...

Support Us

އެމެރިކާގެ ފިއްތުންތަކާއެކު ވެސް ތެލުގެ އަގު މައްޗަށް

އެމެރިކާ ފަދަ ބޮޑެތި ބައެއް ޤައުމުތަކުން ތެލުގެ އަގު މައްޗަށްދިޔަ ނުދިނުމަށް ޓަކައި އެ ޤައުމުތަކުގެ ތެލުގެ ރިޒަރވް ބޭނުންކުރި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރޭ އަނެއްކާވެސް މައްޗަށް ދާން ފަށައިފިއެވެ.

ޚަބަރުތައް ބުނާގޮތުގައި ސާފު ނުކުރާ ބްރަންޓް ތެލުގެ އަގު ރޭ ވަނީ ފީފާއެއް 81.3 ޑޮލަރަށް މައްޗަށް ގޮސްފައެވެ. ހަމަ އެފަދައިން ހުޅަނގު ޓެކްސާސްގެ ސާފުނުކުރާ ތެޔޮ ވަނީ ފީފާއެއް 77.97 ޑޮލަރަށް މައްޗަށް ގޮސްފައެވެ.

ޗައިނާއާއި އިންޑިޔާއާއި އިނގިރޭސިވިލާތާއި ދެކުނު ކޮރެއާއާއެކު ވިލަރެސްކޮށްގެން އެމެރިކާއިން ވަނީ އެމެރިކާގެ ރިޒަރވްގައި ހުރި ތެލުން 50 މިލިއަން ފީފާގެ ތެއޮ ބޭނުންކުރާން ފަށައިފައެވެ.
މިކަމާ ވިދިގެން އިންޑިޔާ ބުނާގޮތުގައި އެ ޤައުމުގެ ރިޒަރވުން ފަސް މިލިއަން ފީފާގެ ތެޔޮ ބޭނުންކުރާން ފެށުމަށް ވަނީ ނިންމައިފައެވެ. އިނގިރޭސިވިލާތުން ބުނާގޮތުގައި އެ ޤައުމުގެ ރިޒަރވުން 1.5 މިލިއަން ފީފާގެ ތެޔޮ ބޭނުން ކުރެވޭނެއެވެ. ދެކުނު ކޮރެޔާއިން ހާމަކުރިގޮތުގައި އެ ޤައުމުގެ ރިޒަރވުން ވެސް ތެލުގެ ކޮންމެވެސް މިންވަރެއް ބޭނުން ކުރެވޭނެއެވެ. އެހެނަސް އަދި މި މިންވަރު ކަނޑަނޭޅޭ ކަމަށް ބުންޏެވެ. ސޯލް ބުނާގޮތުގައި އެ ޤައުމުން އެކަން ކުރާނީ ވޮޝިންގްޓަނާއެކު ވިލަރެސްކޮށްގެންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާން ފެށީ އޯޕެކާއި އޯޕެކާއެކު ގުޅުން ޤާއިމުކޮށްފައިވާ (އޯޕެކް+)ގެ ޤައުމުތަކުން ތެޔޮ އުފެއްދުން އިތުރުކުރުމާ ދެކޮޅު ހެދުމުންނެވެ. އެމެރިކާ ބުނާގޮތުގައި ކޮރޯނާ ވަބާއިން ދުނިޔެއަށް ދުޅަހެޔޮކަން ލިބެމުންދާއިރު ތެލަށް ބޭނުންވާ މިންވަރު އިތުރުވާން ފަށާނެއެވެ. މި ކަމަށް އެމެރިކާއިން ވަނީ އެތައް ފަހަރަކު އެދިފައެވެ. ނަމަވެސް (އޯޕެކް+) އިން ވަނީ މި އެދުމަށް އިޖާބަ ދެވެންނެތް ކަމަށް ބުނެފައެވެ. މި ޤައުމުތަކުން ވަނީ 2020ގެ މޭމަހުގައި ތެޔޮ އުފައްދާ މިންވަރު މަދުކުރާން ފަށައިފައެވެ. އެ ހިސާބުން ފެށިގެން އޯޕެކުން ދަނީ ދުވާލަކު އުފައްދާ ތެލުން ފަސް މިލިއަން ފީފާ މަދު ކުރަމުންނެވެ. ކޮރޯނާ ވަބާއިން ދުނިޔެ އަރައިގަންނަމުން ދާތީ އެ ޤައުމުތަކުން އުފައްދާ ތެލުގެ މިންވަރަށް ދުވާލަކު 400 ހާސް ފީފާ އިތުރު ކުރަމުންދާނެކަމަށް ވަނީ ބުނެފައެވެ. ތެޔޮ ބޭނުންކުރާ ޤައުމުތައް ބުނާގޮތުގައި މިއީ ފުދޭނެ މިންވަރެއް ނޫނެވެ.

ތެޔޮ އެތެރެކުރާ ޤައުމުތަކުން އެ ޤައުމުތަކުގެ ރިޒަރވުގައި ޖެހެމުންދާ ދިޔުމަށް ފާޑުވިދާޅުވަމުން އިމާރާތުގެ ތެލާބެހޭ ވަޒީރު ސުހައިލުލް މަޒްރޫޢީ ވިދާޅުވިގޮތުގައި "ފަންނީ ހުރިހާ ބަޔާންތަކެއް ދައްކާގޮތުގައި މި އަންނަ އަހަރުގެ ފުރަތަމަ ހަތަރުބައި ކުޅަ އެއްބައިގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ އިތުރުވެގެންދާނެއެވެ. އެހެންކަމުން ތެޔޮ އުފެއްދުން އިތުރު ކުރާކަށް ނުޖެހެއެވެ." މި ބަޔާން އޭނާ ދެއްވީ އެކްސްޕޯ ދުބައިގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ތެލުގެ ރިޒަރވް ބޭނުންކުރުމުގެ މަސްއަލައަކީ އެ ޤައުމެއްގެ ޚާޢްޞަ މަސްއަލައެކެވެ.
އެމެރިކާއިން އެ ޤައުމުގެ ތެލުގެ ރިޒަރވް ބިމުގެ އަޑީގައި ލުއިޒިއާނާއާއި ޓެކްސާސްގެ ހަތަރު ހިސާބެއްގައި ޖަމާކުރެއެވެ.

ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި މި ރިޒަރވްގައި 714 މިލިއަން ފީފާގެ ތެޔޮ ރައްކައުކޮށްފައި އެބަހުށްޓެވެ. އެމެރިކާއިން ތެލުގެ ރިޒަރވެއް އުފެއްދީ 1975ގައި ތެޔޮ އުފައްދާ ޢަރަބި ޤައުމުތަކުން ތެޔޮ އުފެއްދުން މަދުކޮށްލުމުންނެވެ.