...

Support Us

އިނގިރޭސީން ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވިތާ 55 އަހަރު

މިނިވަންކަމުގެ ތާޒާކަމާއި ވަސްމީރުކަން ދެކުނު އޭޝިޔާއަށް ވެރިވީ، މީގެ 75 އަހަރު ކުރިން ބޮޑު ހަނގުރާމަ ނިމުމުންނެވެ. މިގޮތުން 1947ގައި އިންޑިޔާ މިނިވަންވެ ޕާކިސްތާނާއި އިންޑިޔާ ދެ ގައުމުގެ ގޮތުގައި އުފެދުނެވެ. އަދި ސިލޯނު 1948ގައި މިނިވަންވިއެވެ.

ސިިލޯނު މިނިވަންވުމުން، 1948ގައި ރާއްޖެއަށްވެސް ދާޚިލީ މިނިވަންކަން ލިބުމުގެ އެއްބަސްވުމެއްގައި، މާލޭގައި ދިވެހިރާއްޖެއާއި  އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރިއެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، 26 ޖުލައި 1965 މިދުވަހު ހެނދުނު ދިހައެއް ޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގައެވެ. ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، 16 ޑިސެމްބަރު 1887އިން ފެށިގެން އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް އޮތުން 77 އަހަރަށްވުރެ ގިނަ ދުވަސްވުމަށްފަހު ނިމުމަކަށް އައީއެވެ.

މީގެ 55 އަހަރު ކުރިން ހިނގި ރާއްޖެއަށް މިނިވަންކަން ހޯދުމުގެ ހަރަކާތްތަކަށް ނަޒަރު ހިންގާލާއިރު އިނގިރޭސީންގެ މަރުކަޒުތަކެއް އައްޑުއަތޮޅުގައި ހަދަން ނިންމި ނިންމުމާއި، އޭރު (1954އިން 1957އަށް) ބޮޑުވަޒީރު ކަމުގައި ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ގެންގުޅުއްވި ސިޔާސަތާއި މިކަންކަމުގެ މައްޗަށް އަލިއަޅުވާލުން މުހިންމެވެ.

މިކަން ހިނގި ގޮތަށް ބަލާއިރު ދެވަނަ ބޮޑުހަނގުރާމަ 1945ގައި ނިމުމާއެކު ހަނގުރާމައިގައި އިއްތިހާދީންނަށް ކޮށްދިން މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ނުވަތަ އެނޫންވެސް ސަބަބުތަކާ ހުރެ، އިސްވެ ބަޔާންކުރެވުނު ފަދައިން، އިނގިރޭސީން އެބައިމީހުންގެ އިސްތިއުމާރުގެ ދަށުގައި އޮތް ބައެއް ގައުމުތަކަށް މިނިވަންކަން ދޭންފެށިއެވެ. މިގޮތުން 1947ގައި އިންޑިޔާއަށް މިނިވަންކަން ލިބި އަދި ޕާކިސްތާނު އުފެދުނެވެ. އަދި ސިލޯނަށް 1948ގައި މިނިވަންކަން ލިބުނެވެ. މިގައުމު ގައުމަކީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް ގައުމު ގައުމެވެ. އެހެން ނަމަވެސް ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ނުލިބެއެވެ. އިނގިރޭސީންގެ "ހިމާޔަތުގެދަށުގައި" އޮތް ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނީ ދާޚިލީ މިނިވަންކަމުގެ ނަމެވެ. އެހެނަސް އެއީ ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ޖިޒީ ކަނޑާލި އެއްބަސްވުން ނުވަތަ ދާޚިލީ މިނިވަންކަމުގެ ނަމުން މަޝްހޫރުވި އެއްބަސްވުމެއް ވެސްމެއެވެ. މާލޭގައި 24 އޭޕްރީލް 1948ގައި އިނގިރޭސީންނާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެވެ. މިއީ ސިލޯނަށް 1947ގައި މިނިވަންކަން ލިބުމަށްފަހު ދިވެހިރާއްޖެއިން އިނގިރޭސީންނަށް ދޭ ވެދުން ނުވަތަ ޖިޒީ ހިފައިގެން ދާދިއުން އާދަކާދައިގެ މަތިން ސިލޯނަށް ދާން ފަށައިފިނަމަ ސިލޯނު (މިހާރު ނަމަ ސްރީލަންކާ)ގެ ދަށަށް ރާއްޖެ ގޮސްފާނެތީ، އޭރު ދިވެހި ދައުލަތް ހިންގަވަން ހުންނެވި މުހައްމަދު އަމީނު ދީދީ ގައުމަށް ކޮށްދެއްވި އަގުނުކުރެވޭ ފަދަ ޚިދުމަތެއްކަން ތާރީޚު ދިރާސާ ކުރުމުން ސާބިތުވެ އެނގެން އެބައޮތެވެ.

ސިލޯނަށް 1947ގައި މިނިވަންކަން ދިނުމަށްފަހު، އިނގިރޭސީންގެ ދެކުނު އޭޝިޔާގެ "އެންމެ ލޮބުވެތި ކޮލޮނީ" ސިލޯނުގައި ހުރި އިނގިރޭސީންގެ އެކިއެކި މަރުކަޒުތައް ތަފާތު ސަބަބުތަކާ ހުރެ، އެހެން ތަނަކަށް ބަދަލުކުރަން ޖެހުނެވެ. މިގޮތުން އިނގިރޭސީން މިކަމުގައި ދުށީ މިކަމަށް އެންމެ ރަނގަޅީ ދިވެހިރާއްޖެ ކަމަށެވެ. އެއީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އައްޑުއަތޮޅު ގަމާއި، މާލެއަތޮޅު ދޫނިދޫ އަދި ތިލަދުންމަތީ ކެލާގައި އިނގިރޭސީން އަސްކަރީ އަދި މުވާސަލާތީ މަރުކަޒުތައް ގާއިމުކުރެވުނު ކަމަށް ވާތީ ވެސްމެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އައްޑުއަތޮޅު ގަމާއި ހިތަދޫ މާމެންދުއޭ ކިޔާ ސަރަހައްދުން 110 އޭކަރުގެ ބިން އިނގިރޭސީންނަށް 100 އަހަރަށް ކުއްޔަށްދޭން، ޑިސެމްބަރު 1956ގައި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ރަމްޒީ ސޮއިކުރައްވާފައިވެއެވެ.

މިކަމުގައި ދިމާވި ތަފާތު ސަބަބުތަކާ ހުރެ، ފާމުލަދޭރި ކިލެގެފާނު 11 ޑިސެމްބަރު 1957ގައި އިސްތިއުފާ ދެއްވިއެވެ. ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ދެކެވަޑައިގަތީ ދިވެހިރާއްޖެ ފަދަ ވަސީލަތްތައް މަދު، ކުޑަ ގައުމަކަށް ހަމަޖެހުމާއެކު ދެމިއޮވެވޭނީ ބޮޑުބާރެއްގެ ހިމާޔަތުގެ ދަށުގައި ކަމަށެވެ.

ރާއްޖޭގެ އެންމެ ފަހުގެ ރަދުން މުހައްމަދު ފަރީދު

ދެން ބޮޑުވަޒީރެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ރަދުން މުހައްމަދު ފަރީދަށް ލަފާއެރުއްވީ، އޭރުގެ ވަޒީރުއްދާޚިލިއްޔާ އިބްރާހީމް ނާސިރެވެ. އެމަނިކުފާނު 12 ޑިސެމްބަރު 1957ގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ.

ފާމުލަދޭރި ކިލެގެފާނުގެ ސިޔާސަތާ ޚިލާފަށް ނާސިރުގެ ސިޔާސަތެއް ކަމުގައި ކަނޑައެޅުއްވީ، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި އިސްތިގުލާލު ކުރިއަށް ނެރެ، ފުރިހަމަ މިނިވަންކަމާއެކު ބައިނަލްއަގުވާމީ މައިދާނަށް ނުކުތުން، އިނގިރޭސީން ފަދަ އިސްތިއުމާރީ ބާރެއްގެ ހިޔަލުގައި އޮތުމަށްވުރެ ދިވެހި ގައުމަށް ފާއިދާ ބޮޑު ކަމަށެވެ.

މި ހިސާބަށް ކަންތައް ދިޔައިރު އައްޑުއަތޮޅު ގަމުގައި ވައިގެ މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް އިނގިރޭސީން ވަނީ އެގައުމުގެ ކޮސްޓޭން ކުންފުންޏާ ހަވާލުކޮށްފައެވެ. ނަމަވެސް ގަމު މީހުން ޖެހިގެން އޮތް ފޭދޫއަށް ބަދަލުކުރުމުގެ ކަންތައް މުޅިން ހަމަނުޖެހޭތީ، މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދެއެވެ.

ހަމަ މި ދަނޑިވަޅުގައި އާ ސަރުކާރުން އަލަށް ތައާރަފް ކުރެއްވި އޮޑިދޯނިފަހަރު ރަޖިސްޓްރީ ކުރުމާއި އެއިން ފީ ނެގުމުގެ ގާނޫނާއި ރާއްޖެއިން ބޭރުން ގެންނަ ތަކެތީން މައުމޫލު ނެގުމުގެ ގާނޫނު ފަދަ ގާނޫނުތައްވީ، އައްޑުއަތޮޅު ރައްޔިތުން އެމީހުންގެ މައީޝަތު ނުވަތަ އިގްތިސާދު އެކަމަކަށް ހުއްޓިފައިވާ ކޮޅުނބު ދަތުރު ފަދަ ކަންތައްތަކަށް ބަލާއިރު އެމީހުންނަށް ބަލައިނުގަނެވޭ ފަދަ ކަންތައްތަކަކަށެވެ. އެއާ ގުޅިގެން 1 ޖެނުއަރީ 1959ގައި އައްޑުއަތޮޅުގައި ވަކި ވެރިކަމެއް އިއްލާނުކުރިއެވެ. މި އިއްލާނު ކުރެވުނު ވެރިކަމުގައި ފަހުން ހުވަދުއަތޮޅާއި ފުވައްމުލައް ވެސް ބައިވެރިވިއެވެ. މިވެރިކަން 23 ސެޕްޓެމްބަރު 1963 އާ ހަމައަށް ދެމިއޮތެވެ. މިކަންވީ ރާއްޖޭގެ ފުރިހަމަ މިނިވަންކަމަށްޓަކައި އިތުރަށް މަސައްކަތް ކުރަން ސަރުކާރަށް މަޖުބޫރުވި ކަމަށެވެ.

މިދުވަސްވަރު ދިވެހި ސަރުކާރާއި އިނގިރޭސީން 1960ގައި އެއްބަސްވީ އައްޑުއަތޮޅު ގަމާއި ހިތަދޫ މާމެންދުއޭ ކިޔާ ސަރަހައްދުން 110 އޭކަރުގެ ބިން އިނގިރޭސީންނަށް ކުއްޔަށްދޭނީ 1960އިން ފެށިގެން 30 އަހަރަށް ކަމަށެވެ. ބޮޑުވަޒީރު ނާސިރުގެ އާ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށްޓަކައި، ވަރަށް އަވަހަށް އަޅުއްވަން ފެއްޓެވި ތައްލީމު ފުޅާކުރެއްވުމާއި ވިޔަފާރި އަމިއްލަ ކުރެއްވުމާއި މުވާސަލާތު ގާއިމު ކުރެއްވުމުގެ ފޮނި ނަތީޖާ ފެނިގެންދިޔައީ އަވަސްކޮށެވެ. އިންގްލިޝް މީޑިއަމްގެ ތައްލީމާއި އޭ.ޓީ.އޭގެ ވިޔަފާރިއެވެ. ހުޅުލޭ އެއަރޕޯޓެވެ. ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަނެވެ. ރޭޑިއޯ ޓެލެފޯނުން އަތޮޅުތައް ގުޅާލުމެވެ. މިނޫންވެސް ކިތަންމެ ކަމެކެވެ. މިގޮތުން 105 އަހަރަށްފަހު ވޯރާ ވިޔަފާރިވެރިންގެ އިގުތިސޯދީ އަޅުވެތިކަމުން 1962ގައި ރާއްޖޭގެ ވިޔަފާރި މިނިވަންކުރެއްވީ ބޮޑުވަޒީރު ނާސިރުގެ ހިކުމަތު އަމަލީގެ ސިޔާސަތުންކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

މި ކާމިޔާބީތަކާ ގުޅިގެން މާލެއާއި ދިވެހި ސަރުކާރުގެ މަންދޫބުންނާއި އިނގިރޭސީންގެ މަންދޫބުންނާ ދެމެދު މިނިވަންކަމުގެ މަޝްވަރާތައް ކޮޅުނބުގައި ދާދި އަވަހަށް ފެށުނެވެ. ދެތިން އަހަރު ވަންދެން މިކުރެވުނު މަޝްވަރާތަކާއި ބޮޑުވަޒީރު އިބްރާހީމް ނާސިރާއި އެމަނިކުފާނުގެ ޓީމުގެ އިގްތިސާދީ އަދި ސިޔާސީ މިނިވަންކަމުގެ ހިކުމަތުގެ އަމަލީގެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން 26 ޖުލައި 1965ގައި ރާއްޖެއަށް މިނިވަންކަން ލިބުނީއެވެ.

ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ތާރީޚުގައި މުޅި ދުނިޔެއިންވެސް ފާހަގަކުރެވޭ ގައުމެކެވެ. ރާއްޖެ 548ހ.، 1153މ. ގައި އިސްލާމްވެ ތާރީޚު ތަފުސީލުކޮށް އެނގެން ފެށިތާ މިވީ 893ހ، 867މ، އަހަރުގައި، ފޯޗްގީޒުންގެ ދަށުގައި އޮތް 16 އަހަރަށްވުރެ މަދު އަހަރުތަކާއި، ހޮޅީން އަތްދަށުގައި އޮތް ހަތަރު މަހަށްވުރެ މަދު ދުވަސްތަކާއި އިނގިރޭސީންގެ ހިމާޔަތުގައި އޮތް 77 އަހަރު ފިޔަވައި އެހެން ހުރިހާ ޒަމާނެއްގައި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *