Support Us

ކޮލަމް ނޫވިލު

މި ރާއްޖެ އަކީ ވަޒަންވެރިކުރުވާ ސަޤާފަތެއް ފެއްޓޭނެ މާހައުލެއް ނޫނެވެ.

ދެ ހާހުގެ އަހަރުތަކާ ހަމައަށް ދުނިޔެ އައި އިރު ވަޒަނެއް ނެތް ނޫނީ ކޮންމެސް ޤައުމަކަށް ނިސްބަތްނުވާ އިންސާނަކު އުފަންވެދާނެބާއެވެ؟ ރެފިއުޖީން ކިޔަނީ އުފަން ޤައުމުގައި ހަނގުރާމައިގެ ހާލަތު ނުވަތަ ގުދުރަތީ ބޮޑު ކާރިސާއެއް ދިމާވެ، ޤައުމު ދޫކޮށް ދާން މަޖްބޫރުވާ މީހުންނަށް ކަމަށް އިނގިރޭސީ ބަހުގެ ޑިކްޝަނަރީގައި ލިޔެވިފައި އެބައޮތެވެ. މި ހާލަތުގައި ވެސް ޤައުމަކަށް ނިސްބަތްވެއެވެ.

ވިސްނައި ފިކުރު ހިންގާލީމާ ހިތަށް އަރަނީ އެއް ޤައުމެއްގެ މީހަކު އެއްވެސް ތިމާގެކަމުގެ ގުޅުމެއް ނެތް އަނެއް ޤައުމެއްގެ ރައްޔިތަކަށް ހެދޭނެބާވައެވެ؟ ވާހަކަ ދައްކާ ބަހުރުވައެއް ނެތް އަދި މައިންބަފައިން ނިސްބަތްވާ ޤައުމެއް ވެސް ނެތް މީހަކު އުޅޭނެބާއެވެ؟ ހަމަ ގައިމުވެސް އެނގޭހާ ވެސް އެއްޗަކީ މަތިން ވެއްޓުނަސް އަޑިން ފެޅިޔަސް ވެއްޓޭނީވެސް، ފަޅާނީވެސް ކޮންމެވެސް ޤައުމެއްގެ ސަތަހައިގެ ތެރެއިންކަމެވެ.

އާބާދީ ބޮޑުވެ ބައިގިނަވެގެން ހިސާބު އަކުރަށްވެސް ނުކަތާ ވަރަށް ބައިބޯ ޤައުމުތަކާއި ދެންހަމަ ބައިމަދުކަމުން، އަދަދު ލިޔެފައި އޮންނައިރު ބޮޑުވާބިއްލޫރީގެ އެހީގައި ނޫނީ ކިޔާލަން ދަތިވާ ވަރަށް ކުދިކުދި އާބާދީ ހިމެނޭ ޤައުމުތައް ދުނިޔޭގައި އޮތްއިރުވެސް ޤައުމު ބޮޑުވެގެން ބިރުން ނޫނީ ޤައުމު ކުޑަވެ ފުރިގެން ގޮސް ސަތަހައިން ބޭރަށް ދަރިޔަކު ވިހަންޖެހިފައިވާ ކަމެއް އަދި އެނގިފައެއް ނެތެވެ.

ދެން އޮތީ ކައިވެނީގެ ސަބަބުން ނޫނީ ވިޔަފާރިއެއްގެ ބޭނުމުގައި ނުވަތަ މާހައުލުގެ ބޭނުމަކަށް، އުފަން ޤައުމު ދޫކޮށް އެހެން ޤައުމަކަށް ހިޖުރަކުރުމެވެ. މިފަދަ ހާލަތުގައި ވެސް މީހެއްގެ އުފަން އަސްލަށް ބަދަލެއް ނާދެއެވެ. އަދި މިފަދަ ސަބަބުގެ ބޭނުންޖެހޭ ފަރާތްތަކަށް އެކި ނަންނަމުގައި ހެދިފައިވާ ވިސާ ދީއުޅެއެވެ. އަހަރުން އަހަރަށް އާކުރާ އުސޫލެއްގެ ދަށުންނެވެ. ނަމަވެސް ދެލޯ މަރައިފައި ރައްޔިތަކަށް ހަދައި، އަސްލާއި ނަސްލު އޮޅުވާލަނީކީ ނޫނެވެ.

އަސްލާއި ނަސްލު އެއީ އޮތް އެއްޗެއް ކަމަށް ޤަބޫލް ނުކުރާ ބަޔަކުވެސް އުޅެފާނެއެވެ. އެކަމަކު ކަޅު މީހުންނާއި ދޮން މީހުންގެ އިތުރުން ލޯކުދި މީހުންނާއި މި ތިން ވައްތަރަށް ނުހިމެނޭ ބުރައުންއޭ ކިޔާ ނަސްލު މީހުން ވެސް ލޮލަށް ފެންނަން އެބަތިއްބެވެ. ބަދަލު ނުވަނީ އިންސާނުންކަން އެކަންޏެވެ.

ކަން މިހާ ސާފުކޮށް އެނގެން އޮއްވައި، އެއް ޤައުމެއްގެ ރައްޔިތަކު އަނެއް ޤައުމެއްގެ ރައްޔިތެއް ކަމަށް ހެދޭތޯ އުޅޭނީ ވަރަށް ބޮޑު ނުރަނގަޅު މަޤްސަދެއް އޮވެގެން ކަމަށް ބުނުމުގެ ފުރަސަތު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަން މިހާރުވެސް އެބަހުއްޓެވެ. ކޮންމެ ނަމެއްގައި ނުވަތަ ކޮންމެ މަޤްސަދެއްގައި ކުރި ކަމަށް ވިޔަސް މިފަދަ ކަންކަމަކީ ކުރަން ހެޔޮނުވާވަރުގެ އަދި ނުކުރެވޭނެ ކަންކަމެވެ. ނަމަވެސް މިއީ ކައިވެނިވެގެން އުފެދޭ ދަރިކޮޅެއްގެ ވާހަކައެއް ނޫނެވެ.

ތިމާ ދިރި އުޅޭ ގެއިން މިސާލު ނަގާނަމަ، ހަމަ ކުއްލިއަކަށް ނިދައިފައި ހޭލާއިރު މުޅި ގޭތެރޭގައި ނުވެސް ދަންނަ ބަޔަކު ތަންފަތުރައިގެން މީ އަހަރުމެންގެ ވެސް ގެޔޭ ކިޔާ އުސޫލެއް ނޯންނަ ވާހަކައެވެ. އެ ގޮތް ޤަބޫލުނުކުރާނެ ވާހަކައެވެ.

ކޮންމެއަކަސް ވަކި ބަޔަކަށް ޚާއްސަވެގެން ނިސްބަތްވާ ގޮތަށް ހުރި ޤައުމުތަކަށް ފަހުން އެހެން ބަޔަކު ވަޒަންވެރިކޮށްފައިވާ އެއްވެސް ތަނެއްގައި އޭގެ ސަބަބުން އުފެދުނު މައްސަލަތައް ހައްލުވެފައި އޮތް ތަނެއް ފެންނާކަށް ނެތެވެ. އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި ޤައުމުގެ ކުރު މާޒީއަށް އެކަނި ބަލައިލިޔަސް ވާ ފައިދާއަށް ވުރެ ލިބެމުންދާ ގެއްލުން މާ ބޮޑުކަން ފެނި، އެނގި، ޔަގީންވެއެވެ.

މި މައުލޫގައި އެކި ތަންތާނގައި ޖެހެނީ އެކި ކަހަލަ މައްސަލަތަކެވެ. މިސާލަކަށް ބިމުގެ މައްސަލަ، ގަބޫލްކުރާ އަޤީދާ (ދީން)ގެ ސަބަބުން އުފެދޭ މައްސަލަ، ވާހަކަ ދައްކައި އުޅޭ ބަހުރުވައިގެ ސަބަބުން އަރާ އޮޅުންތަކުގެ ތެރެއިން އުފެދޭ ނުތަނަވަސްކަން، ނޫނީ ބައެއް ކަހަލަ އާދަކާދައިގެ ތެރެއިން ނުކުންނަ ހިލާފުތައް ގިނަވެ ދިމާވާ މައްސަލަތައް ވެސް ހިމެނެއެވެ.

ކޮންމެއަކަސް މަދު ޤައުމަކަށް މެނުވީ ލިބިފައިނުވާ އެއް ދީނަކަށް ތަބާވެ، އެއް ބަހަކުން ވާހަކަ ދައްކާ މި ދިވެހިރާއްޖެ އަކީ މިފަދަ ވަޒަންވެރިކުރުވާ ސަޤާފަތެއް ފެއްޓޭނެ މާހައުލެއް ނޫނެވެ. ސަބަބަކީ ޤާނޫނު އަސާސީން ވެސް ކަށަވަރުކޮށްދީފައިވާ ދީނާއި ބަހާއި އުފަންވުމުން އެކަނިވެސް ފުދި ބާކީވެއެވެ. ކުޑަމިނުން ރިހާކުރާއި ގަރުދިޔަ ނުބައި ދިވެއްސަކު ވެސް ވަރަށް މަދެވެ.

ތަމަޅަބަހުން ވާހަކަ ދައްކާ ދިވެހީންގެ އަވަށެއް، ބުދަކަށް ދުންބުރުވާ ބަޔަކު ތިބޭ ރަށެއް، ނޫނީ ކާލިގަނޑަކަށް ސަޖިދަ ޖަހާ ދިވެހީންނެއް ވެސް ނޫޅޭނެއެވެ. އެ ހިސާބުން ދިވެހި ރައްޔިތެއްކަން އުނިވެއެވެ. ކަން މިހެން ވާޖެހެނީ އަޅުގަނޑުމެންގެ މި ދިވެހި ރާއްޖޭގެ މިސާލަކީ، މުޅި މި ޤައުމަކީ ނަމާދު މުސައްލައެއް ފަދައެވެ. މާނައަކީ މުސައްލައެއްގެ މަތީ ބުދެއް ބަހައްޓައިގެން ނޫނީ ކާލިގަނޑެއް ބާއްވައިގެން ނަމާދު ސައްހަ ނުވާނެ ކަމަށް ދީނީ އިލްމްވެރިން ޔަގީންކޮށްދީފައިވާ ދަރުސުތަކެވެ.

ދެން އުފައްދާ ސުވާލަކީ މި ރާއްޖޭގައި ކުރިންސުރެ އޮތް މި ސިފަތައް މިގޮތަށް ދަމަހައްޓަން ޖެހޭހެއްޔެވެ؟ ކުރު ޖަވާބަކީ އާނއެކެވެ. އިތުރަށް ދެވެން އޮތް ޖަވާބެއްގެ މިންވަރެއް މި ލިއުމުން ވެސް ފުދޭނެ ކަމަށް ފެނެއެވެ.

ދުނިޔޭގައި އޮތް އެންމެ ގިނަ ބަހާއި އެންމެ ގިނަ ދީނާއި ސަގާފަތް ފެންނަން އޮތް ތާނގައި ހުރި މައްސަލަތައް އެކަނިވެސް އިބުރަތަކަށް ފުދެއެވެ. ބިން ބޮޑެވެ. އެކަމަކުވެސް އެއީ ގެދޮރު ނެތް މީހުންގެ ރެކޯޑް ކަމަށް އަޑުތައް އިވެއެވެ. ތައުލީމީ މީހުން ވެސް ގިނައެވެ. ނަމަވެސް ދަށުދަރަޖައިގެ އަމަލުތައް ހިންގުމުގެ ޗެންޕިއަން ކަމަށް ސިފަކުރާ މީޑިއާތައް މަދެއް ނޫނެވެ. ބާރުވެރިކަންވެސް ދަށް ނޫން ކަމަށް ބުނެއެވެ. އެކަމަކު މާރާމާރީ އާއި ރޭޕްކުރުން ފަދަ ލާއިންސާނީ އަމަލުތަކާއި ނަސްލީ އަދި ޤަބީލީ ބައިބައިވުންވެސް ތާއަބަދު އޮވެއެވެ.

"ތާރީޚަކީ މުސްތަޤްބަލް ބަލާ ލޯގަނޑެވެ." ބުނާ ބުއްދިވެރި މިސާލުތައް އެއީ ދޮގެކޭ ބުނާ އަޑެއް އިވިފައި ނެތުމުން މިކަމުގައި ވެސް އެފަދަ ހަރުބަހަކުން އެކަނިވެސް ކަމުގެ އެކޮޅާއި މިކޮޅު އަދި މުޅި މަސްރަހު ޔަގީނާ ގާތަށް ސިފަކުރެވެއެވެ.