Support Us

ކޮލަމް ކޯދު: ގެވެށި އަނިޔާއާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބުނުންކޮޅެއް

މިއީ ގެވެށި އަނިޔާއާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބުނުން ކޮޅެކެވެ.

ގެވެށި އަނިޔާއެ ބުނެ މިތާ އިޝާރަތްކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ އެއީ ދެމަފިރިން، އެކަކު އަނެއްކަކަށްދޭ، ޖިސްމާނީ، ނަފްސާނީ އަދި ޝަފަވީ އަނިޔާއެވެ. އާންމު ގޮތެއްގައި މިފަދަ އަނިޔާ ލިބެނީ، ފިރިމީހާގެ ފަރާތުން އަނބިމީހާއަށެވެ. މިކަން، ގިނަ ފަހަރަށް ހިނގަނީ ގޭގައި ކަމަށް ވުމުން މިކަމަށް ގެވެހި އަނިޔާއޭ ކިޔެނީއެވެ.

މިފަދަ އަނިޔާ ދިނުމުގެ ފުރަގަހުގައި އޮންނަނީ ބާރުވެރިކަން ދައްކައި އަނެކުން ކޮންޓުރޯލު ކުރުމެވެ. ވަރަށް ގިނަ ފަހަރު، އަނިޔާދޭ މީހާއަކީ ނަފްސާނީ ގޮތުން، ނޫނީ އަގުލާނީ ގޮތުން، ނޫނީ މި ދެ ގޮތުން ވެސް، ބަލިކަށި މީހަކަށް ވުމުން، މިކަން ފޮރުވުމަށްޓަކައި ބާރުގެ ބޭނުންކޮށް، ޖިސްމާނީ އަނިޔާދީގެން، އޭނާގެ ބެލުމުގެ ދަށުގައިވާ މީހުން، އޭނާގެ ފުރިހަމަ ކޮންޓުރޯލުގެ ދަށަށް ގެންނަނީއެވެ.

ދެން، މިކަމާ ބެހޭ ގޮތުން ބައެއް މީސްމީހުން ބުނެފައިވާ ބުނުން ކޮޅެއް ހުށަހަޅާލަމެވެ.

  1. "ކަލެއަކީ– އާދެ އަނިޔާ ލިބުނު މީހަކީ– ކަލޭ ތަހައްމުލުކޮށް ބަރުދާސްތުކުރި އަނދިރި ކަމެއް ނޫނެވެ. ނަމަވެސް، ކަލެއަކީ އެ އަނދިރިކަމަށް ކަލޭގެ ނަފްސު ދީލާނުލި އަލިކަމެކެވެ.
  2. ގެވެށި އަނިޔާ ލިބި، އެކަމުން އަރައިގަނެ، ސަލާމަތްވާ މީހުން ފާހަގަވަނީ، އެ މީހުންގެ ކެރުމާއި ހިއްވަރުގެ ސަބަބުންނެވެ. އެ މީހުންނަށް ލިބުނު އަނިޔާތަކަށް ކެތްކޮށް ހުރެ، އެކަން ސިއްރުކޮށްފައި ބޭއްވުމަށް ހަނުހުރުން ދައުވަތު ދެމުންދާއިރު ވެސް، އެ މީހުންގެ އަނިޔާތަކުގެ ވާހަކައިގެ ހަގީގަތްތައް އެހެން މީހުންނަށް އެ މީހުން ކިޔައިދެއެވެ. އަދި، އެކަމުގެ ސަބަބުން، އެފަދަ އަނިޔާ ލިބެމުންދާ މިހުންނަށް، އެ އަނިޔާތަކާ ދެކޮޅުހެދުމަށް ހިއްވަރު ލިބެއެވެ.
  3. ގެވެށި އަނިޔާ ލިބެނީ ކޮންމެ ގިންތި އެއްގެ މީހެއް ކަމަށް ވިޔަސް، ފަގީރަކަށް ނޫނީ މުއްސަންޖަކަށް ވިޔަސް، އާންމުންގެ މީހަކަށް ނޫނީ ޚާއްސުންގެ މީހަކަށް ވިޔަސް، އެ މީހުންނަށް ލިބޭ އަނިޔާގެ ކުލަ ހަމަ އެއްގޮތެވެ: ނުލައި ކަޅެވެ.
  4. ގެވެށި އަނިޔާގެ ސަބަބުން ވޭން އަޅަނީ ހަށިގަނޑަށް ލިބޭ ޒަޚަމްތަކުން އެކަންޏެއް ނޫނެވެ. އެކަމުގެ ސަބަބުން ހިތަށާއި ސިކުނޑިއަށް ލިބޭ ޒަޚަމްތަކުގެ ވޭން މާ ގަދައެވެ. އަދި، އެ ވޭން، ކިތަންމެ ދުވަހެއް ވިޔަސް، ނުފިލާ ހުރެއެވެ.
  5. ގެވެށި އަނިޔާ ދޭ ފަރާތުން، އެ އަނިޔާ ލިބޭ މީހާއަށް ހިފޭނޭ އެންމެ ރަނގަޅު ބަދަލަކީ، އަނިޔާ ލިބޭ މީހާއަށް އުފާލިބޭނޭ ގޮތްތައް ހޯދައި އެކަން ހަގީގަތަކަށް ހަދާލުމެވެ. އަނިޔާދޭ މީހާ މިކަން ވުން ނޭދޭ އިރު ވެސް މެއެވެ.
  6. ގެވެށި އަނިޔާގެ ޝިކާރަވެރިއަކަށްވި މީހާ އެކަމުން އަރައިގަތުމަށްޓަކައި އެހީތެރިވާނޭ އެންމެ މުހިއްމު ފަރާތަކީ ޚުދް އެމީހާގެ އަމިއްލަ ނަފްސެވެ. އެ ނަފްސުގެ ހަށިގަނޑުގެ އިހުސާސުތަކެވެ. އެ ނަފްސުގެ ހިތުގެ ޝުއޫރުތަކާއި ޖަޒުބާތުތަކެވެ. އެ އަނިޔާތައް ރައްކާކުރެވިފައިވަނީ މި އިހުސާސުތަކާއި ޝުއޫރުތަކާއި ޖަޒުބާތުތަކުގެ ތެރޭގައި ކަމުން، އެކަންކަން މެދުވެރިކޮށް، އޭނާއަށް ލިބުނު އަނިޔާތައް، އިތުރަށް، ދެނެގަނެވި، އެކަމުގެ ސަބަބުން، އޭނާގެ ޖިސްމަށާއި ރޫހަށް ލިބުނު އަނިޔާތައް ވެސް ދެނެގަނެވި، އަދި، މިކަމުގެ ފަރުވާ ވެސް ހޯދޭ ގޮތް ވެއެވެ.
  7. ގެވެށި އަނިޔާ ލިބުނު މީހާ، އޭނާގެ ރަނގަޅު ނުބައިކަން، އޭނާއަށް ލިބުނު އަނިޔާގެ މައްޗަށް ބަލައި ކަނޑައަޅާލައިގެން ނުވާނެއެވެ. އޭނާއަކީ އެއްވެސް ހާލެއްގައި އަނިޔާ ލިބުން ހައްގު މީހެއް ކަމުގައި އޭނާ ދެކިގެން ނުވާނެއެވެ.
  8. އަނިޔާ ދިނުމަކީ، ބާރު ހުރި މީހާގެ ބާރު ހުރިކަން ދައްކުވާލަދެވޭ އެންމެ ބަލިކަށި ފިނޑި ގޮތެވެ. ރައްކާކޮށް އަދި ބިނާކޮށް އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި އޭނައާ ހަވާލުކުރެވިފައިވާ އަމާނަތަކަށް އަނިޔާ ދިނުމަކީ ވަރަށް ވސް ބަލިކަށި ފިނޑި ކަމަކަށްވާތީއެވެ.
  9. ގެވެށި އަނިޔާ ލިބޭ މީހާ، އެ އަނިޔާތަކުން އަރައިގަނެ ސަލާމަތްވާން ނިންމުމުން، ދެން، އަނިޔާދޭ މީހާއަށް ކޮޅަށް ހުރުމުގެ ފުރުސަތު ނޯވެއެވެ.
  10. މީހަކަށް ލިބޭ އަނިޔާ އެނގުމުން އެކަމާ ހަމްދަރުދީވުމުގެ އިތުރުން، އޭނާއަށް ލިބުނީ އަނިޔާއެއްކަން ގަބޫލުކޮށް އެކަމާ އެއްބަސްވާން ޖެހެއެވެ. އެ އަނިޔާ ލިބުމަށް މިވެނި އެވެނި ކަންކަން އޮތޭ ބުނެ، އެއްވެސް ބަހަނާއެއް ދެއްކުމެއް ނެތިއެވެ. އަނިޔާ ލިބޭ މީހުން، އެ މީހުންނަށް ލިބޭ އަނިޔާތަކުގެ ވާހަކަ ދައްކަން ޖެހިލުންވަނީ އެ މީހުންނަށް ލިބޭ އަނިޔާތައް ކިޔައި ދިނުމުން އެކަން ގަބޫލު ނުކޮށްފާނެތީއެވެ.
  11. އަނިޔާ ލިބެމުންދާ ގެއެއްގެ ތެރެއިން ނިކުމެގެން ދިޔުމަކީ ކެރުން ދައްކާލާ ކަމެކެވެ. އެގޭގެ ދޮރުން ނިކުމެގެންދާ އިރު، އެގޭގެ ދޮރުގެ އޮޅިގަނޑުގައި އަޅައިގެންފައި ވެއްޓެން އުޅުނު ކަމުގައި ވިޔަސް ވެހެވެ.
  12. ގެވެށި އަނިޔާ ލިބުނު މީހާ، އޭނާއަށް ލިބުނު އަނިޔާތަކުން ސަލާމަތްވެ، އޭނާގެ ޖިސްމާއި ރޫހުގައި އުފެދިފައިވާ ޒަޚަމްތައް ފިލައި ދިޔުމަށްޓަކައި އޭނާގެ ހިތް، ވަރުގަދަ ލޯތްބެއްގެ ވާފަށަކުން ބަނދެލަން ޖެހެއެވެ.