Support Us

ދުޅަހެޔޮ ސިއްހަތަށް ކަސްރަތު: ކަސްރަތު ކުރަން ތައްޔާރުވުން

ކަސްރަތު ކުރުމަށް ތައްޔާރުވާ ކޮންމެ މީހަކު ވެސް ވިސްނަންޖެހޭ ވަރަށް ގިނަ ކަންތަކެއް ހުރެއެވެ. ކަސްރަތު ކުރުމަށް ތައްޔާރުވެފައިވާ މިންވަރަކީ އެހާމެ މުހިންމު އަދި ހަމަ އެހެންމެ އެ ދުވަހުގެ ކަސްރަތު އެންމެ ފުރިހަމައަށް ކޮށް ނިންމާލުމަށް މަގުފަހިވެގެންދާ ކަމެކެވެ. މިގޮތުން އެންމެ ފުރަތަމަ ބަލާލަން މިޖެހެނީ، ކަސްރަތަށް ތައްޔާރުވާ ތައްޔާރުވުމަށެވެ.

ކަސްތަރަކުރަން އަޅާ ހެދުމަކީ ކަސްރަތު ކުރުމަށް އެކަށޭނަ ހެދުމަކަށް ވާންޖެހޭނެ އެވެ. މިސާލަކަށް އެ ދުވަހުގެ މައިގަނޑު ކަސްރަތަކީ ދުވުން ކަމަށް ވާނަމަ، ދުވުމަށް އެކަށީގެންވާ ޓެނިހަކީ ވަރަށް މުހިންމު އެއް ވަސީލަތެވެ. މިގޮތުން އެ ދުވަހުގެ ދުވުން ހަމަޖެހިފައި އޮތީ އައުޓްޑޯ  (ދުވާޓްރެކް، މަގުމަތީ) ގައި ކަމަށް ވާނަމަ ދުވަން ބޭނުން ކުރާ އައުޓްޑޯ ޓެނިހެއް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަ އެހެންމެ ދުވުމަށް ބޭނުން ކުރާ ޓެނިހަކީ އެ މީހެއްގެ ފަޔަށް ފަސޭހަ، ފައިތިލައިގެ ބައްޓަމަށް އެ ޓެނިހުގެ ކިއްސަރު ބައްޓަންވެފައި ހުންނަ ޓެނިހަކަށް ވުމަކީވެސް ވަރަށް މުހިންމު ކަމެވެކެވެ. މީގެ އިތުރުން ޓެނިހުގެ ނާޑުވާ ފައިތިލައަށް މާބޮޑަށް ބާރުވާ ގޮތަށް ބެހެއްޓުމުގެ ބަދަލުގައި، ޓެނިހުގެ ކޮޅު އިނގިލިތަކާ ވީކޮޅުން، ފައިތިލައަށް ހެޔޮވަރަށް ބާރުކޮށް ހުރެފައި ނާޑުވާ ހުންނަން ވާނީ ފަޔަށް ކުޑަކޮށް ދޫކަމެއް އިހްސާސްކުރެވޭ ވަރަށް ދޫކޮށެވެ.

ހަމަ އެހެންމެ ކަސްރަތު ކުރުމަށް ހެދުން އެޅުމުގައި ފިރިހެނުން ޓީޝާރޓް، ސޯޓު ނުވަޓަ ޓްރެކްޝޫޓް ތިރި ބޭނުން ކުރުން ރަނގަޅު ވާނެއެވެ. އަންހެނުން އާންމުކޮށް ކަސްރަތު ކުރުމަށް ލާ ހެދުމެއް (ޓީޝަރޓް، ޓޮޕް، ހަރުވާޅު، ޓްރެކްޝޫޓް ތިރި އަދި މިނޫންވެސް ކަސްރަތަށް ހާއްސަ ކުރެވިފައި ހުންނަ ހެދުމެއް) ލުން ރަނގަޅުވާނެއެވެ.

ކަސްރަތު ކުރުމަށް އަޅާ ހެދުން ހުރުން އެންމެ ރަނގަޅީ ކަސްރަތު ކުރުމަށް ތައްޔާކުރެވިފައި ހުންނަ ގަޔަށް ލުއި، އަދި ކަސްރަތު ކުރާ މީހާގެ ގައިން ހިއްލާ ދާ ފޭރާމުގައި ހަރުނުލާ ކަހަލަ، ޕޮލިސްޓަރ މެޓީރިއަލް (ކްލައިމަ ލައިޓް، ކްލައިމަރ ކޫލް ނުވަތަ އެނޫންވެސް ކަސްރަތު ކުރުމަށް އަޅާ ފޭރާމުން ހެދިފައި ހުންނަ ކަސްރަތަށް ހާއްސަ) ހެދުމެކެވެ. އަދި ހަމަ އެހާމެ މުހިންމު އަނެއް ކަމަކީ އައުޓްޑޯގައި ކަސްރަތު ކުރަމުން ދާއިރު މޫސުމަށް ބަލައި، ފިނި ހޫނުމިން ހުރިވަރެއް ދެނެގަތުމެވެ. ސަބަބަކީ ހޫނު ގަދަ ދުވަހެއް ނަމަ ގަޔަށް އާދަޔާ ޚިލާފަށް ބާރުކޮށް ހެދުން އެޅުން ބުއްދިވެރިއެއް ނޫނެވެ. އޭގެ ބަދަލުގައި ގަޔަށް ތަންކޮޅެއް ދޫ އަދި ގަޔަށް ލުއި ފޭރާމެއްގެ ކަސްރަތު ހެދުމެއް ލުން މުހިންމެވެ.

ޖިމް އަކަށް ގޮސް ކަސްރަތު ކުރާނަމަ ވެސް ހެދުން އެޅުމުގައި މަތީގައި ފާހަގަކޮށްފައިވާ ކަންކަމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. ތަފާތަކީ ޖިމް އަކީ ބަންދު ކުރެވިފައިވާ މާހައުލަކަށް ވުމެވެ. އެހެން ނަމަވެސް ޖިމް އަކަށް ގޮސް ކަސްރަތު ކުރާނަމަ ވަރަށް ބޮޑަށް ސާފު ތާހިރުކަމަށް ސަމާލުކަން ދިނުމާއި، އަމިއްލަ އަށް ބޭނުން ކުރުމަށް ކުޑަ ތުވާލި ކޮޅަކާއި، ބުރަކޮށް ވެއިޓްސް އުފުލައިގެން ބައެއް ކަސްރަތު ކުރާނަމަ ކަސްރަތު ކުރުމަށް ބޭނުންކުރާ އަންގި (ގްލަވްސް) އަކާއި ފެންފުޅިއެއް ވެސް ގެންދިއުން މުހިންމުވާނެއެވެ.

ހަމަ އެހެންމެ ކަސްރަތު ކުރުމަށް އަރާ ޓެނިހަކީ އެ މީހެއްގެ ފަޔަށް ފަސޭހަ، މުޅި ޓެނިހުގެ ދަށްފުށް، ޚާއްސަކޮށް ޓެނިހުގެ ފުންނާބު މާ ހަރު ނޫން އާދައިގެ ވަރަކަށް މަޑުކޮށް ހުންނަ، އަދި ފައިގެ އިނގިލިތަކުގެ ކޮޅާ ދިމާލުން ފަސޭހަ ކަމެއް އިހްސާސްކުރެވޭ ވަރަށް ދޫކޮށް ހުންނަ ޓެނިހަކަށްވުން ވަރަށް މުހިންމެވެ.

ޖިމް އަކަށް ގޮސްގެން ކަސްރަތު ކުރާނަމަ އެންމެ ރަނގަޅު ވާނީ ކްރޮސް ޓްރޭނިންގް ޓެނިހެއް ބޭނުން ކުރިއްޔާއެވެ. އެހެން ނަމަވެސް ޖިމްއަކަށް ގޮސްވެސް ދިގު ދުވުންތައް ޓްރެޑްމިލްގައި ދުވާނަމަ ދިގު ދުވުންތައް ދުވާ ކަހަލަ ޓެނިހެއްގައި ދުވުން އެއީ އެންމެ ރަނގަޅު ގޮތެވެ. ގޭގައި ކަސްރަތު ކުރާ ނަމަވެސް ޓެނިހަށް އެރުން މުހިންމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *