަމަށް ޤަބޫލުކުރާ މީހުން މަދެއް ނޫނެވެ. މިވަބާއިން އަރައިގަތުމަށް ޤައުމުތައް ސައިންސާއި ޓެކްނޮލޮޖީއަށް ބަރޯސާވަމުން ދިޔައިރު، ރާއްޖޭގެ ވެރިކަމުގެ ފަރާތުން ދިޔައީ ފަންނީ (Professional) ބޭފުޅުންގެ ލަފާފުޅާއި އިރުޝާދުގެ މައްޗަށް ބަސް ބުނަމުންނެވެ. މަލާމާތުގެ ބަސްތަކުން އެބޭފުޅުންނަށް ޖޯކުޖަހަމުންނެވެ. މިއީ އެއްވެސް ކަމެއް ނޫން ކަމާއި، އާދައިގެ ރޯގާއެއް ކަމާއި، ބޯޑަރު ބަންދުކުރަން ނުޖެހޭނެ ކަމާއި، ހިނގާބިނގާވެ، ދަތުރުކޮށް އުޅުމަށް ހުރަސްއަޅަން ނުޖެހޭނެކަމާއި، އިސާހިތަކު މިވަބާ ފިލައިގެން، ނެތިގެން ހިނގައިދާނެ ކަމަށް ރައްޔިތުންނަށް ވިސްނައިދެމުންނެވެ. ނަތީޖާއެއްގެ ގޮތުން، އެހެން ޤައުމުތައް ހުޅުވާލިއިރު، ރާއްޖެ އޮންނަންޖެހުނީ ބަންދުގައެވެ. މިއީ، މި ޕެންޑަމިކް ފެށުނު ތަނުން، ޞީއްޙީ މާހިރުން އެރުވި ލަފާފުޅު، ވެރިކަން ހިންގުމުގެ ފަރާތުން ސީރިއަސްކޮށް ނުނެގުމުގެ ހިތި ނަތީޖާއެވެ. ކަމާއި ބެހޭ މާހިރުންނަށްވުރެ، ތިމާމެންގެ "އެދުރުކަން" އިސްކުރުމުގެ ނަތީޖާވެސް މެއެވެ.

މި ޙާލަތުގައި ޤައުމު އޮތްއިރުވެސް، ރައީސް އުޅުއްވާތަން މިފެންނަނީ، ރައްޔިތުންގެ އާދޭސްތަކަށް ކަންފަތެއް ދެއްވުމަށްވުރެ، އަމިއްލަ ވެރިކަން ދިފާޢުކުރެއްވުމުގައެވެ. ދައުލަތް ހިންގުމުގެ ދެވަނަ ބާރު ކަމުގައިވާ މަޖިލީހުގެ ޙާލުގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މަޖިލީހުގެ ރައީސް އުޅުއްވާތަން މިފެންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްވުރެ، "ދަލުބޭރުން ޖެހިވަޑައިގެން" ސަރުކާރު ހިންގަވަން އުޅުއްވާތަނެވެ. މި ދެ ބާރުގެ ވާދަވެރިކަމާއި، ކޯޅުންގަނޑުގެ ތެރޭގައި ރައްޔިތުން ތިބީ ފިތި ތާށިވެފައެވެ. ފަތުރުވެރިކަމުގެ ޞިނާޢަތް ހުއްޓި، ވިޔަފާރިތައް ބަނގުރޫޓުވެއްޖެއެވެ. ބައެއް ވިޔަފާރިތައް ބަންދުވީ ދާއިމަށެވެ. ވަޡީފާތައް ގެއްލި، އަނގަޔާއި އަތާ ދިމާނުވާ ދުވަސްތައް މަސްތަކަކަށް ދިގުދެމިގެން ދިއުމުން، ރައްޔިތުންގެ ހިތްތަކުގައި އުފާވެރިކަމެއް، ރޫޙެއް، ދިރުމެއް ނެތެވެ. ވިޔަފާރިތަކާއި ސްކޫލުތަކުގެ ކިޔެވުން އިހުގެ ޙާލަތަށް ރުޖޫޢަވާނެ ދުވަހެއް އޮތީ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. މައިންބަފައިން ތިބީ ދަރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވެފައެވެ.

ކުރުކޮށް ދަންނަވާނަމަ، ޤައުމުގެ މުޅި އިޤްތިޞާދު މިވަނީ އަހަރެމެންގެ މުޅި ޙަޔާތުގައި ވެސް ނުވެއްޓޭ ވަރުގެ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. އަނެއްކޮޅުން މުޅި ޖުޑިޝަރީ ސިޔާސީވެ، އެދާއިރާއަށް ރައްޔިތުންގެ އޮތް ކުޑަ އިތުބާރުކޮޅުވެސް މިވަނީ ގެއްލިފައެވެ. މިއަދު މިޤައުމުން ފެނިގެން މިދަނީ ކުފޫހަމަނުވާ ބަޔަކު އިޚްތިޔާރުކުރުމުގެ ވޭނީ ނަތީޖާއެވެ.

މި ޙާލަތަށް މި ޤައުމު ވެއްޓިގެން ދިއުމުގެ ނުވަތަ ވައްޓާލުމުގެ ފުރިހަމަ ޒިންމާ ރައީސް ސޯލިޙް އާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެއެވެ. މިއަދު މުޅި ޤައުމު އެދި ގޮވަނީ ބަދަލަކަށެވެ. ރައްޔިތުން އެދިއެދި ތިބީ އައު ޒަޢާމަތަކަށެވެ.

ޑިމޮކްރެޓިކް ނިޡާމެއްގައި، ސަރުކާރު ފެއިލް ވެއްޖެނަމަ، އެންމެ ރަނގަޅު ގޮތަކީ ފެއިލްވެއްޖެކަން އަމިއްލަ އަށް ޤަބޫލުކޮށް، އިސްތިޢުފާދީފައި މަޤާމުން އެކަހެރިވުމެވެ. ވެރިކަމުގެ ފަރާތުން މިރީތި ނަމޫނާ ނުދައްކާނަމަ، ޤައުމު އެކީއެކަށް ހަލާކުވެގެން ދިއުމަށް ފުރުޞަތުނުދީ، ސަރުކާރު ބަދަލުކުރުމަކީ ޤާނޫނުއަސާސީން ރައްްޔިތުންނަށް ލިބިދީފައި އޮތް ޙައްޤެކެވެ.

މިއަދު މިޤައުމަށް ބޭނުންވަނީ ޤައުމުގައި އުފެދިފައި އޮތް ބައިބައިވުން ނެތިކޮށް، ޤައުމު އެކުވެރިކޮށް، ޤައުމުގެ އިޤްތިޞާދު ދިރުވައި ކޮޅަށްޖަހައިދޭނެ ވެރިއަކަށެވެ. ރައްޔިތުންނަށްޓަކައި ފުރާނަ އަތްމައްޗަށް ލައްވައިގެން އެއްވެސް ވަރުބަލިކަމެއް ނެތި، އަނެކުންގެ ފުރާނަ ސަލާމަތްކުރުމަށް ރެއާއި ދުވާލު އިސްސަފުގައި ޚިދުމަތްކުރައްވަމުން ގެންދެވި، އަދި މިއަދުވެސް ޚިދުމަތްކުރައްވަމުން ގެންދަވާ ޑޮކްޓަރުންނާއި ނަރުހުންނަށް، އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ސަޕްލައިޗެއިންގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގައި މުރާލިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ކުންފުނިތަކާއި ފިހާރަތަކާއި ހޮޓާތަކުގެ މުވައްޡަފުންނާއި، ސޭލްސްމަނުންނާއި، ޑްރައިވަރުން ފަދަ ހުރިހާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރާނެ ވެރިއަކަށެވެ.

ދިވެހިންނަކީ ވަރަށް ޢަޒުމް ވަރުގަދަ، ވެއްޓުމަކަށްފަހު ވެސް ފަސޭހަކަމާއެކު ކޮޅަށް ތެދުވުމުގެ ކެރުމާއި ހިތްވަރު ހުރި (Resilient) ބައެކެވެ. އެހެންކަމުން، ވައްޓާލައިފައި މި އޮތް ޙާލަތުން އަރައިގަނެ، ހަމަ އިސްކޮޅަށް ދެމިލުމުގެ ޤާބިލުކަން ދިވެހިންގެ ކިބައިގައި ހުންނާނެއެވެ. އެހެނަސް، މިވެރިކަމަކު ނޫނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.