Support Us

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު: ރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ "އެންމެ އުސްތަނބު"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ދިވެހިރާއްޖޭގެ ހަ ވަނަ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސް ޞާލިޙަކީ އިއްތިހާދުގެ ނުވަތަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފެދުނު ވެރިކަމެއް ނުވަތަ ސަރުކާރެއް ހިންގެވުމުގެ ނަމޫނާ ދައްކަވަމުން ވެރިކަން ހިންގަވަމުން ގެންދަވާ ހިކުމަތްތެރި ރައީސެކެވެ. ސިޔާސީ ޕާޓީތަކުގެ ނިޒާމުން ވެރިކަން ހިންގުން ރާއްޖެއަށް މުޅިން އަލަށް ތައާރަފުވެ މަލްޓި-ޕާޓީގެ ވެރިކަމުގެ ނިޒާމުން ވެރިކަންކުރުން ރާއްޖޭގައި ގާއިމުވިތާ މިވީ 12 އަހަރަށް ބަލާއިރު، ވެރިކަން ލިބިވަޑައިގެންނެވި އިއްތިހާދުތައް ވަކިވަކިނުވެ، ވެރިކަން ހޯދުމަށް ގުޅިގެން ކުރެވުނު ކެންޕޭނުގެ މަގުސަދުތައް ހާސިލުވަނިވި ގޮތްތަކަށް ވެރިކަން ބައްޓަން ކުރައްވައިގެން އިއްތިހާދުގެ ވެރިކަން ކުރައްވަމުންގެންދަވާ ރައީސެވެ. ސިޔާސީ ޕާޓީތަކުގެ އިއްތިހާދުގެ ވެރިކަން ކުރައްވަން އެންމެ ފައްކާ ރައީސް ވެސްމެއެވެ. އިއްތިހާދަކުން މެނުވީ، މި ރާއްޖޭގައި ހަމަޖެހުމާއެކު ވެރިކަން ކުރެވެން ނުމެނެތްމެއެވެ.

ރައީސް ޞާލިޙަކީ ޚުލްގުހެޔޮ، މަޑުމައިތިރި، ހިކުމަތްތެރި ވެރިއެކެވެ.

މުޅި ދުނިޔެއާއި ރާއްޖެ، ކޮވިޑު19ގެ ބަލިމަޑުކަމުގެ ވަބާއާއި އޭގެ ސަބަބުން ބަންދުވެ އެކަހެރިިކަމާއި ތަދުމަޑުކަމާއި އެންމެހައި އުނދަގޫތަކާއި އުދާސްތައް  ފަރުދީ، ގައުމީ، ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވެފައިވާ މިހާލަތުގައި ރައީސް ޞާލިޙު ދައްކަވަނީ ކެތްތެރިކަމާއި މަޑުމައިތިރި ކަމެވެ. ގައުމުތަކުގެ އިގުތިސާދީ ވަސީލަތްތައް ހީނަރުވެ މީސްތަކުންގެ މައީޝަތަށް ދުވަހުން ދުވަހަށް ހީނަރުކަން އިތުރުވަމުންދާ މި ހާލަތުގައެވެ. އަވަސް ހައްލެއް ނެތް މި ހާލަތުގައި ވެސްމެއެވެ.

ދިވެހި ގައުމު ވެސް މިވަނީ ކުރިން ޚިޔާލަށް ނުގެނެވޭ ފަދަ ހާލަތެއްގައެވެ. ގައުމުގެ އިގުތިސާދުގެ މައިބަދަ ބިނދިފައެވެ. މިފަދަ ޚުތޫރަތްތެރި ވަގުތުގައި ރައީސް ޞާލިޙުގެ ސަރުކާރުގެ ސިޔާސަތުތައް (ސިއްހީ، އިގުތިސާދީ، ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތައް) ބައްޓަން ކުރައްވާފައި މިވަނީ ގައުމަށް އެންމެ މަސްލަހަތު ހުރި، ލާބަޔާއި މަންފާ ލިބެނެވި ގޮތްތަކަށެވެ.

މީގެ ދެ އަހަރު ކުރިން، ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެ އޮތް، އެކަހެރިކަން ނެތިގޮސް، މިއަދު މިވަނީ ބައިނަލްއަގުވާމީ މުޖުތައުގައި ރާއްޖެއަށް ލިބެންވާ ހައްގު މަގާމު ހާސިލުކޮށްފައެވެ. ގައުމުތަކާއި ޖަމާއަތްތަކާ ދެމެދު އޮންނަންޖެހޭ ހަރުދަނާ ގުޅުން އަލުން ގާއިމުކޮށް "ރީސެޓް"ވެފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިތުރަށް ކުރިއަރާފަައި ވެސްމެއެވެ. މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންމެ ފުރިހަމަ ސިޔާސަތުކަން ކަށަވަރެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ރާއްޖޭގެ ސިޔާސީ މަސްރަހަށް ނިކުމެވަޑައިގަތީ 1994ގައި އޮތް، ރައްޔިތުންގެ މަޖިލިސްގެ  އިންތިޚާބުންނެވެ. މި އިންތިޚާބުގައި ފާދިއްޕޮޅުގެ ގޮނޑިއަށް ހޮވިވަޑައިގެން 1995އިން 2018އަށް މެދުނުކެނޑި 24 ނުވަތަ 25 އަހަރު ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން (2009އިން ފެށިގެން ހިންނަވަރު ދާއިރާގެ މެންބަރުކަން) ކުރެއްވިއެވެ. ދައުލަތުގެ އެހެން މަގާމެއް އަދާ ނުކުރައްވައި ފުލްޓައިމް އެމް.ޕީއެއްގެ ގޮތުގަ އެވެ. މިއީ ރައްޔިތުންގެ މަޖިލިސްގެ ތާރީޚުގެވެސް ރެކޯޑެކެވެ. އަދި 2009ގެ ކުރިން ފުލްޓައިމް އެމް.ޕީން ނުވަތަ ދައުލަތުގެ އެހެން މަގާމެއް އަދާނުކޮށް ހަމައެކަނި މަޖިލިސް މެންބަރުކަން ކުރުން ލާޒިމުނުވާ ދުވަސްވަރުން ފެށިގެން ކަމުގައި ވީތީއެވެ.

ޕާލަމަންޓްރީ ގުރޫޕުގެ ލީޑަރ، މައިނޯރިޓީ ލީޑަރ، މެޖޯރިޓީ ލީޑަރކަން ވެސް ރައީސް ޞާލިޙު އަދާކުރެއްވިއެވެ. މަޖިލިސްގެ މުހިންމު ކޮމެޓީތަކުގައި  އުޅުއްވިއެވެ. އޭގެތެރެއިން ބައެއް ކޮމެޓީގެ މުގައްރިރު ވެސްމެއެވެ. ދެ ފަހަރެއްގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ މެންބަރުކަން (ރައްޔިތުންގެ  މަޖިލިސްގެ މެންބަރުގެ ހައިސިއްޔަތުން) ފުރިހަމަ ކުރެއްވިއެވެ.

ވީމާ، މަޖިލީހުގައި ދެއްކެވި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި މެދުމިންކަމާއި ރިވެތި ސުލޫކާއި މާތް އަޚުލާގު އެއީ މުޅި މަޖިލީހުގެ ތާރީޚުގެ ލާމަސީލު ނަމޫނާއެކެވެ. ބަޔާންކުރެވުނު ކަންކަމާއި އަދި ސިޔާސީ ހަޔާތް ހަމައެކަނި މަޖިލީހުން ފަށްޓަވައި މަޖިލީހުގެ 25 އަހަރުގެ ތަޖުރިބާއާއެކު ދިވެހި ގައުމުގެ އެންމެ މަތީ މަގާމު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބިވަޑައިގެންނެވުމުން، ކުރިން ނުވަތަ މިހާތަނަށް (އަލްއުސްތާޛު އިބްރާހީމް ޝިހާބަށް ނިސްބަތް ކުރެވުނު) "ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ އެންމެ އުސްތަނބު"ގެ ލަގަބު މިހާރު ލިބިވަޑައިގަންނަވަނީ ރައީސް ޞާލިޙަށެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއަދު ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ އެންމެ އުސްތަނބަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއީ ތާރީޚުން ސާބިތުވާ ކަމެކެވެ.

ރައީސް ޞާލިޙަކީ 1990ގެ އަހަރުތަކުން ފެށިގެން މިވީ 30 އަހަރު ރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތްތަކާއި، ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރެވުނު ކަންކަމުގައި އިސްކޮށް އުޅުއްވި ރިފޯމިސްޓެކެވެ. އަދި ކީއްތޯއެވެ؟ ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް  މުޙައްމަދު ޞާލިޙަކީ، މާލެ ފިޔަވައި އެހެން ރަށަކަށް އުފަން، ރަށުގެ އާއިލާގެ، ރަށުގެ އެޑްރެސްގެ ދިވެހިރާއްޖޭގެ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކަމަށްވާ  ޝަޚްސިއްޔަތެވެ. ދެންފަހެ، މިއީ ރާއްޖޭގެ އަޣުލަބިއްޔަތު އާބާދީ ފަޚުރުވެރިވާނޭ ކަމަކަށް ނުވާނެތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1235
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *