...

Support Us

ދުޅަހެޔޮ ސިއްހަތަށް ކަސްރަތުގެ މުހިންމު ފަރުވާ

އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރުން އެންމެ މުހިންމު އެއްކަމަކީ ގަވައިދުން ކަސްރަތުކުރުމެވެ. މިގޮތުން ކުރެވިދާނެ، ތަފާތު ބާވަތުގެ ކަސްރަތު ހުރެއެވެ. އެގޮތުން، ހިނގުން، ދުވުން، ފެތުން، ނެށުން (ސްޓެޕް އެރޮބިކްސް، ފްލޯ އެރޮބިކްސް)، ވަކި ބީޓް ތަކަކަށް ތައްޔާރު ކުރެވިފައި ހުންނަ މިއުޒިކަށް ނެށުން، ބައިސްކަލު ދުއްވުން އަދި ތަފާތު ކުޅިވަރުތަށް ކުޅެ އުޅުން މިއީވެސް ކަސްރަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިހިން ދެންނެވި ނަމަވެސް ޖިމްތަކަށް ގޮސްގެން ކުރާ ތަފާތު އެކި ވައްތަރުތަކުގެ ކަސްރަތާއި، ކްރޮސް ޓްރޭނިން އަކީ މިހާރު މުޅި ދުނިޔޭގަ އާއި އަޅުގަނޑުމެންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ކަސްރަތުތަކެވެ.

ކަސްރަތު ކުރުމުން ލިއްބައިދޭ އެންމެ މުހިންމު ފައިދާތަކުގެ ތެރޭގައި ހިމެނެނީ ޖިސްމާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަމެވެ. ކަސްރަތުން ލިބިދޭ މުހިންމު ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގެ ބުރަދަން އުމުރާ ނުގުޅޭވަރަށް ބުރަވިޔަނުދިނުން، އާންމު ބަލިތަކުން ރައްކާތެރިކޮށްދިނުމާއި، ހަކުރުބަލި، ލޭމައްޗައްދިއުން، ހިތުގެ ބަލިތަކުން ދުރުހެލިކޮށްދިނުމާއި އަދި ކެންސަރަށް މަގުފަހިވާ ކަންކަމުން އިންސާނާގެ ހަށިގަނޑު ދުރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން އިންސާނާގެ ހަށިގަނޑު ގިނަ ދުވަސްތަކަކަށް ޒުވާންކަންމަތީ ދަމަހައްޓަިދިނުން ހިމެނެއެވެ.

ކަސްރަތު އާންމުކޮށް ކޮށްއުޅޭ މީހަކު، އަމިއްލަ ނަފްސާ ދޭތެރޭގައި އޮންނަ އިތުބާރުގެ އިތުރުން ކަންކަމާއ ދޭތެރޭ ދެކޭނީ އުންމީދީ ނަޒަރަކުންކަން، ކަމާ ބެހޭ މާހިރުން ފާހަގަ ކުރެއެވެ. ކަސްރަތު ކުރުމުގައި ޖުމްލަކޮށް ހުރިހާ ކަސްރަތެއްގައި ވެސް މައިގަނޑު ފަސް ކަމެއް ހިމެނެންވާނެއެވެ. ސަބަބަކީ، އިންސާނާ ހެލިފެލިވެ އުޅުމުގައި އާންމުކޮށް މި ފަސް ހަރަކާތް ހިމެނޭކަމެވެ. އެއީ، ކޮއްޕުން (ގަޔާ ދުރަށް އެއްޗެއް ކޮއްޕުން)، ދެމުން (ގަޔާ ކައިރިއަށް އެއްޗެއް ދެމުން)، ލެނބުން ( އުނަނގަޑުން ލެބުން)،/ ސްކުއަޓްސް/އިށީނުން (އުޑަފައިން އިށީނުން) އަދި ހަށިގަނޑުގެ ހެލިފެލިވެ އުޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކޯ ނުވަތަ ބަނޑުގެ މަސްތަކުގެ ހަކަތަ ބޭނުންކުރުން މިއެވެ.

ކަސްރަތުން އިންސާނާގެ ހަށިގަނޑަށް ލިބިދޭ އާންމުފައިދާތަކުގެ އިތުރުން، ކަސްރަތުކޮށް އުޅޭ މީހަކަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދީ، ހަށިގަނޑުގެ ބުރަދަން ލުއިކޮށްދިނުމާއި އެއްވަރެއްގައި ހިފަހައްޓައިދީ، ހަށިގަނޑުގެ މަސްތަކާއި ކަށިތަކުގައި އިތުރު ވަރުޖައްސައިދީ، އިންސާނާ ހެލިފެލިވެ އުޅުމަށް ބޭނުންވާ ހަކަތަ އެތައް ގުނައެއް އިތުރުކޮށްދީ، ނުރައްކާތެރި އާންމު ބަލިތަކުން ދުރުހެލިކޮށްދީ، ހަށިގަނޑުގެ ހަންގަނޑު ރީތިކޮށްދީ، ޒުވާންކަންމަތީ ދަމަހައްޓައިދީ، ސިކުނޑީގެ ދުޅަހެޔޮކަމާއި ވިސްނުމަށް ތާޒާކަން ގެނުވައިދީ، އަދި މީގެ އިތުރުން ހަށިގަނޑު ގިނަ ދުވަސް ތަކަކަށް ތާޒާކަންމަތީ ދަމަހައްޓައިދީ، އަރާމުކޮށް ފުރިހަމަ ނިންޖެއް ނިދުމަށް ވެސް މަގުފަހިކޮށްދެ އެވެ. ޖުމްލަކޮށް ދަންނަވާނަމަ ކަސްރަތުން އިންސާނާއަށް ލިބިދޭ އެންމެ މުހިންމު ފަރުވާ އަކީ އިންސާނާ ދުނިޔެ ދޫކޮށްދިއުމާ ހަމައަށް ވެސް އާންމު ބަލިތަކެއްގައި އުޅެންނުޖެހި ދުޅަހެޔޮ ދިރިއުޅުމަކަށް މަގު ތަނަވަސްވެގެންދިއުމެވެ.

ކަސްރަތެއްގެ ގޮތުގައި ހިނގުމަކީ ވަރަށް ގިނަގުނަ ފައިދާތަކެއް އޭގެން ލިބިދޭ ކަމެކެވެ. ހަމަ އެހެންމެ ހިނގުމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ފަސޭހައިން ކޮށްލެވިދާނެ ކަސްރަތެކެވެ. ހިނގުން ކަސްރަތެއްގެ ގޮތުގައި ހިޔާރުކުރާ ފަރާތަކަށް ހިނގުމުން ލިބިދޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ހިމެނެނީ، ހިތާއި ފުއްޕާ މޭގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ބުންވަރު އިތުރުކޮށްދިނުމާއި، ހަށިގަނޑުގެ ބުރަދަން ލުއިކޮށްދީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމާއި ހިތުގެ ބަލިތަކުން ދުރުހެލިކޮށްދީ، ލޭމައްޗައްދިއުމާއި، ހަކުރުބަލި ޖެހުމުން ދުރިހެލިކޮށްދިނުމާއި ކޮލެސްޓޮރޯލް މައްޗަށްދިއުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުމާއީ، އަރާމުކޮށް ފުރިހަމަ ނިންޖެއް ނިދާލުމަށް އެހީތެރިވުމާއި، އަދި މީގެ އިރުތުން ހަށިގަނޑުގެ މަސްތަކުގައި ވަރުޖައްސައިދިނުން ހިމެނެ އެވެ. އެހެންވެ ދުޅަހެޔޮ ސިއްހަތަކަށް ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮންމެ ދުވަހަކު ވެސް ކުރުމަކީ އާދައަކަށް ހެދުން ވަރަށް މުހިންމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *