Support Us

ކޮލަމް ނޫވިލު

"ކޮފީއެއް ބޯލެވޭނެވަރުވެސް އަތުގައި ނެތް މީހަކާ މެރީކޮށްގެން އުޅޭނެ ގޮތެއް ނޭނގޭ"

"އޭ ހަލޯ ބޮންދޫ. ދެން ކިހާ ދެރަކަމެއް. ބިލޭ ބުނީމަ ތިގެނައީ ދުފާސާމާނު. ސުޕާރީ ނެތެއްނު. މި ކަޑައޭ. ބިލު ބިލު.. ހިސާބު.. އަވަސްކުރޭ."

އެއީ ހާބަރުގެ ކެފޭއެކެވެ. މިހާދާއި އޭނާގެ ލޯބިވެރިޔާ ޒުލޭ ތިބީ ކޮފީ ބޯށެވެ.

"ލޯބި ހާދަ ރިޗް ދުވަހެކޭ. މިއީ އެ ފިހާރައިގައި ހުރި މަށަށް އެންމެ ސަޅި ގަމީސް. އަސްލު ސަޅިދޯ؟ އަގުބޮޑަސް މަށަށް ވަރަށް ލޯބި. މާދަމާ އިންޓަވިއުއަށް ދިއުމުގެ ކުރިން ސްނެޕްކޮށްލައްޗޭ ސަޅި ޕިކްއެއް. ގަމީސްލީމަ ރީތިތޯ ބަލައިލަން،" ޒުލޭ ބުންޏެެވެ.

"ޔާ ޝުއަރ.. މޯނިންގްގަ ގުޅައްޗޭ! މަށަށް ހޭނުލެވިދާނެ. ބޭބީ ހޭލާ ހުރެގެން ނަމަވެސް މަށަށް ގުޅާފަ ފަހުން ނިދާ. އޯކޭ.." މިހާދު ޖަވާބު ދިނެވެ. "އަދި ރިޗް ވާނެއޭ. މީ މަންމަ އަތުން ހޯދި ތައުޒަން. ޖޮބް ލިބިއްޖެއްޔާ ރިޓާރންކުރާ ގޮތަށް."

މީ މިއަދުގެ ވަރަށް ގިނަ ޒުވާނުންނާއި އަދި ޒުވާން އުމުރު ފަހަނަޅައިފައިވާ ދެ ޖިންސުގެ ގިނަ ބައެއްގެ ދުވަސް ފެށި، ދުވަސް ނިމޭ އާންމު އުސޫލެވެ. ދެން ފޯނުގެ ޑިސްޕްލޭއިން އިނގިލި ނެއްޓޭނީ ކޮފީކޮޅުގައި ތުންޖަހާ ވަގުތާއި ނިދައިފައި އޮންނަ ވަގުތުތަކުގައި އެކަންޏެވެ.

މިހާދަށް ވަޒީފާ ލިބުނެވެ. އޭނާ އަކީ، އެ މަގާމަށް ކުރިމަތިލި 90 އަށްވުރެ ގިނަ މީހުންގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުނު ކެންޑިޑޭޓެވެ. ތައުލީމީ ސެޓްފިކެޓްތައްވެސް އެންމެ ގިނަ ޒުވާނާއެވެ. ނަމަވެސް ވަޒީފާގައި ހޭދަކުރި ހަ މަސްދުވަހުގެ ތެރޭގައި ބަލިވުމާއި ބޮލުގައި ރިއްސުމާއި ހޭނުލެވުމުގެ އިތުރުން އެހެން ކޮންމެވެސް މީހަކު ބަލިވުމުގެ ސަބަބުން ނަމަވެސް މަސައްކަތުގައި ހޭދަކުރެވުނީ ތިން މަހެއްހާ ދުވަހުއެވެ.

ދެން އިވެން ފެށީ ތަން ގޯސް ވާހަކައެވެ.

"އެމީހުންނަށް ތަން ހިންގާކަށް ނޭނގޭ. އެތާ މަގޭ މައްޗަށް ހުންނަނީ ވަރަށް އެއްޗެއް ނޭނގޭ، މާ އުމުރުން ދުވަސްވީ މީހެއް. ކޮމްޕިއުޓަރުވެސް ހުންނަނީ ކަޑަ ސިސްޓަމެއް. ނެޓަށް ވަދެލިއަސް އެންމެން އަބަދު ބަލާތީ ވަރަށް ފޫހިވޭ."

މިހާދަށް ކަމުދާ ހަމަ އެއް ކަމެއްވެސް ނެތެވެ. އެބުނާ އުމުރުން ދުވަސްވީ މީހާ އެ ވަޒީފާގައި ދެމިހުންނަތާ 10 އަހަރަށްވުރެ ގިނަވެއްޖެއެވެ. އެއީ އަތުގައި މާގިނަ ސެޓްފިކެޓް ތަކެއް ނެތަސް ހާޒިރީ އަށް ފަރުވާތެރި، ކަމަށް ކަމޭހިތާ މުވައްޒަފެކެވެ. ނަމަވެސް އޭނަޔާއެކު މަސައްކަތުގައި ހިފަހައްޓާނުލެވުނު މިހާދުގެ ފަންނީ ހުނަރާއި ލިބިފައިވާ ތައުލީމް ވެސް ރަނގަޅެވެ. އަތުގައި ސެޓްފިކެޓްތައް ގިނައެވެ. އުމުރުގެ ހަގު ކަމާއެކު ހަށިގަނޑުގައި ހަކަތަ ވެސް އިތުރެވެ. އެހެންވީމާ ދެން މިވަނީ ކީއްބާއެވެ؟ ކަންނެތީބާއެވެ؟ އެހެން ކަމަށް ވާނަމަ އެހާ ނަތީޖާ ރަނގަޅު ސެޓްފިކެޓް ތަކެއް މިހާދު ހޯދާނީ ކިހިނެއްބާވައެވެ؟

ދެންއޮތީ ދިރިއުޅެވޭނެ ތަނަވަސް މާހައުލެއް ލިބިފައިވުމެވެ. އެހެންނަމަ އަނބުރާ ދޭގޮތަށް މަންމަ އަތުން ދަރަންޏަށް އެއް ހާސް ރުފިޔާ ހޯދައިގެން ގަމީހެއް ގަނެފައި އަދި ބިޓް ގޮވައިގެން ކޮފީއެއް ބޯންދާކަށް ނުޖެހޭނެ ތާއެވެ. ނުވަތަ ފަހަރުގައި މައިންބަފައިންގެ އެދުމަކަށް ނޫނީ ފުރުސަތު ލިބުމުން ކޯހެއްގައި ދިޔަނަމަވެސް ޝައުގުވެރިކަން ނެތް ދާއިރާޔަކުން ކުރިއަށްދާން އުޅެވެނީބާއެވެ؟ އެނގޭހާ ވެސް އެއްޗަކީ މިކަމާ މެދު ކަންބޮޑުވާ ފަރާތްތައް ދަނީ ގިނަވަމުންކަމެވެ. އެކި ރާގުރާގަށް މިވާހަކަ ނުދައްކާ އާއިލާއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބު މަދެއްނޫނެވެ. ކޮންމެ ޒިންމާދާރު ބެލެނިވެރިއެއްގެ ހަށިގަނޑުތެރޭގައި މި ސުވާލާއި ޖަވާބުގެ ބޮޑުބައެއް އެބައޮތެވެ.

މައްސަލައަކީ މިއީ އެވެ. ދަރީންނަށް ޒިންމާދާރުވާން ދަސްކޮށްނުދެވެނީއެވެ. ކަމަށް ކަމޭހިތުމުގެ ސިފަތައް އަށަގެންނެވުމުގެ މުހިންމުކަން ބުނެނުދެވި އިހުމާލު ވެވެނީއެވެ. ނިދައިފައި ހޭލަން ދަސްކޮށްދެވެނީވެސް ގޮވީމައެވެ. ސްކޫލް ދުވަސްވަރުގައި އަރާ ބޫޓު ސާފުކޮށްލުންވެސް އެއީ ދަރިފުޅުގެ ކަމަކަށް ނުހެދެނީއެވެ. ގިނަ ފަހަރު ބަތްތަށިވެސް މޮޑެފައި އަންގަޔަށް ލައިދެވެނީއެވެ. ތުއްތުއިރުން ފެށިގެން ކިޔެވުމުގެ ދައުރު ނިމެންދެންވެސް މެއެވެ.

މައިންބަފައިންނާއި ބެލެނިވެރީންގެ އިތުރުން ގޭގައި އުޅޭ މީހާގެ ފުށުންވެސް ދައްކަން ޖެހެނީ އެއް ނަމޫނާއެކެވެ. އަދި ބައެއް ފަހަރަށް ދަރީންގެ ފުށުން ނުރަނގަޅު ސިފައެއް ފެނުނަސް އެކަން ރަނގަޅު ކުރުމަށް ވުރެ ބޮޑަށް ދިފާއުކޮށްދެވޭތަންވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. ލޯބިން ކަމަށް ވެދާނެއެވެ. ނަމަވެސް އެ ހިނގެނީ ނުބައި މަގަކުންނެވެ. އަދި އެ ކަނޑާލެވެނީ ދަރީންގެ ކިބައިން ރަނގަޅު މަގު ހޯދައި ދެނެގަތުމަށް ލާން އޮތް ހިއްވަރެވެ. މުރާލިކަމެވެ.

މައިންބަފައިންގެ ކިބައިގައި ހުރި، އެ ދަރީންނަށްޓަކައި އުފެދޭ އެންމެ އަގުބޮޑު ސިފަތައް ކަމުގައިވާ މުރާލި ކަމާއި ޒިންމާދާރުވުމާއި، ކަމަށްކަމޭހިތުމުގެ އިތުރުން ކަންކަމަށް ވިސްނައި ފިކުރު ހިންގުމުގެ ހުނަރު ވާރުތަކޮށް ނުދެވެނީއެވެ. އަދި ދަސްކޮށްދޭން ހަނދާންވެސް ނެތެނީއެވެ.

މިހެން ކަންކުރުމުން ދިމާވާ ދެރައަކީ ހިތްހަމަނުޖެހޭ ކަމަކާ ދިމާވިއަސް އެކުދީންނަށް ކެތްތެރިވާންވެސް ނޭނގެނީއެވެ. ނަތީޖާއަކަށް ވަނީ އުފާވެރި، އާއިލީ ހިތްހަމަޖެހުން ނެތް މުޖުތަމައެއްގެ ތެރެއިން އުފެދޭ ހުސްކަމުގެ ތެރެޔަށް ނުރަނގަޅު ކަންކަން ވަންނަން ޖާގަދެވެނީއެވެ. ވަޒީފާތަކާއި ވިޔަފާރިތައް ބޭރު ބިދޭސީންގެ އަތްމައްޗަށް ނޭނގި ތިބެ ދޫކޮށްލެވެނީއެވެ.

އިންސާނެއްގެ ހަޔާތް އެންމެ ފުރިހަމަ ގޮތުގައި ބިނާކުރުމަށް އިލްމުގެ އަލީގައި ބުނަނީ ނަމޫނާއާއެކު ރަނގަޅު މަގު ދައްކާށޭއެވެ. ހުރިހާ ވާހަކައެއް ކުރުކޮށް ބުނެވުނީއެވެ. ހަމަ ގައިމުވެސް ކުޑަ ދުވަހުން ފެށިގެން ފުރާފުރިހަމަ ވަންދެން އެންމެ ރަނގަޅު ނަމޫނާއެއް ދެއްކޭނީ މައިންބަފައިންނަށެވެ.

ހުސް ޖާގަ އޮންނަ ގަސްބޯ ޖަންގަލީގައި އަމިއްލަޔަށް ހެދި މޭވާގަސް އާލާނުވާނޭ ބުނެއެވެ. ނަމަވެސް އިންސާނުން މޭވާގަސް އިންދައި ހެއްދީމާ ކިތަންމެ ވަރަކަށްވެސް މޭވާ އަޅައެވެ. މިއީވެސް މިސާލެއް ކަމަށް ވެދާނެއެވެ.

ޒުވާނުންނަށް މަސައްކަތުގެ މާހައުލު ދަސްކޮށް، ވަޒީފާގައި ދެމިތިބުމުގެ ވިސްނުމާއި މުރާލިކަން އިތުރުކޮށް އަމިއްލަ ފައިމަތީގައި އުޅެން ދަސްކޮށްދޭން ކޮންމެހެން ލާޒިމެވެ. ނޫންނަމަ މިއީ އެހެން ބަޔަކު ހިންގާ ޤައުމަކަށް ވެދާނެއެވެ. މާޔޫސްކަމާއި އުންމީދު ގެއްލިފައިވާ ޖީލެއް އުފެދި، ވެދިޔަތަން އަނބުރާ ހޯދަން ބަލާއިރު މާލަސްވެދާނެއެވެ. ޒިންމާދާރުވެ ކަމަށް ކަމޭހިތާ ދަރީންގެ ފަރާތުން މެނުވީ މައިންބަފައިންނަށްވެސް އާޚިރުގައި އުފަލެއްނެތެވެ.

ލޯބިވާ ކުޑަ ދަރިފުޅަށް ލޯބިން ބައިސްކަލެއް ގަނެދެވިދާނެއެވެ. ނަމަވެސް ދުއްވުމުގެ ޝައުގުވެރިކަން އުފައްދައި، ދުއްވަން ދަސްކޮށްނުދެވިއްޖެނަމަ ގޭތެރޭގައި ހުރެ ބައިސްކަލު ދަބަރަށްވާނެކަން ޔަގީނެވެ.

"އެއްވެސް ޖޮބެއްގައި ނޫޅެވުނެއްނު ދެން. މިހާރު ކިތައް ތަނުން ކަނޑާލައިފި ފަރުވާ ކުޑަވެގެން. ދެން ކިހިނެއް މެރީކުރާނީ؟ އަތުގައި ކޮފީއެއް ބޯލެވޭނެވަރުވެސް އަތުގައި ނެތް މީހަކާ މެރީކޮށްގެން އުޅޭނެ ގޮތެއް އަހަންނަކަށް ނޭނގޭ. ދެން ނުގުޅާތި މަށަށް،" ޒުލޭ، އޭނާގެ އެންމެ ފަހު މެސެޖް މިހާދަށް ފޮނުވައިލި އެވެ.