މަކަރުގެ ގެއެއް ރިއްސާ ރަނާއި ޖަވާހިރުން ކުޅަޔަސް ބިނާ
ނިކަމެތިކަމާ ބިރުވެރިކަމާ ފަޅުކަން ކުރާނޭ އެ ގެ ފަނާ
މަޚުމަލުގެ ކެހިވެރި ތަންމަތިން އެ ލިބޭ އަރާމާ ލައްޒަތާ
ފަޚުރެއްކަމަށް ނުބަލާނެޔޭ މީހަކު ޔަގީނުން ހަރުދަނާ
ރަހަ މީރަކަސް ދޮގުވެރިކަމުން ކައްކާ ފޮލާ ބޯ ވަގުތުގައި
ޒަހަރަށްވުރެން ހިތި ވާނެޔޭ ބޮއެފިތަ؟ އެ ވާނީ ބަލަ ހަނާ
އޮޅުވާލުމުގެ ކުރެހުންތަކުން ޒީނަތްކުރާ ތަޞްވީރުތައް
މޮޅު ގޮތްގޮތަށް ހުއްޓަސް އެ އެއް ނުވިކޭނެ ލެއްވިޔަކަސް ވަނާ
މާރީތިކޮށް ކުރިޔަސް ޖަރީ ހީލަތުގެ އެކިއެކި ކުލަތަކުން
ތާރީފު ކުރަމުން އެންމެނަކު ނުކިޔާނެޔޭ އަބަދަކު ސަނާ
***
ކަން އޮތްގޮތާ ކަން ކުރިގޮތާ ކަންކަން ހިނގާ ނިމިދިޔަގޮތާ
ކަންކަން އޮޅުން ފިލުވާ ބަޔަކު އަންނާނެޔޭ އަޅަމުން ހަނާ
ވަގުތާ ޒަމާނާ ޙާލަތާ އެއްބަސް ކިޔައިފިއްޔާ ކަމަކު
ނަގުދާ މަގާމާ ބާރަކުން އެ ކަމެއް ނުކުރެވޭނޭ މަނާ