...

Support Us

ކުރު ވާހަކަ: އިންސާނާއެވެ! ދެން ވެސް ބޮޑާވެ ކިބުރުވެރިވަނީ ހެއްޔެވެ؟

ކުއްތާ ގާތު ބުނެވުނެވެ. އާދަމުގެ ދަރިންގެ ގޭގޭގެ ފާރަވެރިޔާއަށް ކަލޭ ވާށެވެ! އަދި، އިންސާނާއަށް އެންމެ ވަފާތެރި ރަހުމަތެރިޔާއަށް ވެސް ކަލޭ ވާނެއެވެ. އޭގެ ބަދަލުގައި އިންސާނާ ބާކީ ކުރާ ކާތަކެތިން އެތިކޮޅެއް އޭނާ ކަލެއަށް ދޭނެއެވެ. ދެން، ކުއްތާއަށް އިއްވުނެވެ. ދުނިޔޭގައި އުޅެން ކަލެއަށް ތިރީސް އަހަރު ލިބޭނެއެވެ.

ކުއްތާ ދެންނެވިއެވެ. ތިރީސް އަހަރު އަޅާއަށް މާ ގިނައެވެ. ފަނަރަ އަހަރު އަޅާއަށް ފުދެއެވެ. ދެން، ކުއްތާ އެދުނު ގޮތަށް ކަންތައް ނިމި އޭގެ އުމުރު ކަމުގައި ފަނަރަ އަހަރު ހަމަޖެހުނެވެ.

ގަސްގަހުގެ އެއް ގޮފިން އަނެއް ގޮތްޕަށް ކަލޭ ފުމި ދުވާނެއެވެ. އަދި، މީސްތަކުން ހެއްވުމަށްޓަކައި އެކިއެކި އުކުޅުތައް ކަލޭ ހަދާނެއެވެ. އެކަމަށްޓަކައި ކަލެއަށް ވިހި އަހަރުގެ އުމުރެއް މިންވަރު ކުރެވިގެން ވެއެވެ. ސަމާވީ އަޑެއްގެ ނިންމުން މަކުނަށް އިވުނެވެ.

ދެން މަކުނު ދެންނެވިއެވެ. އަޅާއަށް ވިހި އަހަރު މާ ގިނައެވެ. އަޅާއަށް ދިހަ އަހަރުން ފުދޭނެއެވެ. ދެން މަކުނަށް ވެސް އޭތި ބޭނުންވި ގޮތަށް ކަންތައް ހަމަޖެހި އޭގެ އުމުރު ކަމުގައި ދިހަ އަހަރު ހަމަޖެހުނެވެ.

ދެން، ހިމާރަށް އިއްވުނެވެ. ކަލެއަށް އޮތީ އެއްވެސް ޝަކުވާއަކާ ނުލައި، އިރު އެރީއްސުރެން އިރު އޮއްސެންދެން، ބުރަތަކެތި ކަލޭގެ ބުރިކަށިމަތީ އުފުލައި ބަރު މަސައްކަތްކުރުމެވެ. ކަލެއަށް ގޮދަން ކާންލިބޭނެއެވެ. ނަމަވެސް، ކަލެއަށް ތޫނުފިލިކަމުގެ ކަންފުޅެއްހާ ހިސާބު ވެސް ނުލިބޭނެއެވެ. ދުނިޔޭގައި އުޅެން ކަލެއަށް ފަންސާސް އަހަރުގެ އުމުރެއް ލިބޭނެއެވެ.

ދެން، ހިމާރު ދެންނެވިއެވެ. އަޅާ ވާނީ ހަމަ ހިމާރަކަށެވެ. އެހެންވީމާ، ތިހާ ދިގު އުމުރެއް އަޅާ އަކަށް ބޭނުން ނުވެއެވެ. ވިހި އަހަރު އަޅާއަށް ފުދޭނެއެވެ. ދެން ހިމާރަށް ވެސް އޭތި ބޭނުންވި ގޮތަށް ކަންތައް މިންވަރުކުރެވި، އޭގެ އުމުރު ކަމުގައި ވިހި އަހަރު ހަމަޖެހުނެވެ.

ދެން އިންސާނާއަށް އިއްވުނެވެ. އޭ އިންސާނާއެވެ! ކަލެއަށް ވިސްނުމާއި ފިކުރުކުރުމުގެ ބާރު ދެއްވައި، އެހެން ހުރިހާ މަޚުލޫގުތަކުންގެ މައްޗަށް ވެރިވުމުގެ ބާރު ކަލެއަށް ދެއްވައިފިއެވެ. ކަލޭގެ އެ ބާރު ބޭނުންކޮށްގެން ދުނިޔެ ރީތިކޮށް އިމާރާތްކުރުމަށްޓަކައި ދުނިޔޭގައި އުޅުމަށް ކަލެއަށް ވިހި އަހަރު މިންވަރު ކުރެވިއްޖެއެވެ.

ދެން އިންސާނާ ދެންނެވިއެވެ. އެންމެ ވިހި އަހަރުތޯއެވެ؟ އެވަރު އަޅާއަށް މާ މަދެވެ. އޭގެ އިތުރުން ހިމާރު ބޭނުންނުވި ތިރީސް އަހަރާއި މަކުނު ބޭނުން ނުވި ފަނަރަ އަހަރާއި ކުއްތާ ބޭނުން ނުވި ދިހަ އަހަރު ވެސް އަޅާ ބޭނުމެވެ. ދެން، އިންސާނާއަށް އޭނާގެ ބޭނުންވި ގޮތަށް އޭނާގެ އުމުރު ހަމަޖެހުނެވެ.

ދެން އެ ދުވަހުން ފެށިގެން، އިންސާނެއްގެ ގޮތުގައި ވިހި އަހަރު އޭނާ ހޭދަކުރެއެވެ. އެއަށްފަހު އޭނާ ކައިވެނިކޮށް، ހިމާރުގެ އަތުން ހޯދި ތިރީސް އަހަރު ދުވަހުގައި ހިމާރެއްގެ ގޮތުގައި އޭނާ ދުނިޔޭގައި އުޅެއެވެ. އިރު އެރީއްސުރެން އިރު އޮއްސެންދެން އޭނާގެ ބުރިކަށި ބިންދައި މަސައްކަތް ކުރުމުގައެވެ.

އެއަށް ފަހު އޭނާގެ ކުދިން ބޮޑެތިވެ ދިޔުމުން، ކުއްތާ އަތުން ހޯދި ދެން އޮތް ފަނަރަ އަހަރު ކުއްތާއެއްހެން ކުދިންނަށްޓަކައި ގެ ބެލުމުގައި އޭނާ އުޅެއެވެ. ކުދިން ބާކީކޮށްފައި ދޭ އެތިކޮޅު ކައި ހަދައެވެ.

ދެން، ދުވަސްވެ، މުސްކުޅި ކުރެވުމުން، މަކުނު އަތުން ހޯދި ދިހަ އަހަރުގައި މަކުނެއްހެން ދުނިޔޭގައި އުޅެއެވެ. އޭނާގެ އެކި ދަރިންގެ ގޭގެއަށް ގޮސް، އޭނާގެ ކާފަ ދަރިންނާއެކު ކުޅެ އެކުދިންނަށް މަޖާ ވާހަކަ ކިޔައިދީ އެކުދިން ހެއްވައި އުޅުމުގައެވެ.

އޭ އާދަމުގެ ދަރިޔާއެވެ! ކަލޭގެ ހަޔާތުގެ މަރުހަލާތައް އޮންނަނީ މިކަހަލަ ގޮތަކަށް ކަމަށްވާ އިރު، އެހެން އާދަމުގެ ދަރިންނަށް އަނިޔާދީ އެމީހުންގެ މައްޗަށް ކަލޭ ބޮޑާވެގަނެ ކިބުރުވެރި ތިވަނީ ކީއްވެ ހެއްޔެވެ؟

(ތަރުޖަމާއެއް)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.