Support Us

ދީން ޙިމާޔަތްކުރުމުގައި ވަޤުފުގެ ދައުރު

ހިތާމައިގެ ކޮޅެއްނެތެވެ. މިއަދުގެ ގިނަ މުސްލިމު ގައުމުތައް ވަނީ ވަޤުފުގެ ޙަޟާރަތުގައި ކޮޅުފައިން ޖަހައިފައެވެ. އެކަމަށް އިޝާރާތްކުރައްވާ القرضاوي ވިދާޅުވިއެވެ. "ހަމަކަށަވަރުން ހުޅަނގު މީހުން އިސްލާމީ ޙަޟާރަތުގައި ވަޤުފު އަދާކުރި ދައުރުން ފިލާވަޅު ލިބިގަތެވެ. އަދި އެ ވަސީލަތުން އެ މީހުންގެ ދީނާއި ދުނިޔެ އާރާސްތުކުރުމަށް މަގުފަހިކޮށްގަތެވެ. އަދި ވިދާޅުވިއެވެ. އިސްލާމީ ދުނިޔެ ވަނީ ތަޢުލީމާއި ޞިއްޙަތާއި އަދި އަސާސީ ޚިދުމަތުގެ ރޮނގުން ތަރައްޤީއަށް ނުހަނު ބޭނުންވެފައެވެ. އެއާއެކު ވެސް އިސްލާމީ ދުނިޔޭގައި މަސައްކަތް ނުކުރާ ބައިވަރު ވަޤުފުތައް އެބަހުށްޓެވެ. (القرضاوي، نظام الوقف، ص. 27)

1- ދީނުގެ މާނަ: ޢަރަބި ބަހުގައި ދީނުގެ ލަފުޒު ތަފާތު މާނައިގައި އާދެއެވެ. އެއީ: ބައެއް ފަހަރު "الجزاء"ގެ މާނައިގައި އާދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.{أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ} މާނައީ: ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު ހަމަކަށަވަރުން، ތިމަންމެންނީ ޖަޒާ ލިބޭނޭ ބަޔަކު ހެއްޔެވެ؟ (سورة الصافات، رقم الآية 53.) އަދި ބައެއް ފަހަރު "الحساب"ގެ މާނައިގައި އާދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ} މި ޔާޔަތުގައިވާ "الدين"ގެ މާނަ ބައެއް މުފައްސިރުން ކުރައްވާފައިވަނީ "الحساب" ގެ މާނައިގައެވެ. އިސްވެދިޔަ އާޔަތުގެ މާނަ ޤުރުއާނުގެ ތަރުޖަމާގައި ވަނީ އަންނަނިވި ގޮތަށެވެ. "ފަހެ، باطلމަގުން އެއްކިބާވެ، حقގެ މަގަށް تبعވެގެންވާ حال، ކަލޭގެފާނުގެ މޫނުފުޅު إسلام دينއާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ فطرةއެއްގެ މައްޗަށް އުފެއްދެވި اللَّهގެ فطرةއެވެ. اللَّه އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއް ކަމަކު، މީސްތަކުންކުރެ ގިނަ މީހުން (އެކަމެއް) ނުދަނެތެވެ." (سورة الروم، رقم الآية 30.)

ދަނެއު، އިސްވެ ދެންނެވުނު ތަރުޖަމާއާ މެދު ވިސްނި ހިނދު ބައެއް ކަންކަން ފާހަގަވެއެވެ. އެއީ:

ހ- فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ގެ ތަރުޖަމާ ކޮށްފައިވަނީ "ފަހެ، باطلމަގުން އެއްކިބާވެ، حقގެ މަގަށް تبعވެގެންވާ حال، ކަލޭގެފާނުގެ މޫނުފުޅު إسلام دينއާ ކުރިމަތި ކުރައްވާށެވެ!" އެ ގޮތަށެވެ. އެތާނގައި ފާހަގަވާ އެއް ކަމަކީ "حَنِيفًا" ގެ ތަރުޖަމާ ކުރުމުގައި باطلމަގުން އެއްކިބާވެ، حقގެ މަގަށް تبعވެގެންވާ ހާލު" އޭ ތަރުޖަމާކުރަން ޖެހޭ ސަބަބެއް ނުވިސްނެއެވެ. ސަބަބަކީ އާޔަތުގައި މުޚާޠަބު ކުރެވިފައި ވަނީ ކީރިތި ރަސޫލާ ﷺ އަށެވެ. އެކަލޭގެފާނު ބާޠިލުގެ މަގުގައި ދުވަހަކު ވެސް ހުންނެވި މަކެއް އެނގިފައެއްނުވެއެވެ. "حَنِيفًا"ގެ ތަރުޖަމާ މުފައްސިރުން ކުރައްވާފައިވަނީ ދީންމަތީގައްޔާއި އަޅުކަންމަތީ ސާބިތުވެ ހުރުމަށެވެ.

ށ- "فَأَقِمْ وَجْهَكَ لِلدِّينِ" ގެ ލަފުޒީ މާނައަކީ އެ ތަރުޖަމާގައި ވެސް ވާފަދައިން "ކަލޭގެފާނުގެ މޫނުފުޅު إسلام دينއާ ކުރިމަތި ކުރައްވާށެވެ! ނަމަވެސް މުރާދަކީ އެއީއެއް ނޫނެވެ. މުރާދަކީ ދީންމަތީ ދެމިހުރުމެވެ. ޢަރަބި ބަހުގައި أقم وجهكގެ ލަފުޒަކީ أصحاب ބޭކަލުން ވެސް ބޭނުންކުރައްވާ އުޅުއްވި ލަފުޒެކެވެ. މިސާލަކަށް "ياعمر: أقم وجهك لمن ولاك الله.." (ބައްލަވާ: عبد الرحمن رأفت الباشا، صور من حياة الصحابة، ( دار الأدب الإسلامي، القاهرة ط: 1، السنة: 1997) ص20) އެތާނގައި أقم وجهكގެ މުރާދަކީ މޫނު އަނބުރާ ވާހަކައެއްނޫނެވެ. މުރާދަކީ އެ މީހުންގެ ކަނތައް ބަލަހައްޓާށެވެ. އެހެންކަމުން أقم وجهكގެ އިބާރަތަކީ އަރަބިންގެ މުޙާވަރާ ބަހެކެވެ. އެ ބަސް އަތުވެއްޖެ ނަމަ އޭގެ ތަރުޖަމާ އަންނާނީ އެކަމެއްގެ މުރާދުގެ މައްޗަށެވެ.

ނ- لَا تَبْدِيلَ لِخَلْقِ اللَّهِ ގެ ތަރުޖަމާ ކޮށްފައިވަނީ "اللَّه އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ." މިފަދައިންނެވެ.  ﷲގެ އުފެއްދެވުންތައް ވަރަށް ގިނައެވެ. ހުރިހާ ތަކެއްޗެއް އުފެއްދެވީ އެ އިލާހެވެ. ނަމަވެސް އެތާނގައި މުރާދަކީ އެ ހުރިހާ ތަކެއްޗެއްގެ ވާހަކައެއް ނޫނެވެ. އެތަނުގައި މުރާދަކީ މުފައްސިރުންގެ ނަޒަރުގައި ދީނެވެ. އެހެންކަމުން މާނަ އަންނަން ޖެހޭނީ إسلام دين ނޫން އެހެން ދީނެއް اختيارކުރުން ހުއްދަނުވާކަމުގެ ނުވަތަ އެކަށީގެން ނުވާކަމުގެ މާނައެވެ.

އިސްވެދިޔަ ކަންތައް ރިޢާޔަތްކޮށް އަހުރެން ބުރަވަނީ القرآن الكريمގެ ދިވެހިތަރުޖަމާ ޤުރުއާނުގެ ތަފުސީރު علمށް ތަޚައްޞުޞު ވެފައިވާ (ސްޕެޝަލައިޒު ވެފައިވާ) އަދި އެ މައިދާނުގައި ތަޖުރިބާ ލިބިފައިވާ علمވެރީންލައްވާ އަލުން މުރާޖަޢާ ކުރަން ބޭނުންވާ ކަމަށެވެ.

ޢަރަބި ބަހުގައި ދީނުގެ ލަފުޒު ތަފާތު މާނައިގައި އާދެއެވެ. އެގޮތުން "الطاعة" ގެ މާނައިގައި ވެސް އާދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَاعْتَصَمُوا بِاللَّهِ وَأَخْلَصُوا دِينَهُمْ لِلَّهِ فَأُولَٰئِكَ مَعَ الْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ اللَّهُ الْمُؤْمِنِينَ أَجْرًا عَظِيمًا} މިތަނުގައި ދީނުގެ މާނަ "الطاعة" ގެ މާނާގައި އައިސްފައިވެއެވެ. (سورة النساء، رقم الآية 146.) ޢަރަބި ބަހުގައި ދީނުގެ މާނަ "الإسلام" ގެ މާނައިގައި އާދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ} (سورة آل عمران، رقم الآية 19.) الدينގެ މިތާނގައި މުރާދަކީ الإسلام އެވެ. (تفسير الطبري ج5، ص339، تفسير القرطبي، ج8، ص134.)

ދީނުގެ اصطلاحي މާނަ ތަފާތު ޢިބާރަތުން އައިސްފައިވެއެވެ. އެ ގޮތުން އައިސްފައިވާ އެއް ޢިބާރަތަކީ: "الدين وضع إلهي يدعو أصحاب العقول قبول ما عند الرسول صلى الله عليه وسلم" އެވެ. މާނައީ: ދީނަކީ، އިލާހީ މަގެކެވެ. ބުއްދީގެ އަހުލުވެރީންނަށް އެ (ދީން) ގޮވާލަނީ ކީރިތި ރަސޫލާ ﷺ ގެންނެވި ކަންތައްތައް ޤަބޫލުކުރުމަށެވެ. (الجرجاني، التعريفات، ص 117.)

އެހެން ޢިބާރަތެއްގައި ދީނުގެ اصطلاحيމާނަ  އައިސްފައިވެއެވެ. އެއީ "وضع إلـهي يرشد إلى الحق من الاعتقادات والخير في السلوك" އެވެ. މާނައީ: އެއީ ޙައްޤު ޢަޤީދާތަކަށާއި ރަނގަޅު ސުލޫކުތަކަށް މަގު ދައްކާ އިލާހީ މަގެކެވެ. (قلعجي- قنيبي، معجم لغة الفقهاء، ص 212.)

ޚުލާޞާއަކީ: ދީނަކީ އެންމެ ފަހުގެ نبيއާ ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ބާވާލެއްވުނު إسلام دينއެވެ.

2- ދީން ޙިމާޔަތްކުރެވޭ ވަސީލަތްތައް

ދީން ޙިމާޔަތްކުރައްވާ ފަރާތަކީ ﷲއެވެ. އެ އިލާހު ވަޙީ ކުރެއްވިއެވެ. {إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ}، މާނައީ: ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ. (سورة الحجر، رقم الآية 9.)

މާތްވެގެންވާ އިސްލާމްދީން މުސްލިމުންނަށް ރައްކާތެރިކުރުމަށް އަމުރުކުރައްވާފައިވާ، އަދި އެއަށް ޝަރުޢީ އުޞޫލުގެ علمވެރިން الضرورات الخمس (ބޭނުންތެރި ފަސްކަންތައް) ގެ ނަމުން ނުވަތަ الكيات الخمس (މައިގަނޑު ފަސްކަންތައް)ގެ ނަމުން ނަންދެއްވާފައިވާ ފަސްކަމެއް ވެއެވެ. އެއީ ދީން ރައްކާތެރި ކުރުމާއި، ނަފުސު ރައްކާތެރި ކުރުމާއި، ބުއްދި ރައްކާތެރި ކުރުމާއި، އަބުރު ރައްކާތެރި ކުރުމާއި އަދި މުދާ ރައްކާތެރިކުރުމެވެ. މިފަސްކަންތަކަކީ އެއާއި ނުލައި އިންސާނަކަށް ނުއުޅެވޭނެ ފަސްކަންތަކެވެ.

ކޮންމެހެން ވެސް ޙިމާޔަތް ކުރަންޖެހޭ ފަސް ކަންތަކުގެ ތަރުތީބުން އެންމެ ފުރަތަމައަށް އަންނަނީ ދީން ޙިމާޔަތްކުރުމެވެ. ދީން ޙިމާޔަތް ނުކުރެވިއްޖެ ނަމަ ދެންހުރި ކަންތައްތައް ޙިމާޔަތް ނުކުރެވޭ ހުށްޓެވެ. އެހެންކަމުން ދީން ޙިމާޔަތްކުރުމަށް ޓަކައި ވަސީލަތްތަކެއް ޝަރީޢަތުގައި ބަޔާންކުރައްވާފައިވެއެވެ. އޭގައި ހިމެނޭ ބައެއް މުހިއްމު ކަންތައްތަކުގެ ތެރޭގައި ދީނަށް ޢަމަލުކުރުމާއި، ދީނަށް ޓަކައި ޖިހާދުކުރުމާއި، ދީނަށް ދަޢުވަތު ދިނުމާއި، ދީނަށް ގެއްލުން ހުރި އެންމެހާ ކަންތައްތައް ދުރުކުރުން ހިމެނެއެވެ. (عبد الرحمن معاشي، البعد المقاصدي للوقف في الفقه الإسلامي، ص 74.)

3- ދީން ޙިމާޔަތްކުރުމުގައި ވަޤުފުގެ ދައުރު

ދީން ޙިމާޔަތް ކުރުމަށް ޓަކައި ވަޤުފުން އަދާކުރެވިދާނެ ވަރަށް ގިނަ ދައުރުތައްވެއެވެ. މިތާނގައި ދެ ކަމަކަށް އިޝާރާތް ކޮށްލާހުށީމެވެ.

ހ- މިސްކިތްތައް ބިނާކުރުމުގައި ވަޤުފުގެ ދައުރު

މިސްކިތް ބިނާކުރެވުނީ ދީން ހިމާޔަތް ކުރުމުގެ ބިންގަލެއްގެ ގޮތުގައެވެ. އެތަނުން މުޖުތަމަޢުގެ ފިކުރީ އެއްބައިވަންތަކަން ގާއިމުކުރެވެއެވެ. ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙުގެ މަގުން ހިނގެވުމަށް ބޭނުންކުރެވިދާނެ އަސާސެކެވެ. އެއީ އަޅުކަމުގެ މަރުކަޒެކެވެ. الزركشي ވިދާޅުވިއެވެ. "މިސްކިތުގެ ދައުރު އިޙުޔާކުރުމަށް ޓަކައި މިސްކިތަށް ވަގުތުދިނުމާއި ނަމާދުގެ އިންތިޒާރީގައި މަޑުކޮށްގެން އިނުން މުސްތަޙައްބު ވެގެންވެއެވެ. އަދި ނަމާދު އޭގެ ވަގުތުގައި އެންމެ ފުރިހަމައަށް ކުރުން ހުށްޓެވެ." (الزركشي، إعلام الساجد بأحكام المساجد، ص304.)

އިސްލާމީ ތާރީޚުގެ ކޮންމެ ސަފުޙާއެއް އުއްކަވައިލެއްވިޔަސް ފެންނާނެ އެންމެ ވަރުގަދަ ޚިދުމަތަކީ މިސްކިތަށް ވަޤުފުކުޅައުމުގެ ދައުރެވެ. އެ ގޮތުން ޤުބާ މިސްކިތާއި މަސްޖިދުއްނަބަވީ ފާހަގަކޮށްލެވެއެވެ. (سيرة ابن هشام)

ޢައްބާސީ ދައުރުގެ ނަމޫނާގެ ތެރެއިން مسجد بغداد އާއި مسجد واسط އާއި مسجد سامرا ފާހަގަކޮށްލެވެއެވެ. ފަޠިމީ ދައުރުގެ ނަމޫނާގެ ތެރެއިން المسجد الأزهر އާއި جامع الحاكم އާއި الجامع الأحمر އާއި مسجد طلائع بن رزيك ފާހަގަކޮށްލެވެއެވެ. ސަލްޖޫޤީ ދައުރުގެ ނަމޫނާގެ ތެރެއިން ބަޣުދާދުގެ مسجد السلطان އާއި އަޞްފަހާންގެ مسجد أصفهان الجامع އާއި މޫޞަލުގައިވާ مسجد نور الدين ފާހަގަކޮށްލެވެއެވެ. މިޞްރުގެ މަމާލީކު ވެރިކަމުގެ (1250-1517) ނަމޫނާގެ ތެރެއިން މިޞުރާއި ޝާމުކަރައިގައި ބިނާކުރި މިސްކިތްތައް ފާހަގަ ކޮށްލެވެއެވެ. އެ ގޮތުން ޤާހިރާގައި ބިނާކުރެވުނު مسجد الظاهر އާއި مسجد الناصر އާއި جامع السلطان المؤيد އާއި جامع السلطان قلاورون ހިމެނެއެވެ. ފާރިސްގެ މަޣޫލު (އިލުޚާނީ ވެރިކަމުގެ 1256-1335) ދައުރުގެ ނަމޫނާގެ ތެރެއިން މަޝްހަދު ކިޔުނު ރަށުގެ مسجد جوهر شاد އާއި ބުޚާރާގެ مسجد قابلان އާއި ސަމަރުޤަންދުގެ مسجد تيمور لنك الجامع ފާހަގަކޮށްލެވެއެވެ. އިންޑިޔާގެ މުޣަލު ވެރިކަމުގެ ދައުރުގެ ނަމޫނާގެ ތެރެއިން ގިނަ މިސްކިތްތައް ފާހަގަވެއެވެ. އިސްލާމީ ފަންނުވެރިކަމަށް ބަލާއިރު ތާޖުމަޙަލު ފާހަގަވެއެވެ. ތުރުކީ އުސްމާނީ ވެރިކަމުގެ ދައުރުގެ ނަމޫނާގެ ތެރެއިން ألو جامع ފާހަގަކޮށްލެވެއެވެ. މަޣުރިބުކަރައަށް ބަލާއިރު قيروانގެ مسجد عقبة بن نافع ފާހަގަކޮށްލެވެއެވެ. އުންދަލުސަށް ބަލާއިރު ކޮރަޑުބާގެ ބޮޑު މިސްކިތް ފާހަގަކޮށްލެވެއެވެ. (مؤنس، حسين، المساجد ، سلسلة عالم المعرفة العدد 37 ص120)

ޚުލާޞައަކީ: ދުނިޔޭ ކޮންމެ ދިމާޔަކަށް ކަޅިޔެއެއް އެއްލައިބަލައިލިޔަސް ފެންނާނީ ހައްތަހާ ވެސް ވަޤުފުގެ ވަސީލަތުން އުފެއްދިފައިވާ މިސްކިތްތަކުގެ ފުޅާ ދައުރެވެ. އަދި މިސްކިތްތަކާއި ދީނާ ހުރި ގުޅުމެވެ.

ށ- ﷲގެ މަގުގައި ޖިހާދުކުރުމުގައި ވަޤުފުގެ ދައުރު

ޖިހާދުކުރުމަކީ ދީން ޙިމާޔަތްކުރުމުގެ އެއްވަސީލަތެވެ. ޖިހާދުކުރެވެނީ މައިގަނޑު ދެ ވައްތަރަކަށެވެ. އެއް ވައްތަރަކީ ދީން ފެތުރުމަށްޓަކައި ދީނުގެ ދަޢުވަތު ދިނުމަށް މަސައްކަތްކުރުމެވެ. އަނެއް ވައްތަރަކީ ދީނުގެ ދިފާޢުގައި މުޝްރިކުންގެ އުނދަގުލުން ސަލާމަތްވުމަށްޓަކައި ކުރެވޭ ހަނގުރާމައެވެ. އިސްވެ ދެންނެވެނު މޭރުން الكاساني އިޝާރާތް ކުރައްވާފައިވެއެވެ. (الكاساني، بدائع الصنائع، مرجع سابق، ج7، ص98.)

ވަޤުފުގެ މުދަލުން މުޖާހިދުންނަށް ހޭދަކުރުމަށް ފިޤުހު علمވެރީން ހުއްދަ ދެއްވާފައިވެއެވެ. ހަމަ އެހެންމެ ޖިހާދަށް ވަޤުފުކުރެވިފައިވާ ޖަނަވާރެއް ނުކުޅެދިއްޖެ ނަމަ އެ އެއްޗެއް ރަނގަޅު އެއްޗަކާއި ވިޔަފާރި އުޞޫލުން ބަދަލުކުރުމަށް ވެސް ފިޤުހު علمވެރީން ހުއްދަދެއްވާފައިވެއެވެ. (الخصاف، أبو بكر أحمد عمرو، أحكام الأوقاف، ص 218.)

އިހުޒަމާނުގެ އިސްލާމީ ވެރިކަމުގައި ޖިހާދުކުރުމަށް ޓަކައި ކޯއްޓޭތަކާއި ކިއްލާތައް ހަދަން ބޭނުންވި ހިނދު އެ ކަމަށް ޓަކައި ބޮޑެތި ވަޤުފުތައްކުރެވުނެވެ. މިސާލަކަށް އިސްކަންދަރިއްޔާގައި (އެލެކުސަންޑަރިއްޔާގައި) السلطان قايتباي ކުރެއްވި ވަޤުފެވެ. އެ ވަޤުފުން އެ ރަށުގައި ކޯއްޓޭތަކާއި ކިއްލާތައް އުފެއްދެވިއެވެ. ހަމަ އެހެންމެ الأمير قجماس الإسحاقي ޖިހާދަށް ޓަކައި އުފެއްދެވި ވަޤުފެއް بحرالسلسلة ކިޔުނު އައްސޭރީގައި ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އިސްކަންދަރިއްޔާގައި الأمير يشبك بن مهدي الدوادار ބިނާކުރެއްވި ކޯއްޓޭ ވެސް ފާހަގަކޮށްލެވެއެވެ. (العزعزي، أثر الوقف في التنمية الاقتصادية والاجتماعية، ص228.)

ވަޤުފު ނަމޫނާއަކަށް ބަލައިގެން ހުޅަނގުގައި ބޭނުން ކުރަނީ "އެންޑޯމެންޓް" ނުވަތަ "ޓުރަސްޓް" ނުވަތަ "ފައުންޑޭޝަން" ފަދަ ލަފުޒުތަކެވެ. އިސްވެ ދެންނެވުނު ފަދަ ނަންތައް ބޭނުންކޮށްގެން ހުޅަނގުގައި ފުޅާ ދާއިރާއެއްގައި އިޖުތިމާޢީ އަދި އިޤުތިޞާދީ ހަރަކާތްތައް ހިންގައެވެ. މިގޮތުން 2006 ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމެރިކާގައި އެކަނި އެފަދަ މަސައްކަތް ކުރާ ސާދަ ލައްކަ، ހަތާވީސް ހާސް، ހަތަރު ސަތޭކަ، ފަންސަވަންނަ ތަންތަން (ކުލަބު، ޖަމުޢިއްޔާ، ޖަމާޢަތްތައް) އެބަހުށްޓެވެ. އިނގިރޭސިވިލާތުގައި ދެލައްކަ ތަން އެބަހުށްޓެވެ. ކެނެޑާގައި އަށްޑިހަ ހާސް ތަން އެބަހުށްޓެވެ. (އުމަރު، ނިޡާމުލްވަޤުފި، ވަޤުފުގެ ދެވަނަ ކޮންފަރެންސް، އުއްމުލްޤުރާ ޔުނިވަރުސިޓީ، މައްކާ 2006)

ޚުލާޞާއަކީ: ވަޤުފަކީ ދީން ޙިމާޔަތްކުރުމަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ވަޤުފުން ޚަރަދުކޮށްގެން ދީން ޙިމާޔަތްކުރުމަށް ބޭނުންވާ ޚަރަދުތައް ވަރަށް ފަސޭހަ ކުރެވިދާނެއެވެ. ނަމަވެސް ސުވާލަކީ ދީން ޙިމާޔަތްކުރުމަށް ބޭނުންވާ ޚަރަދުތައް ފަސޭހަކުރުމަށް ޓަކައި ދިވެހި ރާއްޖޭގައި ހުރީ ކިތައް ވަޤުފުހެއްޔެވެ؟ މިސާލަކަށް ނަމަ ދީނީ ތަޢުލީމު ކުރިއެރުވުމަށް ހުރީ ކިތައް ވަޤުފުހެއްޔެވެ؟ ދީނީ ފޮތްތައް ޗާޕުކޮށް ހިލޭ ބެހުމަށް ހުރީ ކިތައް ވަޤުފުހެއްޔެވެ؟ ޤުރުއާނުގެ ކުލާސްތައް ހިންގުމަށް ހުރީ ކިތައް ވަޤުފުހެއްޔެވެ؟ ދީނީ علمގެ މަތީ ތަޢުލީމު ހޯދަން ޝައުޤުވެރިވާ ޒުވާނުންނަށް ހޭދަކުރަން ހުރީ ކިތައް ވަޤުފުހެއްޔެވެ؟