Support Us

ބޮޑުވަޒީރު ޝައިޚް ޙަސީނާއާ ނައިބު ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަރިހަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުމަކީ އެތައް ޒަމާންތަކަށް ދެމިގެންގޮސްފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާއާއި ބަންގްލަދޭޝްގެ ފައުންޑިންގ ލީޑަރ ޝައިޚް މުޖީބުއްރަޙްމާންގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ މުނާސަބަތުގެ، ތަހުނިޔާ އާއި ހެޔޮއެދުންތައް ބަންގްލަދޭޝްގެ ބޮޑުވަޒީރަށް އަރިސްކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމާއި ދެޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑްވާންސްޑް ނާސިންގ އެޑިއުކޭޝަން އެންޑް ރިސާޗް (އެން.އައި.އޭ.އެން.އީ.އާރު.) އަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެތަނުގައި ތިއްބެވި ބަންގްލަދޭޝްގެ ވަފްދުގެ ބޭފުޅުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ޒިޔާރަތުގައި އެޤައުމުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއަކީ އެތައް އަހަރެއްވީ ގާތްގުޅުމެއް އޮންނަ ދެ ޤައުމުގެ އިތުރުން ދެ ޤައުމަކީވެސް ގިނަ ކަންކަމުގައި ކަންކުރާގޮތްތަކާއި ހިފަހައްޓާ އުސޫލުތައް ވަރަށް އެއްގޮތް ދެ ޤައުމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޒުވާނުންގެ ތަރައްޤީއާއި، ދުޅަހެޔޮކަމަށާއި ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒީ އުޞޫލުން ތަރައްޤީކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިއަދު ވަނީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ، ޒާހިދު މަލީކްއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ މިނިސްޓަރ ވަނީ ޞިއްޙީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، ޞިއްޙީދާއިރާގެ ވަކި ރޮނގުތަކަށް ޚާއްޞަވުމަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދެ ބޭފުޅުން ވަނީ ޞިއްހީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ހުނަރާއި ތަޖުރިބާ ޙިއްޞާކުރުމާއި ބަންގްލަދޭޝްގެ ޚާއްޞަ ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ހިމެނޭ ޓީމެއް ރާއްޖެއަށް ޒިޔާރަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ހަމަ އެހެންމެ ދިވެހި ޞިއްޙީ ޚިދުމަތްތެރިންގެ ހުނަރާއި ތަޖުރިބާ އިތުރުކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ދިވެހި ޞިއްޙީ ޚިދުމަތްތެރިންނަށް ބަންގްލަދޭޝްގައި ތިބެ ކުރު މުއްދަތުގެ ހުނަރާއި ތަޖްރިބާ ހޯދުމަށް މަގުފަހިކުރުމާއި ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ގެ ވެކްސިން ދިނުމުގައި، ވަކި ޤައުމެއްގެ ބައެއް ތަފާތުކުރުމެއްނެތި ރާއްޖޭގައި ދިރިއުޅޭހުރިހާ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒް ހިލޭ ފޯރުކޮށްދީ ވެކްސިން ދިނުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާތީ އެކަމަށްޓަކައި ރާއްޖެއަށް ތަޢުރީފު ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ ކޯވިޑް-19 ބަންގަލްދޭޝްގައި ފެތުރުން ކޮންޓްރޯލްކުރުމުގައި އެ ޤައުމުން އަމަލުކުރި ގޮތުގެ ފުރިހަމަކަން ފާހަގަކުރައްވައި ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަޢުރީފުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންގެ ހިމެނޭ ވަފްދެއް ބައިވެރިވަޑައިގަންނަވައެވެ.