Support Us

ތިމާވެށީގެ ކަންކަން ކައުންސިލްތަކުން ބަލަހައްޓާގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީޤުކުރައްވައިފި

ތިމާވެށީގެ ކަންކަން ކައުންސިލްތަކުން ބަލަހައްޓާގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް ތިން ވަނަ އިޞްލާޙު ގެނައުމުގެ މި ބިލަކީ، މި ހިނގާ ނޮވެންބަރު މަހުގެ 16 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ހަމަ އެއާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.

މި ގާނޫނުގައި އިސްލާހުކޮށްފައި ވަނީ ކައުންސިލުތަކުން މި ޤާނޫނާ ގުޅުން ހުރި ބައެއް ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ. އެގޮތުން މި ގެނައި އިޞްލާޙުގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

އަދި މި މާއްދާގެ (ހ) ގެ ދަށުން އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ އުޞޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރުމަށް ކަނޑައަޅުއްވާފައިވެއެވެ. ހަމަ އެއާއެކު މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޚިދުމަތްތަކާ ގުޅިގެން މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަޞީލަތްތަކާއި އެހީތެރިކަން ކައުންސިލުތަކަށް ފޯރުކޮށްދޭންވާނެ ކަމަށާއި، އަދި ކައުންސިލުތަކަށް ފައިސާއާއި ވަޞީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް މި މާއްދާގެ (ށ) ގައިވާ ޤަވާއިދުގައި ބަޔާންކުރުމަށްވެސް މި ޤާނޫނުގައި ކަނޑައަޅުއްވާފައިވެއެވެ. މީގެ އިތުރުންވެސް މި އިޞްލާޙުގެ ސަބަބުން އައި ބަދަލުތައް މި ޤާނޫނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ޤަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމުގައިވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *