...

Support Us

ޙަރަކާތްތެރިކަން ކުޑަވުން، ދުންފަތުގެ އިސްތިޢުމާލު ކުރުމާ އެއްފަދަ!

ކަސްރަތު ކުރުމަކީ ހިތުގެ ބަލިތަކުން ސަލާމަތްވާ ކަމެކެވެ. ޤަވާއިދުން ކަސްރަތުކުރާ މީހުންނަށް ހިތުގެ ބަލިތައް ޖެހުން ވަރަށް ދުރެވެ. ދިރިއުޅުމުގައި ޙަރަކާތްތެރިކަން ކުޑަކޮށް އުޅުމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ލޭ މައްޗަށް ދިއުމާއި ހަމަ އެއްފަދަ ޞިއްހަތަށް ގެއްލުން ހުރި ކަމެކެވެ.

މިކަމާބެހޭ ދިރާސާތަކުން ދައްކާގޮތުގައި، ހިނގުން، ދުވުން، ފެތުން ފަދަ ޙަރަކާތްތެރިކަން ބޮޑު ކަސްރަތުކުރާ މީހުންނަށް ހާޓްއެޓޭކް ޖެހޭވަރު، އެހެން މީހުންނަށްވުރެ ދެބައިކުޅަ އެއްބަޔަށް މަދެވެ. ކުރީގައި ކަސްރަތުކޮށް އެކިއެކި ކުޅިވަރު ކުޅެއުޅުނު މީހުންވެސް ފަހުން ކަސްރަތުނުކޮށް މާ ޙަރަކާތްތެރި ނޫން ދިރިއުޅުމެއް އުޅޭނަމަ ހިތުގެ ބަލިތައްޖެހުން ގާތެވެ.

ޤަވާއިދުން، ކަސްރަތުކުރުމުން ހިތުގެ ބަލިތައްޖެހުން ދުރުވިނަމަވެސް އެފަދަ ބަލިތަކުން މުޅިން ސަލާމަތްވެވުނީކީ ނޫނެވެ. ހިތުގެ ބަލިތަކުން ސަލާމަތްވުމަށްޓަކައި އެތައް ކަމަކާ ދޭތެރޭ ވިސްނަންޖެހެއެވެ. ކަސްރަތުގެ އިތުރުން މިންހެއު ކާނާ ކެއުމަކީ އެފަދަ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.

ކަސްރަތު ކުރުމާއި ހިތުގެ ބަލިތަކުން ސަލާމަތްވުމާ ހުރި ގުޅުން

ހާޓްއެޓޭކެއް ޖެހިފައިވާ މީހެއް ނަމަވެސް ކަސްރަތަށް ހިނގުމުން އެކަމުން ފައިދާކުރާނެއެވެ. ހިތުގައި ހަލާކުވެފައިވާ މަސްލް ސެލްތައް/ މަސްތައް މުޅިން ރަނގަޅު ނުވިނަމަވެސް، ހަލާކުނުވެ ސަލާމަތުން ހުރި ބައިގެ މަސައްކަތް، ކަސްރަތުގެ ސަބަބުން ލުއިކޮށް ފަސޭހަކޮށްދެއެވެ. ހާޓްއެޓޭކެއް ޖެހިފައިވާ މީހަކަށްވެސް ކަސްރަތުކުރުމުން އަލުން އަނބުރާ ކުރީގެ އުޅުމަށް ރުޖޫޢަވުމަށް ފަސޭހަވެއެވެ. ސަލާމަތްކަމާއެކު ކަސްރަތުކުރެވޭކަން ޔަޤީންވުމުން، އަމިއްލަ ހަށިގަނޑާއިމެދު އަދި ހިތުގެ ހިނގުމާއިމެދު ޔަޤީންކަން ލިބޭގޮތްވެއެވެ. އަދި ހާޓްއެޓޭކް ޖެހުމާއި ގުޅިގެންދިމާވެދާނެ ނަފްސާނީ ހިތްހަމަނުޖެހުން ފަދަ ކަންތައްތަކުން ދުރުކޮށްދެއެވެ.

ޢާއްމުކޮށް ގިނަ މީހުންނަށް ހާޓްއެޓޭކެއް ޖެހުނު ކަމުގައިވީ ނަމަވެސް ރަނގަޅުވާތާ ދެތިން މަސްދުވަހުގެ ތެރޭގައި ޢާއްމު ދިރިއުޅުމަށް ރުޖޫޢަވެއެވެ. އެހެން ނަމަވެސް މި މުއްދަތަށް ބަދަލު އަންނާނެ ކިތަންމެ ކަމެއްވެއެވެ. އޭގެތެރޭގައި ޖެހުނު ހާޓްއެޓޭކްގެ ކުޑަ ބޮޑުމިނާއި މީހާގެ ޝަޚްޞިއްޔަތުގައި ހިތްވަރު ހުންނަ މިންވަރުވެސް ހިމެނެއެވެ. ހަށިގަނޑުގެ ހަކަތަ އިތުރުކުރުމަށްޓަކައި ތިމާގެ ޙަރަކާތްތެރިކަން މަޑުމަޑުން އިތުރު ކުރަންވާނެއެވެ.

މަޑުމަޑުން ހިނގާލުމަކީ އެންމެ ފުރަތަމަ ކުރާ ކަސްރަތަކަށް ހެދިދާނެއެވެ. އޭގެފަހުން ހިނގުން ބާރުކުރަމުން ގޮސް ކަސްރަތެއްގެ ގޮތުގައި ބާރަށް ހިނގަން ފެށިދާނެއެވެ. އެކި މީހުންނަށް މިކަމުގެ ފައިދާކޮށް ނަތީޖާ ފެންނަ މުއްދަތު ތަފާތުވާނެއެވެ. ކަސްރަތުތަކަށް ގެންނަ ބަދަލުތަކުން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ވިސްނަންވާނެއެވެ. މާ އަވަހަށް، މާ ބުރަކޮށް ކަސްރަތު ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދި ކަސްރަތު ކުރަން ވިސްނާ ގޮތް ޑޮކްޓަރާއި މަޝްވަރާކޮށްފައި ފަށާށެވެ.

އެންމެ ރަނގަޅު އެއް ކަސްރަތަކީ ހިނގުމެވެ. ހާޓްއެޓޭކެއް ޖެހިފައިވާ މީހުންނަށް ވެސް އެންމެ އަވަސް ގޮތެއްގައި އެންމެ ފަސޭހައިން ކުރެވޭ ކަސްރަތަކީ ހިނގުމެވެ. އެހެން ނަމަވެސް ކޮންމެ ކަހަލަ ކަސްރަތެއް ނަމަވެސް ކުރަންވާނީ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ. ދުޅަހެޔޮ ހިތަކާއި ފުއްޕާމެޔަކަށް އެންމެ ފަސޭހައިން ކުރެވޭ، އެންމެ ސަލާމަތްކަން ބޮޑު އެއް ކަސްރަތަކީ ހިނގުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *