Support Us

އިޞްލާހްކުރަންވީ ވެރިންގެ ނިޔަތާއި އިޚްލާޞްތެރިކަމެވެ.

ތާރީޚީ ފަތްފުށްތަކުން ފެންނަން ހުރި ލިޔުންތަކަށް ބަލާއިރު، ރާއްޖޭގައި މީހުން ދިރިއުޅެން ފަށައިފައި ވަނީ ޢީސާ ޢަލައިހިއްސަލާމް އުފަންވެ ވަޑައިގަތުމުގެ 543 އަހަރު ކުރިން ފެށިގެންނެވެ. ނުވަތަ އޭގެ ވެސް ކުރިންނެވެ. މާނައަކީ، މަދުވެގެން މީގެ 2563 އަހަރު ކުރިން ފެށިގެންނެވެ.

މި ރާއްޖޭގެ އަހުލުވެރިން، އިސްލާމްދީން ބަލައިގަނެ، އެ ދީން އިޚްތިޔާރުކޮށްފައި ވަނީ މީލާދީ ސަނަތުން 1153 ވަނަ އަހަރާއި 1193 ވަނަ އަހަރާއި ދެމެދުގެ ތާރީޚެއްގައެވެ. މާނައަކީ މި ޤައުމަކީ، މުސްލިމުންގެ ގޮތުގައި، ފުރިހަމަ ބާރާއި އިޚްތިޔާރުގައި، އަމިއްލަ ވެރިކަމެއް ކުރަމުން އަންނަތާ 867 އަހަރު ނުވަތަ 827 އަހަރުވެފައިވާ ޤައުމެކެވެ. މިއީ ބަޔަކު ފަޚުރުވެރިވުން ޙައްޤު ދިގު ތާރީޚެކެވެ.

އެމެރިކާއަށް ބަލާއިރު، 4 ޖުލައި 1776މ. ގައި އެމެރިކާއަށް މިނިވަންކަން ލިބުނީ، އެ ބައްރަށް ގަދަކަމުން އެރި ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުން، އެބައްރުގައި ޒަމާނުއްސުރެ އުޅެމުންދިޔަ މީހުންނާއި ދެކޮޅަށް ހިންގި ބިޔަ، ބޮޑެތި ޤަތުލު ޢާއްމުތަކުގައި، އަށް މިލިއަން މީހުން ޤަތުލުކުރުމަށްފަހު، އެ ބައްރުގެ އެތަން މިތަނުގައި، ތަފާތު "ސެޓުލްމަންޓްތައް" ޤާއިމުކުރިތާ 523 އަހަރު ފަހުންނެވެ. މާނައަކީ، ދައުލަތެއްގެ ގޮތުގައި އެމެރިކާ ހިނގަމުން އަންނަތާ އަދި މިވީ އެންމެ 244 އަހަރެވެ.

އަވައްޓެރި "އިންޑިއާ"ގެ ނަމުން މުޚާޠަބު ކުރަމުން މިއަދު މިދާ ސަރަޙައްދަކީ، މީގެ 2500 އެއްހާ އަހަރު ކުރިން، ނުވަތަ އޭގެ ކުރިން ފެށިގެން ވެސް، އިންސާނުން ދިރިއުޅެމުން އައިސްފައިވާ ސަރަޙައްދަކަށް ވިއަސް، މި ސަރަޙައްދަކީ، އެއް ދައުލަތެއްގެ ގޮތުގައި ހިނގަމުން އައިސްފައިވާ ސަރަޙައްދެއް  ނޫނެވެ. އިނގިރޭސީންގެ އިސްތިޢުމާރުގެ ކުރިން، މި ސަރަޙައްދަކީ ތަފާތު އެތައް މުސްތަޤިއްލު ރަސްކަންތަކެއް ހިނގަމުން އައި ސަރަޙައްދެކެވެ.

"އިންޑިއާ" އަށް "އިންޑިއާ"ގެ ނަމުން މުޚާޠަބުކުރަން ފެށުނީ އިނގރޭސީންގެ އިސްތިޢުމާރުގެ ދަށަށް ގެނެވުނު، އެމީހުންގެ އަމުރު މައުރޫފު ހިނގި ސަރަޙައްދަށެވެ. އެނޫން ސަރަޙައްދުތަކަށް މުޚާޠަބުކުރަމުން އައީ "ޕްރިންސްލީ ސްޓޭޓް" ތަކުގެ ގޮތުގައެވެ. އިނގިރޭސިންގެ އަތްދަށުން، 15 އޯގަސްޓް 1947މ. ގައި މިނިވަން ދައުލަތެއްގެ ގޮތުގައި "އިންޑިއާ" އުފަންވުމުގެ އެއް ދުވަސްކުރިން، އިނގިރޭސީންގެ އަތްދަށުން އެހެން ދައުލަތެއް އުފަންވިއެވެ. އެއީ 14 އޯގަސްޓް 1947 މ. ގައި އުފަންވި ޕާކިސްތާނެވެ. އެހެން ކަމުން، ދައުލަތެއްގެ ގޮތުގައި "އިންޑިއާ" ވުޖޫދުވީ މީގެ އެންމެ 73 އަހަރު ކުރިންނެވެ.

އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތް އިރުވެސް، ރާއްޖޭގައި އަމިއްލަ ވެރިކަމެއް ހިނގަމުން އައެވެ. މިއާއި ޚިލާފަށް، 15 އޯގަސްޓް 1947މ. އާއި ހަމައަށް، އިންޑިއާ އޮތީ އިނގިރޭސިންގެ ފުރިހަމަ އަޅުވެތިކަމުގައެވެ. އެއްވެސް ކަމެއްގައި، އެއްވެސް މިންވަރެއްގެ މިނިވަންކަމެއް ނެތެވެ. އިނގިރޭސިން "އިންޑިއާ"ގެ ރައްޔިތުންނަށް ދީފަ އޮތީ، އެމީހުންގެ ކުއްތާތަކަށް ދީފަ އޮތްވަރުގެ ޙައްޤެކެވެ.

މީގެ 88 އަހަރު ކުރިން އެކުލަވައިލި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ -ފޮޓޯ: މޯލްޑިވްސް ރޯޔަލް ފެމިލީ

އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި ރާއްޖެ އޮތް އިރުވެސް، ރާއްޖޭގައި އަމިއްލަ ޤާނޫނު ހަދާ މަޖިލީހެއް އޮވެގެން، އެމަޖިލީހުން ހަދާ ޤާނޫނުތައް ވެރިކަމުގެ ފަރާތުން ތަންފީޒުކުރަމުން ދިޔައެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލެވިފައި ވަނީ މީގެ 88 އަހަރުކުރިން، 22 ޑިސެމްބަރު 1932މ. ގައެވެ. އެއީ އިންޑިއާ އުފަންވުމުގެ 15 އަހަރު ކުރިއެވެ. މިއާއި ޚިލާފަށް އިންޑިއާއިން ޤާނޫނުއަސާސީއެއް ތަޞްދީޤު ކޮށްފައިވަނީ 26 ނޮވެމްބަރު 1949މ. ގައެވެ. އެއީ މީގެ 71 އަހަރު ކުރިންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ދުސްތޫރީ ވެރިކަމެއް މި ޤައުމުގައި ހިނގަމުން އަންނަތާ 17 އަހަރު ފަހުންނެވެ.

ނުވަދިހަ ދެ މާއްދާގެ މައްޗަށް އެކުލަވާލެވުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގައި އިންސާނީ އަސާސީ ޙައްޤުތަކެއް ކަނޑައަޅާފައި ވެއެވެ. މީގެ ތެރޭގައި، ޤާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވެގެން ވުމާއި، ޙައްޤަކާއި ނުލާ ހައްޔަރުނުކުރުމާއި، ލާއިންސާނީ އަނިޔާ ނުކުރުމާއި، ފަރުދުންގެ މުދާ ރައްކާތެރިކޮށް ޙިމާޔަތްކޮށްދިނުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޖަމިޢިއްޔާ/ޖަމާޢަތްތައް އުފެއްދުމާއި، ނޫސްމަޖައްލާތައް ނެރުމާއި، 25 އަހަރުގެ ޚިދުމަތަށްފަހު ޕެންޝަން ލިބުމުގެ ޙައްޤުތައް ފަދަ އެތައް ޙައްޤުތަކެއް ލިބިދީފައިވެއެވެ.

ފާއިތުވެ މިދިޔަ 88 އަހަރުގެ ދުސްތޫރީ ޙަޔާތުގައި، ރާއްޖެއިން ވަނީ ވެރިކަމުގެ ތަފާތު ތަޖުރިބާތައް ކޮށްފައެވެ. މިގޮތުން، ޢައްޔަނުކުރެވުނު ރަސްކަލަކާއި، ޢައްޔަނުކުރެވުނު ވަޒީރުންގެ މަޖިލީހަކާއި، ޤަނޫނު ހަދާ މަޖިލީހެއް އޮވެގެން ވެރިކަން ކޮށްފިއެވެ. އެ ރަސްކަން އުވާލުމަށްފަހު، ޤާނޫނުއަސާސީން ބައެއް އުނިކޮށް، އައްޔަނުކުރެވުނު މެމްބަރުންކޮޅަކާއި އިންތިޚާބުކުރެވުނު މެމްބަރުންކޮޅެއް ތިއްބެވި ޤާނޫނު ހަދާ މަޖިލީހެއް އޮތް ވެރިކަމެއް ކޮށްފިއެވެ. މި ރަސްކަން އުވާލުމަށްފަހު، ފަސް އަހަރުގެ މުއްދަތަކަށް ރައްޔިތުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާއަކާއި، ރައީސް ޢައްޔަނުކުރި ޖުޑީޝަރީއަކާއި، އިންތިޚާބުކުރެވުނު މަތިގެ (ސެނޭޓް) އަކާއި، ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) އެއް އޮތް ރިޔާސީ ނިޡާމަކަށް ވެރިކަން ކޮށްފިއެވެ. ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، މަޖިލީހަށް އަންހެން ބޭފުޅަކު ޢައްޔަނުކުރިއެވެ. މާކަ ގިނަ ދުވަހެއްނުވެ، 1953 މ. ގައި، މި ވެރިކަންވެސް ނިމިއްޖެއެވެ. ނިންމީ ރައްޔިތުން ނިކުމެ، މަގުމަތިންނެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ ތަސްދީގުކުރެވުނު ދަރުބާރު 22 ޑިސެމްބަރު 1932މ. -ފޮޓޯ: މޯލްޑިވްސް ރޯޔަލް ފެމިލީ

އަނެއްކާވެސް، 1954މ. ގައި، ކުރީގައި އޮތް ފަދަ ރަސްކަމަކަށް ވެރިކަމުގެ ނިޡާމު ބަދަލުކުރިއެވެ. އެހެން ނަމަވެސް، ހަތަރު ވަނަ ޤާނޫނު އަސާސީއަކާއި އެކީގައެވެ. ރާއްޖެ އަށް 1965މ. ގައި ފުރިހަމަ މިނިވަންކަން ލިބުމާ ގުޅިގެން، ހަތަރު ވަނަ ޤާނޫނު އަސާސީ އުވާލުމަށްފަހު، ރަސްކަންވެސް އުވާލިއެވެ. އަދި 1968މ. ގައި ފަސް ވަނަ ޤާނޫނުއަސާސީއަކާއެކު، އިންތިޚާބުކުރި ރާއިސަކާއި، މަޖިލީހެއް އޮތް ނިޡާމަކަށް ވެރިކަމުގެ ނިޡާމު ބަދަލުކުރިއެވެ.

މިހާރު އަމަލްކުރަމުން އަންނަ ރާއްޖޭގެ ހަ ވަނަ ގާނޫނު އަސާސީ ތަސްދީގުކުރުމުގެ ދަރުބާރު، 6 އޯގަސްޓް 2008 -ފޮޓޯ: ރައީސް އޮފީސް

އޭގެ ފަހުން 2008މ. ވަނަ އަހަރުގެ އޯގަސްޓްމަހު، ހަ ވަނަ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިއެވެ. މި ޤާނޫނުއަސާސީގެ ދަށުން ދައުލަތުގެ ބާރުތައް މުސްތަޤިއްލު ތިން ބަޔަކަށް ބަހާލެވުނެވެ. އަދި އެއްވެސް އެއްބާރަކުން އަނެއް ދެބާރުގެ މައްޗަށް، ނުވަތަ އެއްވެސް ދެ ބާރަކުން ތިންވަނަ ބާރުގެ މައްޗަށް ބާރެއް ނުފޫޒެއް ނުފޯރުވޭނެ "ޗެކް އެންޑް ބެލެންސް" ނިޡާމެއް ކަނަޑައެޅިއެވެ. މި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުވި ރައީސަށް މަޤާމުގައި ހިފަހައްޓާލެވުނީ އެންމެ ތިން އަހަރެއްހާ ދުވަހުއެވެ. އޭގެ ފަހުން ދެ ރައީސުން ވެރިކަން ކުރައްވައިފިއެވެ. ވެރިކަމުގެ ދައުރަކީ ފަސް އަހަރު ކަމަށް ޤާނޫނުއަސާސީގައި ކަނޑއަޅާފައި އޮތް ނަމަވެސް، ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި، މިހާރު ވެރިކަމުގައި އެ ހުންނެވީ ހަތަރު ވަނަ ރައީސެވެ.

ވެރިކަމުގެ ނިޡާމުތައް ބަދަލުވަމުން ދިޔައިރު، އިދާރީ ހިންގުމުގެ ނިޡާމްތައް، ޚާއްޞަކޮށް އަތޮޅުތައް ހިންގުމުގެ ނިޡާމް ތަކަށްވެސް ބަދަލުތައް އަންނަމުން ދިޔައެވެ. މިގޮތުން، ޒަމާނުއްސުރެ ޢައްޔަނުކުރެވުނު އަތޮޅުވެރިންގެ މަޤާމަކީ އިންތިޚާބުކުރެވޭ މަޤާމަކަށް ބަދަލުވިއެވެ. އަދި އެ ތަޖުރިބާއަށްފަހު، އަނެއްކާވެސް، އެ މަޤާމަކީ ޢައްޔަނުކުރެވޭ މަޤާމަކަށް ބަދަލުވިއެވެ. އަދި 2008މ. ގައި އަމަލުކުރަން ފެށި "ފެހި" ޤާނޫނުއަސާސީގެ ދަށުން އަތޮޅުވެރިންގެ މަޤާމު އުވާލެވި، "އަތުޅު ކައުންސިލްގެ ރައީސް"ގެ ނަމުން މުޚާޠަބު ކުރެވޭ މަޤާމެއް އުފެދުނެވެ.

މި ތަޖުރިބާތަކަށް ބަލާއިރު، ރާއްޖެއަކީ ހިންގުމުގެ ނިޡާމުގައި ވަރަށް މުހިއްމު، އަމިއްލަ ތަޖުރިބާތަކެއް ކުރެވިފައިވާ ޤައުމެކެވެ. އެހެން ކަމުން، ހިންގުމުގެ ނިޡާމާއި ޤަނޫނުތަކާއި ބެހޭގޮތުން އަހަރެމެނަށް ގޮތްފާޑު ކިޔޭނެ ބަޔަކު ތިބެދާނެ ކަމަކަށް އަހުރެން ޤަބޫލެއް ނުކުރަމެވެ. އަމުދުން އަހަރެމެންގެ އެކިއެކި ކަންކަމުގެ ތެރެއަށް އަވައްޓެރިން ވައްދައިގެން، ޚާއްޞަކޮށް ޖުޑިޝަރީ އާއި އެހެނިހެން މިނިވަން މުއައްސަސާތައް އިޞްލާޙުކުރުމުގެ ނަމުގައި މިތަންތަނަށް ދޭސީން ވައްދައިގެން އިޞްލާޙްކުރެވޭނެ ކަމެއް ނޯންނާއެވެ. އެހެނީ، އެއްވެސް އެއް ޤައުމެއްގައި ކާމިޔާބުކަމާއެކު ހިންގޭ ނިޡާމަކީ އެހެން ޤައުމެއްގައި ހިންގޭނެ ނިޡާމަކަށް ނުވެދާނެއެވެ.

އަހަރެމެންނަކީ "ކޮނޑުގައި އޮތް ފުރޯ ވަލުން ހޯދަންޖެހޭ" ބައެއް ނޫނެވެ. އެއަށްވުރެ މާ މުއްސަނދި ތަޖުރިބާތަކެއް ކުރެވިފައިވާ ބައެކެވެ. ތޫނުފިލި، ޢިލްމީ ހޭލުންތެރި ބައެކެވެ. ޓެކްނޮލޮޖީއަށް ހޭލުންތެރި ބައެކެވެ. އެހެންކަމުން، އިޞްލާޙްގެ މަސައްކަތް ފެށެންވާނީ އަދި ފަށަންވާނީވެސް އަމިއްލަ ނަފުސުންނެވެ. އިޞްލާހްކުރަންވީ ވެރިންގެ ނިޔަތާއި އިޚްލާޞްތެރިކަމެވެ. ޤައުމީ މަސައްކަތުގައި އިސްކުރަންވީ ޤައުމީ މަޞްލަޙަތެވެ. އިތުބާރުކުރަންވީ ރައްޔިތުންނަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *