Support Us

ކުރު ވާހަކަ: ދެ ދަތުރުވެރިންނާއި ރާމާމަކުނު ރަސްގެފާނު

(ދިވެހިކޮށްލުމެއް)

ދެ ދަތުރުވެރިން އެކުގައި ޖަންގަލީގައި ދަތުރުކުރަމުންދިޔައެވެ. މީގެ ތެރެއިން އެކަކީ އަބަދުވެސް ތެދުބުނެ، ތެދަށް ވާހަކަދައްކައި އުޅޭ މީހެކެވެ. ހަގީގަތާ އެއްގޮތަށް އެއްޗެހި ބުނެ، އިޚުލާސްތެރިކަމާއެކު އަމިއްލަ ޚިޔާލުފާޅުކޮށް، ވާހަކަދައްކައި އުޅޭ މީހެކެވެ. އަނެކަކީ މުޅިންވެސް ދޮގުހަދާ މީހެކެވެ. ހަގީގަތަށް ބެލުމެއްނެތި، އަމިއްލަ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތިން، އެއްޗެހި ބުނެ ޚިޔާލުފާޅުކޮށް އުޅޭ މީހެކެވެ. ދޮގު ހަދާ މީހާ އަބަދު ވެސް ބުނަމުން ދިޔައެވެ. ފައިދާ އޮތީ ދޮގު ހެދުމުގައެވެ. މަކަރާއި ހީލަތް ހެދުމުގައެވެ. ދުނިޔެ ލިބޭނީ އޭރުންނެވެ.

ދެ ދަތުރުވެރިން ޖަންގަލީގައި ދަތުރުކުރަމުން ދަތުރުކުރަމުން ގޮސް ރާމާމަކުނުގެ ރާއްޖެއަށް ދެވުނެވެ. އަދި ރާމާމަކުނު ރާއްޖޭގެ ރަސްގެފާނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ލިބުނެވެ. ދެން، ދެ ދަތުރުވެރިން ރާމާމަކުނު ރަސްގެފާނުގެ އަރިހަށް ޒިޔާރަތްކުރިއެވެ. ރާމާމަކުނު ރަސްގެފާނުގެ ދަރުބާރު އޮތީ ވަރަށް ބޮޑަށް ޒީނަތްތެރިކުރެވިފައެވެ. އަދި ރާމާމަކުނު ރަސްގެފާނުގެ ހައިބަތު ދައްކާލުމުގެ ގޮތުން ރަސްގެފާނު ތަޚުތުގައި އިންނެވިއިރު، ތަޚުތުގެ ދެފަރާތުގައި ރަސްގެފާނުގެ ވަޒީރުންނާއި އައުވާނުން ތިއްބެވިއެވެ. ރަސްގެފާނުގެ އަމުރުފުޅެއް އަތުވެދާނެތީ އެ އަމަރުފުޅަށް ތަބާވުމަށް ތައްޔާރުގައެވެ.

ދެން މާގިނަ އިރުތަކެއް ނުވަނީސް، އަޅުގަނޑުމެންގެ ދެ ދަތުރުވެރިންނާ ރަސްގެފާނު މުޚާތަބުކުރައްވައި ބަސްފުޅު އިއްވެވިއެވެ. "އަހުރެން، ރާމާމަކުނު ރަސްގެފާނާއި އަދި އަހުރެންގެ ރައްޔިތުންނާ މެދު ކަލޭމެންގެ ޚިޔާލަކީ ކޮބާ ހެއްޔެވެ؟"

ދެ ދަތުރުވެރިން ކުރެ ދޮގުހަދާ ދަތުރުވެރިޔާ ޖަވާބު ދިނުމަށް އަވަސްވެގަނެ، ރަސްގެފާނަށް ދެންނެވިއެވެ. "މާތް މަނިކުފާނަކީ ދުނިޔޭގައިވާ އެންމެ މޮޅު އިލުމުވެރި ހިކުމަތްތެރި، މާތް ވެރިޔާއެވެ. އަދި މަނިކުފާނުގެ ރައްޔިތުންނަކީ ވަރަށްވެސް އިޚުލާސްތެރި ކިޔަމަންތެރި ބައެކެވެ. އެމީހުންނަކީ، އެމީހުންނަށް ލިބިފައިވާ މަތިވެރި ހިކުމަތްތެރި ރަސްގެފާނަށްޓަކައި، އަބަދުމެ ޝުކުރުއަދާކުރަން ޖެހިފައިވާ ބައެކެވެ."

ދޮގުހަދާ ދަތުރުވެރިޔާގެ ޖަވާބާ މެދު ރަސްގެފާނު ހިތްޕުޅާ ހަމަކުރެއްވިއެވެ. އަދި، އޭނާއަށް ރަނުންނާއި ޖަވާހިރުން އިނާމު ދެއްވިއެވެ. ދެން ތެދުބުނާ މީހާގެ ރައުޔަކީ ކޮބައިކަމާ މެދު އޭނާއާ ރާމާމަކުނު ރަސްގެފާނު ސުއާލުކުރެއްވިއެވެ.

ތެދުބުނާ ދަތުރުވެރިޔާ ވަރަށް އަދަބުވެރިކަމާ އެކު ރާމާމަކުނު ރަސްގެފާނަށް ދެންނެވިއެވެ. "ރަސްގެފާނަކީ ހަމަ ވަރަށް ފުރިހަމަ ރާމާމަކުނެކެވެ. އަދި ރަސްގެފާނުގެ ރައްޔިތުންނަކީ ވެސް ހަމަ އެފަދައިން ފުރިހަމަ ރާމާމަކުނުންނެވެ. ރާމާމަކުނުންގެ ހުރިހާ ސިފައެއް ވެސް މަނިކުފާނުގެ ކިބަފުޅުން ވެސް އަދި މަނިކުފާނުގެ ރައްޔިތުންގެ ކިބައިން ވެސް ފެނެއެވެ."

ތެދުބުނާ ދަތުރުވެރިޔާގެ ޖަވާބާ މެދު ރާމާމަކުނު ރަސްގެފާނު ހިތްޕުޅުހަމަޖެހިވަޑައިނުގަތެވެ. ތެދުބުނާ ދަތުރުވެރިޔާގެ ޖަވާބުގައި އެއްވެސް ދޮގެއް އެކުލެވިގެން ނުވިކަމުގައި ވިޔަސް، އޭނާގެ ޖަވާބުން ރާމާމަކުނު ރަސްގެފާނަށް، އެމަނިކުފާނުގެ ހަގީގަތް ހަނދާންކޮށްދިނީތީއެވެ. އެމަނިކުފާނަކީ އަދި އެމަނިކުފާނުގެ ރައްޔިތުންނަކީ ވެސް ރާމާމަކުނުންކަން ގަބޫލުކުރައްވަން ޖެހިވަޑައިގަތީތީއެވެ. މިކަމާ ކޯފާއިސްކުރައްވައި، ތެދުބުނާ ދަތުރުވެރިޔާ ރާމާމަކުނު ރަސްގެފާނުގެ ދަރުބާރުން ވެސް، އަދި ރާމާމަކުނުންގެ ރާއްޖެއިން ވެސް، އަވަހަށް ބޭރުކުރުމަށް ރަސްގެފާނުގެ ސިފައިންނަށް އަމުރުފުޅު ކުރެއްވިއެވެ.

ރަސްގެފާނުގެ ސިފައިން އައިސް ތެދު ބުނާ ދަތުރުވެރިޔާ ބޭރުކުރަން ދިޔަ ވަގުތު، ދޮގު ހަދާ ދަތުރުވެރިޔާ، ތެދު ބުނާ ދަތުރުވެރިޔާގެ ކަންފަތް ބުޑުގައި މަޑުމަޑުން ބުންޏެވެ. "ކޮބާ އަހަރެން ބުނީމު ނޫން ހެއްޔެވެ؟ ފައިދާ ލިބޭނީ ދޮގު ހަދައިގެންނެވެ. ޚުޝާމަދުކޮށް ދޮގު ތައުރީފުތައް ކޮށްގެންނެވެ. އެހެން ނޫނީ ވަޒީފާ ގެއްލި، ރަސްގެފާނުގެ ދަރުބާރުން ބޭރުކުރެވި، ނިކަމެތި ކޮށްލެވޭނެއެވެ! ކަލެއަށް އެކަން ތި ދަސްވީ އަމިއްލަ ތަޖުރިބާއިންނެވެ!"