Support Us

ކީރިތި ޤުރްއާނުގައި ނަމާދު- 2

  • ނަމާދު އަދާކުރުމުން ޙާޞިލުކުރެވޭ ފޮނި މޭވާތަކުގެ ތެރޭގައި ނަމާދުގެ ސަބަބުން ހަޑިހުތުރު ފާޙިޝް ޢަމަލުތަކުން ރައްކައުތެރިކަން ލިބުން ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ [1]– އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.) (ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ނަމާދުގެ ސަބަބުން އޭނާ ފާޙިޝް ޢަމަލުތަކާ ދުރަށް ނުދާނަމަ އޭނާ ނަމާދުތައް އަދާ ކުރާގޮތަށް ބަލައި އެ ކަން މުރާޖަޢާ ކުރަން ޖެހޭނެއެވެ. އޭނާއާ އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައިވާ ގުޅުންތައް އިޞްލާޙު ކުރާން ވާނެއެވެ. ނަމާދުކުރާއިރު އެހެނިހެން ކަންތައްތަކާ މަޝްޣުލުވުމާ ދުރުހެލިވުމަށް މަސައްކަތް ކުރާންވާނެއެވެ. އެނގޭނޭނގޭ ޙާލަތެއްގައި ހުރެ ނަމާދުކޮށްގެން ނުވާނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ [2]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ حال ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ.))
  • މާތް ﷲ މުއުމިނުންނަށް އަމުރުކުރައްވަނީ ﷲ ހަނދުމަކުރުމަށް ޓަކައި ނަމާދު ކުރުމަށެވެ. ﷲ ހަނދުމަކުރުމުން މުއުމިނުންނަށް ހިތްހަމަޖެހުން  ލިބޭނެތީއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِكُمْ فَإِذَا اطْمَأْنَنْتُمْ فَأَقِيمُوا الصَّلَاةَ إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا [3]– އަދި، ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖިއްޔާ، ތިޔަބައިމީހުން اللَّه ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ حال ގައްޔާއި، އިށީނދެތިބޭ حال ގައްޔާއި، އޮށޯވެތިބޭ حال ގައެވެ. އަދި، ތިޔަބައިމީހުންނަށް أمان ކަން ލިބިއްޖެ ހިނދަކު، ނަމާދު (ފުރިހަމަކޮށް) قائم ކުރާށެވެ! ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ.))
  •  ނަމާދަކީ އިސްލާމީ މަތިވެރި ޝަޢީރާއެކެވެ. އެއީ ﷲގެ އަޅުތަކުން ﷲގެ ރުއްސެވުމާއި ފުއްސެވުން ޙާޞިލުކުރުމަށް ޓަކައި އެއްބަޔަކު އަނެއް ބަޔަކާ ވާދަކުރުމަށް ޓަކައި ހުޅުއްވާ ދެއްވައިފައިވާ ސަރާސަރު ބޮޑު މައިދާނެކެވެ. މިހެންވެ ނަމާދު ޤާއިމުކުރާ މުއުމިން އަޅުންނަށް އަރަހުށި ﷲ ތާރީފާއި ސަނާގެ ބަސްފުޅުތައް ވަޙީކުރައްވައިފައި ވެއެވެ. އެމީހުންނަކީ ކާމިޔާބު ލިބިގެންވާ ބައެއް ކަމުގައި ސިފަ ކުރައްވައިފައި ވެއެވެ. އެމީހުންނަށް ދުނިޔެއާއި އާޚިރަތުގައި އަމާންކަން ލިބިގެންވާ ކަން އަންގަވައިފައި ވެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. ((قَدْ أَفْلَحَ الْمُؤْمِنُونَ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ [4]– مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ.އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.)) އެހެން އާޔަތެއްގައި އައިސްފައި ވެއެވެ. ((إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ[5]-ހަމަކަށަވަރުން، إيمان ވެ، صالح عمل ތައް ކޮށް، ނަމާދު قائم ކޮށް، زكاة ދީ އުޅުނު މީހުންނަށް އެއުރެންގެ ދަރުމަ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި ވެއެވެ. އަދި، އެއުރެންގެ މައްޗަށް އެއްވެސް ބިރެއް ނެތެވެ. އަދި، އެއުރެންނަކީ، ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.))
  • ނަމާދަށް ރައްކައުތެރިވާ މުއުމިނުންގެ ގައިގައި ޚާއްޞަ ސިފަތަކެއް ވެއެވެ. މީގެ ތެރެއިން ބައެއް ސިފަތައް ކީރިތި ޤުރްއާނުގައި ވާރިދުވެފައި ވެއެވެ.އެމީހުންގެ ސިފަތަކުގެ ތެރޭގައި މިސްކިތްތައް އާރާސްތު ކުރުން ވެއެވެ. މިސްކިތްތައް ފަޅުފިލުވުން ވެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ [6]-اللَّه ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، ނަމާދު قائم ކޮށް، زكاة ދީ، اللَّه އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ.))
  • އެމީހުންގެ ސިފަތަކުގެ ތެރޭގައި އެހެން އެއްވެސް ކަމެއްގެ ސަބަބުން ނަމާދުކުރުމާ ދުރުހެލިވެ މަޝްޣޫލުވެގެން ނުދިޔުން ވެއެވެ. ((رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَنْ ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ[7]– އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: تسبيح ކިޔައި ނަމާދުކޮށް އުޅެނީ ފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންއެއްވެސް ވިއްކުމެއް اللَّه ގެ މަތިން ހަނދުމަކުޅައުމުންނާއި، ނަމާދު قائم ކުޅައުމުންނާއި، زكاة ދިނުމުން، އެއުރެން مشغول ކޮށް ދުރުކޮށެއް ނުލަތެވެ. އެދުވަހެއްގައި، ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިއުޅޭ ދުވަހަށް، އެއުރެން ބިރުވެތިވެތެވެ.))
  • އެމީހުންގެ ސިފަތަކުގެތެރޭގައި ނަމާދަށް ރައްކައުތެރިވުން ވެއެވެ. އެމީހުން ނަމާދު ޤާއިމު ކުރާނީ ނަމާދުގެ ރުކުންތަކަށާއި ފަރްޟުތަކަށާއި ސުންނަތްތަކަށާއި އަދަބުތަކަށް ރައްކައުތެރިވެގެންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَهَذَا كِتَابٌ أَنْزَلْنَاهُ مُبَارَكٌ مُصَدِّقُ الَّذِي بَيْنَ يَدَيْهِ وَلِتُنْذِرَ أُمَّ الْقُرَى وَمَنْ حَوْلَهَا وَالَّذِينَ يُؤْمِنُونَ بِالْآخِرَةِ يُؤْمِنُونَ بِهِ وَهُمْ عَلَى صَلَاتِهِمْ يُحَافِظُونَ [8]– މި قرآن އަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ކުރީގެ ފޮތްތައް ތެދުކުރާ ފޮތެކެވެ. (އެފޮތް ބާވައިލެއްވީ) މައިރަށުގެ (އެބަހީ: މައްކާގެ) أهل ވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. އަދި آخرة ދުވަހަށް إيمان ވާ މީހުން އެ ފޮތަށް إيمان ވާނެތެވެ. އަދި އެއުރެން އެއުރެންގެ ނަމާދަށް ރައްކާތެރިވާނެތެވެ.))
  • ނަމާދަށް ރައްކައުތެރިވާ މީހުންނަށް ތާރީފުގެ ބަސް ވަޙީކުރައްވައިފައިވާ ފަދައިން ނަމާދަށް ފަރުވާކުޑަކުރާ މީހުންނަށް މަލާމާތުގެ ބަސް ޤުރްއާނުގައި އައިސްފައި ވެއެވެ. ނަމާދަށް ކަންނެތްވާ މހުންނަކީ މުނާފިޤުންކަމަށް މާތްﷲ ސިފަ ކުރެއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَى يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا[9] – ހަމަކަށަވަރުން، منافق ން، اللَّه އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ عمل ތައް ކުރެތެވެ.) އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ.)) سورة المدثرގައި މާތްﷲ ބަޔާންކުރައްވައިފައިވާ ގޮތުގައި ޤިޔާމަތްދުވަހުން ކާފަރުންނަށް ނަރަކައަށް ވަންނަން ޖެހެނީ ނަމާދު ނުކުރުމުގެ ސަބަބުންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((مَا سَلَكَكُمْ فِي سَقَرَ قَالُوا لَمْ نَكُ مِنَ الْمُصَلِّينَ [10]– ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.)) سورة مريم ގައި މާތް ﷲ ވަޙީ ކުރެއްކުރެއްވިއެވެ. ((فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا [11]– ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!)) މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވާ ގޮތުގައި ވަގުތު ނަގައިލުމުގެ މާނައަކީ  ނަމާދުގެ ވަގުތަށް ފަރުވާކުޑަކޮށް އެ ވަގުތު އަޅައި ވާހަކައެވެ.  ސޫރަތުލް މާޢޫނުގައި ނަމާދަށް ފަރުވާ ނުބަހައްޓައި  ނަމާދު ކުރާ މީހުންނަށް ހުރި ސަވާބަކީ ހަލާކުކަން އަންގަވައިފައި ވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.  ((فَوَيْلٌ لِلْمُصَلِّينَ الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ الَّذِينَ هُمْ يُرَاءُونَ ‎[12] -ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.)) އިބްނު ޢާޝޫރު ވިދާޅުވާ ގޮތުގައި "ނަމާދު ކުރާ މީހުން"ނޭ އޮތް ބަސްފުޅަކީ މަލާމާތުގެ ބަސްފުޅެކެވެ.

[1]  – العنكبوت  : 45

[2] –  النساء : 43

[3]  –  النساء :  103

[4]  – المؤمنون : 1-2

[5]  – البقرة : 277

[6]  –  التوبة : 18

[7]  – النور : 37

[8]  –  الأنعام :  92

[9]  – النساء : 142

[10] – المدثر : 42- 43

[11]  – مريم : 59

[12]  – الماعون  : 4-7

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *