Support Us

މަގުފޭރެން އުޅުނު މީހަކު، އެންމެ ފަހުން މުޅި އުންމަތް ފަޚުރުވެރިވާ ފަދަ އިމާމަކަށް!

އެއީ ހިޖުރައިން ދެވަނަ ޤަރުނުގައި އުޅުނު މީހެކެވެ. ނަމަކީ ފުޟައިލްއެވެ. އޭނާއަކީ އަބޫވާދް އާއި ސަރަޚާސް އޭ ކިޔުނު ދެ ޝަހަރުގެ ދެމެދުގައި މަގުފޭރެން އުޅުނު މީހަކެވެ. އެއީ މިހާރުގެ ގޮތުންނަމަ، އީރާނާއި ސީރިޔާ ގުޅޭ ހިސާބުގަނޑެވެ.

ފުޟައިލްއަކީ މަގުފޭރުމުގައި ހައްދުފަހަނައަޅައިފައި ހުރި ބަދައްވެކެވެ. އެގޮތުން އޭނާއަކީ ސީރިޔާއާއި ޚޮރާސަނުގައި މަގުފޭރެމުންދިޔަ ޖަމާއަތުގެ ކޮމާންޑަރެވެ. އެންމެ މައި މުލެވެ. އޭނާގެ ކަމަކީ އެ ސަރަހައްދުން ދަތުރުކުރާ ވިޔަފާރި ޤާފިލާތަކާއި އާންމު ފަރުދުންނަށް ޖަމާއަތް ހަދައިގެން ހަމަލާދީ އެބައިމީހުންގެ އަތުން އަގުބޮޑު މުދަލާއި ފައިސާ ފޭރުމެވެ. މިކަމުގައި އޭނާ ވަނީ މުޅި ޝަހަރަށް މަޝްހޫރުވެފައެވެ. އަބޫވާދް އާއި ސަރަޚާސްއާ ދެމެދު އޮންނަ މަގުން ދަތުރުކުރާ އެންމެހާ ދަތުރުވެރިންނާއި ވިޔަފާރި ގާފިލާތަކަށް ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި ފާރަލައި ކޮޅުކޮޅު ހޯދައި ބަލައެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ މީހުންތައް އަބަދުވެސް ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެބައިމީހުންގެ ޖާނާއި މާލު ފުޟައިލުގެ ކިބައިން ސަލާމަތްވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނޯންނާތީއެވެ. އޭނާ އަކީ އެހާވެސް ނުރައްކާތެރި މީހެކެވެ.

ކޮންމެއަކަސް އިސްވެ ދެންނެވި ދެ ޝަހަރުގެ ދެމެދުގައި އޮންނަ ކުޑަކުޑަ އަވަށެއްގައި ފުޟައިލު ވަރަށް ލޯބިވާ ޒުވާން އަންހެން ކުއްޖަކު އުޅުނެވެ. އެއް ރެޔަކު އެ އަންހެން ކުއްޖާ ދެކިލައި އޭނާއާ ބައްދަލުކޮށްލުމަށް ފުޟައިލު އިންތިހާ އަށް ބޭނުންވިއެވެ. އެހެންކަމުން އެ އަންހެންކުއްޖާ ދިރިއުޅޭ ގޭގެ ފާރުމަތިން އަރަން ފުޟައިލް މަސައްކަތްކުރިއެވެ. ފާރުގައި އެލިގަތްތަނާ މީހަކު ޤުރުއާން ތިލާވަތުކޮށް، ކިޔަވަމުން ދިޔަ އަޑު ފުޟައިލުގެ ކަންފަތުގައި ޖެހުނެވެ. އެއީ ސޫރަތުލް ޙަދީދްގެ 16 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

‎أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّـهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِن قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ

‎މާނައީ:- اللَّه ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެ ކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަ މީހުންނީ فاسقންނެވެ.

‎މިއާޔަތް ކިޔެވެމުންދިޔަ އަޑު ފުޟައިލުގެ ކަންފަތުގައި ޖެހުމާ އެކު އޭނާ ހުއްޓުން އެރިއެވެ. މުޅި މީހާ ގަނޑުވިއެވެ. ﷲ ސުބުޙާނަހޫ ވަޠަޢާލާގެ ރަޙުމަތުން އޭނާގެ ހަރުވެފައިވާ ހިތް ހުޅުވިގެން ދިޔައެވެ. އުންޑައެއްހެން މި އާޔަތް ގޮސް އޭނާގެ ހިތަށް ވަދެގެން ދިޔައިރު ހީވީ މީހާ އަސަރުކުރުވަނިވި ބަސްތަކެއް ކުރިން ދުވަހަކުވެސް އަޑުއަހާފައި ނުވާހެނެވެ. ދުލުކޮޅުން ބުނެވުނުހާވެސް ބަހަކީ "بَلَا يَا رَبِّ قَد آن" (ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. މިއަޅާގެ ވެރި ރަސްކަލާކޯއެވެ. ހަމަ ކަށަވަރުން އެވަގުތު ޖެހިއްޖެއެވެ.)

މި އާޔަތް އަޑުއިވުމާއެކު ފުޟައިލުގެ ހިތަށް ކުރި ފުންއަސަރެއްގެ ބޮޑުކަމުން ކުރީގެ ދިރިއުޅުން ދޫކޮށް ހެޔޮ މަގަށް ރުޖޫޢަވުމަށް އޭނާ ހިތުނިޔަތްގަތެވެ. އެހެންކަމުން އެ ސަރަހައްދު ދޫކޮށް އޭނާގެ މަންޒިލަށް ދިޔުމަށް ވަގުތުން ދަތުރުފެއްޓިއެވެ. ކަން ދިމާކުރި ގޮތުން ދަތުރުގެ ވަކި ހިސާބަކުން ފުޟައިލް އަށް އެރޭ ހިޔާވަހިކަން ހޯދަން ޖެހުނީ ވީރާނާވެފައި، ފަޅަށް ހުރި އިމާރާތަކުންނެވެ. އޭނާ އެތަނަށް ވަންއިރު އެތަނުގައި ދަތުރުވެރިންތަކެއް މަޑުކޮށްލައިގެން ތިއްބެވެ. އެމީހުން ދިޔައީ ކޮންމެވެސް ކަމަކާމެދު މަޝްވަރާތަކެއް ކުރަމުންނެވެ. އެގޮތުން އޭގެ ތެރެއިން އެކަކު ބުނާ އަޑު އިވުނެވެ. "އަހަރުމެންގެ ދަތުރު އަނެއްކާވެސް ކުރިއަށްގެންދަމާ ހިނގާށެވެ." ޖަވާބުގައި އެހެން މީހަކު ބުނާއަޑު އިވުނެވެ. "ނޫނެކެވެ. ހެނދުނު ނުވަނީީސް އަހަރުމެންގެ ދަތުރު ކުރިއަކަށް ނުގެންދާނަމެވެ. މިއީ ފުޟައިލް ދިރިއުޅޭ ސަރަޙައްދެވެ. އޭނާ މިހާރު އަހުރެމެން ފޭރިގަތުމަށްޓަކައި މަގުގެ ކޮންމެވެސް ހިސާބެއްގައި ފާރަލައިގެން މަޑުކޮށްގެން ހުންނާނެއެވެ."

ކޮންމެއަކަސް މިބައިމީހުންގެ ވާހަކަތައް އަޑުއަހަން ހުރުމަށްފަހު، ފުޟައިލް އޭނަގެ އަމިއްލަ ނަފްސަށް ބުންޏެވެ. "އަހަރެން ރޭގަނޑުގެ ވަގުތުގައި މިދަނީ ފާފަކުރަމުންނެވެ. ނަމަވެސް މި މުސްލިމް ޖަމާއަތް މިތަނުގައި ފިލާ މި ތިބެނީ އަހަރެން ދެކެ ގަންނާކުރައްވާ ބިރަކުންނެވެ. އަހަންނަށް ހީވާގޮތުގައި މިރޭ އަހަރެންނަށް އެމީހުންނާ ދިމާވުމަށް ‏‏ألله ތަޢާލާ މެދުވެރިކުރެއްވީ އަހަރެންނަށް މިކަމުން ފިލާވަޅެއް ލިބުގަތުމަށެވެ. އިބުރަތް ހާސިލްވެ، ކުރެވެމުން މިދާ ފާފަތައް ނިމުމަކަށް ގެނައުމަށެވެ."

އެއަށްފަހު ފުޟައިލް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތަށް ދުޢާ ދަންނަވަން ފެއްޓިއެވެ. "ޔާ ألله! މިއަޅާ އިބަ އިލާހުގެ ހަޒުރަތަށް ތަޢުބާވަމެވެ. މިއަޅާގެ ފާފަތައް ފުއްސަވާފާނދޭވެ. މި ތައުބާއާ އެކު މިއަޅާ ދެން ދިރިއުޅޭނީ އިބައިލާހުގެ ގެފުޅުވާ ބިމުގައެވެ."

މި ހާދިސާއަށްފަހު ފުޟައިލް އޭނާގެ ފޭރިގަތް މީހުންގެ ތެރެއިން އޭނާއަށް އެނގޭ މީސްތަކުންގެ ކައިރިޔަށް ގޮސް އެމީހުންނަށް ލިބުނު ގެއްލުމުގެ އަގު އަދާކޮށް އެބައިމީހުންގެ ކިބައިން މާފަށް އެދުނެވެ. އެންމެފަހުން މީސްތަކުންނަށް ބަދަލު ދެމުންދެމުން ގޮސް އޭނާގެ ހުރިހާ މުދާތަކެއް ހުސްވުމުން ބަދަލު ނުދެވި ތިބި މީހުންގެ ކައިރިޔަށް ގޮސް މާފުދޭތޯ އެބައިމީހުން ކައިރީ ރޮއެ އާދޭސްކުރިއެވެ.

އެއަށްފަހު ފުޟައިލް…! އާދެ އިމާމް އަލް ފުޟައިލް އިބުނި އިޔާދު މައްކާ އަށް ހިޖުރަކުރައްވައި އަވަހާރަ ވަންދެންވެސް ދިރިއުޅުއްވީ މައްކާގައެވެ. ‎އަދި މަޝްހޫރު އެތައް ޢިލްމުވެރިންނެއް ކިބައިން ޢިލްމު ހާޞިލްކުރެއްވިއެވެ. އެގޮތުން މުޅި އިސްލާމީ އުންމަތް އެބޭކަލަކަށްޓަކައި ފަޚުރުވެރިވާ ފަދަ އިމާމަކަށް ވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ފަރާތްޕުޅުން އެތައް ބަޔަކު ދަރިވަރުވެގެން ދިޔައެވެ. އޭގެތެރޭގައި އަހުލުއްސުންނަތް ވަލްޖަމާއަތުގެ ހަތަރު މަޛްހަބުގެ ތެރެއިން ޝާފިޢީ މަޛްހަބުގެ އިމާމް ކަމަށްވާ، އިމާމް އައްޝާފިޢީގެ ހިމެނިވަޑައިގަންނަވައެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ތިބާއާއި އަޅުގަނޑަށްވެސް ތަޢުބާވުމުގެ ދޮރުވަނީ ހުޅުވިފައެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވިޔަސްމެއެވެ. ކީރިތި ޤުރުޢާނުގެ އައް ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ."

އަދިވެސް ޤުދުސިއްޔާ ހަދީސްއެއްގެ މާނަގައިވެއެވެ.. އާދަމުގެ ދަރިޔާ އުޑާއި ބިމާއި ދެމެދު ފުރޭހާ ގިނަ ފާފަތަކައިގެން އަޔަސް، ތިމަން ﷲގެ ހަޟުރަތަށް ތަޢުބާ ވެއްޖެ މީހެއްގެ ފާފަ ފުއްސަވައި ދެއްވާނެއެވެ. އެހެންކަމުން ތަޢުބާވުން ލަސްނުކުރާށެވެ. ގިނަގިނައިން ތަޢުބާވާ އަޅުތަކުން ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.

މަސްދަރު: މި ވާހަކައަކީ މުފްތީ އަބްދުއްރަޙުމާން ބުން ޔޫސުފްގެ ދަރުހަކުންނާއި، އިސްލާމިކު ސްޓޯރީސް ޑޮޓްކޮމް އަދި ghmuslimyouthconnect.blogspot.com މަޢުލޫމާތު ނަގައި އެކުލަވާލާފައިވާ ވާހަކައެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *