...

Support Us

އަދިވެސް ތާސްބައިގެ ޖޯކަރު، އެހެން ދެއްތޯ؟

"ވިމާމޮޅު ނަސަބަކުން އަޔަތީ ތިމާމެން ކިބުރުވެރި މިވަނީ،

ރިމާދަށް ފުރޮޅިގެން އެދަނީ ދިމާޔަށް އަނގުރުއަލިފާނޭ"

—- ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން

އަޅުގަނޑުމެން ކުޑައިރު އިސްކޯލަށް ގޮސް އުޅުނު ދުވަސްވަރަކީ، މިހާރުގެ ބަހުރުވައިން ދަންނަވާ ކަމަށް ވަންޏާ ވަރަށް "އެހެން ކަހަލަ" ދުވަސްވަރެެކެވެ. އަޅުގަނޑު އިސްކޯލަށް ވަންއިރު، ބިދޭސީ ޓީޗަރުން ރާއްޖެ ގެންނަވައިގެން ރާއްޖޭގައި، ޙަޤީޤަތަށް ދަންނަވާ ކަމަށް ވަންޏާ މާލޭގައި، އިނގިރޭސިބަހުން ރަސްމީ ސިފައެއްގައި ކިޔަވައިދެވެން ފެށިތާ ވާނީ އަށެއްކަ އަހަރެވެ. ލަފާ ކުރެވޭ ގޮތުގައި، ލަންޑަން ޔުނިވަރސިޓީގެ އޯޑިނަރީ ލެވެލް އިމްތިޙާނުގައި ރާއްޖެއިން ކިޔަވައިގެން ރާއްޖޭގެ ކުދިން ކޮޅެއް ފުރަތަމަ ފަހަރަށް ބައިވެރިވި އަހަރަކީވެސް އެއީއެވެ. އެހެންކަމާއެކު، އިނގިރޭސި ބަހުން ތަޢުލީމު ޙާޞިލް ކުރުމުގެ ފުރުޞަތު އެއިރު ލިބުނު ކުދިންނަކީ، އަދި ވަކިން ޚާއްޞަކޮށް އެފުރުޞަތު ލިބުނު، އާދައިގެ މީހުންގެ ދަރީންނަކީ، ވަރަށް ނަސީބުވެރި ކުދިންކޮޅެއް ކަމުގައި އޮތީ ވެފައެވެ.

އަޅުގަނޑު މިދެންނެވި ދުވަސްވަރަކީ ރާއްޖެޔަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔަ ދުވަސްވަރެކެވެ. ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔައީ އެދުވަސްވަރުއެވެ. ގޮމަފުޅަކާ ކައިވެނި ބައްލަވައިގަންނަވަން ކީއްކުރަންތޯއޭ ހަތަރުކަޅި ހަމަކޮށްލަންވެސް ކުފޫ ހަމަވާނީ ހަމައެކަނި މަނިއްޕުޅަކަށް ކަމަށް އެންމެން ޤަބޫލުކުރި ޒަމާނަށްވެސް ނިމުމެއް އައިކަމަށް ބުނެވެނީ އެދުވަސްވަރު އެވެ. ހުޅުލެޔަށް މަތިންދާބޯޓު ޖެއްސުމާއި، ރޭޑިޔޯއިން ޚަބަރު ގެނެސްދިނުމާއި، ބޭރު ބަސްބަސް ދަސްކުރުމަކީ އެންމެނަށްވެސް ހުއްދަ އޮންނަ ކަމެއް ކަމަށް ވުމާއި، ސަރުކާރުގެ ހޮސްޕިޓަލަކުން ޑޮކްޓަރީ ބޭސް ކުރެވުމާއި، މިކަހަލަ ކިތަންމެ ކަމެއް ފެށިގެން ހިނގައިގަތުމާއެކު، އެފަދަ ޒަމާނީ ކަންކަމާ އެކަށީގެންވާ ބަދަލުތައް ސަރުކާރު މުވައްޒަފުންގެ ހެދުމަށް އަންނަން ޖެހޭނެ ކަމަށް ނިމުނީވެސް އެދުވަސްވަރުއެވެ. ރަސްމީ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވަކި ފެންވަރަކުން މަތީގެ މުވައްޒަފުން ރަސްމީގަޑިގައި ތިބެންވާނީ ފަޓުލޫނު ލައިގެން ކަމަށް ނިމުނީވެސް އެދުވަސްވަރުއެވެ. އައި ބަދަލު އެއޮތީ ފެންނަން، ދޮގެއްތޯއެވެ!

އަޅުގަނޑު މިދެންނެވި ދުވަސްވަރު އަޅުގަނޑުމެންނަށް ދިވެހި ބަހާއި، ދީނީ ތަޢުލީމާއި، މިކަހަލަ މާއްދާތައް ކިޔަވައިދެއްވަން ވަޑައިގެންނެވި ބޭބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީވެސް، މިދެންނެވި "ރާއްޖެ ޒަމާނީ ވުމުގެ" ރޫޙުގައި ކިޔަވައިދެއްވި ބޭފުޅުންނެވެ. އިހުޒަމާނުގެ ކަޓުމުއްލާއިންނަކީ ކޮބައިކަމާއި، ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާނެކަމާއި، ކޮއިލުތެރެއިން ވިދާޅުބަސްފުޅު އިއްވަވައިގެން އަމްރުމަޢުރޫފު ހިންގެވި ދުވަސް ދެން އެދިޔައީ ކަމާއި، މިކަހަލަ އެއްޗިހި ވިދާޅުވަމުން ގެންދެވި ބޭފުޅުންނެވެ. "އަހުރެންގެ އަޅުތަކުންނަށް ބަހެއް" ކޮއިލުތެރެއިން ވިދާޅުވުމުގައި ހުރި ދެރަކަމާއި، "ވަނާ ޖުބޭސާ" އާއި "ދެރަ ސޮޑާ"ގެ މަޖާ ވާހަކަތައްވެސް ވިދާޅުވަމުން ގެންދެވިއެވެ. ދިވެހި ބަހުން ރީތިކޮށް މަޒުމޫނު ލިޔުމާއި، ދުރޫސުލް އަޚްލާޤާއި، ޢަރަބިތާނަ ރީތިކޮށް ލިޔުމުގެ އިތުރުން، މިދެންނެވި ވާހަކަ ތަކުން ލިބެންވާ ފިލާވަޅުތައް ވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ކުދީންނަށް ދިޔައީ ލިބެމުންނެވެ. އަދި އެއީ ޙަޤީޤަތެއް ކަމަށްވެސް ގިނަކުދީންނަށް ޤަބޫލުކުރެވުނުކަން ކަށަވަރެވެ.

އަޅުގަނޑު މިދަންނަވާ ދުވަސްވަރުން ފެށިގެން ރާއްޖެޔަށް އައި "އެންމެން ހަމަހަމަ ކަމުގެ" ދުވަސްވަރުގެ ކުރިން ރާއްޖޭގައި އުޅެމުން ދިޔަ ރައްޔިތުންނަކީ، އެމީހަކާއި އެމީހެއްގެ ދަރީންނަކީ އެމީހުންގެ ހޫރުކާފަމެނާއި ހޫރުމާމަމެންވެސް ތިބި ފެންވަރުގައި ދެމިތިބުމަކީ ދުނިޔޭގައި ކަންހިނގާ ޞައްޙަ މަގު ކަމަށް ޤަބޫލުކޮށްގެން، އެ ހަމަޔަށް ބޯ ލަނބައިގެން ތިބި ބައެކެެވެ. މައިޒާންތަކުގައްޔާއި ހޮޅުއަށިތަކުގައި، އަދި އެކި ދެތިންމީހުންގެ ޖޯލިފަތީގައި މީހުން އެއްކޮށްގެން ކިޔައި އުޅުނީ، މާދުރުގައި އޮންނަ ކަމަށް ބުނާ ސަހަރެއްގައި އުޅުއްވި ކޮންމެވެސް ރަސްކަލަކު އެހެން ސަހަރެއްގެ ރަސްދަރިކަނބަލަކާ ކައިވެނި ބައްލަވައިގަންނަވަން ޖާދޫގެ އަހެއްގައި ވަޑައިގެން އުޅުއްވި ކަހަލަ ކޮންމެވެސް ވާހަކައެކެވެ. ނޫނީ، ރާއްޖޭގެ މާޙައުލަށް ފައްތައިގެން ލިޔެފައިވާ ވާހަކައެއް ކިޔާ ތަނެއްގައި ނަމަ، އެވާހަކަ ވާނީ މިވެނި ގަނޑުވަރެއްގެ އެވެނި ދީދީޔަކާ އެވެނި ގަނޑުވަރެއްގެ މިވެނި ދީދީޔަކާ ހިތްޕުޅާ ހަމަކުރައްވައިގެން ހިނގި ކަންތައްގަނޑެއްގެ ލޭފައިގެ ފަސާނާޔަކަށެވެ. އެއް ދީދީ މިޞުރުން ކިޔަވާ ވިދާޅުވެގެން ވަޑައިގަތް ވާހަކަޔަކާއި، އަނެއް ދީދީ ކޮންމެވެސް މަދަރުސާޔެއްގައި ފާރިސީ ބަހުން ލަކްޗަރެއް ދެއްވި ވާހަކައެކެވެ. އެކަހަލަ ވާހަކައެއްގައި އާދައިގެ މީހަކު އުޅެންޏާ އުޅޭނީ ކޮންމެވެސް ހައްވާފުޅަކާއި ކުޑަހުއްތުއެކެވެ. ހައްވާފުޅު ވާނީ ދިވެހިން ބަހުންވެސް ލިޔަންކިޔަން ނުދަންނަ، އެއްޗެއް ބުންޏަސް އެހެން މީހުން ހިނިއަންނަ ޒާތުގެ އެއްޗެއް ނޫނީ ނުބުނެވޭ، ދެ އުޅި ކުޑަކޮށް އެއްނުވާ ޒާތުގެ މީހަކަށެވެ. ކުޑަހުއްތު ވާނީ މުންޑު އަނދެފައި ހުސްގަޔާ ހުންނަ ޒާތުގެ، ރުއްއަރަން ކުޅަދާނަ، ބުއްދީގެ ގޮތުން ގަބިޔާޔަކަށެވެ. އެދުވަސްވަރުގެ ހިންދީ ފިލްމަކުން މިސާލެއް ދަންނަވާނަމަ، ފައްކާ "ޖޮނީ ވޯކަރު" އަކަށެވެ.

އާދައިގެ "ދެރަ ސޮޑާ" ޔަށް މިދެންނެވި މަޤާމު ނޫން މަޤާމެއް ވާހަކައެއްގައިވެސް ނުލިބޭ ކަހަލަ ގޮތަކަށް ކަންކަން އޮއްވައި، އަޅުގަނޑުމެން އެންމެންގެ ކުރިމައްޗަށް ކުއްލިޔަކަށް އެ އައީ ދިވެހި ރާއްޖެޔަށް އައި "ފާގަތި ރަބީޢު" ގެ ދުވަސްވަރެވެ. ކުފޫހަމަވުމާއި ނުވުން މާޒީގެ ފައިލަކަށް ލައި، އެފައިލު ދަގަނޑު އަލަމާރިޔަކަށް ލައި، ތަޅުލިހެން ހީވިއެވެ. ބަދަލު ނުވާނީ ކޮން ކަމެއް ތޯއެވެ؟ އެދުވަސްވަރުގެ ޒަމާނީ މާޙާއުލަށް ނިކުންނަން ފެށި ފުލޯކު ވާހަކަތަކަށް ދަންދެން ބަދަލުވިއެވެ. އާދައިގެ މީހާޔަށްވެސް ޢިއްޒަތާއި ޝަރަފާއެކު އުޅެވޭނެ ކަމުގެ މަންޒަރުތައް އަދަބީ ދުނިޔެއިން ނަމަވެސް ފެންނަން ފެށިއެވެ. ނޫނީ، ދަންނަވަން ވާނީ ދައްކަން ފަށައިފިޔޭ ތޯއެވެ؟ މާލެޔާ ކުޑަތަންކޮޅެއް ދުރުގައި އޮންނަ އަތޮޅެއްގެ ރަށަކުން މާލެ އައި ފުޓުބޯޅަ ޓީމެއް މާލޭ ޓީމަކާ ދެކޮޅަށް ފައިނަލް މެޗެއް ކުޅެގެން މާލެއިން ތަށި ލުހެލައިގެން ގެންދިޔަ ވާހަކަ ޗާޕުވެގެން ނިކުތީމައި ކިޔައިލަން ލިބުނު މީހަކަށް ޤަބޫލު ކުރެވޭނީ މުސްތަޤުބަލް ވަރަށް އަލި ކަމުގައެވެ. ކަން ވީވެސް އެހެނެވެ. ޤަބޫލު ކުރެވުނީ އެ ވާހަކައެވެ.

އަޅުގަނޑު މިދެންނެވި ދުވަސްވަރަކީ، ބައެއް ބޭބޭފުޅުން މިހާރުވެސް ވިދާޅުވާ ގޮތުގައި، ގޭގޭގެ ބަދިގެތަކުގައި މަޖުބޫރުކޮށްގެން ފިލުވައިފައި، ނުވަތަ ބައިތިއްބައިފައި ތިބި އަންހެންވެރިން މުޖުތަމަޢަށް ނެރެވުނު ދުވަސްވަރެވެ. އިހުގެ ގަނޑުވަރުތަކުން ނިކުމެވަޑައިގެން ވަޑައިގަތް ގޮމައިންނާއި، މާލޭގެ މެދުތެރެޔާއި ބޭރު މަގުތަކުގައި ހުންނަ، ސިޔާސީ ގޮތުން ބާރުގަދަ ބައެއް ގެތަކުގެ ބޭބޭކަނބަލުން އިސްނަންގަވައިގެން މިކަން ފެއްޓެވި ދުވަސްވަރެވެ. ޖަމުޢިއްޔާތައް ހައްދަވައިގެންނެވެ. މިޖަމުޢިއްޔާތައް ހިނގަންފެށި ހަރުދަނާ ރޫޙަށް ބާރު ލިބިގެން ދިޔައީ މަޖޫބޫރެއް އޮތުމަށްވުރެ ބޮޑަށް ފުރުޞަތެއް ނުލިބޭތީ ގޭގޭގައި ތިބި އާދައިގެ ބައެއްް އަންހެނުންވެސް އެ ޙަރަކާތުުގައި ބައިވެރި ވަމުން ގެންދިޔައީމައެވެ. ޚުދު އަޅުގަނޑުގެ މަންމަޔަކީވެސް ފަހުން މިދެންނެވި ކަހަލަ ބޭކަނބަލެކެވެ. މަދްރަސަތުއް ސަނިއްޔާއިން ތަޢުލީމު ޙާޞިލް ކުރައްވައިގެން، ބޭރުގެ ދެ ބަހެއްވެސް އަމިއްލަޔަށް ދަސްކޮށްލައްވައިގެން، އެކި ތަންތަނުން އެކި ހުނަރު ދަސްކޮށްލައްވައިގެން އުޅުއްވި ބޭކަނބަލެކެވެ. އެދުވަސްވަރު ކެރޭ ބައެއް މީހުން ކޮށް އުޅުނު "ސިލޯނު ސާޅި ދަތުރު" ވެސް ބައެއްފަހަރު ކުރައްވައިގެން އުޅުއްވި ބޭކަނބަލެކޭ ވެސް ބައެއް މީހުން ބުނެއުޅެއެވެ. ގިނަ ބޭފުޅުންނަށް އަޅުގަނޑުގެ މަންމަ މިހާރު ހަނދުމަފުޅުވާނީ އަވަށު ކަންކަމުގައި އުޅުއްވި ބޭކަނބަލެއްގެ ގޮތުގައެވެ. ނުވަތަ ޓީޗަރެއްގެ ގޮތުގައެވެ. އެކަމަކު އެއީ ދެން އެހެން ވާހަކައެކެވެ. ވާހަކަ އޮތީ އެއްކަހަލަ ކަހަލަ ޖަމުޢިއްޔާއެއްގައެވެ.

އަޅުގަނޑުގެ މަންމަޔަކީ އަޅުގަނޑު މިދެންނެވި ދުވަސްވަރު އަޅުގަނޑު މިދެންނެވި ކަހަލަ ޖަމުޢިއްޔާއެއްގައި ވަރަށް މުރާލިކޮށް، ވަރަށް ގިިނަ ރޮނގުރޮނގުން ޚިދުމަތް ކުރެއްވި ބޭކަނބަލެކެވެ. ވާނީވެސް އެހެން ނޫންތޯއެވެ؟ ދުވަސްވަރު ފެށުނީ "ފާގަތި ރަބީޢު" އައިސް އަރައި ހަމަކުރި ހިސާބުންނެވެ. ކުރިމަތީގައި އޮތީ ނުލާހިކު އުޖާލާ، އެންމެންނަށް ހަމަހަމަކޮށް ލިބެން އޮތް ކަމަށް ފެނުނު މުސްތަޤުބަލެކެވެ. އެހެން ކަމާއެކު، މަޢުރަޟެއް އޮތިއްޔާ، މަންމަގެ ކަމަކީ ރީތި ފަރުމާތަކަށް ހެދުން ފެއްސެވުމެވެ. ބޮޑެތި ރޭނދާގަނޑުގަނޑު ވިޔުއްވުމެވެ. ދަންވަރު ހޭލައި އިންނަވައިގެން ނަމަވެސް އިސްޓާކީނާއި ސުވެޓަރު ވިޔުއްވުމެވެ. ނުވި ތާކަށް، ޖޭމާއި މުރުއްބާޔާއި އަސާރަޔާއި އިޑިއައްޕަނަށް ދަންދެން ހެއްދެވުމެވެ. ޖަމުޢިއްޔާގެ ނަމުގައި ވާދަކުރާ އެއްޗިހީގެ ގޮތުުގައި އެވަގުތަކު އޮތް، ކަމާގުޅޭ މަޢުރަޟަކަށް ލައްވާށެވެ. ކޮންމެވެސް ސިނާމާއެއްގައި ޖަމުޢިއްޔާގެ ފަރާތުން ތަމްސީލު ޝޯތަކެއް ޖަމުޢިއްޔާގެ ފަރާތުން ބާއްވާ ދުވަސްވަރެއް އަތިވެއްޖިއްޔާ، މަންމަގެ ކަމަކީ ކޮންމެވެސް ބޭކަލަކު ލިޔުއްވައިފައި ދެއްވާ ވާހަކަޔަކަށް "ސްކްރީން ޕްލޭ" ލިޔުއްވުމެވެ. ލަވަޔާއި ޅެން ހެއްދެވުމެވެ. އަދި ގިނަފަހަރު އެވަރުން ނުފުދޭތީ، އެކި އެކި ރޯލު ކުޅުއްވަން އިސްޓޭޖަށްވެސް އަރުއްވާނެއެވެ. އެހެން ކަމާއެކު، ޖަމުޢިއްޔާއިން ބައިވެރިވި ވަރަށް ގިނަ ކަންކަމުގައި ޖަމުޢިއްޔާޔަށް މަތީ ވަނަތަކާއި ތަޢުރީފު ލިބެމުންވެސް ދިޔައެވެ. އެހެންނަމަވެސް، ޖަމުޢިއްޔާއަށް ތަށްޓެއް، އައްޑަނައެއް، މެޑެއްޔެއް، ނުވަތަ އިނާމެއް ލިބިއްޖެނަމަ، އެއެއްޗަކާ ޙަވާލުވެވަޑައިގަންނަވަން ކޮންމެވެސް ގޮމައެއް، ނުވަތަ ޢުމުރުފުޅުން ޒުވާނަސް ޙައިޘިއްޔަތުން ވަޒީރުބޭފުޅެއްގެ އަނބިކަނބަލުން ވަޑައިގަތުމަކީ އެދުވަސްވަރުވެސް "ޢައިބު ފިލާ" ކަމަކަށް އޮތީ ވެފައެވެ.

ކޮންމެއަކަސް، ފާއިތުވެ ދިޔަ ދުވަހެއްގެ ވާހަކައެއް ދައްކާނެ ކަމެއް ނެތް، ދެއްތޯއެވެ! މަންމަވެސް މިހާރަކު މިދުނިޔެއަކު ނެތެވެ. އެދުވަސްވަރު މަންމަޔާ އެކީ މަސައްކަތްޕުޅުކުރެއްވި ގިނަ ބޭބޭފުޅުން ވަނީ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފިއެވެ. އެގޮތަށް އުޅުއްވި އެހެން ބޭބޭ ކަނބަލުންވެސް އަޅުގަނޑުމެންނާ ވަކިވެލައްވައިފިއެވެ. މިހެން ދެންނެވިޔަސް، އެދުވަސްވަރު ޖަމުޢިއްޔާގައި އުޅުއްވި، އިހަށް މިދެންނެވި ޒާތުގެ، ޢުމުރުފުޅުން ޒުވާނަސް އޭރުގެ ޙައިޘިއްޔަތުން ވަޒީރުބޭބޭފުުޅުންނާއި މާލީ ގޮތުން ބާރުހުރި ބައެއް ބޭބޭފުޅުންގެ އަނބިއަނބިކަނބަލުން މިހާރުވެސް ދުނިޔޭގައި އެބަ ތިއްބެވިޔޭ ދަންނަވަންވެސް ޖެހިދާނެއެވެ. އެދުވަސްވަރު އެކަހަލަ ޖަމުޢިއްޔާތައް ހިންގެވުމާއި ސިޔާސަތު ކަނޑައެޅުއްވުމާއި އެހެން މީހުންނަށް މަގުދައްކަވައި ގޮތްކިޔައިދެއްވަން މަސައްކަތްޕުޅު ކުރެއްވި ބޭބޭފުޅުންނާއި، ޢަމަލީ ގޮތުން އެތަކެއް ބުރަ މަސައްކަތް އަމިއްލަ އަތުުން ކުރި މީހުން ބޭނުންވި މިނިވަންކަމާއި ހަމަހަމަ ކަމާއި ބާރުވެރިކަން އިންސާފުވެރިކަމާއެކު އެންމެނަށް އާޚިރުގައި ލިބިއްޖެކަންވެސް ވަށައިގެން ބަލައިލި ކޮންމެ ދިމާޔަކުން މިއަދު މި އޮތީ ފެންނާށެވެ. އެހެން ނަމަވެސް….. ބައެއް ލަވަ ކަންފަތަށް ހުތުރުވަނީ ކޮންމެވެސް އަޑެއް ރާގުން ނައްޓައިލީމައި، އެހެން ނޫންތޯއެވެ؟ ކަމާއި ބަހާއި މަޤްޞަދާއި އިޚްލާޞްތެރިކަމާއި އަމިއްލަ އެދުމާއި މިހުރިހައި އެއްޗެއް މަސްހުނިވީމައި ދެން އެހެރަ ވާ ގޮތެއް ވެގެން އެދަނީ އެކަހަލަ ގޮތަކަށް، ދޮގެއްތޯއެވެ؟

ދާދި ފަހުން ދިމާވި ވަރަށް ކުޑަކުޑަ ކަމެކެވެ. އަޅުގަނޑުގެ މަންމަ އެހައި އިޚްލާޞްތެރިކަމާއި ހީވާގި ކަމާއި މުރާލި ކަމާއެކު ބުރަ އެތައް މަސައްކަތެއް އެ ޖަމުޢިއްޔާއެއްގެ ފަލްސަފީ ރޫޙަށްޓަކައި ކޮށްދެއްވި ޖަމުޢިއްޔާގައި އުޅުއްވި އިސް ބޭކަނބަލެއް އަޅުގަނޑުމެންނާ ވަކިވެވަޑައިގެން ވަޑައިގަތުމުގެ ހިތާމައިގައި މަންމަމެންނާ އެކީގައި އުޅުއްވި، އެދުވަސްވަރުގެ ޒުވާން އެކަމަކު "ބާރު ގަދަ" ބޭކަނބަލެއް މީސްމީޑިޔާގައި ނުވަތަ ކޮންމެވެސް އެހެން ބޭފުޅަކަށް ފޮނުއްވައިލައްވަން ލިޔުއްވަވައިލެއްވި އެއްޗެއް ފެނިފައި އަޅުގަނޑު ދިޔައީ ސިއްސައިގެނެވެ. ހިތަށް އެރި އެއްޗިހީގެ ގިނަކަމުން މިހާރުވެސް މި ހުންނަނީ ދަންނަވާނެ އެއްޗެއް ހަމަ ނޭނގިފައެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އެ އަސަރަކީ ހިތާމަ ކަމެއް، ނުވަތަ ނަފުރަތު ކަމެއް، ނުވަތަ ފޫހިވުން ކަމެއް ދަންނަވަން ހަމަ ނޭނގިފައެވެ. އެލިޔުުއްވުމުގައި އޮތް އެއްޗެއް އަކުރުން އަކުރަށް މިތާނގައި ލިޔެފިއްޔާ، އެލިޔުއްވި ބޭކަނބަލަކީ ކޮބައިކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެވެ. އަދި ޖަމުޢިއްޔާއަކީ ކޮބައިކަންވެސް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑުގެ މަންމަޔާއި، އެޖަމުޢިއްޔާއާއި، ޖަމުޢިއްޔާއަށްޓަކައި އިޚުލާޞްތެރިކަމާއެކު އެތަކެއް ބުރަ އުފުއްލެވި އެތަކެއް ބޭފުޅުންގެ ޙަޤީޤީ ޚިދުމަތުގެ ރިވެތި ނަމާއި މަތިވެރި އެތަކެއް ކާމިޔާބީ ފާހަގަކުރާ މީހެއްގެ ޙައިޘިއްޔަތުން އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫނެވެ.

ދަންނަވަންތޯއެވެ! މިދެންނެވި ލިޔުންކޮޅު ލިޔުއްވި ބޭފުޅާޔަކީ އަޅުގަނޑު ތަންކޮޅެއް ކުރިން ދެންނެވި "ފާގަތި ރަބީޢު" ގެ ތަޢުލީމް ޙާޞިލްކުރައްވައިގެން އިންނެވި ބޭކަނބަލެކެވެ. ޒަމާނީ ތަޢުލީމުވެސް ޙާޞިލް ކުރައްވައިގެން އިންނެވި ބޭކަނބަލެކެވެ. ކަންކަމުގައި ޒަމާނީ ވުމަށާއި ޒަމާނީ ޚިޔާލު ގެންގުޅުމަށް މިހާރުވެސް ވަކާލާތު ކުރައްވާ ބޭކަނބަލެކެވެ. އެކަމަކު އޭނާ ބޭެރު ބަހަކުން ލިޔުއްވި ލިޔުންކޮޅުގައި އޮތީ، ޖަމުޢިއްޔާގައި އުޅުއްވި އެކި ގޮމައިންނާއި ދީދީންނަށް މަތިމައްޗަށް ތަޢުރީފު ކުރައްވައިފައެވެ. ސިޔާސީ ގޮތުން ބާރު ހުރި ބޭބޭކަނބަލުންގެ އެކި ނަންފުޅު އެކި ގޮތަށް ރޯޝަން ކުރައްވައިފަ އެވެ. މިދެންނެވި ބޭބޭފުޅުން ތިއްބަވައިގެން ޖަމުޢިއްޔާއަށް ހޯއްދަވައިދެއްވި ވަނަތަކާއި އިނާމުތަކާއި ތަށިތަކާއި މެޑެލި ތަކާއި ކާމިޔާބީތައް ހޯއްދެވި ވާހަކައެވެ. އަޅުގަނޑުގެ މަންމަ އޮގަރު ފާއިޒާ އާއި، އަދިވެސް އެފެންވަރުގެ "އާދައިގެ" އެހެން ބޭކަނބަލަކާ ބެހޭގޮތުން ލިޔުއްވައިފައި އޮތީ، އެ ދެމީހުންނަކީވެސް ޖަމުޢިއްޔާގެ ބައެއް ބައްދަލުވުންތައް ހިނގަމުން ދިޔަ ތަންތަނަށް ގަވައިދުން ވަދެލައި އުޅުނު ދެމީހުން ކަމަށާއި، އެދެމީހުން އެގޮތަށް ވަދެ ތިބިއްޔާ، އެހެން މީހުން "ހިނިއައިސްގެން ފަޅައިގެން ދާ ވަރުގެ އެއްޗިހި އެ ދެމީހުން ބުނެލާތީ ފޫހި ފިލާ" ކަމަށެވެ!

ރާއްޖެޔަށް "ފާގަތި ރަބީޢު" އައުމުގެ ކުރިން ލިޔެވިފައިހުރި ވާހަކަ ތަކުގައި ޖޯކަރުންގެ މަޤާމުން ފެނުނު "ހައްވާފުޅު" ތަކަށްވެސް އެދުވަސްވަރު ދީ އުޅުނު "ޖޮނީ ވޯކަރު" މަޤާމު މަންމަޔަށް ދެއްވި، މިދެންނެވި ޢިއްޒަތްތެރިޔާއާއި އެ ކަހަލަ ބޭބޭފުޅުންނާއި އެބޭބޭފުޅުންގެ އަދިވެސް ތަރައްޤީ ވުމެއް ނެތް "އެލީޓިސްޓް" ނުވަތަ "ކޮއިލުތެރޭ" ޚިޔާލަކީ ރަބީޢެއް އަޔަސް، ބޭރުބަހަކުން ކިޔަވައިދިނަސް، މަތީ ފާސްތައް ނެގިޔަސް، ރާއްޖޭން ބޭރުން ގެންނަ މޮޅެފެނެއްގައި ހަތްފެނުއެޅިޔަސް، ހިތި ނުފިލާނެ ހިއްތަލަ ގޮނޑިޔެއް ކަހަލަ އެއްޗެކޭ ދަންނަވާކަށް އަޅުގަނޑު ނެތީމެެވެ. އެފަދަ ބޭބޭފުޅުންނަށް އަޅުގަނޑު ދަންނަވަން އޮތީ ހަމަ އެންމެ ވާހަކައެކެވެ. އެއީ، ތާސްބައެއް އަތްޕުޅުގައި ޖެހުނީމައި އެއީ ހަމައެކަނި ދަށުންދަމާ ކުޅެން ހަދައިފައި ހުންނަ އެއްޗެއް ނޫންކަން ހަނދުމަފުޅު ބެހެއްޓެވުމެވެ. ތާސް ކުޅޭ އިރު ރަނގައެއްގެ އެންމެ މަތީ ގަނޑު ކަމަށް ބެލެވޭ މަންނަޔަކީ، ޑިގު ކުޅޭއިރު  އެންމެ ދަށް ގަނޑު ކަމަށް ވެގެން ދާފަހަރު އަންނަ ކަންވެސް ދެނެވަޑައިގެން ތިއްބެވުމެވެ. ހުކުމް ބުނާ ގޮތަކުން، އެއް ރަނގައިގެ ގުލާމުގެ މައްޗަށް އެހެން ރަނގައެއްގެ ނަންބަރު ދޭއްވެސް އަރައިފާނެ ކަން ޤަބޫލުފުޅު ކުރެއްވުމެވެ. އަދި ޖޯކަރަކީވެސް ބައެއް ކަހަލަ "ގޭމް" ގައި ވަރަށް ބާރުގަދަ ގަނޑަކަށް ވެގެން ދާކަން ދަސްފުޅު ކުރެއްވުމެވެ. އަދި އަލުން އިސްކޯލަށް ވަޑައިގަނެގެން ނަމަވެސް، މިރާއްޖޭގައި ހަމަހަމަ ތަޢުލީމެއް ދެއްވަން އެތަކެއް ބޭފުޅުން ކުރެއްވި އަގުހުރި، މިންނެތް މަސައްކަތްޕުޅުގެ އަގު، މާނަވީ، އަދި ޙަޤީޤީ، އަދި ފިކުރީ، އަދި ޢަމަލީ ގޮތުން ދެއްކެވުމެވެ.  ކަމާއި ބަހާ ދިމާ ކުރައްވަން ވިސްނާވަޑައިގަތުމެވެ. "ދެރަ ސޮޑާ" ވާހަކައިގެ ޙިކުމަތަށްވެސް ކަޅިޔެއް އަޅުއްވައިލެއްވުމެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނަށް ޙަޤީޤީ ތަރައްޤީއާއި ކާމިޔާބީ ގެނައުމުގެ މަގުގައި އަލުން ހިންގަވައިލެއްވުމަށެވެ.

ދެން އޮތީ މިވާހަކަ މިގޮތަށް އެތައް ބަޔަކަށް ފެންނަ ގޮތަށް މިހައިވަރަށް ތަފްޞީލްކޮށް ލިޔުނީ އަޅުގަނޑު ކޮން ނިޔަތެއްގައި ކުރި ކަމެއްކަން ދަންނަވައިލުމެވެ. އަޅުގަނޑު މިވާހަކަ މިގޮތަށް ލިޔުމުގެ ޚާއްޞަ ނިޔަތަކީ މިވާހަކައިގައި މިދެންނެވި ގޮތަށް އަދިވެސް ކަން ކުރައްވާ ބޭބޭފުުޅުންނަށް ނަޞީޙަތް އެރުވުމެވެ. އިހު ޒަމާނުގައި، ކޮއިލުތެރޭ ބޭބޭފުޅުންނާ ފުޅުންނާ ކުފޫ ހަމަނުވާ ޒަމާނުގެ ވިސްނުންފުޅު ދޫކޮށްލައިއްވައި، އަޅުގަނޑުމެން ކަހަލަ ބައިމަދު، ކުޑަކުޑަ ރާއްޖެއެއްގައި ތިން ހަތަރު ވަންހައެއްގެ، ހަތަރު ފަސް ގިންތީގެ ތަފާތު ރައްޔިތުންތަކެއް އެކުގައި އުޅެން މަޖުބޫރުވި ދުވަސް މާޒީގެ ތެރެޔަށް ފިސާރި ކެރިވަޑައިގެން ދޫކޮށްލެއްވުމެވެ. އެއްތަނެއްްގައި، އެއް މަސައްްކަތެއް، އެއް މަޤްޞަދަކަށްޓަކައި ކުރާ އެއްބައެއްގެ މެދުގައި ތަފާތު ކުރެއްވުން ދެން ދޫކޮށްލައްވަން ވެއްޖެޔޭ ދެންނެވުމެވެ. މިޒަމާނުގެ ހައްވާފުޅާއި ކުޑަހުއްތުއަކީ ގަބިިޔާއިން ނޫންކަމާއި، އެއީވެސް މަސައްކަތުގެ ބުރަކަމާއެކު މަސައްކަތުގެ އަގުގެ ގޮތުގައި ލިބޭ ތަޢުރީފާއި ރީތިނަމާއި އިނާމާއި މެޑެއްޔާއި އަގުގެ ފުރިހަމަ ޙިއްޞާދާރުންކަން ޤަބޫލުފުޅު ކުރެއްވުމެވެ. އަދި މިހެން ކަން ކުރައްވަން ރުހިވަޑައިނުގަންނަވާނަމަ، މުޖުތަމަޢުން ފޭއަށް ޖެހިވަޑައިގެން ގަނޑުވަރުކޮޅުގައި ތިއްބަވަންވެސް ދެންނެވުމެވެ. އަދި ހަމައެޔާއެކު، އަޅުގަނޑުމެން ކަހަލަ "އާދައިގެ" މީހުން ގާތު އެދުމެއް އެދުމަކީ ދެން އޮތް ބޭނުމެވެ. އެއީ، މުޖުތަމަޢު ބައިބައިކުރާ، ކަނދިކަމަނާ މަސްތެލުލާ ގޮތަށް މަޝްރޫޢުތަކުގެ މަސައްކަތް ކޮށްފައި، ރީތިނަމާއި އިނާމާއި މެޑެއްޔާއި އަގު ހިފައިގެން ގެޔަށް ދާކަހަލަ އިހުގައި ބޭފުޅުންނޭ ކިޔުނު ޒާތުގެ މީހުން އިސްނަގައިގެން ކުރާ ކަންކަމުގައި އެއްވެސް ގޮތަކަށް ބައިވެރިނުވުމެވެ. ހައްވާފުޅަށާއި ކުޑަހުއްތުއަށް ނުވުމަށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
37

2 Responses

  1. ހަދާހާ ރީތި ލިއުމެކޭ.. މާޝާﷲ..

    ވަރަށް ކިޔާހިތްވެފައި އޭގެން ލިބޭ ފިލާވަޅު ރަގަޅު އޮށްޓަރު ހުރި ލިޔުމެއް މިކަހަލަ ނޫސްވެރިން ގިނައިން ތިބޭނަމައީ މީހުންގެ އިތުބާރު ލިބޭނެ ނޫސް ކިޔާހިތްވާނެ..

    ވަރަށް ބޮޑަށް ޝުރުކުުރުވެރިވަން ލިޔުންތެރިޔާއަށް ސާބަސް..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *