Support Us

ރައީސް މުޙައްމަދު ނަޝީދު: ޑިމޮކްރަސީ ޙަރަކާތް މެކުހަށް ޖެއްސެވި

ރައީސް މުޙައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ތިން ވަނަ ރައީސުލްޖުމްހޫރިއްޔާ އެވެ. ފަރުދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައީސް ނަޝީދަކީ ގިނަގުނަ ގުރުބާނީ އާއި މަސައްކަތްތައް ކުރައްވައި ކާމިޔާބު ހޯއްދެވި ލީޑަރެކެވެ.

މަތީ ތަޢްލީމު ޙާޞިލް ކުރެއްވުމަށްފަހު، ޢުމުރުފުޅުން 22 އަހަރުގައި ސިޔާސީ ރޮނގުން ގައުމަށް ޚިދުމަތް ކުރެއްވުމަށް އަޒުމް ކަނޑައެޅުއްވީ ހަމަޖެހޭ ސިޔާސީ މާޙައުލަކަށް ގައުމު ހުޅުވާލައި ޒަމާނީ ޑިމޮކްރަސީ ގެނައުމަށެވެ. މިގޮތުން ސިޔާސީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ފިކުރުގައި ސިޔާސީ މަޖައްލާއެއް ކަމަށް "ސަންގު" މަޖައްލާ ނެރުއްވުމުގެ އެންމެ ބޮޑު ޢަމަލީ ދައުރު އަދާކުރައްވައި، އެ މަޖައްލާގައި އެޑިޓޯރިއަލްގައި ހިމެނިވަޑައިގެންނެވިއެވެ. ނޫސްވެރިއެއް، ސިޔާސީ މުފައްކިރެއް، އެއަށްފަހު ރާއްޖޭގެ ތާރީޚުގެ ޢިލްމުވެރިއަކަށްވެސް ވެވަޑައިގެންނެވިއެވެ.

"ތޮށިގަނޑުފަޅާލުމަށް" ވެރިކަމުގެ ފަރާތުން އިޝާރާތް ކުރެއްވުމާއެކުވެސް ތޮށިފަޅާލާފައި ނުކުތް "ސަންގު" އަދި "ހުކުރު" މި މަޖައްލާތައް އުވާލެވި އޭގެ ނޫސްވެރިންނާއި ލިޔުންތެރިން ޖަލަށްލެވުނެވެ. މިގޮތުން ޖަލަށްލި ނޫސްވެރިންގެ ތެރެއިން ނުވަތަ ސިޔާސީ ފިކުރުގެ ޒުވާނުންގެ ތެރެއިން އެންމެ ފާހަގަކުރެވުނީ ރައީސް ނަޝީދެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިންވެސް 1991 ވަނަ އަހަރު މިކަން ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ސިޔާސީ ޙަޔާތްޕުޅަށް ބަލާއިރު، 2000 ވަނައަހަރު ފެށުނު 15 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުކަން ކުރައްވާފައިވެއެވެ. ފަސް އަހަރުގެ ދައުރަކަށް ހޮވިވަޑައިގެންނެވި ނަމަވެސް ދައުރު ފުރިހަމަ ނުވަނީސް ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވިއެވެ.

ސެޕްޓެމްބަރު 19، 20ގެ ހާދިސާތަކާއެކު ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދުނިޔެއަށް ހާމަވެ، އަންނަން ފެށި ސިޔާސީ ބަދަލުތަކާއެކު ރައީސް ނަޝީދުމެންގެ ޑިމޮކްރަސީ ޙަރަކާތް މެކުހަށް ޖެހިއެވެ. ރައީސް ނަޝީދުމެން އިސްވެ ތިއްބަވައި 10 ނޮވެމްބަރުގައި 2004ގައި ސްރީލަންކާގައި އުފެއްދެވި ރާއްޖޭގެ ފުރަތަމަ ވާދަވެރި ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ރާއްޖޭގައި ރެޖިސްޓްރީކުރެވުނީ، ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގުން 2 ޖޫން 2005ގައި ހުއްދަވުމަށްފަހު، 26 ޖޫން 2005 ގައެވެ. އެމްޑީޕީގެ ފުރަތަމަ ޗެއަރޕާސަން ކަމުގެ މަޤާމު ލިބިވަޑައިގަތީވެސް ރައީސް ނަޝީދަށެވެ.

މި މަޤާމުގައި ހުންނަވައި އިސްތިޢުފާ ދެއްވީ، އޭޕްރީލް 2008ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ހޮވުމުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައެވެ. މި ޕްރައިމަރީ ކާމިޔާބުކުރައްވައި 2008ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުންގެ ތެރެއިން ފުރަތަމަ ބުރުގައި ދެވަނަ ހޯއްދެވިއިރު އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އަޣްލަބިއްޔަތު ލިބިވަޑައިނުގަތުމާއެކު އެއްވަނައާއި ދެވަނައިގެ ގޮތުގައި ދެވަނަ ބުރުގައި ރައީސް މައުމޫނާ ވާދަކުރެއްވި އެވެ. އަދި ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި- ޕާޓީ ޑިމޮކްރަސީގެ މިނިވަން އިންޞާފުވެރި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ޑިމޮކްރަޓިކް ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ފަޚުރާއި ޝަރަފް ހޯއްދެވިއެވެ.

ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކުރެއްވީ 11 ނޮވެންބަރު 2008 އިން 7 ފެބުރުވަރީ 2012 އަށެވެ.

ސިޔާސީ ޕާޓީގެ ނިޒާމު ތައާރަފުވުމުގެ ސަބަބުން އެ ނިޒާމުން ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބައޮތްކަން އެންމެ  ފުރަތަމަ ސާބިތުކޮށްދެއްވި ލާމަސީލު ވެރިޔަކީ ރައީސް ނަޝީދެވެެ. ވަޒީރުކަން ނުވަތަ ސަރުކާރުގެ މަތީ މަގާމެއް އަދާނުކުރައްވައި،  ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ފުރަތަމަ ބޭފުޅަކީ ވެސް ރައީސް ނަޝީދެވެ. އަދި މިހާރު ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލިސްގެ  ރައީސެވެ. އެމް.ޑީ.ޕީގެ ރައީސްވެސްމެއެވެ.

ގައުމީ އަދި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ރައީސް ނަޝީދަށް ދުނިޔޭގެ އަދި ބައިނަލްއަގުވާމީ ގިނަ އެވޯޑްތަކެއް ލިބިވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *