Support Us

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް -ފޮޓޯ: ރައީސް އޮފީސް

ޤައުމުގެ ބޮޑެތި ކަންކަމުގައި ސަރުކާރާ އެކު މަސައްކަތް ކުރަން ސިޔާސީ ފަރާތްތަކަށް ދައުވަތު ދެއްވައިފި

ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދައުވަތު ދެއްވައިފިއެވެ.

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ޤައުމު އާރާސްތުކުރުމުގެ މަސައްކަތް ކުރަމުންދާނީ ސިޔާސީ ވާދަވެރިންގެ އަޑު އަހައިގެން ކަމަށާއި ސިޔާސީ ވާދަވެރިންގެ ޚިޔާލާއި މަޝްވަރާއަށް ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާނެކަން ހަނދުމަފުޅުކޮށްދެއްވާ ކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަޞްލަޙަތާ ގުޅޭ ގޮތުން އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، އެފަދަ ކަންކަމުގައި ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދީގެންނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

‎ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ ޞުލްޙަވެރިކަމާއި ޙިކްމަތްތެރިކަމާއެކު ކުރި މަސައްކަތުން ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ޞުލްޙައަށް އިސްކަންދީ، ދިވެހިންގެ މިނިވަންކަން ދެހެމެއްޓުމުގެ އަސާސްތަކުގެ މަތީގައި ހިފެހެއްޓުމުން ކަމުގައެވެ.

‎އިޤްތިޞާދީ ގޮތުން ދިވެހިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ ދިވެހިން ތަރައްޤީކުރި ދެ ޞިނާޢަތެއްގެ މައްޗަށް ކަމަށް ވިދާޅުވެ، މިއީ ދިވެހިންގެ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތުކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ، މިއީ އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު ކަމަށާއި، ޤުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު ކަމުގައި ވިދާޅުވިއެވެ.

‎ރައީސް އިތުރަށް ވިދާޅުވީ، ދިވެހިންގެ ފަޚުރުވެރި ޤައުމީ ޝަޚުޞިއްޔަތުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށާއި، އެ ބިންގަލުގެ މަތީގައި ދިވެހި ޤައުމިއްޔަތުގެ ބިނާ އާރާސްތުކޮށްދިން ތަނބުތަކަކީ ދިވެހިވަންތަކަމާއި ދިވެހިންގެ މާދަރީ ބަހާއި ދިވެހި ތާރީޚާއި ދިވެހިންގެ ސަގާފަތް ކަމުގައެވެ. އަދި، މި ހުރިހާ ކަމެއް ލާމެހިގެން ގެތިފައިވާ ދިވެހި މުޖްތަމަޢުން މި ސިފަތައް ގެއްލިގެން ދިޔުމަކީ ހަމަ އެކަކުވެސް އެދޭނެ ކަމެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

‎މީގެ އިތުރުން، މިނިވަންކަމުގެ މި ދަތުރުގައި 55 އަހަރު ހޭދަކުރުވުނުއިރު، ތަރައްޤީގެ ސަމުގާއިން ދިވެހިން ދެން އަމާޒު ހިފަންވީ، އަދި ކޮންމެ ދިވެއްސެއްގެ ވިސްނުން ބަހައްޓަންވީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި އެކަން ހާސިލުކުރެވޭނީ، ތަރައްޤީއަކީ ކޮންމެ ފަރުދެއްގެ ޒާތީ ދިރިއުޅުމުގެ އެއްބައި ކަމުގައި ޤަބޫލުކޮށް، އެގޮތަށް ދިރިއުޅުން ބައްޓަންކޮށްގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލެއްވީ، ރާއްޖޭގެ މިނިވަންކަމުގެ ބާނީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލް އަމީރު އަލް މަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒިކުރާ އައުކުރައްވައި، ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން އެކުގައި އެއް ޢަޒުމެއްގައި މަސައްކަތްކޮށް، ނަތީޖާ ޙާޞިލުކުރުމަށް ގޮވާލައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޤައުމު އާރާސްތުކުރުމުގެ މަސައްކަތް ކުރަމުންދާނީ ސިޔާސީ ވާދަވެރިންގެ އަޑު އަހައިގެން ކަމަށާއި ސިޔާސީ ވާދަވެރިންގެ ޚިޔާލާއި މަޝްވަރާއަށް ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާނެކަން ހަނދުމަފުޅުކޮށްދެއްވާ ކަމަށެވެ. މިފުރުޞަތު ރައީސް ޞާލިހަށްނުދޭނެ ރައްޔިތުންގެ މަޖިލިސް ތެރެއަކުންނެއް. އިދިކޮޅުން ހުށަހެޅި ހުރިހާ މައްސަލަތައް ހުރީ ބޭރުކޮށްލާފަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް